ވަކިން ލޯބިންގެ ސީކުއަލްއެއް އުފައްދަނީ

ވަކިން ލޯބިން ގެ ޕޯސްޓަރެއް---

ޑާކްރެއިން އެންޓަޓެއިންމަންޓް އިން މިއަހަރު ގެނެސްދިން ފުރަތަމަ ފިލްމު ވަކިން ލޯބިން ވަނީ މި މަހު ފަސް ވަނަ ދުވަހު ޕްރިމިއާ ކޮށްފައެވެ.

ފިލްމަކީ މޮޅު ފިލްމެއްކަން ގިނަ ބަޔަކު ބުނަމުންދިޔަ ނަމަވެސް ބެލުންތެރިންގެ ހިތުގައި ފިލްމު ބެލުމަށްފަހު އުފެއްދި ސުވާލެއް އޮތެވެ. ފިލްމުގައި ވިލަން އެއްގެ ބައިން ފެނިގެން ދިޔަ ނުޒުހަތު ޝުއައިބުގެ ރޯލުގައި އޭނާ މަރުވީތޯ ބެލުންތެރިން ސުވާލު އުފެއްދިއެވެ.

އެ ސުވާލަށް ޖަވާބެއް ނުލިބެނީސް ފިލްމު ނިންމާލީއެވެ. ނަމަވެސް ބެލުންތެރިންގެ މޫނު މަތިން ހިނިތުންވުން ފެނިގެންދިޔައީ ވަކިން ލޯބިންގެ ސީކުއަލް އެއް އުފައްދާނެ ކަމަށް ޓީމުން އިއުލާންކުރުމުންނެވެ.

ފިލްމުގެ ޕްރޮޑިއުސަރު މުހައްމަދު އަލީ (މޮގާ) ބުނީ ފިލްމުގެ ސީކުއަލް އެއް 2020 ވަނަ އަހަރު ފެނިގެންދާނެ ކަމަށެވެ.

"ފިލްމުގެ ދެވަނަ ބައިން ހަމަ ޔަގީނުންވެސް ނުޒުހަތު އަށް ވީ ގޮތް އެނގިގެންދާނެ" އެވެ.

"ފިލްމުގެ ގެންދާނެ ގޮތް މިހާރު ރާވައިފިން. އަސްލު ފިލްމު ބެލުންތެރިންނަށް ވަރަށް ބޮޑަށް ކަމުގޮސްފި. އެހެންވެ ފިލްމުގެ ދެވަނަ ބައެއް ނެރެން ނިންމީ. މި ބައިން ސުވާލު އުފެދުނު ކަންތައްތައް ދެވަނަ ބައިން ސާފުވެގެންދާނެ،" މޮގާާ ބުންޏެވެ.

ވަކިން ލޯބިންގެ ދެވަނަ ބައިގެ ލީޑް ތަރިންގެ ގޮތުގައި ފެނިގެންދާނީ ޖުމައްޔިލް ނިމާލް، މަރިޔަމް މަޖުދާ އަދި ނުޒުހަތު ޝުއައިބު އެވެ.

އައިޝަތު ފުއާދު ތައުފީގުގެ ސްކްރީން ޕްލޭ އަކަށް ތައްޔާރު ކުރި ވަކިން ލޯބިންގެ ޑައިރެކްޓަރަކީ އެންމެ ފަހުން ބޭއްވި އަށް ވަނަ ދިވެހި ފިލްމު އެވޯޑްސްގައި އެންމެ މޮޅު ޑައިރެކްޓަރަކަށް ހޮވުނު އަލީ ޝިފާޢު (ޗިއްޕެ) އެވެ.

މިއީ ރާއްޖެ ފަދަ ވަރި ގިނަ މުޖުތަމައަކަށް މުހިއްމު މެސެޖެއް ދޫކޮށްލި ފިލްމެކެވެ. މުޖުތަމައު އާ ގުޅޭ ރަހަތަކެއް އެކުލެވިގެން އުފައްދާފައިވާ އިބްރަތެއް ހާސިލްވެގެންދިޔަ ފިލްމެކެވެ.

comment ކޮމެންޓް