ފެބްރިގާސް ބުނަނީ މެސީ ހުއްޓުވޭނެ ކަމަށް!

މެސީއާއި ފެބްރިގާސް ބާސާގައި ހޭދަކުރި ދުވަސްވަރު --- ފޮޓޯ/ ގެޓީ

ބާސެލޯނާގެ ތަރި ލިއޮނަލް މެސީ ހިފެހެއްޓިދާނެ ކަމަށް މެސީއާއެކު ބާސެލޯނާއަށްވެސް ކުޅުނު ޗެލްސީގެެ ސްޕްއިން މިޑްފީލްޑަރު ސެސްކް ފެބްރިގާސް ބުނެފިއެވެ.

ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16ގެ ދެވަނަ ލެގުގައި ޗެލްސީއާއި ބާސެލޯނާ މާދަމާރޭ ނުކުންނައިރު، އެ ދެޓީމު ކުޅުނު ފުރަތަމަ ލެގުގެ މެޗު އޮތީ 1-1 ގެ ނަތީޖާއަކުން އެއްވަރުވެފައެވެ.

މެޗާ ގުޅިގެން ވާހަކަ ދައްކަމުން މެސީގެ ގާތް ރައްޓެއްސެއް ކަމަށްވާ ފެބްރިގާސް ބުނީ ބާސާއާ ދެކޮޅަށް ޗެލްސީ ނުކުންނަ މެޗުގެ ފުރަތަމަ 11 ގައި އޭނާ ހިމެނިއްޖެނަމަ މެސީއަށް އުނދަގޫ މެޗަކަށް އެ މެޗު ހެދުމަށް މަސައްކަތް ކުރާނެ ކަމަށެވެ.

"ބާސާއާ ދެކޮޅަށް ޗެލްސީން ކުޅޭ މެޗުގެ ފުރަތަމަ 11ގައި އަހަރެން ހިމެނިއްޖެ ނަމަ ކުޅެން ޖެހޭނީ މެސީއާ ކައިރީގައި. މެސީ ހިފެހެއްޓުމަކީ އުނދަގޫ ކަމެއް ނަމަވެސް އޭނާއަށް 'ޕާފެކްޓް" މެޗެއް ނުކުޅެވޭ ވަރުކުރާނަން. އޭނާއަށް އުނދަގޫ މެޗަކަށް މެޗު ހެދުމަށް ކުރެވެން އޮތް ހުރިހާކަމެއް ކުރާނަން،" ފެބްރިގާސް ބުންޏެވެ.

ފެބްރިގާސް ބުނީ މެސީއަކީ ރައްޓެއްސެއް ނަމަވެސް މެޗުގައި ނުކުންނާނީ އިދިކޮޅަށް ކުޅޭ ކުޅުންތެރިއެއް ކަމަށް ދެކިގެން ކަމަށެވެ.

"މެސީ މެޗުގައި ހުންނާނީ އަހަންނާ އިދިކޮޅަށް ނުކުމެ. މެސީއަށް ކުރަން ޖެހޭ އިހުތިރާމް ކުރި ނަމަވެސް، ކުޅޭނީ ޗެލްސީއަށް އެންމެ މޮޅުވާނެ ގޮތަކަށް. ބާސާ ކަޓުވާލަން މުޅި ޓީމުވެސް ނުކުންނާނީ،" ފެބްރިގާސް ބުންޏެވެ.

ފެބްރިގާސްއަކީ ކުރިން ބާސާއަށްވެސް ކުޅެފައިހުރި ކުޅުންތެރިއަކަށް ވުމުން ބާސާއާ ދެކޮޅަށް ކުޅުމަކީ ކޮންކަހަލަ އިހުސާސެއް ކުރެވޭ ކަމެއްތޯ ސުވާލުކުރުމުން ފެބްރިގާސް ބުނީ "ކުރިން އެކުގައި ކުޅެފައި ތިބި ކުޅުންތެރިންނާ ދެކޮޅަށް ކުޅެން ޖެހުމުން ލިބެނީ އިތުރު ހިތްވަރެއް. އަހަރެން ކުރިން އާސެނަލަށްވެސް ކުޅުނިން. އޭގެ ފަހުން ޗެލްސީއާއެކު މި ނުކުންނަނީ އާސެނަލާ ދެކޮޅަށްވެސް. މިހާރު ބޭނުންވަނީ ހަމަ ޗެލްސީއަށް މޮޅު ހޯދަދޭން. އެހެން ކްލަބެއް ނެތް ހިތުގައި،" މިހެނެވެ.

ދެހާސް ތިންވަނަ އަހަރުން ފެށިގެން އާސެނަލަށް ކުޅުމަށްފަހު ފެބްރިގާސް ބާސެލޯނާއަށް ބަދަލުވީ 2011 ވަނަ އަހަރުގައެވެ. ބާސާގައި ކާމިޔާބު ދުވަސްތަކެއް ހޭދަކުރުމަށްފަހު ފެބްރިގާސް ޗެލްސީއަށް ބަދަލުވީ 2014 ވަނަ އަހަރުގައެވެ.

comment ކޮމެންޓް