ޑޭވިޑް ސިލްވާގެ ދެ ލަނޑުން ސްޓޯކް އަތުން ސިޓީއަށް މޮޅެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ސްޓޯކް ކޮޅަށް ސިލްވާ ކާމިޔާބުކުރި ލަނޑަކަށް ފަހު، ސިޓީގެ ކުޅުންތެރިންނާއެކު އޭނާ އުފާފާޅުކުރަނީ --- ފޮޓޯ/ އޭޕީ

އިނގިރޭސި ޕްރިމިއަރ ލީގުގައި ސްޕެއިންގެ މިޑްފީލްޑަރު ޑޭވިޑް ސިލްވާ ކާމިޔާބުކުރި ދެ ލަނޑުން ސްޓޯކް ސިޓީ އަތުން މެންޗެސްޓާ ސިޓީ މޮޅުވެއްޖެއެވެ.

ރަށުން ބޭރުގައި ރޭ ސްޓޯކްއާ ދެކޮޅަށް ކުޅުނު މެޗުން ސިޓީ މޮޅުވެފައިވަނީ 2-0ގެ ނަތީޖާއަކުންނެވެ. މިއީ 99-1998ގެ ސީޒަނަށް ފަހު، ލީގު ދެ މެޗުގައި ސިޓީން ސްޓޯކް ބަލިކުރި ފުރަތަމަ ފަހަރެވެ. އޭރު ސިޓީ މޮޅުވެފައިވަނީ ތިންވަނަ ޑިވިޝަން ލީގުގެ ދެ މެޗުންނެވެ.

އަނިޔާގެ ސަބަބުން އާޖެންޓީނާ ފޯވަޑް ސާޖިއޯ އަގުއެރޯ ނުލައި ކުޅުނު އެ މެޗުގެ ދިހަވަނަ މިނެޓުގައި ސިޓީން ވަނީ ލަނޑެއްޖަހައި ލީޑު ހޯދައިފައެވެ. ރަހީމް ސްޓާލިން ނަގައިދިން ހުރަހަކުން ސިޓީއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ސިލްވާއެވެ.

މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން ދެ ޓީމަށްވެސް ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބިގެންދިޔައެވެ. ސްޓޯކްގެ ޒާޑަން ޝަގީރީއާއި ޖެސޭ ރޮޑްރިގޭޒަށް ރަނގަޅު ފުރުސަތެއް ލިބިގެންދިޔަ އިރު، ސިޓީގެ ކެވިން ޑި ބްރޭނާއާއި ފެނާންޑީނިއޯއަށް ވެސް ފުރުސަތެއް ލިބިގެންދިޔައެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 1-0ގެ ނަތީޖާއަކުން ސިޓީ ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފު ފެށިތާ ފަސް މިނެޓުތެރޭ ސިޓީން ވަނީ އިތުރު ލަނޑެއްޖަހައި ލީޑު ފުޅާކޮށްފައެވެ. އަގުއެރޯގެ ބަދަލުގައި ސިޓީގެ އެންމެ ކުރިން ފެނިގެންދިޔަ ގެބްރިއަލް ޖީސަސް ދިން ބޯޅައަކުން ސިޓީއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ފުރަތަމަ ލަނޑުވެސް ކާމިޔާބުކޮށްދިން ސިލްވާއެވެ.

އެ ލަނޑަށް ފަހު ވެސް ސިޓީން ވަނީ މޮޅު ކުޅުމެއް ދައްކައި، ލަނޑުޖަހާނެ ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. އެގޮތުން ދެވަނަ ހާފުގެ ތެރޭގައި ސިޓީގެ ޑި ބްރޭނާއާއި، ފެނާންޑީނިއޯއާއި، ކައިލް ވޯކާ އަދި ސްޓީލިންއަށް ލިބުނު ފުރުސަތުތައް ފާހަގަކޮށްލެވެއެވެ.

ޕްރިމިއާ ލީގުގެ އެއްވަނައިގައި ސިޓީ އޮތީ 16 ޕޮއިންޓުގެ ލީޑެއްގައެވެ. ކުޅުނު 30 މެޗުން ސިޓީއަށް 81 ޕޮއިންޓް ލިބިފައިވާ އިރު، މެންޗެސްޓާ ޔުނައިޓެޑަށް 30 މެޗުން ލިބިފައިވަނީ 65 ޕޮއިންޓެވެ. ތިންވަނައިގައި އޮތް ޓޮޓެންހަމް ހޮޓްސްޕާއަށް 61 ޕޮއިންޓް ލިބިފައިވާ އިރު، ހަތަރުވަނައިގައި އޮތް ލިވަޕޫލަށް ލިބިފައިވަނީ 60 ޕޮއިންޓެވެ.

comment ކޮމެންޓް