ސެންޓްރަލް ޕާކުގެ ފައުންޓެން ޕާކު މިނިވަން ދުވަހަށް ހުޅުވަނީ

ހުޅުމާލެ ސެންޓްރަލް ޕާކް ---ސަން ފޮޓޯ: ފަޔާޒު މޫސާ

ހުޅުމާލޭ ސެންޓްރަލް ޕާކްގައި ތަރައްގީކުރާ ފައުންޓެން ޕާކުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާ ކަމަށާއި އަމާޒަކީ މިއަހަރުގެ މިނިވަންދުވަހަށް އެތަން ހުޅުވުން ކަމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ސައިމަން ވިދާޅުވެއްޖެއެވެ.

ސަން އަށް ދެއްވި އިންޓަވިއުއެއްގައި ސައިމަން ވިދާޅުވީ، ސެންޓްރަލް ޕާކުގައި ހަދާ ފައުންޓެން ޕާކު ތަރައްގީ ކުރަނީ ބައިވަރު ފައުންޓެން ތަކާއެކު ފައުންޓެން އޭރިއާއެއްގެ ގޮތުގައި ކަމަށެވެ.

"އެތަނުގެ އަމަލީ މަސައްކަތް މިހާރުވެސް ކުރިއަށް ދަނީ. އަމާޒަކީ މިނިވަންދުވަހުގެ މުނާސަބަތާ ދިމާކޮށް އެތަން ހުޅުވުން،" އޭނާ ވިދާޅުވިއެވެ.

ހުޅުމާލެ ސެންޓްރަލް ޕާކް ތަރައްގީ ކުރަނީ ހަތަރު ބަޔަކަށް ބަހާލައިގެންނެވެ. އޭގެ ތެރެއިން ލެޝާ ޒޯން 2016 ވަނަ އަހަރު އާންމުންނަށް ހުޅުވާލާފައިވާއިރު، އައުޓް ޑޯ ޖިމް އަކާއެކު އެޑްވެންޗާ ޒޯން ވެސް 2016 ވަނަ އަހަރު ވަނީ އާންމުންނަށް ހުޅުވާލައިފައެވެ.

ސައިމަން ވިދާޅުވީ، އެޑްވެންޗާ ޒޯން އަށް ބަދަލުތަކެއް ގެނައުމަސްވެސް މަސައްކަތްތައް ކުރިއަށްދާ ކަމަށެވެ.

"އައުޓްޑޯ ޖިމްއާއެކު އެތަނަށް ގެންނަން ޖެހޭ ބައެއް ބަދަލުތައް ގެނައުމަށް އެކްސްޕާޓް އެޑްވައިޒް ހޯދުމަށް ބަޔަކާ ވަނީ ވާހަކަ ދެކެވިފަ. ދުނިޔޭގެ ހުރިހާ ތަނެއްގައިވެސް ސެންޓްރަލް ޕާކަކީ ވަރަށް ތަފާތުކޮށް އޮންނަ ލޭންޑް މާކް އޭރިއާއެއް،" ހުޅުމާލެ ސެންޓްރަލް ޕާކުވެސް ފާހަގަކޮށްލެވޭ ތަނަކަށް ހެދުމަށް މަސައްކަތް ކުރަމުންދާކަމަށް ސައިމަން ވިދާޅުވިއެވެ.

މީގެ އިތުރުން ސެންޓްރަލް ޕާކުގެ ސްކޭޓް ކުރުމަށް ހާއްސަ ޒޯނުގެ މަސައްކަތްވެސް ކުރިއަށްދާ ކަމަށް ސައިމަން ވިދާޅުވިއެވެ. މިހާރު ކުރިއަށްދަނީ ސިވިލް ވޯކް ކަމަށާއި ސެންޓްރަލް ޕާކުގެ ދެ ޒޯނުގެ މަސައްކަތް އެއްފަހަރާ ބާރަށް ކުރިއަށްދާކަމަށް ސައިމަން ވިދާޅުވިއެވެ.

comment ކޮމެންޓް