އިސްލާމްދީނުގައި ޖިހާދުގެ ތަޞައްވުރު - 2

ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ބަޔަކު އުމްރާއަށް ފުރަނީ - ފޮޓޯ: ހައްޖު ކޯޕަރޭޝަން

އަބްދުﷲ ފާރޫޤު ޙަސަން

ކައުސާހިބާ ޞައްލަﷲ ޢަލައިހިވަސައްލަމަ މުސްލިމުންގެ ސިފައިންނަށް ނުހަނު ގަދައަމުރުފުޅުން އަމުރު ކުރައްވައިފައިވަނީ އިސްލާމްދީން އެކަށައަޅައިފައިވާ ހަނގުރާމައިގެ ޤާނޫނުތަކަށް ފިލިންފިއްޔަށް ޢަމަލުކުރުމަށެވެ. އިތުރު ސާހިބާ އިރްޝާދް ދެއްވައިފައިވެއެވެ. ޗާޗުތަކާއި ދީނީއަޅުކަންކުރާ ތަންތަނާ ގުޅިފައިވާ މީހުންނާ ހުރަހޮޅި އެބައިމީހުން ޤަތުލު ނުކުރާށެވެ. މުސްކުޅިންނާއި، ކުޑަކުދީންނާއި، އަންހެނުން ހަނގުރާމައިގެ މައިދާނުގައި އަމާޒުފަތްގަނޑަކަށް ނަހަދާށެވެ. ގަސްތައް ކަނޑައި ބޭނުމެއްނެތި ޖަނަވާރުތައް ކަތިލައި ނަހަދާށެވެ.

އިތުރު ސާހިބާ ޞައްލަﷲ ޢަލައިހިވަސައްލަމަވަނީ ހަނގުރާމައިގައި ޤަތުލުވާމީހުންގެ ކަންފަތާއި ނޭފަތް ކެނޑުމާއި، ގުނަވަންތައް ބުރިކުރުން މަނާކުރައްވައިފައެވެ. އެއްވެސް މީހަކު ބަނދެފައި ބަހައްޓައިފައި އެމީހަކު އަމާޒުފަތް ގަނޑަކަށް ހަދައިގެން ލޮންސި ތީރުގެ ހެވިކަން ނުކުރާންވަނީ އަމުރުކުރައްވައިފައެވެ. އެއްވެސް މީހަކު އަންދައިނުލާންވަނީ ނުހަނު ބާރުލައްވައި އިރްޝާދުދެއްވައިފައެވެ. އިތުރުސާހިބާ ޙަދީޘު ކުރައްވައިފައިވާ ގޮތުގައި އަލިފާނުން އަޒާބުދެއްވުމަކީ މާތްﷲގެ ރަސްކަންފުޅަށް ޚާއްޞަވެ މިލްކުވެ ވޮޑިގެންވާ އިޚްތިޔާރެކެވެ. މިއަމުރުފުޅުން އެނގޭގޮތުގައި އިންތިހާ ދަރަޖައިގެ މަޖްބޫރީ ހާލަތެއްމެނުވީ އަލިފާންރޯވާފަދަ ހަތިޔާރާއި ނިއުކްލިޔަރ ހަތިޔާރު ބޭނުންކުރުމަކީ ރަނގަޅުކަމެއްނޫނެވެ. އެހެނީ މިފަދަ އަލިފާނުގެ ހަތިޔާރުތަކުން ސިފައިންގެ އިތުރަށް ހަނގުރާމައިގައި ބައިވެރިނުވެ ސުލްހަވެރިކަމުގައި ތިބޭ އާއްމުރައްޔިތުންގެ އެތައް ބަޔަކުވެސް ދަރަހަނާވެއެވެ.

ހަނގުރާމައިގެ ތެރޭގައި ފޭރުމާއި ލޫޓުވުމަކީ އިސްލާމްދީން އައުމުގެކުރީން އާއްމު އާދައެކެވެ. ސިފައިންނަށް އަތުލައިގަނެވުނު ކޮންމެމީހަކު އަޅުވެތި ކުރާންވީއެވެ. އަތުޖެހުނު ކޮންމެ މުދަލެއް ފޭރިގަންނާންވީއެވެ. އެއެއްޗެއް އެމީހަކަށެވެ. ސަރުކާރުތަކަކުންވެސް އެކަންކަމަކާ ނުބެހެއެވެ. ނަމަވެސް އިސްލާމްދީނުގެ ނަބިއްޔާ ޞައްލަﷲ އަލައިހިވަސައްލަމަވަނީ މުސްލިމުންނަށް އެކަން ނަހީކުރައްވައިފައެވެ. ސިފައިން ދަތުރުކޮށްފައިދާއިރު އާއި، މަންޒިލު ކޮށްގެން ތިބޭއިރު ސުލޫކު ބަހައްޓާން ޖެހޭ ގޮތުގެ އިރްޝާދުވެސްވަނީ ދެއްވައިފައެވެ. އެހެނިހެން ދަތުރުވެރީންނަށާއި އެސަރަހައްދުތަކުގެ ޞުލްޙަވެރި ރައްޔިތުންނަށް އުނދަގޫވެ ޖެހިލުންވާގޮތަށް އަސްކަރީ ފަރިތަކުރުންތައް ބާއްވައި އަޑުގަދަކޮށް ނަހަދަންވެސް ވަނީ އަންގަވައިފައެވެ.

ހަމައެފަދައިން ސަފާރަތީއަދަބުތަކަށް ފުރިހަމަޔަށް ރިޢާޔަތް ކުރުމަކީވެސް އިސްލާމްދީނުގެ ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަ ދުނިޔެއަށް ދަސްކޮށްދެއްވިކަމެވެ. މުސައިލަމަތުލް ކައްޛާބުގެ ޤާޞިދު ޢުބާދާ ބިން ޙާރިޘާމެދު ޙަދީޘުކުރެއްވިއެވެ. "ސަފީރެއް ކަމުގައިނުވާނަމަ ކަލޭގެ ޤަތުލުކުރެއްވީމުހެވެ."

ޙަޤީޤަތަށް ދަންނަވާނަމަ ހަނގުރާމައިގައިވެސް ތަހްޒީބާއި، މުރުއްވަތްތެރިކަމާއި، އިންސާނީވަންތަކަމާއެކު ކަންތައްތައް ކުރާން ދުނިޔެއަށް ދަސްކޮށްދެއްވީ ޢަރަބީންގެ ނަބިއްޔާއެވެ. މިއަދުގެ ދުނިޔޭގައި ހަނގުރާމައިގެ ޤާނޫނުގެ ގޮތުގައި ފާހަގަކޮށް ވާހަކަ ދެކެވޭ ހުރިހާ ރަނގަޅު ކަންކަމަކީ އިސްލާމްދީނުގެ ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަ ދުނިޔެއަށް ދަސްކޮށްދެއްވި ކަންތައްތަކެވެ. އެކަންތައްތަކުގެ ރަށްގޮވާއަޑަށެވެ. މިއަދުގެ ދުނިޔޭގައިވެސް އިންސާނިއްޔަތުގެ ޙުރުމަތްކަނޑައިލައިފައި ހިންގާ ޖަރީމާތައް ހިންގަމުން ގެންދަނީ މުސްލިމުންގެ ޖިހާދުގެ ތަޞައްވުރު ހުތުރު ކުރަން އަޑުގަދަކުރަމުންގެންދާ ހުޅަނގުގެ ޤައުމުތަކުންނެވެ. ޝިރުކުގެ ދައުލަތްތަކުންނެވެ.

މަތީގައި ޚުލާޞާގޮތެއްގައި އަލިއަޅުވައިލައިފައި އެވަނީ ހަނގުރާމަ ހިނގަމުންދާއިރު ހަނގުރާމައިގެ މައިދާނުގައި އަމަލުކުރުމަށް އިސްލާމްދީނުގައި ދީފައިވާ މަތިވެރި އިރްޝާދުތަކަށެވެ. ހަމައެފަދައިން އަރަހުށިމާތްﷲ މުސްލިމުންނަށް ހަނގުރާމަޔަކުން ފަތަޙަ ދެއްވައިފިނަމަ އަމަލުކުރުމަށްވެސް ވަނީ ވަރަށް އޯގާވެރި އަދި އެހައިމެ އިންސާނިއްޔަތުކަންހުރި ސުލޫކުތަކަކަށް އިރްޝާދުދެއްވައިފައެވެ. އިސްލާމްދީން އިރްޝާދު ދީފައިވަނީ ހަނގުރާމައިގެ ހައްޔަރީންނަށް މާފުކުރުމަށެވެ. ހެޔޮކޮށް ހިތުމަށެވެ. ކައުސާހިބާ ޞައްލަﷲ އަލައިހިވަސައްލަމަ މައްކާ ފަތަޙަ ކުރެއްވުމަށްފަހު ދައްކަވައިފައިވާ ނަމޫނާއަކީ އިންސާނީ ބުއްދިތައް ހައިރާންވެ އަންތަރީސްވާފަދަ ކުލުނުވެރި އޯގާވެރި ނަމޫނާއެކެވެ.

އިސްލާމްދީނުގެ ނަބިއްޔާ ޞައްލަﷲ އަލައިހިވަސައްލަމަ އަށާއި މުސްލިމުންނަށް އަނިޔާކުރުމުގެ ގޮތުން މައްކާގެ އަހްލުވެރީން އަޖުމަ ނުބަލާ އެއްވެސް ކަމެއްގެ ނަން އަނިޔާގެ ރަދީފުން ފެންނާކަށެއްނެތެވެ. ނަމަވެސް އަރަހުށިމާތް ﷲ މުސްލިމުންނަށް ނަސުރު ދެއްވައި މައްކާގެ އަހްލުވެރީން ބަލިވުމުން އިސްލާމްދީނުގެ ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަ މައްކާގެ މީހުންގެ ކިބަޔަކުން ބަދަލެއް ނުހިއްޕަވައެވެ. އަދި ކީއްތޯއެވެ. އެންމެންނަށް އާއްމު މައާފެއްދެއްވިއެވެ. ޙަދީޘު ކުރެއްވިއެވެ. "މިއަދަކު ތިޔަބައިމީހުންގެ މައްޗަކަށް އެއްވެސް ކުށެއްނެތެވެ. މަލާމާތްކުރެވުމެއްނެތެވެ. ތިޔަބައިމީހުންނަކީ މިނިވަނުންނެވެ. ތިޔަބައިމީހުން ދިޔަޔަސް އެންމެ ރަނގަޅެވެ." އަދި މިވަރަކުންވެސް ނިންމައެއް ނުލައްވައެވެ. އެބައިމީހުންގެ އިއްޒަތުއްނަފުސަށާއި ދަރަޖަވެރިކަމަށްވެސް ރިއާޔަތް ކުރެއްވިއެވެ. ޤުރައިޝުންގެ ވެރިޔާ އަބޫސުފްޔާނާ ބެހޭ ގޮތުން ޙަދީޘުކުރެއްވިއެވެ. "އޭނާގެ ގެއަށް ވަދެ ހުރެއްޖެ މީހަކީ އަމާންކަން ލިބިގެންވާ މީހެކެވެ." (މުސްލިމު، ކިތާބުލް ޖިހާދި، ބާބު ފަތަހަ މައްކާ)

މައްކާގެ މުޝްރިކުންކުރެ ހަތްދިހަ މީހުން ބަދުރު ހަނގުރާމައިގައި އަސީރުންގެ ގޮތުގައި ހައްޔަރުވިއެވެ. އަސީރުން މަދީނާއަށް ގެންދެވުނީ އެއުރެންގެ ދެއަތްބަނދެގެންނެވެ. އެކަމުން އެމީހުންނަށް ތަކުލީފުލިބޭކަން އެނގިވަޑައިގަތުމުން އިތުރު ސާހިބާއަށް އެރޭ އަވަހާރަފުޅެއް ނުލެއްޕެވުނެވެ. އެހެންކަމުން އެބައިމީހުންގެ އަތްތައްމޮހައި ދޫކޮށް ބަނުމަށް އަމުރުކުރެއްވިއެވެ. މަދީނާއަށް ވަޑައިގެންނެވުމަށްފަހު ސަހާބީންގެ އެކިބޭބޭކަލުންގެ ގޭގެއަށް ގައިދީން ބައްސަވައިލައްވައި ގައިދީން ބެލެހެއްޓެވުން ޞަޙާބީންނާ ހަވާލުކުރެއްވިއެވެ. ޞަޙާބީން ބަނޑުހައިފުޅުކަމުގައި ތިއްބަވައިގެން އަސީރުންނަށް ބަނޑުބޮޑުވާންދެން ކާންދެއްވިއެވެ. އެއްވެސް ކަހަލަ ތަކުލީފެއް ލިބުނަކަ ނުދެއްވައެވެ. އަސީރުންނަށް އާހެދުން ފައްސަވައި ދެއްވިއެވެ. އޭގެތެރޭގައި ތިބިފޯރުންތެރީންގެ އަތުންކުޑަކުޑަ ފިދުޔައެއް އަތުލެއްވުމަށްފަހު ދޫކޮށްލެއްވިއެވެ. ފިދުޔަ ދެވޭވަރުނުވާ ފަޤީރުން ދޫކޮށްލެއްވީ އެއްވެސް އެއްޗެއް އަތުލެއްވުމަކާ ނުލައެވެ. މުޅީންހިލެއެވެ.

ޙުނައިނު ހަނގުރާމައިގައި މުޝްރިކުންގެ ހަހާސްމީހުން ހައްޔަރުވިއެވެ. އާލަމަތަކަށް ރަހްމަތެއްކަމުގައި ފޮނުއްވި ސާހިބާ އެހުރިހާ އެންމެން މިނިވަންކުރައްވައި ދޫކޮށްލެއްވިއެވެ. މައްކާއަށް މީހުން ފޮނުއްވައިގެން އެއެންމެންމެންނަށް މިސުރުގެ މޮޅު ފޭރާން ބައްލަވައިގެންދެއްވިއެވެ. މިސުރުގެ ފޭރާމަކީ އެދުވަސްވަރު ވަރަށް ބޮޑަށް ފާހަގަކުރެވޭ މޮޅުފޭރާމެކެވެ. މަތީގައިއެވަނީ އިސްލާމްދީނުގެ ނަބިއްޔާ ދައްކަވައިފައިވާ ރީތި ޚުލުޤުފުޅެވެ. ހަނގުރާމައިގައި ފަތަހައާއި ނަސުރު ލިބިވަޑއިގެންނެވުމުން އިންސާނިއްޔަތަށް ބެހެއްޓެވި ކުލުނާއި އިހްތިރާމެވެ. އަނެއްކޮޅުން ޔޫރަޕުގެ ތާރީޚުގެ ޞަފްޙާތައް އުއްކަވަ ބައްލަވާށެވެ. ނަޕޯލިޔަން ތުރުކީއަސީރުންގެ ހަތަރުހާސް މީހުން ޤަތުލުކޮށްލެއްވީ ކީއްވެގެންތޯއެވެ. އެމީހުންނަށް ކާންބޯން ދެއްވުމަކީ ބުރައެއްކަމުގައި ފެނިވަޑައިގެންނެވުމުންނެވެ.

އިސްލާމްދީނުގައިވާ ޖިހާދުގެ ތަސައްވުރާ ބެހޭގޮތުން ވާހަކަ ދައްކާއިރު ހަނދާން ބަހައްޓަން ޖެހޭ އެއްކަމަކީ އިތުރުސާހިބާ ގެންނެވި މަތިވެރި އިންޤިލާބަށްޓަކައި ކުރެއްވި ހަނގުރާމަތަކުގައި ޖާނީ ނުގުސާން ލިބިފައިވާލެއް ވަރަށް ކުޑަކަމެވެ. އާދެ، ކައުސާހިބާ ސައްލަﷲ އަލައިހި ވަސައްލަމަގެ ޙަޔާތްޕުޅުގައި ކުރެވުނު ހުރިހާ ހަނގުރާމަ ތަކެއްގައި ޝަހީދުވި މުސްލިމުންގެ އަދަދު ތިންސަތޭކަޔަށްވެސް ނާރައެވެ. މުސްލިމުންނާއި މުޝްރިކުންގެ ތެރެއިން ޤަތުލުވެފައިވަނީ މުޅިއެކު އެއްހާސް އަށާރަ މީހުންނެވެ. ނަބަވީ ދައުރުގައި ހިނގައިފައިވާ ޣަޒްވާތަކާއި ސަރިއްޔާތަކުގެ އަދަދަށް ބަލާއިރު ޤަތުލުވެފައިވަނީ ކޮންމެ ހަނގުރާމަޔަކަށް ގާތްގަނޑަކަށް ބާރަވަރަކަށް މީހުންނެވެ.

ދެންނިކަން އެހެނިހެން ޤައުމުތަކުން އިންސާނިއްޔަތަށް ގެނެސްފައިވާ ހަލާކަށް އަވަސްކަޅިއެއް ހިންގައިލަމާތޯއެވެ؟ ހިންދީންގެ ތާރީޚަށް ނަޒަރު ހިންގާއިރު ހަމައެކަނި މަހާބަހާރަތުގައިވަނީ އެތަކެއް ލައްކަބަޔަކު ޤަތުލުވެފައެވެ. ކްރިސްޓިޔަން ދުނިޔޭގައި ޗާޗުތަކުގެ ނިޒާމުގެ ބާރާއި ނުފޫޒު ހިނގި ދުވަސްވަރު ޗާޗުން އުފައްދައިފައިވާ ދީނީ ކޯޓްތަކުން ހުކުމްކޮށްގެން ބާރަމިލިޔަން މީހުންވަނީ ޤަތުލުކޮށްފައެވެ. އޭގެތެރެއިން ބައްތިރީސްހާސް މީހުންނަކީ ދިރިތިއްބައި އަންދައިލެވުނު ނަސީބުދެރަމީހުންނެވެ. ތާރީޚުގެ އަހްލުވެރީން ދެނެވަޑައިގަންނަވާނެ ފަދައިން މުސްލިމުން އަލްޤުދުސު ފަތަޙަކުރީ ލޭއޮހޮރުވުމަކާނުލައެވެ. އެރަށުގެ ވެރިކަމުގައިތިބި ކްރިސްޓިޔަނުން މުސްލިމުންގެ އަމީރާ އެރަށުގެ ތަޅުދަނޑި ހަވާލުކުރީއެވެ. މުސްލިމުންގެ ވެރިކަމުގެ ދަށުގައި އެރަށް އޮތްވައި ކްރިސްޓިޔަނުން ބައިތުލް މަޤްދިސް ހިފުމަށްފަހުއެރަށުން ވަނީ ހަތްދިހަހާސް މުސްލިމުން ޝަހީދުކޮށްފައެވެ. އަންހެނުންނާއި، ކުޑަކުދީންނާއި، މުސްކުޅީން ހިމެނޭގޮތުންނެވެ. ނަމަވެސް މުސްލިމުން ހަމަ އެބައިތުލްމަޤްދިސް ދެވަނަ ފަހަރަށް ހިފިއިރު ސުލްޠާނުލް ޢާދިލް ސަލާހުއްދީނުލް އައްޔޫބީ އެރަށުގައި ތިބި ކްރިސްޓިޔަނުންގެ އެންމެނެންނަށް އަފޫއާއްމެއް ދެއްވިއެވެ. ކްރިސްޓިޔަނުން ޔަހޫދީންނާއެކު ދިރިއުޅޭން ބޭނުންނުވާތީ ދެބައިމީހުންގެ އާބާދީ ވަކިކޮށްދެއްވިއެވެ. ޔޫރަޕުގެ ޤައުމުތައް އިސްވެތިބެ ދުނިޔޭގައި ހިންގި ބޮޑު ހަނގުރާމައިގައި ގަތުލުވި މީހުންގެ އަދަދު "ތެތަށް ކެނޑުމަށްފަހު" ބަލައިލާއިރުވެސް ހަތްދިހަ ހަތަރު ލައްކަޔަށް އަރައެވެ.

ވިސްނައިވަޑައިގަންނަވާށެވެ. ތިމަންމެންނަކީ އިންސާނީވަންތަކަމުގެ ދިދައުފުލާމީހުންކަމަށާއި، ތަހްޒީބާއި ތަމައްދުނުގެ ވެރީން ކަމުގައި ދައުވާކުރާ މީހުން އިންސާނިއްޔަތު ކުދިކުދިކޮށް ސުންނާފަތިކޮށްފައިމިވަނީ ކިހައިވަރަކަށްތޯއެވެ.

އާދެ، މިދެންނެވި ތަފްޞީލު ތަކުން އަޅުގަނޑުމެންނަށް އެނގި ސާބިތުވަނީ އިސްލާމްދީނުގެ ޖިހާދުގެ ތަޞައްވުރަށް ނިރުބަވެރިކަމުގެ ހިޔަނިވެސް އެޅިލައިފައިނެތްކަމެވެ. އިސްލާމްދީނުގެ ނަބިއްޔާގެ ދިލައެއް މިލައެއްނެތް ޝަޚްޞިއްޔަތާއި، އިސްލާމްދީނުގައި ކުރެވިފައިވާ ޢަމަލި ޖިހާދުގައި އިންސާނިއްޔަތާ ޚިލާފު ކުޑަވެސް ކަންފުޅެއް ނެތްކަމެވެ. އިސްލާމްދީނާއި އެދިނުގެ ނަބިއްޔާ ބަދުނާމު ކުރަން މުޅިދުނިޔޭގައި އަޑުއަރުވާ މީހުންގެ ވާހަކަތަކުގެ އެއްވެސް ޙަޤީޤަތެއް ނެތްކަމެވެ. އެންމެ ދެރަކަމަކީ އިސްލާމްދީނުގެ ޙަޤީޤީ ތަސްވީރު ދުނިޔެއަށް ދައްކަން އަޅުގަނޑުމެން މުސްލިމުންނަށް އެކަށީގެންވާ މަސައްކަތްތަކެއް ނުކުރެވޭކަމެކެވެ. އިސްލާމްދީނުގެ ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަ އިންސާނިއްޔަތަށް ކުރެއްވި މަތިވެރި އިޙްތިރާމް ދުނިޔެއަށް ހާމަކޮށް ނުދެވޭކަމެވެ.

comment ކޮމެންޓް