ތިޔަ ލޯތްބާ ދުރަށްގެ ތީމް ލަވަ އާދިއްތަ ދުވަހު، ކެމެރާމަން ވެސް ފިލްމަށް ކުރާ އުންމީދު ބޮޑު

ތިޔަ ލޯތްބާދުރަށް ފިލްމުގެ މަންޒަރެއް -- ފޮޓޯ: ފޭސްބުކް

މަޝްހޫރު ވާހަކަ ލިޔުންތެރިޔާ މަރިޔަމް މޫސާ (މަރީ)، ޑައިރެކްޓް ކުރާ ފުރަތަމަ ފީޗާ ފިލްމު "ތިޔަ ލޯތްބާ ދުރަށް"ގެ ތީމް ލަވަ އަންނަ އާދިއްތަ ދުވަހު އާންމުންނަށް ދޫކޮށްލާނެ އެވެ.

އެ ލަވަ އަކީ މަޝްހޫރު ލަވަކިޔުންތެރިޔާ އިބްރާހިމް ނިފާރު (ތިއްތި)ގެ އަޑުން ކިޔާފައިވާ ހިތްގައިމު އަސަރުގަދަ ލަވަ އެކެވެ.

ތިޔަ ލޯތްބާ ދުރަށް އެ ލަވައިގެ ޅެމަކީ އިސްމާއިލް މުބާރިކްގެ ޅެމެކެވެ. އެ ލަވައިގެ މިއުޒިކް ހަދާފައި ވަނީ ވެސް ތިއްތި އެވެ.

އާދިއްތަ ދުވަހު ލަވަ ނެރުމަށް ތައްޔާރު ވަމުން އަންނަ ކަމަށް ފިލްމުގެ ޓީމުން ބުނެ އެވެ.

ފިލްމުގެ މަސައްކަތް ކުރިއަށް ދިޔަ ގޮތާ ގުޅޭ ގޮތުން ފިލްމުގެ ކެމެރާމަން އަދި ފިލްމުގެ އެސިސްޓަންޓް ޑައިރެކްޓަރު އަލީ ރަޝީދު (ގޮޅާ އައްޔަ) އާ ސަން އިން ސުވާލު ކުރުމުން އޭނާ ބުނީ ފިލްމުގެ ހުރިހާ މަސައްކަތްތަކާ މެދު ވެސް ވަރަށް ހިތްހަމަ ޖެހޭ ކަމަށެވެ.

ފިލްމުގެ ކެމެރާމަން އަދި އެސިސްޓަންޓް ޑައިރެކްޓަރު ގޮޅާ އައްޔަ---

އައްޔަ ބުނީ ތިޔަ ލޯތްބާ ދުރަށް އެ ފިލްމަކީ އެހެން ފިލްމުތަކާ ހިލާފަށް ބުރަ މަސައްކަތެއް ކުރެވުނު އުންމީދީ ފިލްމެއް ކަމަށެވެ. ފިލްމުގެ މުޅި ޓީމާ އެކީ މަސައްކަތްކޮށްލަން ފަސޭހަ ކަމަށާއި ކުރިން ވެސް މަލީހާ އަދި އަޒޭ ފަދަ ތަރިންނާ އެކީ މަސައްކަތްކޮށްފައި ހުންނާނެ ކަމަށެވެ.
"އަސްލު ބުނެވޭނީ މި ފިލްމަށް ވަރަށް ބުރަ މަސައްކަތް ކުރެވިފައި ހުންނާނޭ. ފިލްމުގެ މަންޒަރުތައް ވެސް ނަގާފައި ހުންނާނީ ލަންކާގެ އެކި އެކި ހިސާބުތަކުގައި. ސޯސަން ވިލާގައި ވެސް މަންޒަރުތަކެއް ނެގިން. ހުއްދަ ހޯދަން ޖެހޭ ފަރާތުން ހުއްދަ ހޯދައިގެން. ޓެކްނިކަލް މަސައްކަތްތައް ވެސް އައްޔަ މި ކުރަނީ ބޮޑަށް،" އޭނާ ބުންޏެވެ.

މިހާރު ކުރަމުން އަންނަނީ ފިލްމުގެ އެންމެ ފަހުގެ ތައްޔާރީތައް ކަމަށާއި މިހާރު ޑަބިންގެ 80 ޕަސެންޓް ނިމިފައިވާ ކަމަށް ވެސް ރާއްޖޭގެ އެންމެ ގިނަ ފިލްމު ކެމެރާ ކުރި ކެމެރާމަން އައްޔަ ސަން އަށް ބުންޏެވެ.

"ފިލްމަށް ހަމަ ވަރަށް ބޮޑަށް އުންމީދު ކުރަން. ހުރިހާ ތަރިންނާ އެކީ ވެސް މަސައްކަތް ކުރަން ފަސޭހަ. ވަރަށް ވަރުގަދަ ޓީމެއް މި ޓީމަކީ،" އައްޔަ ބުންޏެވެ.

ފިލްމުގެ ޝޫޓިންގެ މަސައްކަތް ކުރިއަށް ގެންދަނިކޮށް--- ފޮޓޯ/ ގޮޅާ އައްޔަ

ޑައިރެކްޓަރު މަރީގެ މަސައްކަތަށް އައްޔަ ވަނީ ތައުރީފުކޮށްފަ އެވެ.

ފިލްމްގެ ލީޑް ރޯލުން ފެނިގެން ދާނީ ކުޅަދާނަ ބަތަލު އަހުމަދު އަޒްމީލް (އަޒޭ) އާއި ކުރިއަރަމުން އަންނަ ބަތަލާ މަލީހާ ވަހީދު (މަލް)ގެ އިތުރުން ލަންކާގެ ބަތަލާއެއް ކަމަށްވާ އުދޭނީ އެވެ. ފިލްމްގެ ކާސްޓުންގެ ގޮތުގައި މަރިޔަމް ޝަހްޒާ އާއި އޭނާގެ ފިރިމީހާ އަލީ އަމަން ވެސް ފެނިގެންދާނެ އެވެ.

އަންނަ އޭޕްރިލް މަހުގެ 21 ވަނަ ދުވަހު ރިލީޒްކުރަން ހަަމަޖެހިފައިވާ އެ ފިލްމަކީ ލޯތްބާ ހިތާމަ އެކުލެވިގެންވާ، ތިނެސްކަން ލޯބީގެ މައްޗަށް އުފައްދާފައިވާ ފިލްމެކެވެ.

ދިވެހި ސިނަމާއަށް ވަންނަ މީހުން ބަލާހިތްވާ ފަދަ ފިލްމަކަށް "ތިޔަ ލޯތްބާ ދުރަށް" ވާނެ ކަމަށް ޓީމުން ބުނެ އެވެ.

comment ކޮމެންޓް