ނޭނގި ހިތާ ކުޅެލީ - 31

ލުކުމާން ބޭރަށް ދާން ތައްޔާރުވެ ސެންޓްޖަހާލައިގެން ނުކުތްއިރު ސްމާޓްކަމުން ސަވާނާގެ ހިތް އޭގެ މަގާމުދޫކޮށް އުދުހިގެން ދިޔަހެން ހީވިއެވެ. ކޮންފަދަ ވަރުގަދަ ޝަޚުސިއްޔަތެއް ހެއްޔެވެ؟ ހިތްގައިމުކަމުގެ ދެވަނައެއްނެތް ފުރިހަމަ މޫނެކެވެ. ތޫނު ކަޅިރަވައިގެ ޖާދޫގައި ނުޖެހޭނެ އަންހެންކުއްޖެއްވާނެ ބާވައޭ ހިތަށް އެރިއިރު ލުކުމާން ބަލައިލީ ހިތަށް އެރި އެއްޗެއް އެނގިގެން ފާޑަކަށެވެ. ލަދުންގޮސް ސަވާނާގެ މޫނަށް ޖަންބުކުލަވެރިވެއްޖެއެވެ. ލުކުމާން ކަޅުބޫޓަށް އެރުމަށްފަހު ބޫޓު ޕޮލިޝްކޮށްލަދޭން އެންގިއެވެ. ލުކުމާންގެ ކުރިމަތީގައި ދެކަކޫ ޖައްސާލައިގެން ސާދާކޮށް އިންއިރު މިއޮތް ފިނީގައިވެސް އެދޮންމޫނުގައި ހަރުލާފައި ހުރި ދާތިކިތައް މުތީތަކެއްފަދައިން ބަބުޅައެވެ. އިސްތަށިގަނޑު މައްޗަށް ކަހާލާފައި ވޫލްކޮޅަކުން އައްސާލާފައިވާއިރު ގަޔަށް ދޫކޮށް އޮތް ހުދު ހެދުމަކާއި ކަޅު ޓައިޓެއް ފިޔަވާ އެންމެ ގަހަނާއެއްވެސް ބޭނުންކޮށްފައެއްނެތެވެ.

"އަހަރެން އެބަޖެހޭ ސަވާނާއާއި ވާހަކައެއް ދައްކަން....އެކަމަށް ރެޑީ ވައްޗޭ....." ލުކުމާން ދޮރާއި އަރާ ހަމަވެފައި އެނބުރި ބަލައިލިއެވެ. "ވަން މޯ ތިންގް. އަބަދުވެސް ސަވާނާ ހުންނާނީ މައި ސްވޯން އެނެމީގެ ދަރިފުޅުގެ ގޮތުގައި. އެކަމެއް ބަދަލެއްނުވާނެ. ދުވަހެއްގެ ކޮޅުންވެސް އަހަންނަކީ ސަވާނާގެ ދިރިއުޅުމުގައި އެއްވެސް މުހިއްމު މީހެއްކަމަށް ދެކެގެންވެސް ނުވާނެ. ސަބަބަކީ އެއީ ދުވަހަކު ވާނެކަމަކަށް ނުވާތީ. ސަވާނާގެ ހިތުގައި އެހެން ކަމެއް ހިގާނަމަ ހިތަށް އެކަން ވިސްނައިދީ................"

ލުކުމާން ފަސްދީފައި ހިނގައިގަތުމުން އެ ޖުމްލަތަކާއިމެދު ވިސްނަން ހުރެފައި ސަވާނާ ބޮލުގައި ދެއަތުން ހިފަހައްޓާފައި ބާރުކުރިއެވެ. ލުކުމާން އޭނަދެކެ އެހާ ނަފްރަތުކުރަނީ ކީއްވެހެއްޔެވެ؟ އޭނަ މިހާ ރަގަޅަށް ކަންތައްކުރާއިރު އެންމެ ފަހަރަކު ލޯބިން އަނގައިން ބުނެލިޔަސް ފާފަވެރިއެއްނުވާނެއެވެ.

އިމާދުއްދީން މޭޕްލްވިލާއަށް ވަންއިރު މޫނުމަތިން ކޮންމެވެސް ވަރެއްގެ ހާސްކަމެއް ފެންނާން ހުއްޓެވެ. ރިޒާއާއި ދެމީހުން ކުޑަ ދަބަހެއް ހިފައިގެން ގޮސް ސްޓަޑީއަށް ވަނުމުން ހިތުގައި ސުވާލު އުފެދުނަސް ސަވާނާ އެވާހަކަ އޮޅުން ފިލުވާކަށް ނޫޅުނެވެ. އޮފީހުގެ ލިޔުންތަކެއްކަމަށްވެސް ވެދާނެއެވެ. ނަމަވެސް ރިޒާ އޭނައާއި ދިމާލަށް ވަގުލޮލަކުން ބަލައިލިގޮތާއި މޫނުމަތި ރުމާލުން ފޮހެލިގޮތުން ދެވަނަފަހަރަށް ހިތުގައި ޝައްކުއުފެދުނެވެ. ބައްޕައާއި ރިޒާ ފޮރުވައިގެން ގެނައީ ކޮންފަދަ ވަރުގަދަ އެއްޗެއް ކަމެއްވެސް ނޭގެއެވެ.

"ބައްޕާ ކާން ހަދަންތަ؟ " ސަވާނާ ކޮޓަރީގެ ދޮރުގައި ޓަކިދީފައި އަހައިލިއެވެ.

"ހޮޓަލުން ކައިގެން މިއައީ. ނަންނި އެއްޗެއް ކާލާ..." އިމާދުއްދީން ދޮރުހުޅުވުމަކައި ނުލާ ޖަވާބުދިނެވެ.

ސަވާނާއަށް ކެއްކުމަކީ ފަސޭހަކަމެއްނޫނެވެ. ކުކުޅު ޕެކެޓް ފެނަށް ލާ ފިނިކޮށްގެން އޭގައި އަތްލިއިރުވެސް ފިނިގަދަކަމުން އެ ތުނި ހަން އަނދާފަނެހެންހީވިއެވެ. އެނގުނުގޮތަކަށް އޭނަ ކުކުޅު ނޫޑުލްސް ތައްޔާރުކުރުމަށްފަހު އަނބުން ޖޫސްހަދައި ނިމުނުއިރު ލޮނޑުވެ މާނޭވާލެވޭގޮތްވިއެވެ. ނުވީތާކަށް މޭޒުމަތީގައި ތަށިތަކާއި ސާމާނުތައް ފުނިޖެހިފައެވެ. އެއްޗެހި ސިންކަށްލާފައި އޭނަ ކާންހެދިއެވެ. ސަވާނާ ހިތްހަމަޖެހޭވަރުވުމުން ހީލާފައިގޮސް ކޮޓަރިއަށްވަދެ ފެންވަރާލުމަށްފަހު ވައިލެޓްކުލައިގެ މިޑީހެދުމެއްލުމާއިއެކު ފަލަކަން އިހުސާސްކުރެވުނެވެ. ލުކުމާން ފަލަ ގޮދަޑިއޭ ކިޔައިގެން ދިމާކުރީ އޭނަ ހީވެސް ނުކުރާހާ ބޮޑަށް ބަރުދަން އިތުރުވެ ހެދުންތައް ގަޔަށް ބާރުވީމައެވެ. އެހެދުން ބާލާފައި އޯވަސައިޒް ޓީޝާޓަކާއި ހަރުވާޅެއްލުމުން ލުކުމާން ދިމާނުކުރާނެ ނޫންހެއްޔެވެ؟ އެހާވަރުން ކައްކާފައި ކާކޮޓަރިއަށްވަންއިރު އަދި ފެނުނީ ލުކުމާން ކެއްކުމުގައި އަވަދިނެތި އުޅޭ މަންޒަރެވެ.

"ނޫޑުލްސް ކައްކާފައި އެހެރީ....." ސަވާނާ ގަދަކަމުން ހިންދިރުވައިލިއެވެ.

"ކެއްކި އެއްޗެއް ވިއްޔަ ކާންވީނު.................." ލުކުމާން ކުޑަގޮތަކަށް ބަލާލާފައި ކުކުޅު ފައިގާ ލޮނުމިރުސް ހާކާންފެށިއެވެ. ގަމީހުގެ އަތުކުރި އޮޅާލައިގެން ހުއްޓަސް އަދިވެސް ފެންނަނީ އެހާ ރަސްމީކޮށެވެ.

"ބަޓް..ކާއެއްޗެހި އިސްރާފުކުރާވަރަކަށް ނުވެސް ލިބެއެއްނު.........." ސަވާނާ ހަދާންކޮށްދޭފަދަ ގޮތަކަށް ބުނެލިއެއްޗެއްގެ އަޑު އިވުނުކަމެއްވެސް ނޭގެއެވެ. އޭނަ ކުކުޅުފައިތައް އަވަނަށް ލިއެވެ. މޭޒުމަތީގައި ހުރި ކުޑަ ދޮލަގެއްފާޑު އެއްޗެއްގެ މަތި ހުޅުވައިލިއިރު ފިޔާތޮށިކުލައިގެ ފޮނި އެއްޗެއްކެވެ. ލުކުމާން ރަހަ ބަލައިލިއެވެ. އަދި އިނގިއްޔަށް އެތިކޮޅެއްނަގާފައި ސަވާނާގެ އަނގައިގާ ލެއްވުމުން ސަވާނާ ރަހަބަލައިލީ ކުޑަކޮށް ޖެހިލުންވެފައި ހުރެއެވެ. ދެވަނަފަހަރަށް ލުކުމާން އޭގެއިން އެތިކޮޅެއް ކާލުމުން ސަވާނާ ހުރީ ބުދެއްހެން ހުއްޓުން އަރާފައި ބަލާށެވެ. އެހެންނުވާންވީ ކީއްވެހެއްޔެވެ؟ އެދެމީހުންގެ ދޭތެރޭގައި އެއްވެސް ގުޅުމެއްނެތްއިރުވެސް މިއުޅެވެނީ ކޮންފަދަ ލޯބިކޮށްހެއްޔެވެ؟ ލުކުމާން ހިލޭ މީހަކަށްވެފައިވާއިރުވެސް އެދެމީހުންނަށް މިއުޅެވެނީ ދެލޯބިވެރިންފަދައިންނެވެ. ސަވާނާއަށް ރަކިގޮތަކަށް ހީލެވިއްޖެއެވެ. ލުކުމާންއަށް އެއީ މާބޮޑުކަމަކަށް ވިހެން ހިޔެއްނުވެއެވެ. އަމިއްލައަށް ކުރެވުނުކަމެއް އޭނައަށް ނުވެސް އެނގުނުކަހަލައެވެ. ފިނިކުރަން އެ ދޮލަގު ފްރިޖަށް ލާފައި އޭނަ އަމިއްލައަށް ތައްޔާރުކުރި ރޮށިތައް ހިފައިގެން އައިސް މޭޒުދޮށުގައި އިށީނެވެ. ސަވާނާގެ ހިތަށް އެތައް އެއްޗެއް އަރާ ފޭބިއެވެ. ލުކުމާން އޭނަ ތައްޔާރުކުރި ކެއުމުގައި އަތް ނުލުމުން ހިތުގައި ވޭންއެޅިއެވެ. ދެލޯ ކަރުނުން ފުރުނެވެ.

"އާ ޔޫ ކްރައިން....." ލުކުމާން ސަވާނާއާއި ހަތަރުކަޅިހަމަކޮށްލިއެވެ.

"ނޫޑްލްސް ކުޅިކަމުން..." ސަވާނާ ކޮށިއަރައިގެން ކަހަލަ ގޮތަކަށް ކެއްސާލާފައި ފެންތަށްޓެއް ތުނބުގައިޖެހިއެވެ. ލުކުމާން ބަލަންއިނީ ފާޑަކަށެވެ. އެ ތޫނު ނަޒަރުން ބަސްމޮށުމަކާއި ނުލާ އެއްޗެއް ބުނެދޭފަދައެވެ. އޭނަގެ ހިތުގައިވާހާ އެއްޗެއް ލުކުމާންއަށް ސާފުވެ އެކަމާއި އެތެރެއިން ހީލަ ހީލާއިން ހެންނެވެ. ސަވާނާ ކަންބޮޑުވިވަރުން ފެންތަށި ބަހައްޓަން އުޅުމުން އަތުންދޫވެ ވެރުނީ ބިމަށެވެ. ލުކުމާންގެ ތޫނު ނަޒަރުގެ ސަބަބުން އެއްވެސް ކަމެއް ރަގަޅަށް ކުރެވޭނީ ކިހިނެއްހެއްޔެވެ؟ އެނަޒަރުގެ ކުރިމަތީ އޭނަ ބަލިކަށިވާން ޖެހެނީއެވެ. ލުކުމާންގެ ނުފޫޒާއި ބާރު ފޯރުވަނީ ވެމްޕަޔަރެއް ފަދައިންނެވެ. ޚާދިމާއެއްގެ ގޮތުގައި ގެންގުޅުނަސް އެކަމާއި ދެކޮޅު ނުވެވެނީ ލުކުމާންއަށް ހުރިހާކަމެއް ކޮށްދޭން ބޭނުންވާތީއެވެ. ކަމެއްކޮށް ދެވުމުން ހިތަށް ބުނަންނޭގޭފަދަ ފިނިކަމެއް ލިބޭތީއެވެ. ލުކުމާން އެހާ ރަހުމް ކުޑަކޮށް ކަންތައްކުރިޔަސް އޭނައަށް ސަވާނާ އަޅާލާވަރާއި އޯގާތެރިކަން އެނގޭނެ ދުވަހެއް އައިސް އެކަމާއި ލުކުމާން ހިތާމަ ކޮށްފާނެކަމުގައި ހީވަނީއެވެ. ހިތް ފަޅަފަޅައިގެން މަރުވާއިރުވެސް ލުކުމާންއަށްޓަކާ އޭނަ މިހުންނަނީ ކެތްތެރިވެލައިގެންނެވެ. ޝަކުވާއެއްނެތިއެވެ.

"ދެންމެ ސަވާނާގެ ބައްޕައާއި އިބުލީހުގެ ލާހިދަރި ނުކުމެގެން ދިޔަތަން ފެނުނު.........."

ސަވާނާ ދެލޯ ބޮޑުކޮށްލިއެވެ.

"އެއީ ކާކުތަ؟ " ސަވާނާ ކޮށްލި ސުވާލަށް ޖަވާބުދިނުމަކީ ކޮންމެހެން ބޭނުންކަމެއްކަމުގައި ލުކުމާން ނުދެކުނެވެ.

"އެދެމީހުން ގަންނަ ގަނޑު ވަރަށް އަވަހަށް ފަޅާ އަރާނެ. ލަދުން ބޯ ހަލާކު. ހަރާމް ގޮތުގައި ފައިސާ ހޯދަން އުޅޭއިރު ތިމާމެންގެ ނިމުން ހިތިވާނެކަން ހިތަށް ނާރާ. އެކަމުގެ ސަޒާ ލިބޭނީ ހަމައެކަނި ތިމާއަށް ނަމަވެސް އެންމެ ރަގަޅު އެކަމަކު މުޅި އާއިލާވެސް އެކަމުގައި ހަލާކުވެ ނެތިގެން ދާނީ. ހިތަށް އަރާ އެއްވެސް ކަމަކާއި ނުލާ އަބަދު ރޮއިރޮއި ހުންނަ އަންހެންކުއްޖަކަށް މި ޚަބަރު ތައް އެހުމުގެ ކުޅަދާނަކަން ލިބިގެން ވޭބާވައޭ. އެކްޓް ޖައްސަފާނެއޭ. އަނބުރައިގެންފާނެއޭ. ކައި ނިމިގެން ތަންކޮޅެއް ހަމަޖެހިލައިގެން އެ ކަހަލަ ވާހަކައެއް ދެއްކޭނީ. މިގޭތެރޭ އަހަރެން ހުންނަނީ ދެލޯ މަރާލައިގެނެއްނޫން. މެގްނިފައިން ގްލާސް ނޭޅިޔަސް އަދި ދެލޯ ސަލާމަތުން ހުރީމަ އަހަންނަށް ހުރިހާ ތަނެއް ފެނޭ. އެއްޗެކޭ ނުބުނެ މިހުންނަނީ ހުރިހާ ހެއްކާއިއެކު ކަމާއިބެހޭފަރާތަށް ހުށަހަޅަން....."

"ވަޓް ޑޫ ޔޫ މީން......" ސަވާނާ ކާހިތް ކެނޑުނެވެ. އަނގަޔަށް ލީ އެތިކޮޅުވެސް ކަރުގައި ތާށިވެފައިވާފަދައެވެ.

"ފަސްޓް ފިނިޝް ޔޯ ޕްލޭޓް...." ލުކުމާން އަމުރުވެރިގޮތަކަށް ބުނުމުން ސަވާނާ އަވަހަށްކާންފެށިއެވެ. އަނިޔާވެރިޔަކު ބުނާގޮތަށް ހަދަން އޭނައަށް މަޖުބޫރުކުރަނީ ހިތުގައި ލުކުމާންއަށްޓަކާ ވާ އިހުސާސްތަކެވެ. ހަމައެކަނި ބިރަކުން ނޫނެވެ. އެހެން ކޮންމެވެސް ބާރަކުން އެހުރިހާ ކަމަކަށް ކެތްކުރަނީއެވެ. ސަވާނާ އުލުގައި ނޫޑުލްސް އޮޅައިލިގޮތަށް ގަދަކަމުން އަނގަ ފުރެންދެން ލީ މަންޒަރު ބަލަން އިނދެފައި ލުކުމާން ބޯ ހޫރައިލިއެވެ. ލިވިއާއާއި ހާސްބައި ތަފާތެވެ. އިމާދުއްދީންގެ ދަރިއަކަށްވުމުން އޭނަ އެއްގޮތަކަށްވެސް ސަވާނާއަށް ރުހުމުގެ ލޮލަކުން ބަލައިލާކަށް ބޭނުމެއްނޫނެވެ. ރުހުމުގެ ލޮލަކަށް އައިބެއް ނުފެންނާނެއޭ ބުނެއެއް ނޫންހެއްޔެވެ؟ ސަވާނާ ކުރާ މޮޔަ ތާކުންތާކު ނުޖެހޭ ކޮންމެކަމެއް އޭނަގެ ހިތުގައި ބިންވަޅު ނެގޭއިރު އެހުރިހާކަމަކާއި ވެސް ނުރުހެވެއެވެ. ލުކުމާން ފިހުނު ކުކުޅުފަޔެއް ސަވާނާގެ ތަށްޓައް ވައްޓައިލުމުން އަވަހަށް އަނގައިގާ ޖެހިއެވެ. އޭރު ލުކުމާން ފްރިޖަށް ލީ ދޮލަގު ގެނެސް ސަމުސަލުން ކާންފެށިއެވެ.

"ފްރިޖްގައި އަނބުޖޫސް ހުންނާނެ.."

"އޭގެ ވިޓަމިންކޮޅު ދުއްވާލަންތަ ޖޫސްހެދީ. ސަވާނާއަށް ނޭގޭ އެއްވެސް ކަމެއް ރަގަޅަށްކުރާކަށް. ފެވެރިޓް ކާއެއްޗަކަށް ނޫޑުލްސްއާއި ސޮސެޖް ހަދައިގެން ޓީވީ ބަލާއިރު ޕޮޕްކޯންއާއި ޗިޕްސް ކާއިރު އޭގެ ގެއްލުން ބަލައިލާނެނަމަ. އަހަންނަށް ކާ އެއްޗެއް ތައްޔާރުކުރާ ހިތުން ތިހާ އުޅޭނަމަ ގޫގުލް ކޮށްގެން ތަންކޮޅެއް ހެލްދީ ކޮށް ކައްކާ. އޭރުން ފަހަރެއްގައި އަހަރެން ކާން ހިތަށް އަރުވަފާނަން......"

"ތިއީ ޑޮކްޓަރެއްތަ؟ "

ލުކުމާން ވަކި ޖަވާބެއްނުދީ ފޮނިކާއެއްޗެހިން ދެތިން ސަމުސާ ކާލާފައި ސަވާނާއާއި ކައިރިއަށް ދޮލަގު ޖައްސާލުމަށްފަހު އަތް ދޮންނަންފެށިއެވެ. ތެޅިތެޅިވާ ހިތަކާއިއެކު ސަވާނާ އެދޮލަގުގައިވާ އެއްޗެހި ކޭއިރު މީރުކަމުން ދެލޯ މަރައިލެވުނެވެ. ލުކުމާން ކައިފާ ދިނުމުން ރަހަތަފާތުވީކަމަށް ވެދާނެއެވެ. ނޫނީ ހަމަ އަސްލުވެސް ރަވާގެ ތެރެއަށް ރޯޒްސިރަޕް އަޅައިގެން ހަދާފައިވާ ޕިރިނީ މީރީއެވެ. އެންމެފަހު ސަމުސާ ލޮވެލަން އިންދާ ލުކުމާން ކުރިމަތީގައި ހަށަން ބަދެލައިގެން ހުއްޓުނެވެ. ސަވާނާހާ ކާ އެއްޗަށް ފޯރިހުންނަ އަންހެންކުއްޖަކު އޭނަ ނުދެކެއެވެ. ލިވިއާއަކަށް މިގޮތަށް ގިނައިން ކައި އުޅޭކަށް ލާހިކެއްނޫނެވެ. އެންމެ ގްރާމެއް ބަރުވިޔަސް ލިވިއާ ހުންނާނީ ޑައިޓަށެވެ. ލިވިއާއާއިމެދު ވިސްނުމުން ލުކުމާންގެ ނިތްކުރިއަށް ރޫއެރިއެވެ.

ކެއުމަށްފަހު ދެމީހުން ޓެރެސްއަށް އެރިގޮތަށް ހުއްޓުނީ ދާދި ކައިރީގައެވެ. ލުކުމާންގެ ކަޅުކަންގަދަ ބުމައާއި ތޫނު ދެލޯ ކައިރިން ފެނުނުމުން ސަވާނާގެ ގައިގާވާ ލޯލިތައް ކޮޅަށް ޖެހުނެވެ. ރެއިލިންގައި އަތް އަޅުވާލައިގެން ހުރެ އޭނައާއި ދިމާލަށް ކުޑަކޮށް ބޯ އަނބުރާލާފައި ބަލައިލީ ސީރިޔަސް ނަޒަރަކުންނެވެ. ސަމާސާގެ އެއްވެސް ކުލަވަރެއްނެތެވެ. އޭނަ ދައްކަން އެއުޅޭ ވާހަކައިގެ ސީރިޔަސްކަން ހިތަށް ނެގުމުން ހިތް ކުރިއަށްވުރެ އަވަސްވިއެވެ. ނޭވާލާންވެސް ބިރުގަތެވެ. ލުކުމާން އެބުނަން އުޅެނީ ކޮންވާހަކައެއްހެއްޔެވެ؟ ހިތަށް އިތުރަށް ބާރު ބޮޑުވާނެ އެއްޗެކޭ ބުނެވޭނެހެން ހިޔެއްނުވެއެވެ. ވަރިކުރުމަށްވުރެ އިތުރު ހިތްދަތިކަމެއް ލުކުމާންއަކަށް ނުދެވޭނެއެވެ. އެހެން ހިތަށް އަރާފައިވެސް މޮޅިވެރިކަން އޭނަ ވަށާލައިފިއެވެ.

"އެންމެފަހަރަކުވެސް މިތާހުރިއިރު ސަވާނަ މަންމައާއިމެދު ވިސްނިންތަ؟ މަންމަ ޑިޕްރެސްވެގެން މިތަނުން ފުންމާލަފާނެއޭ ހިތަށް އެރިތަ........"

ސަވާނާ ސިހޭގޮތްވިއެވެ.

"ވެލް........

" އަހަންނަށް އެނގޭ ސަވާނާގެ މަންމަ ސުއިސައިޑް ވީ ނޫންކަން. އެގޮތަށް ސަވާނާގެ ބައްޕަ އެހެން މީހުންނަށް ހީކުރުވާފައި ކޭސް ކްލޯޒްކޮށްލިޔަސް ހަގީގަތަކީ އެއީއެއްނޫނޭ. އެމަންޒަރު ލޮލުން ދުށް މީހާވެސް އަމިއްލަ މަސްލަހަތަށްޓަކާ ސިއްރުކުރީ. ސަވާނާގެ މަންމަ މަރާލަން.....މަރާލީ...." ލުކުމާންގެ ޖުމްލައާއިއެކު ސަވާނާގެ މުޅި ޖިސްމުވެސް ރޫރޫއަޅައިގަތެވެ. ހަށިގަނޑު ސީދާކޮށްލަމުން ލުކުމާންއާއި ހަތަރުކަޅިހަމަކޮށްލައިފިއެވެ.

"ވަޓް؟ " ސަވާނާ ޔަގީންކުރަން ބޭނުންވިއެވެ.

"އެމީހަކީ ސަވާނާ އެމީހަކަށް އެންމެ އިތުބާރުކުރާ ލޯބިވާ ބައްޕައޭ ބުނެފިއްޔާ."

"ބައްޕަ ކީއްވެ މަންމަ މަރައިލަންވީ......" ސަވާނާއަށް އެވާހަކަ ގަބޫލުކުރާކަށް ފަސޭހައެއް ނުވިއެވެ.

"އަންހެނަކާއިހެދި......."

"ކޮން އަންހެނެއް؟ " ސަވާނާގެ ހަނދާނުގެ ލޯގަނޑަށް އޭނަގެ ބައްޕައާއިއެކު ލިވިއާ އުޅުނު މަންޒަރު ސިފަވުމާއިއެކު ރެއިލިންގައި ތަންކޮޅެއްބާރަށް ހިފަހައްޓާލެވިއްޖެއެވެ. ލިވިއާގެ ޕާސްޕޯޓު ފެނުމުން ހުރިހާކަމެއް ޔަގީންވިގޮތެވެ. ނަމަވެސް އޭނަގެ ބައްޕަ އެފަދަ ނުބައި އަމަލެއްކޮށްފާނެކަމަކަށް އޭނަ ގަބޫލެއްނުކުރާނެއެވެ. މިއީ ލުކުމާންގެ ރޭވުމެކެވެ. މަންމަ ނިޔާވިތާ އެތައް ހަފްތާއެއްފަހުން ހަމަ ކުއްލިއަކަށް ވީޑިއޯއެއް ލީކްވާގޮތްވެއްޖެއެވެ. ކުރިން އެހެން ބުނަން ނޭގުނީ ކީއްވެހެއްޔެވެ؟ލުކުމާން އޭނަގެ ބައްޕަގެ ވިޔަފާރި ބަގުރޫޓުކޮށް ގެ ފޭރިގަނެގެން އެވަރުންވެސް ނުފުދިގެން ބައްޕަގެ ދިރިއުޅުމުގެ ބައްތި ނިއްވާލަން އުޅެނީއެވެ. ބައްޕައާއި ލިވިއާގެ ގުޅުމެއް އޮތްކަން އެނގިގެން ލުކުމާން އެކަމާއި ބަދަލުހިފަންވެގެން ހަދަހަދައިގެން ވާހަކައެއް ދައްކަންފެށީ ކަން ޔަގީނެވެ. ލުކުމާން އޭނަގެ ހިތަށް މިހާ އަނިޔާދީ ޒަޚަމްކުރަނީ ކޮންކަމަކާއި ބާވައޭ ސުވާލުކުރެވުނެވެ. ލުކުމާން ދުރަށް ބަލަންފެށީ އެ ސުވާލަށް ޖަވާބުދޭން ބޭނުންނުވާތީއެވެ. ލުކުމާންއާއި ލިވިއާގެ ހަނދާންތައް އާވުމާއިއެކު އެސްފިޔަތަކުގެ ފުރަގަހުގައި ބޮނޑިވެގަތް ކަރުނަތައް ކޯތާފަތްމައްޗަށް ތިކިތަޅަންފެށިއެވެ. ލުކުމާން އޭނަގެ ހިތް ހަލާކުކޮށް މިހާ ދެރަކޮށްލަނީ ކޮންކަމަކާހެއްޔެވެ؟ އެ ސަބަބެއް މި ފިރިހެނާއަށް ބުނެދެވެން ޖެހޭނެއެވެ.

ލުކުމާން އޭނަގެ އަތުގައި އޮތް ފޯނުން ވީޑިއޯ އެއް ހުޅުވާލާފައި ސަވާނާގެ އަތަށް ފޯނުދިނެވެ. އެހާ ސާފުނޫނަސް ކިތަންމެ ރީތިކޮށްވެސް ދެކެވުނު ވާހަކަތަކާއި އެކު ބައްޕަ އޭނަގެ މަންމަ ކޮށްޕައިލި މަންޒަރު އެހެރީ ފެންނާށެވެ. ހިތަށް ލިބުނު ބިރުވެރިކަމާއި ހިތްދަތިކަން އެއްފަހަރާ ބޭރުކޮށްލެވުނީ އިތުރަށް އެ ނިކަމެތި ހިތަށް ކެތްނުވެގެންނެވެ.

"ސަވާނާގެ ބައްޕަ ފުލުހުންނާއި ހަވާލުކުރުން ނޫން އެހެން ޗޮއިސްއެއް އަހަންނަކަށް ނެތް........." ލުކުމާން ފޯނު ޖީބަށް ލިއެވެ.

އޭނަ ވަރަށް ގިނަ ދުވަހަށް އެ ސިއްރު ހިފަހައްޓައިފިއެވެ. އިތުރަށް ކެތްކުރެވޭނެކަމެއް ނޭގެއެވެ. ސަވާނާ އަނދިރީގައި ބަހައްޓައިގެން އަބަދަށްޓަކާ ހުންނާކަށް އިމާދުއްދީންއަށް ލާހިކު ކުޅަދާނައެއްނޫނެވެ. ކުށްވެރިއަކު މުޖުތަމައަށް ދޫވެފައި ހުރެއްޖެއްޔާ އިތުރު ބަޔެއްގެ ފުރާނައާއި ކުޅޭކަށް އޭނަ ފަހެއްނުޖެހޭނެއެވެ. ފުލުހުން ސަވާނާގެ ބައްޕަ ބަލާ އަންނާނީ ކޮން ވަގުތަކު ކަމެއްނޭގެއެވެ. ކޯޓުގެ އަމުރު ލިބުމާއިއެކު އެމީހުން އިމާދުއްދީން ހައްޔަރުކުރާނެއެވެ. އިމާދުއްދީންގެ ހަގީގަތާއިއެކު އޭނަ ސަވާނާއާއި ކައިވެނިކުރީ ކޮން ސަބަބަކާހުރެކަން ސަވާނާއަށް އެނގެންވާނެއެވެ.

"ތީ ހުސް ދޮގު. މި ޒަމާނުގައި އެޑިޓް ކޮށްގެން ފޭކް ވީޑިއޯއެއް ހެދިދާނެ. ވައި އާ ޔޫ ހާޓިން މީ. ކޮން އުފަލެއް ލިބެނީ ތިހެން ހެދީމަ. ކީއްވެ. ކީއްވެ. ޕްލީޒް ބުނެބަލަ ތީ ދޮގެކޭ. ބައްޕަ އެހާ ނުލަފައެއްނުވާނެ. ބައްޕަ އެހާ ބޮޑަށް އަހަރެން ދެރަކޮށްލާކަށް ބޭނުމެއްނުވާނެ. ބައްޕަ ދުނިޔެއިން ކުރާނެ އެންމެ ފަހުކަމަކީ މަންމަގެ ފުރާނަ ދުއްވަން އެކަހަލަ ހަމަލާއެއް ދިނުން. ލޫކް ތިއުޅެނީ އަހަރެން ދުނިޔޭގައި ހުރީމަ އުދަގޫވެގެންތަ. ދެން މަރާލަންވީނު. ކޮންމެހެން ބައްޕަގެ ބޮލުގައި ދޮގު އިލްޒާމެއް އަޅުވާނެކަމެއް ނެތް. އަހަރެންދެކެ ރުޅި އަންނަންޏާ އަހަންނަށް ބޭނުންގޮތެއް ހަދާ. ބައްޕަ ދޫކޮށްލާ ހީޒް އެ ހާޓް ޕޭޝަންޓް............................" ސަވާނާ ވާހަކަދައްކަން ހުރެފައި ބާރުބާރަށް ރޯންފެށިއެވެ. ރެއިލިންގައި ބޯ ޖައްސާލައިގެން ހުރިއިރު އެ ރުއިމުގެ އަޑު މުޅި ހިސާބުގައި ހިފާލާފައިވިއެވެ. އެ އަޑު އެހި ކޮންމެ މީހެއްގެ ހިތަށް އަސަރުކުރާހާ ގަދަޔަށް ސަވާނާ ރުޔެވެ. ރޮމުން ރޮމުން ޓެރެހުގެ ކުޑަކަކޫމައްޗަށް ތިރިވީ އިރުވެސް ލުކުމާން ހުރީ ހިމޭނުންނެވެ. ސަވާނާ އޭނަގެ މަންމަ މަރުވީދުވަހުވެސް މިހާ ހިތާމައެއްނުކުރެއެވެ. ވާނީވެސް އެހެންނެވެ. އޭނަ ގެންގުޅެ ބޮޑުކުރީ އެ މަންމައާއި ނުލައެވެ. އެހިތުގައިވާނަމަ ވާހާ ލޯތްބެއްވަނީ ހަމައެކަނި ބައްޕައަށްޓަކައެވެ.

(ނުނިމޭ)

comment ކޮމެންޓް