ޑާކްރެއިން އެންޓަޓެއިންމަންޓްގެ ފިލްމުތަކަކީ ބެލުންތެރިން އަބަދުވެސް މެދުކެނޑުމެއް ނެތި އިންތިޒާރު ކުރަމުން އަންނަ ފިލްމުތަކެކެވެ.
ދިގު އިންތިޒާރަކަށް ފަހު ޑާކްރެއިންއިން މިއަހަރު ގެނެސްދޭ ފުރަތަމަ ފިލްމު ވަކިން ލޯބިން ރޭ ވަނީ ޕްރިމިއާ ކޮށްފައެވެ.
ރޭ އޮލިމްޕަހުގައި ފިލްމު ޕްރިމިއާ ކޮށްފައިވާ އިރު ރެއަކީ ފިލްމުގެ މުޅި ޓީމަށް ވެސް ހާއްސަ ރެއެކެވެ. ފިލްމު ބެލުމަށްފަހު ބެލުންތެރިންގެ ފީޑް ބެކަށް ޓީމުން ވަނީ ފޮނި އިންތިޒާރެއްކޮށްފައެވެ.
ވަރުގަދަ ޓީމެއްގެ މަސައްކަތަށްފަހު ރޭ ފިލްމު ޕްރިމިއާ ކޮށްފައިވާއިރު ބެލުންތެރިން ވަނީ ފިލްމަށް ތައުރީފުކޮށްފައެވެ.
މުޖުތަމައުގައި މިހާރު އާންމުކޮށް ހިނގަމުން އަންނަ ކަންތައްތައް ދައްކުވައިދޭ ފެމެލީ ޑްރާމާ ބެލުމަށްފަހު ނުކުތް ބެލުންތެރިންގެ މޫނު މަތިން ފެނިގެންދިޔައީ ހިތްހަމަ ޖެހުމުގެ ކުލަވަރެވެ.
ފިލްމާ ގުޅޭ ގޮތުން ސަން އިން ސުވާލުކުރުމުން ބެލުންތެރިން ބުނީ ފިލްމާ މެދު ވަރަށް ހިތްހަމަ ޖެހޭކަަމަށެވެ.
"ފިލްމު ބަލަމުން ދިޔައިރު އިހްސާސްވީ އަހަރެންގެ ވާހަކަ ފިލްމެއްގެ ޒަރިއްޔާއިން ކިޔާދިން ހެން. އެ ކަހަލަ ގޮތަކަަށް އަހަރެންނަށް ވެސް ދިމާވި. ބުނެވޭނީ ފިލްމަކީ މޮޅު ރީތި ފިލްމެކޭ. ސްޓޯރީ ހަމަ އެއްވަނަ،" ފިލްމު ބެލުމަށްފަހު ނުކުތް އަންހެން ކުއްޖެއް ބުނީ މިހެންނެވެ.
ޖުމައްޔިލް ނިމާލު އަދި މަރިޔަމް މަޖުދާ ލީޑް ރޯލުން ފެނިގެން ދިޔަ އެ ފިލްމުގެ އިތުރު ތަރިންނަކީ ނުޒުހަތު ޝުއައިބު، ހަދީޖާ އިބްރާހިމް (ކުޑަ ހައްޖަ)، އާދަމް ސުނީ، އާދަމް ރިޒްވީ، މޯލްޑިވިއަން އައިޑަލް އިން ވިދާލި އިބްރާހިމް އަމަން ފަދަ ތަރިން ހިމެނެއެވެ.
"އަސްލު މި ފިލްމު ވެގެންދާނީ ގިނަ ބަޔަކަށް ބޮޑު އިންސްޕިރޭޝަން އަކަށް. ހަމަ ގައިމުވެސް އަހަރެންނަށް ބޮޑު އިބްރަތެެއް ހާސިލް ވެއްޖެ،" ބެލުންތެރިއެއް ބުންޏެވެ.
"މަލިކާ"އިން ދިވެހި ފިލްމު އިންޑަސްޓްރީއަށް ތައާރަފްވި ބަތަލާ ނުޒުހަތުގެ ރޯލަކީ ކުރީ އޭނާ ކުޅެފައި ހުރި ފިލްމުތަކާ ހިލާފަށް ތަފާތު ރޯލެކެވެ.
އައިޝަތު ފުއާދު ތައުފީގުގެ ސްކްރީން ޕްލޭ އަކަށް ތައްޔާރު ކުރި ވަކިން ލޯބިން ގެ ޑައިރެކްޓަކީ އެންމެ ފަހުން ބޭއްވި އަށް ވަނަ ދިވެހި ފިލްމު އެވޯޑްސްގައި އެންމެ މޮޅު ޑައިރެކްޓަރަކަށް ހޮވުނު އަލީ ޝިފާޢު (ޗިއްޕެ) އެވެ.
ފިލްމުގެ ތަރިންގެ ކިބައިން މޮޅު އެކްޓިން އެެއް ފެނިގެންދިޔައިރު އެ ފިލްމުގެ އިތުރު ފުރިހަމަ ކަމެއް ގެނެސްދިނީ ފިލްމުގައި ހަރަކާތްތެެރިވި ކުޑަކުޑަ ކުދިންނެވެ.
މުހައްމަދު އަލީ (މޮގާ) ޕްރޮޑިއުސްކުރި އެ ފިލްމުގެ މަންޒަރުތައް ރީތި ކަމަށް ފިލްމު ބެލި ގިނަ މީހުން ބުުންޏެވެ.