40 ދުވަހުން ނުވި ކަމެއް ދެން ދުވަހަކު ވެސް އިދިކޮޅަކަށް ނުވާނެ: ނިހާން

ޕީޕީއެމް ޕީޖީ ގްރޫޕުގެ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު-- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ސާޅީސް ދުވަސް ވީ އިރު ނުވި ކަމެއް ދެން އިދިކޮޅު ފަރާތްތަކަށް ދުވަހަކު ވެސް ނުވާނެ ކަމަށް ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު ވިދާޅުވެއްޖެއެވެ.

ސަރުކާރު ހިންގާ ޕީޕީއެމުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ނިހާން ވިދާޅުވީ މިމަހުގެ 16ގެ ވާހަކާ ދައްކާނެ ކަމެއް ނެތް ކަމަށާއި މި ގައުމު އަމާން ބަނދަރަކަށް ގެންދިއުމަށް ކަމަރު ބަނދެގެން ހުރީ ވަރުގަދަ ކޮމާންޑާ އިން ޗީފެއް ކަމަށެވެ.

"40 ދުވަސް ވީމަ ނުވި ކަމެއް ﷲގެ އިރާދަފުޅާ އެކު ދެން ދުވަހަކު ވެސް ނުވާނެ. 41 ދުވަސް ވެގެން ހިނގައްޖެ މިހާރު. 16އެއްގެ ވާހަކަ ދައްކާނެ ކަމެއް ނެތް. ހުކުރެއް ހޮނިހިރެއްގެ ވާހަކަ ދައްކާނެ ކަމެއް ނެތް. މި ގައުމު އަމާން ބަނދަރަކަށް ގެންދިއުމަށް ކަމަރު ބަނދެގެން ހުރީ ވަރުގަދަ ކޮމާންޑާ އިން ޗީފެއް. ފާޅުގައި ބުނަން ކެރޭނެ އެއީ ގަޓު ހުރި 21 ވަނަ ގަރުނަށް ހޭލާ ހުރި ރައީސެއް ޔާމީނަކީ،" ނިހާން ވިދާޅުވިއެވެ.

އިދިކޮޅު ފަރާތްތަކުން ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ސަރުކާރު ވައްޓާލަން ރާވައި އަންނަ ހުކުރު ދުވަހު ބާއްވަން ނިންމާފައިވާ މުޒާހަރާ އަށް އިޝާރާތް ކުރައްވައި ނިހާން ވިދާޅުވީ ޣައިރު ގާނޫނީ ކަމެއްގައި އެއްވެސް ބާވަތެއްގެ އުނޅަދެއް ބޭނުން ކޮށްފި ކަމުގައިވަ ނަމަ އެ އުޅަނދެއްގެ ރަޖިސްޓްރީ އާއި އެހެނިހެން ހުއްދަތައް ބާތިލު ކުރުމުގެ އިޚްތިޔާރު ދައުލަތަށް ލިބިގެންވާ ކަމަށެވެ.

"ސަރުކާރު ވައްޓާލަން ޣައިރު ގާނޫނީ ބަޣާވާތަކަށް ތައްޔާރުވެގެން އަންނަ ހުރިހާ ފަރާތްތަކާއި އޮޑިވެރިންނާއި ފަޅުވެރިންނާއި، އެއީ މަތިންދާ ބޯޓެއް ވިޔަސް ނުވަތަ އެހެން އެއްޗެއް ވިޔަސް އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި ގައުމުގެ ސަލާމަތީ ބާރުތަކުން ހުއްޓުވާނެ. އަދި އަތުލައިގަންނަން ޖެހޭ ބައެއް ގާނޫނުގެ ތެރެއިން އަތުލާނެ،" ނިހާން ވިދާޅުވިއެވެ.

ނިހާން ވިދާޅުވީ އެމްއެމްޕީއާރުސީގެ ޚިޔާނަތުގެ ފައިސާ އެންމެ ގިނައިން ޖަމާވި އެކައުންޓު ކަމަށް ތުހުމަތު ކުރާ އެސްއޯއެފްގެ އެކައުންޓުން ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރު، އެމަނިކުފާނު ބޭނުންފުޅު ނުކުރައްވާ ކަމަށާއި އެ ފައިސާ މިހާރު ހުންނާނީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ބެލުމުގެ ދަށުގަ ކަމަށެވެ.

"ރައީސް ޔާމީންގެ އެކައުންޓަށް އެއް މިލިއަން ރުފިޔާ ޖަމާކުރީ ކީއްވެގެން ކަން ރައީސް ޔާމީން އަށް އެނގިވަޑައެއްނުގަންނަވާ. ރައީސް ޔާމީންގެ އެކައުންޓަށް އެސްއޯއެފްއިން ޖަމާކޮށްފައި ހުރި ހުރިހާ ފައިސާއަކީ އެމްއެމްޕީއާރްސީގެ ފައިސާކަން ކަނޑަ އެޅެންދެން އަތް ނުލެވޭ ގޮތަށް ހުންނާނީ ބަހައްޓާފައި،" ނިހާން ވިދާޅުވިއެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޕީޕީއެމްގެ ނައިބް ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ ސަރުކާރެއްގެ ތެރޭގައި ކޮރަޕްޝަންގެ ކަންކަން ހިނގުމުން އެކަން ބަލައި ތަހުގީގު ކޮށް ފިޔަވަޅު އެޅި ސަރުކާރެއް މި ސަރުކާރު ފިޔަވައި ނޯންނާނެ ކަމަށެވެ.

މި ސަރުކާރުން ގާނޫނުގެ ބާރު ކަނޑުވާލާފައިވާ ކަމަށް އިިދިކޮޅުން ބުނި ބުނުމަށް ރައްދު ދެއްވައި އަދުރޭ ވިދާޅުވީ އެމްޑީޕީ ސަރުކާރުގައި ސުޕްރީމް ކޯޓުގައި ބޮޑު ތަޅު އެޅުވި ހަނދާން އެބަހުރި ކަމަށާއި ޖުޑީޝަލް ސާވިސް ކޮމިޝަން ހައިޖެކް ކުރި ދުވަސް ދިވެހިން ހަނދާން ހުންނާނެ ކަމަށެވެ.

"ރައްޔިތުންގެ މަޖިލީސް ހިސޯރު ކޮށްގެން 12 ގޮނޑި އިރަށް ވުރެ ގިނަ އިރު އެމްޑީޕީ ސަރުކާރު ގެންގުޅުނު. މީގެ އިތުރުން ގާނޫނީ އިމުގެ ބޭރުން ސިޔާސީ މީހުން ހިފާ ހައްޔަރުކުރި. މިއަދު މި ހިފާ ހައްޔަރު ކުރަމުން ގެންދަނީ ހަމަޖެހިފައިވާ އުސޫލުގެ ތެރެއިން. ގާނޫނީ އިމުގެ ތެރެއިން،" އަދުރޭ ވިދާޅުވިއެވެ.

އަންނަ ހުކުރު ދުވަހު މާލޭގައި ބޭއްވުމަށް އިދިކޮޅު ފަރާތްތަކުން ރާވަމުން ގެންދާ އެއްވުމަށް އަތޮޅުތަކުން މީހުން ގެނައުމަށް ރަށްރަށުގައި މަސްވެރިކަމަށާއި އެހެނިހެން ބޭނުންތަކަށް ބޭނުންކުރާ އޮޑި ދޯނިފަހަރު ހޯދުމަށް އެ ރަށްރަށުގެ ނުފޫޒުގަދަ ފަރާތްތަކުން މަޖުބޫރުކޮށްގެން މަސައްކަތް ކުރަމުންދާކަމުގެ ރިޕޯޓް ލިބެމުންދާކަމަށް ފުލުހުން މިއަދު ވަނީ ބުނެފައެވެ.

ފުލުހުން ބުނީ އަންނަ ހުކުރު ދުވަހު މާލޭގައި ހަމަނުޖެހުން އުފައްދައި، ސަރުކާރު ވައްޓާލަން އުޅޭކަމުގެ މައުލޫމާތު އިތުބާރު ހުރި ގޮތަކަށް ފުލުހުންނަށް ލިބިފައިވާ ކަމަށާއި ނަމަވެސް އެކަމަށް ފުރުސަތެއް ނުދޭނެ ކަމަށެވެ.

comment ކޮމެންޓް