އުތުރު އެމެރިކާގައި ބާއްވާ އެންމެބޮޑު ސީފުޑް އެކްސްޕޯގައި ރާއްޖެއިން ބައިވެރިވެއްޖެ

އުތުރު އެމެރިކާގައި ބާއްވާ އެންމެ ބޮޑު ސީފުޑް އެކްސްޕޯގައި ރާއްޖެއިން ބައިވެރިވުން -- ފޮޓޯ/ ފިޝަރީޒް މިނިސްޓްރީ

އުތުރު އެމެރިކާގައި ބާއްވާ އެންމެ ބޮޑު ސީފުޑް އެކްސްޕޯގައި ރާއްޖެއިން ބައިވެރިވެއްޖެ އެވެ.

އެ އެކްސްޕޯއަކީ މަހުގެ އުފެއްދުންތަކުގެ ވިޔަފާރި ފުޅާކުރުމަށާއި މަސްވެރިކަމުގެ އިންޑަސްޓްރީއަށް ބޭނުންވާ ވަޞީލަތްތައް އިސްތިހާރުކުރުމަށް ބާއްވާ އެ އެކްސްޕޯއެކެވެ.

އެމެރިކާގައި ކުރިއަށްދާ އެ އެކްސްޕޯގައި ރާއްޖެ އިން ބައިވެރިވީ، ފިޝަރީޒް މިނިސްޓްރީ އާއި މޯލްޑިވްސް ފިޝަރީޒް ޕްރޮމޯޝަން ބޯޑާއި މަސްވެރިކަމުގެ ސިނާއަތުގައި ޙަރަކާތްތެރިވާ ސަރުކާރާއި އަމިއްލަ ކުންފުނިތައް ގުޅިގެންނެވެ.

ފިޝަރީޒް މިނިސްޓްރީން ބުނީ، އެ އެކްސްޕޯގައި ބައިވެރިވުމުގެ މަގްސަދަކީ ދިވެހި މަސްވެރިން ބާނާ މަހަށް އެވަގުތަކު ދުނިޔޭގެ ބާޒާރުގައި ހުރި އަގު ލިއްބައިދިނުމަށް އެކްސްޕޯޓް ކުރާ މަހުގެ ބާވަތްތަކަށް އިތުރު ފުރުޞަތު ތަނަވަސްކޮށްދިނުން ކަމުގަ އެވެ.

އެ އެކްސްޕޯގެ ސަބަބުން ދިވެހިރާއްޖޭގެ މަސްވެރިކަން ތަރައްގީކުރުމަށް އިތުރު ފު ރުޞަތުތަކެއް ލިބި ދިވެހިރާއްޖޭގެ މަހުގެ ވިޔަފާރި ފުޅާވެގެންދާނެކަމީ ޝައްކެއް އޮތްކަމެއް ނޫން ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

އެމެރިކާގެ ބޮސްޓަންގައި އިއްޔެ އިން ފެށިގެން މާދަމާގެ ނިޔަލަށް ކުރިއަށްދާ އެ އެކްސްޕޯގައި ދުނިޔޭގެ 57 ގައުމަކުން ސީފުޑްގެ ވިޔަފާރީގައި ޚަރަކާތްތެރިވާ 1341 އަށްވުރެ ގިނަ ކުންފުނިތަކަކުން ބައިވެރިވެފައިވެ އެވެ.

comment ކޮމެންޓް