އަގުއޭރޯއަށް އަނިޔާވެ ދެ ހަފްތާއަށް ކުޅުމާ ދުރަށް

ސިޓީގެ ފޯވަޑް އަގުއޭރޯ --- ފޮޓޯ/ އޭޕީ

މެންޗެސްޓާ ސިޓީގެ އާޖެންޓީނާ ފޯވަޑް، ސާޖިއޯ އަގުއޭރޯއަށް އަނިޔާވެ ދެ ހަފްތާއަށް ކުޅުމާ ދުރަށްދާން ޖެހިއްޖެއެވެ.

ސިޓީން ބުނެފައިވަނީ އަގުއޭރޯގެ ކަކުލަށް އަނިޔާވެފައިވަނީ މިދިޔަ ހޮނިހިރު ދުވަހު ކުރިއަށް ގެންދިޔަ ފަރިތަކުރުންތަކުގައި ކަމަށާއި، ސްކޭންތަކުން ދައްކާ ގޮތުން އަގުއޭރޯ އެނބުރި އަންނަން ދެ ހަފްތާ ނަގާނެ ކަމަށެވެ.

އަނިޔާވެ ކުޅުމާ ދުރުގައި ހުންނަން ޖެހުނުކަން އަގުއޭރޯވެސް ވަނީ އޭނާގެ ޓްވިޓާ މެދުވެރިކޮށް ސަޕޯޓަރުންނަށް ޔަގީންކޮށްދީފައެވެ.

ސިޓީން މިރޭ ސްޓޯކް ސިޓީއާ ދެކޮޅަށް އިނގިރޭސި ޕްރިމިއާ ލީގުގައި ކުޅޭ މެޗުގައި އަގުއޭރޯ ނުފެންނާނެއެވެ. އަދި އެޓީމުން އަންނަ ހަފްތާގައި ބްރައިޓަންއާ ދެކޮޅަށް ލީގުގައި ކުޅޭ ފަސްކޮށްފައިވާއިރު، އަގުއެރޯއަށް އިތުރު މެޗެއް ގެއްލޭނެ ކަމަކަށް ނުބެލެއެވެ. އެ މެޗު ފަސްކޮށްފައިވަނީ ބްރައިޓަންއިން އެފްއޭ ކަޕް ކުއާޓާ ފައިނަލްގައި މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް އަންނަ ހަފްތާގެ އާދީއްތަ ދުވަހު ނުކުންނަ މެޗު އޮންނާތީއެވެ.

ސިޓީން އެންމެ އަވަހަށް ދެން މެޗެއް ކުޅެން ޖެހޭނީ މިމަހުގެ 31 ވަނަ ދުވަހު އެވަޓަންއާ ދެކޮޅަށެވެ. އެ މެޗަށް އަގުއޭރޯ ފިޓްވާނެ ކަމަށް ބެލެވޭއިރު، އާޖެންޓީނާއިން މިމަހުގެ 23 ވަނަ ދުވަހު އިޓަލީއާ ދެކޮޅަށް ކުޅޭ އެކުވެރިކަމުގެ މެޗަށްވެސް އަގުއޭރޯ ފިޓްވާނެ ކަމަށް ބެލެވެއެވެ.

ސިޓީގެ ތާރީހުގައި އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާގެ ރެކޯޑުވެސް އޮންނަ އަގުއޭރޯވަނީ މި ސީޒަންގައިވެސް އެޓީމަށް 21 ގޯލް ކާމިޔާބުކޮށްދީފައެވެ.

comment ކޮމެންޓް