މިހާތަނަށް ބޭއްވި އެންމެ ބޮޑު އިންޓަ ސްކޫލް ވޮލީބޯޅަ މުބާރާތް ކާމިޔާބުކަމާ އެކު ނިންމާލައިފި

މައިލޯ އިންޓަ ސްކޫލް ވޮލީބޯޅަ މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)އިން އިންތިޒާމްކޮށްގެން ބޭއްވި މައިލޯ އިންޓަ ސްކޫލް ވޮލީބޯޅަ މުބާރާތް ކާމިޔާބުކަމާއެކު ރޭ ނިންމާލައިފިއެވެ.

މިއަހަރުގެ މުބާރާތުގައިި 14 އަހަރުން ދަށް، 16 އަހަރުން ދަށުގެ އިތުރުން 19 އަހަރުން ދަށުގެ އަންހެން އަދި ފިރިހެން ޑިވިޝަންގެ މެޗުތައް ކުރިއަށް ގެންގޮސްފައިވެއެވެ.

މުބާރާތުގައި 15 ސްކޫލަކުން 35 ޓީމު ބައިވެރިވެފައިވާ އިރު، 450 ދަރިވަރުން ވަނީ އެކިއެކި އުމުރުފުރާތަކުގައި ވާދަކޮށްފައެވެ. މިއީ މިހާތަނަށް ބޭއްވުނު އެންމެ ބޮޑު އިންޓަ ސްކޫލް ވޮލީ މުބާރާތް ކަމަށް ވީއޭއެމުން ބުނެފައިވެއެވެ.

މައިލޯ އިންޓަ ސްކޫލް ވޮލީބޯޅަ މުބާރާތުގެ 19 އަހަރުން ދަށުގެ ފިރިހެން ބައިގެ ފައިނަލް މެޗުގެ ތެރެއިން --- ސަން ފޮޓޯ/ މުހައްމަދު އަފްރާޙް

މިއަހަރުގެ މުބާރާތުގައި އަތޮޅުތެރޭގެ ފަސް ސްކޫލަކުން އަށް ޓީމު ވާދަކޮށްފައިވެއެވެ. އެ ޓީމުތަކަކީ ބ. ގޮއިދޫގެ ތިން ޓީމުގެ އިތުރުން ކ. މާފުށި، ވ. ކެޔޮދޫގެ އިތުރުން ކ. މާފުއްޓާއި ފ. އަތޮޅު ސްކޫލެވެ. އެ ޓީމުތަކުގެ ކާމިޔާބީ މުބާރާތުގައި ވަނީ ވަރަށް ބޮޑަށް ފާހަގަވެގެން ގޮސްފައެވެ. ހާއްސަކޮށް ގޮއިދޫ ސްކޫލުގެ ކާމިޔާބީ ފާހަގަކޮށްލެވުނެވެ.

ގޮއިދޫ ސްކޫލުން ވަނީ 14 އަހަރުން ދަށުގެ އަންހެން އަދި ފިރިހެން ޑިވިޝަންގެ ޗެމްޕިއަންކަން ހޯދުމުގެ އިތުރުން 16 އަހަރުން ދަށުގެ އަންހެން ޑިވިޝަންގެ ޗެމްޕިއަންކަންވެސް ހޯދައިފައެވެ.

މައިލޯ އިންޓަ ސްކޫލް ވޮލީ ބޯޅަ މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

މާލެއިން ބައިވެރިވި ސްކޫލްތަކުން އެންމެ ފާހަގަކޮށްލެވުނު ކާމިޔާބީތަކެއް ހޯދީ އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލެވެ. މުބާރާތުގެ 19 އަހަރުން ދަށުގެ އަންހެން އަދި ފިރިހެން ޑިވިޝަންގެ ޗެމްޕިއަންކަންވެސް ހޯދައިފައިވަނީ އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލެވެ.

މުބާރާތުގެ 16 އަހަރުން ދަށުގެ ޗެމްޕިއަންކަން ފ. އަތޮޅު ސްކޫލުން ހޯދާފައިވާ އިރު، ރޭ ވަނީ މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތު ކުރިއަށް ގެންގޮސްފައެވެ.

ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވާފައިވަނީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމެވެ. އޭގެ އިތުރުން އެ ރަސްމިއްޔާތުގައި ސްޕޯޓްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަބްދުލްރައްޒާގު އިބްރާހީމްގެ އިތުރުން ސްޕޯޓްސް ކައުންސިލްގެ ރައީސް އިބްރާހީމް އިސްމާއީލް ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ. ވީއޭއެމްގެ ރައީސް މުހައްމަދު ލަތީފާއި ގައުމީ އަންހެން އަދި ފިރިހެން ޑިވިޝަންގެ ގިނަ ކުޅުންތެރިންތަކެއްވެސް ރަސްމިއްޔާތުގައި ފެނިގެންގޮސްފައިވެއެވެ.

comment ކޮމެންޓް