ސިމްބާ"ގައި ރަންވީރުއާ އެކު ޕްރިޔާ؟

ކާމިޔާބު ޑައިރެކްޓަރު ރޯހިތު ޝެޓީގެ ކުރިއަށް އޮތް ފިލްމު "ސިމްބާ"ގައި ރަންވީރު ސިންގްއާ އެކު ފެނިގެންދާނެ ކަމަށް ބެލެވޭ ތަރިންގެ ލިސްޓަށް މަލަޔާލަމް ބަތަލާ ޕްރިޔާ ޕްރަކާޝް ވޭރިއަރު ވެސް އަރައިފި އެވެ.

އުމުރުން 18 އަހަރުގެ ޕްރިޔާ އަކީ ލޯބިވެރިންގެ ދުވަހާ ދިމާކޮށް ރިލީޒް ކުރި ލަވައެއްގައި ހިމެނޭ މަންޒަރެއްގެ ސަބަބުން އެއް ދުވަހުގެ ތެރޭގައި އިންޓަނެޓް ސެންސޭޝަނަކަށް ވެގެން ދިޔަ ފަންނާނެކެވެ.

އަދި އޭނާގެ އެކްޓިން އަށް ބޮލީވުޑްގެ ގިނަ އަދަދެއްގެ އެކްޓަރުންނާ ޑައިރެކްޓަރުންގެ ތައުރީފު ލިބި، ބޮލީވުޑް ހުށަހެޅުންތައް ލިބެން ފެށި އެވެ.

ރިޕޯޓުތައް ބުނާ ގޮތުން ނަމަ، އެންމެ ފަހުން ޕްރިޔާގެ އާނ ބަސް ހޯދީ ރޯހިތު އެވެ. ރަންވީރަކީ ޕްރިޔާ އަށް ވަރަށް މަގުބޫލު އެކްޓަރެކެވެ. ޕްރިޔާ ވަނީ ރަންވީރުއާ އެކު ފިލްމެއްގައި މަސައްކަތް ކޮށްލުމުގެ ޝައުގުވެރިކަން ހުރިކަން ފާޅުކޮށްފަ އެވެ.

ފިލްމުގައި އަންހެން ލީޑުގެ ރޯލު އެހާ ބޮޑު ނޫން ނަމަވެސް، ޕްރިޔާ ފިލްމަށް އެއްބަސްވެފައި ވަނީ އެހެންވެ ކަމަށް ޚަބަރުތައް ބުނެ އެވެ.

"ސިމްބާ"ގައި ރަންވީރުއާ އެކު ޕްރިޔާ ފެނިގެން ދާނެ ކަމަށް ރިޕޯޓުތައް ބުނެފައިވާ އިރު އެ ރޯލުން ޖާންވީ ކަޕޫރު، ދީޕިކާ ޕަދުކޯން އަދި ސާރާ އަލީ ޚާން ފެނިގެން ދާނެ ކަމަށް ވެސް މީގެ ކުރިން ރިޕޯޓުތައް ވަނީ ބުނެފަ އެވެ.

ކަރަން ޖޯހަރު ކޯޕްރޮޑިއުސް ކުރާ އެ ފިލްމުގައި ރަންވީރު ފެނިގެން ދާނީ ފުލުހެއްގެ ރޯލުންނެވެ. "ސިމްބާ" އަކީ އެންޓީ ރާމަ ރާއޯ ޖޫނިއާ އާއި ކާޖަލް އަގަރްވާލް ކުޅެފައިވާ ފިލްމު "ޓެމްޕާ"ގެ ރިމޭކް އެކެވެ.

ފިލްމު ރިލީޒް ކުރުމަށް ހަމަޖެހިފައި ވަނީ މި އަހަރުގެ ޑިސެމްބަރު މަހުގެ 21 ވަނަ ދުވަހު އެވެ.

comment ކޮމެންޓް