"ބަޖްރަންގީ ބާއިޖާން" އާމިރުގެ "ޕީކޭ" ފަހަތަށް ޖައްސާލައިފި

ޗައިނާއިން ސަލްމާން ޚާންގެ ފިލްމު "ބަޖްރަންގީ ބާއިޖާން" އަށް ލިބެމުން އަންނަ ތަރުހީބު ބޮޑުވެ، އިންޓަނޭޝަނަލް މާކެޓުގައި ތިން ވަނައަށް އެންމެ ބޮޑު އާމްދަނީއެއް ހޯދި ބޮލީވުޑް ފިލްމުގެ މަގާމު އެ ފިލްމު ހޯދައިފި އެވެ.

ލިސްޓުގެ ތިން ވަނައަށް އެ ފިލްމު އަރައިފައި މިވަނީ 2014 ވަނަ އަހަރު ރިލީޒް ކުރި އާމިރު ޚާންގެ ބްލޮކްބަސްޓާ ފިލްމު "ޕީކޭ" ފަހަތަށް ޖައްސާލުމަށްފަހު އެވެ.

އިންޓަނޭޝަނަލް މާކެޓުގައި "ޕީކޭ" އަށް 342.50 ކުރޯރު ރުޕީސް ލިބިފައި ވާއިރު، މިހާތަނަށް "ބަޖްރަންގީ ބާއިޖާން" އަށް ވަނީ 343 ކުރޯރަށް ވުރެ ބޮޑު އާމްދަނީއެއް ލިބިފައެވެ. އަދި ކުރިއަށް އޮތް ތަނުގައި ފިލްމަށް ލިބޭ އާމްދަނީ އިތުރުވާނެ އެވެ.

މި ލިސްޓުގެ އެންމެ ކުރީގައި އުޅެނީ ވެސް އާމިރުގެ ދެ ފިލްމު ކަމަށްވާ، "ދަންގާލް" އަދި "ސީކްރެޓް ސުޕަސްޓާ" އެވެ. ދެ ފިލްމަށް ވެސް އެންމެ ބޮޑު އާމްދަނީއެއް ލިބުނީ ޗައިނާ އިންނެވެ.

ޑައިރެކްޓަރު ކަބީރު ޚާންގެ "ބަޖްރަންގީ ބާއިޖާން"އަށް ޖުމްލަ އާމްދަނީގެ ގޮތުގައި މިހާތަނަށް 775 ކުރޯރު ލިބިފައި ވާއިރު ދެ ދުވަހެއްގެ ތެރޭގައި 800 ކުރޯރުގެ އާމްދަނީއެއް ހޯދާނެ ކަމަށް ޓްރޭޑް އެނަލިސްޓުން ލަފާކުރެ އެވެ. ޗައިނާގެ 8000 ސްކްރީނެއްގައި ފިލްމު މިހާރު އަންނަނީ ދައްކަމުންނެވެ.

ސަލްމާން ޚާން ފިލްމްސް އަދި އެރޯސް އިންޓަނޭޝަނަލް އިން ޕްރޮޑިއުސްކޮށްފައިވާ އެ ފިލްމުގައި ސަލްމާން އާއެކު މުހިންމު ރޯލުތަކުން ފެނިގެން ދިޔައީ ހަރްޝާލީ މަލޯތުރާ، ނަވާޒުއްދީން ސިއްދީގީ އަދި ކަރީނާ ކަޕޫރު ޚާން އެވެ. އިންޑިއާގައި އެ ފިލްމަށް 320.34 ކުރޯރުގެ އާމްދަނީއެއް ލިބިގެން ދިޔައެވެ.

"ބަޖްރަންގީ ބާއިޖާން"ގެ އިތުރުން ސަލްމާން އަދި ކަބީރު ވަނީ "އެކް ތާ ޓައިގާ" އަދި "ޓިއުބްލައިޓް" ގައި ވެސް މަސައްކަތް ކޮށްފައެވެ. "އެކް ތާ ޓައިގާ" ކާމިޔާބު ފިލްމަކަށް ވެގެން ދިޔަ ނަމަވެސް، ބޮކްސް އޮފީހުގައި "ޓިއުބްލައިޓް" އަށް މާ އެދެވޭ ތަރުހީބެއް ނުލިބުނެވެ.

comment ކޮމެންޓް