ތަރުޖަމާ: އަބްދުﷲ ފާރޫގު ޙަސަން
ދީނީ ވަރަށްގިނަ ޤާއިދުންގެ ޙަޔާތްޕުޅުން އަޅުގަނޑުމެންނަށް ފެނިފައިވާ ގޮތުގައި މާތްﷲގެ ނަސުރާމެދު އެބޭކަލުން މާޔޫސްވެވަޑައިގެންނެވި ވަގުތުތައްވެސް ވަނީ އައިސްފައެވެ. ނުރައްކާތެރި ޙާލަތްތަކުގައި ބައެއްފަހަރު އެބޭކަލުންނަށް ވިދާޅުވެވިފައިވަނީ މާތްﷲ އެބޭކަލުން ދޫކޮށްލައްވައިފިކަމުގެ މާނަ ކުރެވޭފަދަ ޖުމުލަތަކެވެ.
ޝައްކެއްނެތެވެ. އެބޭކަލުންގެ ހަޔާތްޕުޅުން ސާބިތުކަން ވެސް ވަނީ ފެނިފައެވެ. ނަމަވެސް ނުރައްކާތެރި ދަނޑިވަޅުތަކާއި، ހާލަތްތަކުގައި އެބޭކަލުންގެ ފަރާތްޕުޅުން ފެނުން އެދެވިގެންވާ ސާބިތުކަން ފެނިފައެއްނުވެއެވެ. އެބޭކަލުންގެ އުސޫލުގައި ސާބިތުވެ ވަޑައިގެން ތިއްބަވާތަން ފެނިފައެއްނުވެއެވެ.
ނަމަވެސް އަރަބީންގެ ނަބިއްޔާ ދީނީ އެހެނިހެން ޤާއިދުންނާވަރަށް ތަފާތެވެ. އެނަބިއްޔާގެ މަތިވެރިކަން ދެކެވަޑައިގަންނަވާށެވެ. އެމާތްސާހިބާ ވާހަކަ ދައްކަވާއިރު މަޑުމައިތިރިކަން ފެނިފައިވިޔަސް ގަދައަޅައި މަސައްކަތްކުރާންޖެހޭ އަމަލީ މައިދާންތަކުގައި އެމާތް ސާހިބާގެ ފަރާތްޕުޅުން ފެނިފައިވަނީ ސާބިތުކަމެވެ. ޖޯޝާއި ފޯރިއެވެ. ތުރާތަކާއި މުޞީބަތްތަކުގެ ތެރޭގައި އެމާތްސާހިބާ ފެނިފައިވަނީ ފަރުބަދައެއް ފަދައިން ސާބިތުވެ ވަޑައިގެން ހުންނަވަނިކޮށެވެ. އެމާތްސާހިބާގެ ނަޒަރިއްޔާ ތަކަށް ކުޑަވެސް ގުޑުމެއް އަރުއްވައިނުލައްވައި ދެމިހުންނެވިތަނެވެ.
ޤުރައިޝުންގެ ބޮޑުންގެ ވަފުދެއް އިތުރުސާހިބާގެ ބޮޑުބެބޭފުޅު އަބޫޠާލިބުގެ އަރިހަށްދިޔައެވެ. އިތުރުސާހިބާގެ ދީނީ ދައުވަތާމެދު ރުޅިއައިސް އަލިފާންވެފައިތިބި ބޮޑުންގެ ވަފުދެކެވެ. އެމީހުން އަބޫޠާލިބުގެފާނަށް އިންޒާރުކުރިއެވެ. "ކަލޭގެފާނުގެ ކޮއްކޯފުޅަށް ވިސްނައިދެއްވާށެވެ. އެކަލޭގެފާނުގެ ދަޢުވަތު ހުއްޓުވައިދެއްވާށެވެ. ނުވަތަ ކަލޭގެފާނުގެ ޤައުމާއި، ކަލޭގެފާނުގެ ކޮއްކޯފުޅާ ދޭތެރެއިން އެއްފަރާތް ވެވަޑައިގަންނަވާށެވެ. އަޅުގަނޑުމެން އަމިއްލަޔަށް އެކަލޭގެފާނު މަގަށް އަޅުވައިފާހުށީމުއެވެ." އަބޫޠާލިބުގެފާނު ބިރުފުޅުގެންވަޑައިގެންނެވިއެވެ. ހާލަތުގެ ނާޒުކުކަމާއި ވަގުތުގެ ނުރައްކާތެރިކަމުގެ ސަބަބުންނެވެ. އަބޫޠާލިބު އިތުރު ސާހިބާ ބަލައިފޮނުއްވައިގެން ގެންނަވައި ޤުރައިޝުންގެ ގަސްދުއޮތްގޮތުގެ ވާހަކަ ވިދާޅުވެދެއްވިއެވެ. އެއަށްފަހު ނުހަނު ލޯބިފުޅުން މަޝްވަރާ އެރުއްވިއެވެ. އެދަނޑިވަޅުގައި މަސްރަޙު އޮތްގޮތުން ހިސާބަށް މައިތިރިވެ ވަޑައިގަންނަވަން ލަފާއެރުއްވިއެވެ. އިންސާނިއްޔަތުގެ މަތިވެރި ހާދީ އެވަގުތު ބޮޑުބޭބޭފުޅަށް އެރުއްވީ ކޮންކަހަލަ ޖަވާބުފުޅެއްތޯއެވެ. އާދެ، އެއީ އިންސާނީ ހިތްވަރާއި ފަންވަރާއި އަޒުމާއި ސާބިތުކަމުގެ ތާރީޚުގައި ރަންއަކުރުން ލިޔެވިފައިވާ އެއްބާބެވެ.
"އެބައިމީހުން އިރުގެނެސް އަޅުގަނޑުގެ ކަނާތުގައި ބަހައްޓައި ދީފައި ހަނދު ގެނެސް ވާތުގައި ބަހައްޓައިދިންކަމުގައިވިޔަސް އަޅުގަނޑުގެ މިމަސައްކަތް ހުއްޓައެއް ނުލާނަމެވެ. އަޅުގަނޑުގެ އެންމެ ފަހު ނޭވާޔާ ހަމަޔަށް ވެސް މިދައުވަތު މީސްތަކުންނާ ހަމަޔަށް ރައްދުކޮށް ދިނުމުގައި ކުޑަވެސް ހުއްޓުމެއް އަރުވައެއްނުލާނަމައެވެ."
އިދިކޮޅުފަރާތްތަކުން އެމާތް ސާހިބާޔަށް އިހާނެތި އެތައްކަމެއްކުރިއެވެ. އެމާތްސާހިބާގެ ގައިކޮޅަށް ކުނިބުނި އުކިއެވެ. ހިންގަވާމަގަށް ކަށިއެޅިއެވެ. ގައިކޮޅަށް ހިލައިގެވާރޭވެއްސިއެވެ. ސަޖިދައަށް އޮންނަވަނިކޮށް ޖަމަލު ގޮހޮރުތަކާއި ކުނިތައް ގެނެސް އިސްތަށިފުޅު މައްޗަށް އަޅައިލިއެވެ. އިތުރު ސާހިބާ ޝަހީދުކޮށްލުމުގެ ނިޔަތުގައި ޤުރައިޝުންގެ ކޮންމެ ޤަބީލާއަކުން ޒުވާނަކު ކަނޑިހިފައިގެންގޮސް ގަނޑުވަރު ވަށާލިއެވެ. އިތުރު ސާހިބާ ގެންދެވީ މޫސުން ނުބައިވިވަރަކަށް ސާބިތުކަން އިތުރުކުރައްވަމުންނެވެ. އެއްވެސް ވަރަކަށް ފަހަތަކަށް ޖެހިވަޑައެއް ނުގަންނަވައެވެ.
އިތުރުސާހިބާ ބިރުފުޅުގެންނެވުމަށްޓަކައި ހަނގުރާމައިގެ މައިދާނުގައި އަޑުއުފުލުނެވެ. ނަމަވެސް އެމަޑުމައިތިރި ސާހިބާ އެފަދަ ވަގުތުތަކުގައި ފެނިފައިވަނީ ނުހަނު ސާބިތުކަމާއެކު ކުރިޔަށްއަރައި ވަޑައިގެންނެވިތަނެވެ. އެމާތްސާހިބާވަނީ ތިންސަތޭކަ ތޭރަ އެކުވެރިންނާއެކު މުސްލިމުންނަށްވުރެ ތިންގުނަ އަދަދުގިނަ މުޝްރިކުންގެ ލަޝްކަރަކާ ކުރިމަތިލައްވައިފައެވެ. ވަރުގަދަ އަޒުމުފުޅަކާއެކު ހަނގުރާމަކުރައްވައި ކާމިޔާބީ ހޯދައްވައިފައެވެ. (އެންމެ ހަތްސަތޭކަ ސިފައިންގޮވައިގެން ޤުރައިޝުންގެ ތިންހާސްސިފައިންގެ ލަޝްކަރަކާ ހަނގުރާމަކުރައްވައިފައެވެ.)
އިތުރުސާހިބާ ސައްލަﷲ އަލައިހި ވަސައްލަމަ ޖިހާދުގެ މައިދާނުގައި ޒަޚަމުވެވަޑައިގެންނެވިއެވެ. އެމާތްސާހިބާގެ ކޯތާފަތްޕުޅު ފާރުވިއެވެ. މެދުދަތްޕުޅު ޝަހީދުވިއެވެ. އުހުދުގެ މައިދާނުގައި މުޝްރިކުންގެ ކޮނެފައިހުރި ވަޅަކަށްވެއްޓި ވަޑައިގެން (ބައެއް ރިވާޔަތްތަކުގައިވާ ގޮތުން ހޭފުޅުނެތުނެވެ.) ނަމަވެސް އެމާތްސާހިބާގެ ހިތްވަރުފުޅަކަށް ބަދަލެއްނާދެއެވެ. ސާބިތުކަމަކަށް ގުޑުމެއް އެރިޔަކުނުދެއްވައެވެ. އަޒުމުފުޅަކަށްވެސް ތަފާތެއްނާދެއެވެ. ފުކެއްވެސް ދުލެއްނުކުރައްވައެވެ. ފަހަތްޕުޅަކަށް ޖެހިވަޑައެއް ނުގަންނަވައެވެ.
މަދީނާ ހިޞާރު ކުރެވުނެވެ. ބަނޑުހައިފުޅުކަން ބޮޑުވެ ވާތާވުމަށް ކެތްކުރައްވަންޖެހިވަޑައިގެންނެވިއެވެ. ފަރީއްކޮޅެއް ލިބިވަޑައިނުގެން ވިދިވިގެން އެތައްދުވަހެއް ފާއިތުވެދިޔައެވެ. އަތްޕުޅުމަތި ދަތިފުޅުވިއެވެ. ނަމަވެސް އެމާތްސާހިބާގެ ޝަޚްސިއްޔަތުގައި މާޔޫަސްކަން ބީހިވެސްނުލައެވެ. އަބަދުވެސް ހުންނެވީ އުންމީދުން ފުރިފައެވެ. އެންމެ ދުއްޕާން އެންމެ ބޮޑަށް ވައިއެނބުރުނު މޫސުންތަކުގައިވެސް ހުންނެވީ ސާބިތުކަމުގެ ލާމަސީލު މިސާލެއްގެ ގޮތުގައެވެ.
އާދެ، މަތީގައިއެވަނީ އެމަތިވެރި ނަބިއްޔާގެ ޝަޚްޝިއްޔަތު ހުރިގޮތެވެ. އެމާތް ނަބިއްޔާގެ ތަރުބިޔަތު ލިބިވަޑައިގެންނެވި ޞަޙާބީންވެސް ތިއްބެވީ ހަމަ އެސާބިތުކަންމަތީގައެވެ. އެތައްގަނޑަށް ފެތިވަޑައިގެންނެވެ. އެއަޒުމުފުޅާއި ހިތްވަރުފުޅުގައެވެ. އެފަންވަރުފުޅުގައެވެ. ކިހައި ބޮޑެތި އަނިޔާތަކެއްގެ ސިކާރައަކަށް އެބޭކަލުން ވެވަޑައިގެންނެވިތޯއެވެ. އެބޭކަލުންނަށް ޖެއްސުންކުރެވުނެވެ. ހާރުވައި ފުރައްސާރަކުރެވުނެވެ. މަލާމާތްކުރެވުނެވެ. ދޮންވެފައިވާ ހިލަބިމުގައި އުޑުތިލަފުޅުމަތީން ބައިތިއްބައިފައި ދޮންވެފައިހުންނަހިލަ މޭފުޅު މައްޗަށް އެރުވިއެވެ. ހަންމުށީންތަޅައި މުޅިހަށިކޮޅުން ލޭކޮށައިލިއެވެ. ދޮންދަގަނޑު ޖެއްސިއެވެ. ސަލީބަށް އަރުވައި ޝަހީދުކުރިއެވެ. މާތްނަބިއްޔާގެ ޞަހާބީންނަށް އެހުރިހާ އަނިޔާތަކެއް ލިބިވަޑައިގެންނެވި އިރުވެސް ޙައްޤުގައި ސާބިތުވެވަޑައިގެންތިއްބެވެ. ސާބިތު ކޮށްދެއްވީ އެއްކައުވަންތަ މާތްﷲ އާމެދު އެބޭކަލުންގެ ހިތްޕުޅުގައި އޮތް ވަރުގަދަ އިޢުތިމާދެވެ. އެމަތިވެރި ޞަޙާބީންކުރެ އެތައް ބޭކަލެއްގެ އެންމެފަހު ނޭވާފުޅު ހަށިކޮޅާވަކި ކުރެވުނެވެ. އެކަމަކު އެބޭކަލުން އެހެން އަތަކަށް ފިރައެއްނުލެވުނެވެ.
މާތްނަބިއްޔާ ޞައްލަﷲ އަލައިހިވަސައްލަަމަ އެނަބިއްޔާގެ ސަހާބީންނަށް މަޑުމައިތިރިކަން ދަސްކޮށްދެއްވިއެވެ. ނަމަވެސް އެބޭކަލުންގެ އުސޫލުގައި ކުޑަވެސް ފަހެލިކަމެއް ނުބަހައްޓަވަން އިރްޝާދުދެއްވިއެވެ. އިތުރުސާހިބާ އާއި އެމާތް ސާހިބާގެ ޞަހާބީންވަނީ އިދިކޮޅުފަރާތުގެ ފިތްކަނޑައިގެންދާފަދަ ރަހްމު ކުޑަ އަނިޔާ ބަރުދާސްތު ކުރައްވައިފައެވެ. ނަމަވެސް އަޅުގަނޑުމެންނަށް ފެނިފައިވަނީ އެމާތްސާހިބާ ފާތިޙެއްގެ ގޮތުގައި މައްކާއަށް އަރައިވަޑައިގެންނެވިއިރު އެމާތް ސާހިބާގެ ހިތްޕުޅުތިރިކަމެވެ. ކުލުނުވެރިކަމެވެ. އޯގާވެރިކަމެވެ. އެމާތްސާހިބާގެ ޞަހާބީންގެ ހިތްޕުޅުގައިވެސް ފަތަޙައިގެ ކިބުރުވެރިކަމެއްނެތެވެ. ބޮޑާފުޅުކަމުގެ ކަންފުޅެއްވެސްނެތެވެ. ބަދަލުހިއްޕެވުމުގެ ޖަޒުބާތެއްނެތެވެ. އިތުރުސާހިބާ މައްކާއަށް އަރައިވަޑައިގެންނެވިއިރު ފަލަކުގެ ލޯތައް ދެކެފައިވަނީ އެމާތް ޞާހިބާގެ ތަވާޟުއުވެރިކަމެވެ. ހިތްޕުޅުތިރިކަމުގެ ސަބަބުން އިސްތަށިފުޅުތިރި ކުރައްވައިގެން އިންނެވިއްލެއް ބޮޑުކަމެވެ. ސަވާރުވެ ވަޑައިގެން އިންނެވި ޖަމަލުގެ ދާނުގޮނޑިކޮޅުގައި ތުނބުޅިފުޅު ބީހެމުންދިޔަ މަންޒަރެވެ.
ޤުރައިޝުން ތިބީ ބިރުންވިރިވިރިއެވެ. މުސްލިމުންނަށް ކުރެވިފައިހުރި އަނިޔާތައް ހަނދާންވެ އަތްފައިފިނިވެފައެވެ. އެކަންކަމުގެ ނަތީޖާއާ ކުރިމަތިލާންޖެހިދާނެ ގޮތަކާމެދު ކަންބޮޑުވެ ހަދާނެގޮތްހުސްވެފައެވެ. އެފަދަ ވަގުތުގައި މާތްﷲގެ ނަބިއްޔާ ޞައްލަﷲ އަލައިހިވަސައްލަމަގެ ލޯބިފުޅުންފުރިިފައިވާ އަޑުފުޅު މުތީތަކެއް ވިހުރިގެންދާ ފަދައިން ފެތުރިގެންދިޔައެވެ.
"އޭމީސްތަކުންނޭވެ! މިއަދު ތިޔަބައިމީހުންގެ ކިބައިން ބަދަލުހިފުމެއްނެތެވެ. މާތްﷲ ތިޔަބައިމީހުންނަށް އަފޫކުރައްވާށިއެވެ. އެކަނލާގެއީ ރަހްމާނުވަންތަ ރަހީމުވަންތަ ރަސްކަނލާގެއެވެ." މިދެންނެވި ދީލަތި ޢަފޫޢާއްމު ލިބިފައިވަނީ ކޮންފަދަ ބަޔަކަށްތޯއެވެ. އެމާތް ސާހިބާއަށްޓަކައި ފިދާވެވަޑައިގެންނެވި ލޮބުވެތި ބޮޑުބޭބޭފުޅުގެ ބަނޑުފުޅުފަޅައި މޭފުޅުނެގިމީހާއަށެވެ. (އެލޮބުވެތި ބޮޑުބޭބޭފުޅު ޝަހީދުވެފައި އޮންނަވަނިކޮށް މޫނުފުޅަށް ލޮންސިހެރިމީހާހާއަށެވެ.) އެމާތްބޮޑުބޭބޭފުޅުގެ މޭފުޅުކާންވެގެން އަނގަޔަށްލައިގެން ހަފައިފައި ނުކެވިގެން އުކައިލިމީހާއަށްވެސްމެއެވެ. (މުއައްރިޚުން ވިދާޅުވާގޮތުގައި މިދީލަތިފުޅު ޢަފޫޢާއްމު ލިބުމުން މުޝްރިކުން ގޭގެއަށް ދިޔައިރު އެބައިމީހުންނަށް ހީވީކަށްވަޅުން ތެދުވެގެން ގެޔަށް ދިއުމުގެ ހުއްދަ ލިބުނުހެންނެވެ.)
އިތުރުސާހިބާ ޞައްލަﷲ ޢަލައިހިވަސައްލަމައާމެދު މިމޭރުމުން އިތުރަށް ދެއްކިދާނެ ނުހަނު މުހިންމު ނުހަނު އާދަޔާ ޚިޔާލާވާހަކަ ތަކެއް އަދިވެސް އެބަހުރިކަމީ ޝައްކެއްހުރިކަމެއްނޫނެވެ.