Sun Online

ނޭނގި ހިތާ ކުޅެލީ - 30

ލިޔުނީއައިޝާ ނަސީމް

އެޕާޓްމެންޓްގެ ދޮރު ހުޅުވާލާފައި ކޮންމެވެސް މީހަކު އެތެރެއަށް ވަންއިރުވެސް ލިވިއާއަށް ރޭކާލީކަމަކަށް ނުވިއެވެ. ނަމަވެސް ކައިދަންއަށް ކިތަންމެހާވެސް ރީއްޗަށް ފެނުނެވެ. ކައިދަން އޭނަގެ ގައިމަތީގައި އޮތް ލިވިއާ ދުރުކޮށްލަން އުޅުމުން ވިއްސައިގެންގޮސް ޖެހުނީ ރަގްމަތީގައެވެ.

"ތީ ހަމަ ކައިތަ. މަށަށް ޝައްކޭ. އިންސާނެއްގެ ނުހުންނާނެ ތިކަހަލަ ބާރެއް.........." ކުރިމަތީގައި ކޮޅަށް ހުރި ކައިދަންގެ ދެފައިގާ އޮޅުލައިގަންނަމުން ބަލައިލީ ފަރި ނަޒަރަކުންނެވެ.

"އަނހަ......" ކައިދަން ރަކިގޮތަކަށް ހީލިއެވެ. "ލޫކް ޓްރި....ޓްރިޕް ކެންސަލްވީތަ؟ އައި ކެން އެކްސްޕްލެއިން........"

ދާދި ކައިރީގައި ލުކުމާން އަތް މުއްކަވައިގެން ހުރިތަން ފެނިފާ ލިބުނު ސިހުމާއި ބިރާއިއެކު ލިވިއާގެ މޫނަށް އަނދިރިވާގޮތްވިއެވެ. އޭނަ ކައިދަންގެ ފައިން އަތް ދޫކޮށްލީ ކަރަންޓުގައި ޖެހުނުފަދަގޮތަކަށް ފުންމައިގެން ގޮހެވެ. އެއާއިއެކު ކައިދަންގެ ފަހަތަށް ވަދެ ފިލަން މަސައްކަތްކުރެވުނެވެ. ކިތަންމެފަހަރަކު ލުކުމާންއަށް ސިއްރުން އޭނަ ކައިދަންއާއި ބައްދަލުކޮށް ވާހަކަދައްކައިފިއެވެ. ޑޭޓްތަކަށް ޖައްސާލައިފިއެވެ. ނަމަވެސް ދެމީހުން ސިއްރުން ކުރަމުން އައިކަންތައް މިގޮތަށް ފަޅާއަރާފާނެކަމަކަށް އޭނަ ހިޔެއްނުކުރެއެވެ. އެދެމީހުންނަށް އަބަދުގެ އަބަދަށް މިގޮތަށް އުޅެވޭނެކަމަށް ހީކުރެވުނެވެ. ނަމަވެސް މިއޮތް ވިއްސާރަރޭ ލުކުމާން އެދެމީހުން އެންމެ ހޫނުކަން މަތީ ތިއްބާ ވަގުހިފައިފިއެވެ.

ލުކުމާން ކުރިއަށް ޖެހުނުގޮތަށް ކައިދަންގެ މޫނަށް އެތިފަހަރެއް ވީއްލާލައިފިއެވެ. އެކަތިފަހަރުން އޭނަ ފިނިވާނީ ކިހިނެއްހެއްޔެވެ؟ ދެވަނަ އަދި ތިންވަނަ އެތިފަހަރުވެސް ވީއްލާލައިފިއެވެ. ކައިދަން ހުރީ ސްތެޗޫއެއްހެން ގުޑާވެސް ނުލައެވެ. ލުކުމާންއަށް ދޫކޮށްގެންނެވެ. ކުރެވުނު ކުށުގެ އަދަބު ލިބިގަންނަން އަމިއްލަ ނަފުސް ދީގެން ހުރިފަދައެވެ. އަނގަމަތި ފެޅި ލޭ އޮހެންފެށިއެވެ. އޭރުވެސް ލިވިއާ ހުރީ ކައިދަންގެ ފަހަތަށް ވަންގޮތަށް ކުޑަކުއްޖެއްހެން ދެއަތުން މޫނު ފޮރުވައިގެންނެވެ. ދެލޯ މަރާ ތަގުޅިކޮށްލައިގެންނެވެ. ލުކުމާން ވީއްލާލާ ކޮންމެ އެތިފަހަރަކާއިއެކު އޭނަގެ ހިތްވެސް ގުޑައިލިއެވެ. މިއީ ފެންނާނެ ބިރުވެރި ހުވަފެނެއްނަމައެވެ. ލުކުމާންއާއި ރުޅިވާކަށް ލިވިއާ ބޭނުމެއްނޫނެވެ. އެހިތުގައި ލުކުމާންއަށްޓަކާ ވަނީ ތަފާތު އިހުސާސްތަކެވެ. އެހެންކަހަލަ ލޯތްބެކެވެ.

"ލޫކް ޕްލީޒް ސްޓޮޕް. ޔޫ ކުޑް ކިލް ހިމް.............." ލިވިއާ އެއްޗެކޭ ބުނެފާ ކުރިއަށް ޖެހުނެވެ. އެ ލަފުޒުތަކުން އަޖައިބެއްފަދަ ތަފާތެއް އައެވެ. ލުކުމާންގެ އަތުގެ ހަރަކާތްތައް ހުއްޓުނެވެ. ކައިދަންގެ މޫނުން އޮހެމުން ދިޔަ ލޭތައް ފެނި ހޭވެރިކަންވިއެވެ. ދެލޯބިވެރިޔެއްގެ ދޭތެރެއަށް ހުރަސްއަޅަން އޭނަ ނުޖެހޭނެކަން ވިސްނުނެވެ. ނަމަވެސް ލުކުމާން ލިވިއާގެ މޫނަށް ބަލައިލާކަށް ބޭނުމެއް ނުވިއެވެ. އެމޫނަށް ބަލައިލަން އޭނަގެ ޟަމީރު ހުއްދައެއް ނުދިނެވެ. ބާރުބާރަށް ހިގާފައިގޮސް ކޮޓަރިއަށްވަދެ ދޮރު ޖެހިއަޑު ވާރޭގެ ތެރެއިންވެސް ގުގުމައިލިއެވެ.

ކަރުނައިން ފުރިފައިވާ ސިހުން އެކުލެވޭ ދެލޮލުން ކައިދަންއާއި ހަތަރުކަޅި ހަމަކޮށްލުމަށްފަހު ލިވިއާ އަވަސްވެލާފައި ފްރިޖް ހުޅުވިއެވެ. އައިސްޕެކެއް ނަގާފައި ކައިދަންގެ މޫނުގައި ރަތްވެފައިވާ ތަންތަނުގައި ޖައްސާދޭން އުޅުމުން ކައިދަން އެއަތް ދުރަށް ޖައްސާލައިފިއެވެ. އަދި ގޮނޑިމަތީގައި އޮތް ޓީޝާޓް ބޮލަށް މަހާލުމަށްފަހު އޭނަ ބަހަކުންކުރެ ބަހެއް ބުނުމެއްނެތި ހިނގައިގަތީ ދޮރާއި ދިމާލަށެވެ. ލިވިއާއަށް ހުއްޓުވާކަށް ނުކެރުނެވެ. ކައިދަން އެހެރީ ދެރަވެފައެވެ. ޝޮކެއްގައެވެ. އެންމެ ގާތް އެކުވެރިޔާއަށް ބޭވަފާތެރިވެ އޭނަގެ ލޯބިވެރިޔާއާއިއެކު ރެޑްހޭންޑްކޮށް ހިފުމުން ލަދުގަންނާނެއެވެ. ތިންމީހުންގެ ހިތަށްވެސް އެރި ލޮޅުން ފަސޭހައެއްކޮށް ފިލައިގެނެއް ނުދާނެއެވެ. ލިވިއާ އަތް އުފުލައިލިގޮތަށް ބަލަން ހުއްޓާ އެދޮރު ލެއްޕިއްޖެއެވެ. ތެޅިތެޅިވާ ހިތަކާއިއެކު އޭނަ ކައިދަންއަށް މެސެޖެއް ކޮށްލައިފިއެވެ. ކައިދަންގެ ސަބަބުން ލުކުމާން އޭނައާއި ރުޅިވެއްޖެނަމަ ހަގީގީ ފިރިހެނެއްހެން ކައިދަން ޒިންމާ ނަގާ އޭނައާއިއެކު އަބަދަށްޓަކާ ވާނެކަމުގެ ޔަގީންކަން އެބައޮތްކަމުގައި ބުނެ އޭނަ ހިތްހަމަޖައްސަން މަސައްކަތްކުރިއެވެ.

އަނެއްކޮޅުން ލުކުމާންގެ ހިތުގައި ޖެހިފައިވާނެ ވަރާއި ދެރަވާނެވަރު ހިތަށް އަރާފައި އޭނަގެ ހިތަށް މޮޅިވެރިކަންވަނެވެ. ލުކުމާން އެހާ ބޮޑަށް އޭނަދެކެ ލޯބިވާއިރު އެފަކީރަށް ވާނީ ކިހިނެއްހެއްޔެވެ؟ ސަވާނާއާއި ކައިވެނިކުރީވެސް އޭނައަށްޓަކައެވެ. އެހިތުގައި ސަވާނާއަށްޓަކާ އެއްވެސް އެއްޗެއްނެތެވެ. މިހާރު ނުވީތާކަށް ވަރިވެސް ކޮށްލައިފިއެވެ. ލުކުމާންގެ ހުރިހާވެސް އުފަލަކީ އޭނައެވެ. ލުކުމާން އަދިވެސް އެނބުރި އަންނާނެއެވެ. ހިތަށް ކިރިޔާވެސް ތަސައްލީއެއް ލިބުނީ ލުކުމާންއާއި ސަވާނާ ދުވަހަކުވެސް ނުގުޅޭނެކަމަށް ހިތަށް ޔަގީންކޮށް ދެވުނީމައެވެ. ލުކުމާންއަށް ސަވާނާއަށްވުރެ މާ ރީތި މުއްސަދިކުއްޖެއް ލިބިދާނެއެވެ. ކައިދަންގެ ޚާންދާނުގައި އެފަދަ މުއްސަދި އަންހެންކުދިން އުޅޭނެ ނޫންހެއްޔެވެ.

ލުކުމާން އޭނަގެ ހެދުންތަކާއި ރީތިވާން ގެންގުޅޭ ސާމާނު ދަބަހަށްލާ ނިމުނުއިރު ފުދޭވަރަކަށް ދަންވެޖެއެވެ. ތޫފާންވެސް ތަންކޮޅެއް މައިތިރިވެލައިފިއެވެ. ލޮލުން އެންމެ ކަރުނަތިއްކެއް އޮހޮރުވާނުލިނަމަވެސް އޭނަގެ ހިތަށް ފުން އަސަރުތަކެއް ކޮށްފައިވިއެވެ. ލިވިއާއާއި ވަކިވުމަށްވުރެ ދެރަވީ އެތައް އަހަރެއްވާންދެން އެކުވެރިއެއް ކަމުގައި ދެކުނު ކައިދަންއާއި އޮތް ގުޅުން ކަނޑާލަންޖެހުމުންނެވެ. އެކަމަކު އޭނަ އެކުރީ ދުވަހަކު މާފުދެވޭނެ ކުށެއްނޫނެވެ. ބޯ ހޫރާލާފައި ބާރަކަށް ދަބަސް ލައްޕާލުމަށްފަހު ޒިބު އަޅުވަމުން ލޮލުން ވެއްޓުނު އެންމެ ކަރުނަތިކި ފޮހެލައިފިއެވެ.

ލިވިއާ ބުނާގޮތުން އިޒިކްއާއި ސަވާނާ އުޅެނީ ރައްޓެހިވެގެންނެވެ. އެކަން އޭނައަށް ޔަގީންވީ އާލިމާ ލިވިއާއަށް ވައިބާ ކޮށްފައި ހުރި ފޮޓޯއަކުންނެވެ. ދެމީހުން ބައްދާލައިގެން ތިބި ފޮޓޯއިން ހުރިހާކަމެއް ސާބިތުކޮށްދިނެވެ. އާލިމާ ބުނިގޮތުން އެއަށްވުރެ ގައިގޯޅި ފޮޓޯތަކެއް ނެގުނެވެ. އެންމެ ފޮޓޯއެއް ވައިބާ ކުރެވުނުތަނާ އިޒިކް އޭނަގެ ފޯނު އަތުލައިގެން ފޮހެލީ އެވެ. އެކަމާއި ޖިލް މައްސަލަ ޖައްސައިގެން އިޒިކް އާއި ދެމީހުން ބައްދަލުކޮށް އުޅެނީ ގެއިން ބޭރުގައެވެ. އާލިމާގެ ވާހަކަތަކަށް އެހާ ސަމާލުކަމެއް ދޭކަށް ލުކުމާން އޭރު ބޭނުމެއްނުވިއެވެ. ސަވާނާ ކޮންމެ ގޮތަކަށް އުޅުނަސް އޭނައަށް ކޮންކަމެއް ހެއްޔެވެ. ނަމަވެސް އޭނަ އަދިވެސް މަންމަގެ ގާތަކަށް ނުދާނެއެވެ. ހަޔާތުގެ ހުރިހާކަމެއް ހަމަޖެހި ނިމުމަށްފަހު ނޫނީ އޭނަގެ އަސްލު އެހެން މީހަކަށް އަންގާކަށް ހިތެއްނޭދުނެވެ. އަދިވެސް ދާނީ މޭޕްލްވިލާއަށެވެ. ސަވާނާ އެހެން އުޅުނީތީ އަދަބުވެސް ދެވިދާނެއެވެ. ދޮގުހަދާފައި ވަރިވެގެންނޭ ކިޔައިގެން އެއުޅެނީ އިޒިކް އަތު އަޅުވާލަންވެގެންނެވެ. ހުރިހާ އަންހެނުންނަކީވެސް ބޭވަފާތެރި ނުބައި ނުލަފާ ބަޔަކީއެވެ. އިތުބާރުކުރަން ހެޔޮނުވާނެއެވެ.

މޭޕްލްވިލާގެ ދޮރު ހުޅުވާލުމާއިއެކު ސިޓިންރޫމްތެރެ ފެނިފާ ހޮޑުލަވާގޮތްވިއެވެ. މިއިން ދުވަހެއްގައި މިތަން ސާފުކޮށްފައިވާކަމެއް ނޭގެއެވެ. ނިކަމެތި ހާލުގައި އުޅުނުއިރުވެސް ސާފުތާހިރުކަމަށް ލޯބިކުރާ ޒުވާނަކަށްވާތީ މިއީ އޭނައަށް ކެތްކުރެވޭ ޒާތުގެ ކަމަކަށް ނުވިއެވެ. ސަވާނާވެސް ދިޔައީ ބާވައެވެ. އާލިމާ ކޮބާހެއްޔެވެ؟

ލުކުމާން ސިޑީގެ މެދަކާއި ހަމަޔަށް އެރުނުތަނާ ސަވާނާ ނިދާހެދުމުގައި ހުރެ ސިޑިން ފައިބަން އައެވެ. ސަވާނާގެ ނަޒަރު ލުކުމާންއާއި އަމާޒުވީ ސިކުންތު ކޮޅު ގެއިން ކަރަންޓުގެ އަލިކަން ކެނޑި މުޅިތަން ކަނު އަނދިރިކަމަށް ގެނބުނެވެ. ވިއްސާރަ ރެއެއްގެ ދަންވަރު ވަގުތަށް ވުމާއިއެކު މިގޮތަށް ލުކުމާން ފެނުމުން އެކުއްޖާ ފަކީރު ބިރުން އަނބުރައިގަތީކަން ނޭގެއެވެ. ފައި އަރި އަޅައިލިއިރަށް ލުކުމާންގެ ހުޝިޔާރުކަމުން ކުރިއަށް ޖެހިލާފައި ހިފެހެއްޓިއެވެ. ލުކުމާންގެ އަތުގެ ހިމާޔަތްލިބުނުއިރު އޭނައަށް ސަވާނާގެ މޭ ތެޅޭލެއް ބާރުކަން އިހުސާސްވިއެވެ. އެ ތުނި ހަށިގަނޑު ލުކުމާންގެ ގަޔާއި ޖެހި ފިތި ގާތްކަމުން ވައިރޯޅިއެއް ވަދެލާނެ ޖާގައެއްވެސް ނެތެވެ. ލުކުމާން ފޯނުން އަލި މޫނަށް އަލި އަޅުވައިލުމުން ސަވާނާ ދެލޯ ކުޑަކޮށް ހުޅުވާލައިފާ ފަހަތަށް ކަނދުރާ ޖައްސާލަން މަސައްކަތްކުރިއެވެ. ނަމަވެސް އޭނައަށް ލުކުމާންގެ ނޭވާގެ މީރުވަސްދުވިއެވެ.

"ލޫކް....މި ވަގުތު...މި...މިގޭ......." ސަވާނާ ތުންފަތް ޖައްސާ ބާރުކޮށްލަމުން އެއްޗެކޭ ކިޔަން އުޅުނެވެ. ދެމީހުންގެ ގާތްކަމުން އެތައް އަސަރުތަކެއްކޮށް ސަވާނާއަށް ހޫނުވެ ހުރިހާ ލޭތައް މޫނަށް ޖަމާވިއެވެ.

"ކްރޭޒީ. އަނބުރައިގަތް ކަމަށް ހެދި ހަމަ އެކްޓެއްކޮށްލީ. ތިހެން އަހާއިރު މިއީ އަހަރެންގެ އަމިއްލަ ގެކަން ހަދާނެއްނެތީތަ. ބޭނުން ކޮންމެ ގަޑިއެއްގައި މިގެއަށް ވަދެވޭނެ........" ލުކުމާން ސަވާނާ ގަޔާއި ދުރުކޮށްލާފައި ސިޑި ކަޑައްތުކުރަން ފެށުމުން ސަވާނާ ރެއިލިންގާ ހިފެހެއްޓީ ފައިގާ ހަކަތަދޫވެގެން ވެއްޓިދާނެތީއެވެ. އެކުޑަ ސިކުންތުކޮޅުވެސް ހަތަރެސްފައިން ދާހިއްލާލައިފިއެވެ.

"ސިހުނު ވަރުން ފައި އަރި އަޅައިލީ. ފެއިންޓްވީއެއް ނޫން..." ސަވާނާއަށް ކުޑަ ހިތްވަރެއް ލިބޭގޮތްވެފާ ބާރަށް ކިޔައިލިއެވެ.

"ޝަޓަޕް. އަހަރެން ތިރިއަށް އަންނަންވާއިރަށް ސިޓިންރޫމް ސާފުކުރޭ. އިންސާނުން އުޅެން އެކަށީގެންވާ ތަނެއްހެން މިގެތެރެ ހީއެއްނުވޭ. ގޮނޑެއްވެސް މިއަށްވުރެ ތާހިރުވާނެ........ " ލުކުމާން ނޭފަތުގައި އަތްއެޅިއެވެ.

ސަވާނާ އެރޭ ހޭލެވުނީ ގުގުރައިގަތްއަޑަށް ބިރުންނެވެ. އާލިމާއަށް ގުޅަގުޅާ ފޯނު ނުނެގުމުން ކޮޓަރީގައި އެކަނި އޮންނަން ނުކެރިގެން ތިރިއަށް އަންނަން އައިއިރު ލުކުމާންއާއި ދިމާވުމުން ހިމާޔަތާއި ރައްކާތެރިކަން ލިބުނު ފަދަ އިހުސާސެއްކުރެވުނެވެ. ނަމަވެސް އެ ލުކުމާންގެ ފަރާތުން ހަމްދަރުދީއަކަށް އުއްމީދުކޮށްގެން ނުވާނެކަން އެނގުނީ ދަންވަރުވެސް އޭނައަށް އެކުރި އަމުރަކުންނެވެ. ވަރިކޮށްފައި އަދިވެސް އަޅެއްހެން ގެންގުޅެން އަނބުރާ އޭނަގެ ހަޔާތަށް އައީ ނޫންކަމެއް ނޭގެއެވެ.

ސަވާނާ ސިޓުންރޫމްގެ ބޮކިތައް ދިއްލާލުމާއިއެކު އަނގަމަތީ އަތްއަޅާލެވުނެވެ. ކުޑަވަރެއްގެ ތޫފާނެއް އަރާފައި އޮތްތަނެކެވެ. އެތަންމިތާގައި ދަޅުތަކާއި ފެންފުޅިތަކެވެ. ބޭނުންކޮށްފައި ހުރި ޓިޝޫތައް އެތަން މިތާ ގައެވެ. ދޮންކެޔޮ ކައިފާ ހުރި ތޮށިތަކެވެ. ބިއްލޫރިމޭޒު މައްޗަށް ޗޮކްލެޓްކުލައިގެ ދިޔާ އެއްޗެއް އެޅި ތިރިއަށް ފައިބާފައި ހުއްޓެވެ. ޕިއްޒާއާއި ބާގާފަދަ ކާއެއްޗެހީގެ ބާކީބައިން ޑަސްބިން ފުރި ބަންޑުންކޮށްފައިވަނީ އޭނައެއް ނޫނެވެ. އާލިމާއެވެ. އޭނަ ގަސްތުގައި ސަވާނާ ކޮޓަރިން ނުނިކުމެ އުޅޭތީ މިހިރީ ޖެއްސުންފަށެއް ކޮށްލާފައެވެ. މިއިން ދުވަހެއްގައިވެސް ގެ ސާފުކުރިކަމެއް ނޭގެއެވެ. ލުކުމާން ނޫން ކޮންމެ މީހެއްވެސް ބޮލަށް އުދަގޫވާވަރުވާނެއެވެ. ދެ އަންހެންކުދިން އުޅޭތަނެކޭ ބުނާވަރެއް ނޫނެވެ. ސަވާނާ ތުންފިތާލުމަށްފަހު ބިންމަތީގައި އިށީދެ ހުރިހާ އެއްޗެއް ނަގާ ތަން ސާފުކުރަންފެށިއިރު އަދިވެސް ބޯކޮށް ވާރޭވެހޭ އަޑު ނޫން އަޑެއް ކަންފަތުގައި ހަރުލާގޮތެއް ނުވިއެވެ. ވާރޭގެ ބޯ ކަމާއިއެކު މި ފިނި މެންދަމު މަޑު ތަންމަތީގެ އަރާމުހޯދަން އިންސާނުންގެ ހިތްތަށް ބޭނުންވާނެކަން ގައިމެވެ. ނަމަވެސް އޭނަގެ ނަސީބުގައި އެފަދަ އުފަލެއްވެސް ލިބުމެއްނެތެވެ.

ސަވާނާ ސިޓިންރޫމާއި ކާކޮޓަރި ސާފުކޮށް ނިމިގެން މޮޕްޖަހާނިމުނުއިރު ފަތިސްނަމާދަށް ބަންގިގޮވައިފިއެވެ. ގައިގެ ހުރިހާ މަސްތައް ވާޅުވެ ވަރުބަލިކަން އިހުސާސްކުރެވެން ފެށުމުން ނަމާދުކޮށް ނިދަން ކަމަށް ކޮޓަރީގެ ދޮރު ހުޅުވައިލުމާއިއެކު އޭނަގެ އެނދުގައި ލުކުމާން އޮތްތަން ފެނިފާ ހުއްޓުންއެރިއެވެ. މިނޫންގޮތަކަށް ޖެއްސުންކުރަން ނޭގުނީހެއްޔެވެ؟ ނަމަވެސް ގޭގައި އެހެން ކޮޓަރިތައްވެސް އެބަހުރި ނޫންހެއްޔެވެ؟ ކޮންމެތަނެއްގައިވެސް އޭނައަށް ނިދަން އޮވެވިދާނެއެވެ. މައްސަލައަކީ އޭނަގެ ޑައިރީއިން ފެށިގެން ހުރިހާ އަމިއްލަ ސިއްރެއް މިތާ ރައްކާކުރެވިފައިވީމައެވެ. އަލަމާރިތައް ތަޅުލާފައި ބޭނުންވާ ސާމާނުތަކާއި ދެތިން ހެދުން ހިފައިގެން އޭނަ ކޮޓަރިން ނުކުތްއިރު މޫނުމަތިން ފެނުނީ ވަރުބަލިކަމާއި މާޔޫސްކަމެވެ. ލުކުމާން އޭނައަށްޓަކާ ބީރައްޓެއްސެއްކަމުގައި ވެފައިވާއިރު އެއްކޮޓަރި ހިއްސާކުރެވޭކަށް ނެތެވެ.

ހެދުނު ތެދުވެފާ ސަވާނާ ހިތްހަމަނުޖެހިފައި ހުރެ އާލިމާއާއި ސުވާލުކުރިއެވެ. ގަސްތުގައި ކޮށްފައި ހުރިކަމެއް ހެއްޔޭ އަހާލައިފިއެވެ.

"ސަވާނާ ރޫމުގައި އޮތްވާ އަހަރެން ޖެހޭ ކޮންމެ ފަހަރަކު ކާން ހިފައިގެން ދާން. ބޮޑާ ހާކާލައިގެން އަދި މީހެއްދެކެ ލޯބިވެގެން ލައިލާ މަޖުނޫނު ކުޅެން އުޅުނަސް އޭނަ ވަރިކޮށްފައި އެދިޔައީ. އޭނަ ނޫޅޭ ސަވާނާއާއިހެދި. ސަވާނާ ތި މޮޔަވަނީ ލިބޭނެ މީހަކާއި ހެދިއެއްވެސް ނޫން. އަހަރެންވެސް ކިޔަވަމުން ޖޮބަކަށް ދަމުން ސާފުކުރާކަށް ވަގުތުވާނީ ކިހިނެއް. އެހާ ރަގަޅަށް ކަންތައްކޮށްދިނީމަ ބުނަން އެނގުނު އެއްޗަކީ ތިއީ...." އާލިމާ ފޫހިވައްތަރެއް އަނގަޔަށް ޖައްސާލައިފިއެވެ.

"ލުކުމާން އެނބުރި އައިސްފި...."

"ކީކޭ ކީކޭ އޭނަ އައީއޭ؟" އާލިމާ ދެލޯ ބޮޑުކޮށްލިއެވެ.

"ކީއްކުރަންށޯ އޭނަ އައީ. ވަރިކޮށްފައިގޮސް ލިވީއާއިއެކު އުޅެމުން އަނެއްކާ ސަވާނާގެ ހިތާއި ކުޅެން ކަމަށްވާނީ. އޭނައަށް ނުހެއްލެއްޗޭ ބަތްތަށީގެ އެއްފަޅިން ކާކަށް ނުޖެހޭނެ........" އާލިމާ ހުރީ ފާޑަކަށެވެ. އެއާއިއެކު މީހެއްގެ ހިލަންވެފައި ބަލައިލިއިރު ދޮރުމަތީގައި ލުކުމާން ހުރިތަން ފެނިފާ އާލިމާގެ ހިތް ގަނޑުފެންކޮޅެއްހާ ފިނިވިއެވެ. ހަމައެކަނި ޖިންސްލައިގެން އެ ކަސްރަތީ ހަށިގަނޑު އިޝްތިހާރުކޮގެން އެހެރީ އޭނަފަދަ އަންހެންކުދިންގެ ހިތްތަކުގެ ވިންދަށް ގޮތްގޮތް ހަދައިލެވޭނެކަން އެނގިހުރެއެވެ. އާލިމާއަށް ރަކި ހިންޏެއް ހީލެވިއްޖެއެވެ. ލުކުމާންގެ ތޫނު ދެލޯ ހުއްޓިފައިވީ އޭނަގެ މޫނަށެވެ.

"ތިއީ މިގޭ މެއިޑްތަ... "

"ލައްބަ....ނޫން...އަޅުގަނޑު ކިޔަވަން މިގޭގައި....." އާލިމާގެ ހިތް އޭރުވެސް ރޯމަހެއް ފެނުން ނެގުމުން ތެޅޭފަދައެވެ.

"ވެލް. އައި ނީޑް ޕްރައިވެސީ. އިތުރު އެއްވެސް މީހަކު މިއަދުން ފެށިގެން މިގޭގައި ބަހައްޓާކަށް ބޭނުމެއްނޫން. ކަލޭމެން ދެމީހުންވެސް މިއަދު ތަނެއް ހޯދައިގެން މިގެއިން ދޭ.........." ލުކުމާންގެ އެ ޖުމްލައާއިއެކު ދާން ހިގައިގަތުމުން ލިބުނު ޝޮކާއިއެކު ސަވާނާގެ މޫނަށް ބަލައިލެވުނީ އެހީތެރިކަމަށް އެދޭފަދައަކުންނެވެ. ކޮންފަދަ ހަރުކަށި ނިންމުމެއް ހެއްޔެވެ. އެއްވެސް އިންސާނިއްޔަތުކަމެއް ހަމަ ނެތީއެވެ. ފަހަރެއްގައިވެސް އެފަދަ ހިތްދަތިގޮތަކަށް މިގެއިން ދާން ޖެހިދާނެކަމަކަށް އޭނަ ހިޔެއްނުކުރެއެވެ. ސަވާނާ ބުނީ ލުކުމާންގެ ގެކަމަށާއި އޭނައަކަށް ގޮތްނުކިޔޭނެ ކަމުގައެވެ. އާލިމާ އޭނައާއި ދޭތެރޭ ކޮންމެ ގޮތަކަށް ކަންތައް ކުރިނަމަވެސް އޭނަ މާފުކޮށްފައި އެގޭގައި ބަހައްޓަފާނެއެވެ. ނަމަވެސް ލުކުމާންއަކީ އޭނަގެ ވިސްނުން ހުރި މީހެއް ނޫނެވެ. ހަމްދަރުދީއާއި ކުލުނުގެ ކަންފުޅެއް އެހިތުގައިވާ އިންސާނެއް ނޫނެވެ. އާލިމާ ރޯންފެށުމުން ސަވާނާ ބުނީ ލިވިއާއަށް ގުޅުމަށެވެ. ލިވިއާ އޭނަ ހުންނާނެ ތަނެއް ހޯދައިދޭނެ ކަމުގައެވެ. އާލިމާ ރޮއިރޮއިފާ ލިވިއާއަށް ގުޅުމުން ބުނީ އޭނަގެ ކައިރިއަށް އެޕާޓްމެންޓަށް އައުމަށެވެ. ސަވާނާގެ ހިތަށް ކޮށްފައިވާ އަސަރު އޭނަ ހިތުގެ އެންމެ ފުންމިނުގައި ފޮރުވިއެވެ. އޭނަ ދާނީ ވަކި ކޮންތާކަށް ހެއްޔެވެ؟ އެންމެ ބޭނުންވީ ދުވަހު އިޒިކްވެސް އޭނަ ދޫކޮށްލާފައި ހިގައްޖެއެވެ. ބޮޑުދައިތަމެންނާއި ބައްޕަ ކޫސަނި ކަންތައްތަކާއި ހަގުރާމަކުރަމުންގޮސް އެމީހުންގެ އެހީއަކަށް އެދޭވަރަށް ވުރެ އެދޭތެރޭގައިވާ ގުޅުން ހީނަރެވެ.

ލިވިއާ ކައިދަންއާއި ލުކުމާންއަށް ގުޅަން ކުރި މަސައްކަތް ނާކާމިޔާބުވުމުން ބޯގޮވާވަރުވިއެވެ. ދެމީހުން ފޯނު ނިއްވާލައިގެން އުޅޭތީ ވާނުވާއެއް ނޭގެއެވެ. ކެތްނުކުރެވިގެން އެތައްފަހަރަކު މޭޕްލްވިލާ ކައިރިއަށް ދިޔުމުން މާޔޫސްކަން އިތުރުވުން ފިޔަވާ އެހެންކަމެއް ނުވިއެވެ. އެގޭގެ ދޮރާށި ހުރީ ތަޅުލާފައެވެ. ލުކުމާން ސަވާނާވެސް އެގެއިން ނެރެފައި އެކަނި އެގޭގައި ދިރިއުޅެންފެށީ އެވެ. ސަވާނާ ވާނީ ބޮޑުދައިތަމެންގެ ކައިރީގައި ކަން ޔަގީނެވެ. މާވިއްކާ ފިހާރައިގާ ހުންނައިރުވެސް އޭނަގެ ޚިޔާލުގައި ލުކުމާންއާއި ކައިދަން ފިޔަވާ އެހެން އެއްޗެއްނުވެއެވެ. އެދެމީހުން ދެން ނަގާނީ ކޮން ފިޔަވަޅެއްކަން ނޭގޭތީ ހިތުގައި ބިރުވެރިކަން ވަށާލާ ދިރިއުޅުމަށް ދަތިކޮށްފިއެވެ. އަބަދު ހިތަށް ބާރުކޮށްފައިވިއެވެ. އާލިމާއަށް ކުޑަ މުސާރައެއްދީގެން ފިހާރައިގާ ގެންގުޅޭއިރު އެޕާޓްމެންޓް ސާފުކޮށް ހުރިހާކަމެއް އެކުއްޖާ ކޮށްދީފާނެއެވެ. ނަމަވެސް ހުރިހާތަނެއްގެ ކުލި އޭނަ ދައްކާނީ ކިހިނެއްބާވައެވެ. ހުރިހާކަމަކާއިމެދު ވިސްނަން ޖެހި ޖެހި ލިވިއާގެ މޫނުގައި ހުންނަ ތާޒާކަމާއި ދެލޮލުގެ ވިދުން ގެއްލިއްޖެއެވެ.

އެޕާޓްމެންޓަށް ވަދެފާ ކައިދަން ފެނުމުން މިލާފައިވާ ހިތަށް ތަސައްލީއެއް ލިބި ކުޑަކޮށް ހީލެވިއްޖެއެވެ. ކައިދަންގެ ނިތްކުރީގައި ބެންޑޭޖެއް އަޅާފައިވާއިރު ތުންފަތަށް ލިބުނު އަނިޔާ ފަނޑުކޮށް ނަމަވެސް ފެންނާން ހުއްޓެވެ. ލުކުމާން ހުރިހާ ރުޅިއެއް ބޭލީ ކައިދަންއަށެވެ. އޭނަގެ ގައިގާ ނުޖެހީ ކީއްވެކަމެއް ނޭގުނެވެ. ލިވިއާ ކައިދަންގެ ގައިގާ ކުޑަކޮށް ބައްދާލުމަށްފަހު އޭނަ އެހާވަރަށް ގުޅުމުން ޖަވާބުނުދިނީ ކީއްވެހެއްޔޭ އަހާލައިފިއެވެ. ކައިދަން ބުނީ ކަން ހިނގިގޮތުން އެއްވެސް މީހަކާއި ކުރިމަތިލާން ބޭނުންނުވީކަމުގައެވެ.

"އަހަރެން ކުރީ ކުށެއް. ވަރަށް ބޮޑު ކުށެއް. ލޫކް ލިވީދެކެ ވާ ލޯބި އެނގިހުރެ އޭނައަށް ވަގަށް ލިވީއާއިއެކު ގަނޑުގަތީ. ލޫކް އެވާ ލޯބީގެ ކުޑަ ޕަސެންޓެއްވެސް މަށަކަށް ނުވެވޭނެ. ވާކަށް ނުވެސް އެނގޭނެ. ތެދުވެރި ލޯބީގެ ލައްޒަތާއި ނަސީބު ލިބޭނީ މަދުބަޔަކަށްކަން އެނގޭތަ." ކައިދަން ލުކުމާން ލިވިއާދެކެ ވީ މަތިވެރި ލޯތްބެއްކަން ބަޔާންކޮށްދިނެވެ. ހުރިހާ އަގުބޮޑު އެއްޗެއް ހޯދަދިނީ ލުކުމާން ލިވިއާދެކެ ލޯބިވީވަރުންނެވެ. އޭނަ ކައިރިން އަބަދު ލޯނު ހޯދީ ލިވިއާ އުފަލުގައި ބަހައްޓާށެވެ. ލިވިއާގެ ބޭނުންތަކަށެވެ. މަސައްކަތްކުރީ މޮޅު މީހަކަށްވާށެވެ. އަމިއްލަ ނަފުސަށްޓަކައެއް ނޫނެވެ. ލިވިއާއަށްޓަކައެވެ. ނަމަވެސް ލުކުމާންގެ ހިތް ހަލާލުކޮށްލީއެވެ. އެލޯތްބަށް ލިވިއާ ގަދަރެއްނުކުރިއެވެ. އެހާ ލޯބިވާނެ މީހެއް ލިވިއާއަކަށް ދުވަހެއްގެ ކޮޅުންވެސް ނުލިބޭނެއެވެ. ކައިދަންއަށް އިތުބާރުކުރިކަމީ ލިވިއާގެ މޮޔަކެމެވެ. ލުކުމާންގެ ލޯބީގެ ގާތުގައި އޭނަގެ ލޯތްބަކީ އެއްޗެއްނޫނެވެ. ކައިދަން ދެން ސުވާލުކުރީ އަގުބޮޑު ރޫބީ އަނގޮޓިއާއި ބެހޭގޮތުންނެވެ. އޭނަ މަސްނޫއީ އަނގޮޓިއެއްކަމަށް ހީކުރި އަނގޮޓީގެ އަގު ކައިދަންގެ ފަރާތުން އިވުމުން ހިތް މަސައްކަތް ނުކޮށް ހުއްޓައިލިއެވެ.

ލިވިއާ ފުންމައިގެންގޮސް އޭނަގެ އަލަމާރި ހުޅުވާލައިފިއެވެ. ވަތްގަނޑުތައް ދަމާ ފާސްކުރަންފެށިއެވެ. ފަހަރަކު ތަނެއް ބަލަމުން ދިޔައިރު ކައިދަން ދަތްދޮޅީގައި އަތްވިއްދާލައިގެން އިނެވެ. ލިވިއާ އަތްދަބަހާއި އެތަންމިތަން ހޯދިއެވެ. އެތައް އިރެއްވާންދެން ހޯދިއިރު ލިވިއާގެ ލޮލުން ކަރުނަ އަންނަމުން ދިޔައެވެ.

"އެހާ ލޯބިން ދިން އަނގޮޓިވެސް އެއްލައިލީދޯ. ލިވީގެ ހިތުގައި އޮތީ ކޮން ލޯތްބެއް؟ ކޮން އިހުސާސެއް؟ ލޫކް ހާދަ އިތުބާރެއްކުރިއޭ ހާދަ ޔަގީންކަމެއް އޮތޭ. އޭނަގެ ދުނިޔެއަކީ ލިވީކަމުގައި ބުނަމުން އައީ. ވަޓް ހޭވް ޔޫ ޑަން..........ލޫކްގެ ހިތުގައި އަލުން އިތުބާރު އުފަންކުރާނެ ގޮތެއް ދެން ބުނެބަލަ. އޭނަ ދުވަހަކު އަންހެންކުއްޖަކަށް އިތުބާރެއް ނުކުރާނެ. ކީއް މި ކުރެވުނީ.........." ކައިދަންގެ ވާހަކަތަކުން ލިވިއާގެ ރުއިން ގަދަވުން ނޫންކަމެއްނުވިއެވެ. އޭނަގެ އަތުން ބީވެގެން އެދިޔައީ އޭނަދެކެ ހާދަ ލޯބިވި އިންސާނެކެވެ. ރޮއިރޮއިފާ އޭނަ ހިތާހިތުން ލުކުމާން ކައިރިން މާފަށް އެދުނެވެ. ކައިދަން ބުނީ ލުކުމާންގެ ބޯހަރުކަމުގައެވެ. ފަސްއެނބުރި ބަލާނުލާނެކަމުގައެވެ. އެއީ ވަފާތެރި ތެދުވެރިމީހެއް ކަމުގައެވެ. އޭނައަށް ލުކުމާންގެ އެކުވެރިކަންހާ މުހިއްމު އެއްޗެއް މިދުނިޔޭގައި ނުވާކަމުގައި ބުނުމުން ލިވިއާގެ ހިތުގައި ބިރުވެރިކަމުގެ ފިނި ރާޅެއް ދުވެލައިފިއެވެ. އޭނައާއި ކައިދަންގެ ގުޅުމާއި ބެހޭގޮތުން ކައިދަން ވިސްނަނީ ކޮންގޮތަކަށް ހެއްޔޭ އަހާލާކަށްވެސް ނުކެރުނެވެ.

ލުކުމާން އެހާ ވަރުން ހޯދަދިން އަނގޮޓީގެ ހަގީގަތެއް ނުބަލާ އެއްލައިލެވުނީއެވެ. އޭނަ ގަސްތުކުރީ ކުރިން ހުރި އެޕާޓްމެންޓަށްގޮސް އެތަން ފާސްކުރުމަށެވެ. އެގޭގެ މީހަކަށް އަނގޮޓި ފެނިފާ ފޮރުވާފައި އޮވެދާނެއެވެ. އެހާ އަގުބޮޑު އެއްޗެއް ދީފައި ލުކުމާން އެވާހަކަ ބުނިނަމައެވެ. އޭނައަށް ކުރިން އެނގުނުނަމައެވެ.

ލުކުމާން ސިޓިންރޫމަށް ނުކުތުމާއިއެކު ނަޒަރު ހުއްޓުނީ ދެފައި ވަށްކޮށްލައިގެން ސޯފާއަކަށް އަރާ އިނދެ ޗީޒް ބޯލްސްކާން އިން ސަވާނާއަށެވެ. އަނގަމަތީގައި އޮރެންޖްކުލަ ހިފާލާފައިހުރީ ކުޑަކުއްޖެއްފަދައިންނެވެ. ލުކުމާން ޓީވީ ހުޅުވާލައިގެން ޗެނެލްތައް ބަދަލުކުރިޔަސް ކަމުދާ ކަހަލަ އެއްޗަކާއި ދިމަލެއްނުވިއެވެ. ފްލަފީ ބޯޅަ ފަހާ ސިޓިންރޫމް ކުޑަކުރަމުން ދުވެފައި އުޅޭލެއް ލޯބިކަމުން ލުކުމާންގެ ސަމާލުކަން ދޭތެރެއަކުން އަތުލައެވެ. ސަވާނާވެސް ސިއްރުސިއްރުން އޭނަގެ މޫނަށް ބަލާކަން ލުކުމާން ދަނެއެވެ. އެކަމަކު ރީތި އެހެން ފިރިހެނަކު ފެނުމުން އަންހެންކުދިންނަށް ހަމަ ކެތްނުވަނީއެވެ. ސަވާނާ ހަދަހަދައިގެން އޭނަ ވަރިކުރިކަމަށް ކިޔަންފެށުމުން އިޒިކްއިން ފެށިގެން އާލިމާވެސް އެހެރީ އެވާހަކަ ގަބޫލުކޮށްގެންނެވެ. އޭނަ ސަވާނާ ވަރިކުރުމުގެ ނިޔަތުގައި އެއްވެސް އެއްޗެކޭ ނުބުނާކަން އެނގެނީ އޭނަގެ ހިތަށެވެ. ވީއިރު ސަވާނާ އަދި ކޮންމެ ގޮތަކަށް ހަދަހަދައިގެން ވާހަކަދެއްކިޔަސް ވަރި ސާބިތުކޮށް ނުދެވޭނެއެވެ. ވަރިކުރަންދެން ސަވާނާ ހުންނާނީ އޭނަގެ އަންހެނުންގެ ގޮތުގައެވެ.

"އަދިވެސް ކެއުން ހުއްޓާލާކަށް ނުވޭތަ. ކައިކައި ފަލަކަމުން ގޮދަޑިއެކޭ ތަފާތެއްނެތެއްނު...."ސަވާނާ ޗިޕްސްދަޅެއް ކަނޑާލައިގެން ކާންފެށުމުން ލުކުމާން ބުމަ ކައިރިކޮށްލައިގެން ބަލަންއިނީ ބޮލަށް އުދަގޫވެފައިކަހަލަ ގޮތަކަށެވެ. މިއުމުރުގައިވެސް އަންހެންކޮށް އުޅޭކަށް ނޭގެއެވެ. ސަވާނާ ގެ ހިތުގައި ޖެހުނުކަން އެނގުނީ މޮޅިވެރިކޮށް ބަލާފައި އިސްޖަހާލައިގެން ބުދެއްހެން ހިމޭނުން އިނީމައެވެ.

ބޯގޮވާވަރުވިޔަސް މެއިޑެއް ލިބެންދެން ސަވާނާ ގެންގުޅެން އެބަޖެހެއެވެ. އަންހެނަކު ހުރުމުން ގެ ސާފުކޮށް ކުދިކުދިކަންތައް ކޮށްލެވޭނެތާއެވެ. އޭނަ އެހާ އަވަދިނެތި އުޅޭއިރު ހެދުން އެއްޗެހި އިސްތިރިކޮށްލަދޭން މީހަކު ހުރުމުން ލުއިވާނެއެވެ.

"ސިމްޕަތީ ހޯދަން މާ ދެރަވިކަމަށް ނެހެދި މަގޭ ހެދުންތައް އިސްތިރިކުރޭ. އެބަޖެހޭ މީޓިންއަކަށްދާން..." ލުކުމާން އަމުރުކުރިއެވެ. ސަވާނާ ފަސްދިނުމުން ލުކުމާންގެ ތުންފަތްމައްޗަށް ހިނިތުންވުމެއްވެރިވިއެވެ. އަދި އޭނަ ދައްކަން ޖެހޭ އެންމެ ޚާއްސަ ވާހަކަ އޮތީއެވެ. އެކަމަށް ސަވާނާ ތައްޔާރުކުރަން އޭނަ ސަވާނާގެ މަޑުފުށްކޮޅެއްފަދަ ހިތް ހަރުކުރަން ޖެހޭނެއެވެ. ނޫނީ އެވާހަކަ އިވިފައި އެކުއްޖާ އަނބުރައިގެންފާނެއެވެ.

ލުކުމާން ބޭރަށް ދާން ތައްޔާރުވެ ސެންޓްޖަހާލައިގެން ނުކުތްއިރު ސްމާޓްކަމުން ސަވާނާގެ ހިތް އޭގެ މަގާމުދޫކޮށް އުދުހިގެން ދިޔަހެން ހީވިއެވެ. ކޮންފަދަ ވަރުގަދަ ޝަޚުސިއްޔަތެއްހެއްޔެވެ؟ ހިތްގައިމުކަމުގެ ދެވަނައެއްނެތް ފުރިހަމަ މޫނެކެވެ. ތޫނު ކަޅިރަވައިގެ ޖާދޫގައި ނުޖެހޭނެ އަންހެންކުއްޖެއްވާނެ ބާވައޭ ހިތަށް އެރިއިރު ލުކުމާން ބަލައިލީ ހިތަށް އެރި އެއްޗެއް އެނގިގެން ފާޑަކަށެވެ. ލަދުންގޮސް ސަވާނާގެ މޫނަށް ޖަންބުކުލަވެރިވެއްޖެއެވެ. ލުކުމާން ކަޅުބޫޓަށް އެރުމަށްފަހު ބޫޓު ޕޮލިޝްކޮށްލަދޭން އެންގިއެވެ. ލުކުމާންގެ ކުރިމަތީގައި ދެކަކޫ ޖައްސާލައިގެން ސާދާކޮށް އިންއިރު މިއޮތް ފިނީގައިވެސް އެދޮންމޫނުގައި ހަރުލާފައި ހުރި ދާތިކިތައް މުތީތަކެއްފަދައިން ބަބުޅައެވެ. އިސްތަށިގަނޑު މައްޗަށް ކަހާލާފައި ވޫލްކޮޅަކުން އައްސާލާފައިވާއިރު ގަޔަށް ދޫކޮށް އޮތް ހުދު ހެދުމަކާއި ކަޅު ޓައިޓެއް ފިޔަވާ އެންމެ ގަހަނާއެއްވެސް ބޭނުންކޮށްފައެއްނެތެވެ.

"އަހަރެން އެބަޖެހޭ ސަވާނާއާއި ވާހަކައެއް ދައްކަން....އެކަމަށް ރެޑީ ވައްޗޭ....." ލުކުމާން ދޮރާއި އަރާ ހަމަވެފައި އެނބުރި ބަލައިލިއެވެ. އޭނަ ވަރަށް ގިނަ ދުވަހަށް އެ ސިއްރު ހިފަހައްޓައިފިއެވެ. އިތުރަށް ކެތްކުރެވޭނެކަމެއް ނޭގެއެވެ.

(ނުނިމޭ)

infinity loading...
×
DB released 01.