އަހަރެން ފިކުރާވި އިސްލާމްދީން: ތިޔަފަދަ ނަމޫނާއެއް ފެންނާނީ ކިހިނަކުންތޯއެވެ؟

މައްކާގެ ހަރަމްފުޅު-- ފޮޓޯ: އޭޕީ

ތަރުޖަމާ: އަބްދުﷲ ފާރޫގު ޙަސަން

މުސްލިމުންނަކީ ޖާހިލުބަޔެކެވެ. ގޮތްދޫނުކުރާ ބަޔެކެވެ. ރުޅިގަދަ ބަޔެކެވެ. އަނިޔާވެރިބަޔެކެވެ. ކިބުރުވެރިބަޔެކެވެ. ބޮޑާ ބަޔެކެވެ. މިއީ މުސްލިމުންނާ ބެހޭގޮތުން ޣައިރު މުސްލިމު އަޚުންގެ ތެރޭގައި އާއްމުވެފައި އޮންނަ ޚިޔާލުތަކެވެ. މުސްލިމުންނާމެދު ޢައިރު މުސްލިމުން ދެކޭގޮތެވެ. ނަމަވެސް މުސްލިމުންގެ ގާތަށްގޮސް ރަނގަޅަށް ހޯދައި ބަލައިލުމުން މެންދުރުގެ އިރެކޭ އެއްފަދައިން އަލިވެ ފެނިގެންދަނީ މުޅީން ތަފާތު ޙަޤީޤަތްތަކެކެވެ.

އިސްލާމްގެ މާނައަކީ އަމާންކަމެވެ. ސަލާމަތެވެ. އަޅުގަނޑަށް ހޯދުނުގޮތުގައި މަޑުމައިތިކަމާއި، ޖަޒުބާތުގެ މައްޗަށް ބާރުފޯރުއްވެވުމާއި، ނަފުސުގެ ބާރުތައް މަތަކުރެއްވުމުގައި އެންމެ ފުރިހަމަ ނަމޫނާއެއްވާ ކަމުގައިވާނަމަ އެނަމޫނާއަކީ މުޙައްމަދު ނަބިއްޔާގެ މަތިވެރި ޒާތުފުޅެވެ.

ހެޔޮލަފާ އެންމެންނަކީވެސް އަދި އުންމަތްތަކުގެ މުސްލިޙުންނަކީވެސް މަތިވެރި ސިފަތަކަކުން ސިފަލިބިވަޑައިގެން ތިއްބަވާ ބަޔެކެވެ. ނަމަވެސް އިންސާނީ ތާރީޚުގައި ލޯފުނާ އަޅާއިރު މުޙައްމަދު (ޞައްލަﷲ ޢަލައިހިވަސައްލަމަ) ފަދަ ޖާމިޢު ޝަޚްޝިއްޔަތެއް އެއްވެސް ތަނަކުން ފެންނާކަށެއްނެތެވެ. އަޅުގަނޑު މިކަން މިއިއުލާންކުރަނީ އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުންނެވެ. ފުރިހަމަ ޔަގީންކަމާއެކުގައެވެ. އަމިއްލަ ނަފުސަށް އިތުބާރު އޮވެގެންނެވެ.

އަރަބިކަރައިގެ ވެރިކަމުގައި ހުންނެވުމާއެކު ވެސް އެމާތްސާހިބާގެ އަމިއްލަފުޅު ކަންތައްތައް ކުރެއްވީ އަމިއްލަފުޅަށެވެ. ފައިވާން ޖޯޑުކޮޅު ފެއްސެވީ އަމިއްލަފުޅަށެވެ. ފޭރާންކޮޅުތައް ރަފޫކުރައްވައި ފޮތިއަޅުއްވައި ހެއްދެވީ އެބަރަކާތްތެރި ދެއަތްފުޅުންނެވެ. ނަޢަމުސޫފިތަކަށް ވިނަކާންދެއްވީ އަމިއްލަފުޅަށެވެ. އެސޫފިތަކުން ކިރުފެއްލެވީ އަމިއްލަފުޅަށެވެ. ނަޢަމުސޫފީގެ ކިރުހިއްޕަވައި އުޅުއްވި ވެރިންނާއި،އެތަކެތީގެ ކިރުން ނާނޭފިއްލެވި ރަސްރަސްކަލުން ތާރީޚުންވަނީ ފެނިފައެވެ. ނަމަވެސް ގެރިބަކަރީން އަމިއްލަފުޅަށް ކިރުފެއްލެވި ހަމައެކަނި ވެރިޔަކީ އިތުރުސާހިބާ ޞައްލަﷲ ޢަލައިހިވަސައްލަމައެވެ.

ދެކުނު އިންޑިޔާގައި ހިނގައިފައިވާ ހާދިޘާއެކެވެ. ހިންދީންގެ ރަޝީއެއް(އަޅުވެރިޔެއް) ވައިގައީ((Vaigai ކޯރުގެ މަށި އުފުއްލެވިއެވެ. އެރަޝީ އެކަންކުރެއްވީ އަމިއްލަޔަށް ބޭނުންފުޅުވެގެންނެވެ. މަޖޫރީ ކުރެއްވުމުގެ ގޮތުންނެވެ. ނަމަވެސް ރާޖާއަށް އެޚަބަރު ލިބިވަޑައިގަތުމުން ރަޝީގެ އިސްތަށިފުޅުގައި މަށިޓުކުރި ބެހެއްޓި ފަރާތަށް އަދަބުދެއްވިއެވެ.

ނަމަވެސް އަޅުގަނޑުމެންނަށް ފެނުނީ އިސްލާމްދީނުގެ ނަބިއްޔާ މަދީނާގެ މިސްކިތް ބިނާކުރެއްވިއިރު ހިލައުފުއްލެވިތަނެވެ. (މަދީނާގެ ދިފާޢުގައި ރަށްބޭރުގައި ޚަންދަޤު ކޮންނެވިތަނެވެ. މަދީނާގެ ދިފާއަށްޓަކައި ރަށުގެ ފާރުތައް އާބާތުރަ ފިލުވިއިރު މަޖޫޒީއަކު ފަދައިން މަސައްކަތްޕުޅުކުރެއްވިތަނެވެ.) ޝައްކެއްނެތެވެ. މިއީ ތާރީޚުން ދެވަނައެއް ނުހޯދޭނެ މިސާލުތަކެކެވެ. އެމާތް ސާހިބާގެ ދާންމަތިކޮޅު ނުހަނު ސާދާއެވެ. އަވަހާރަފުޅު ލެއްޕެވީ ބައެއްފަހަރު ސަޓާގަނޑެއްގައެވެ. އަނެއްބައިފަހަރު ދިބާޣުކުޅަހަމެއްގެ މަތީގައެވެ. އަދި ކީއްތޯއެވެ؟ ބައެއްފަހަރު ބިންމަތީގައި އޮށޯވެވަޑައިގެން ވެސް އަރާމުކުރެއްވިއެވެ.

އެމާތްސާހިބާގެ ގެކޮޅު ހެއްދެވީ ކައްޗާ މަށީންނެވެ. ފުރާޅުކޮޅުބެންނެވީ ކަދުރު ރުކުގެ އޮށީންނެވެ. ފުރާޅުލެއްވީ ކަދުރުގެ ފަނުންނެވެ. އަނެއްކޮޅުން އެމާތް ސާހިބާއަކީ ދުނިޔެއިން މޫނު އަނބުރުއްވައި ލައްވައިގެން ހުންނެވި ރާހިބެއްނޫނެވެ. އަދި ކީއްތޯއެވެ؟ އެޒަމާނުގެ އެންމެ ބާރުހުރި އެއްވެރިޔެކެވެ. އަރަބި ބައްރުގެ ވެރިޔާއެވެ. (އެމާތްސާހިބާގެ އެކުވެރީންގެ ހިތްޕުޅުތަކުގެވެރި ޝާހެން ޝާހެވެ. އެބޭކަލުން ތިއްބަވަނީ އެމާތް ސާހިބާ ވުޟޫކުރައްވާއިރު އޮހޮރޭ ފެންފޮދަށްވެސް ދަހިވެތިވެވަޑައިގެންފައެވެ.) އަޖައިބުފުޅެއް ނުވޭތޯއެވެ. މިހިރަމިހިރަ ހުރިހާ ކަންކަމަކާއެކުވެސް އެމާތް ސާހިބާގެ ސާދާކަމާމެދުގައެވެ. މިކަންކަން ހިތަށް އަރުވައިލުމުން އަޅުގަނޑުގެ ހިތަށްވަނީ އަޖައިބުވާފަދަ ގޮތްތަކެކެވެ.

އެމާތް ސާހިބާ އަބަދުވެސް ހުންނަވަނީ ހިނިވަރުނަ ކުރައްވައިގެންނެވެ. ހަޅޭފުޅުލައްވައެއް ނުހައްދަވައެވެ. ކޯފާއިހެއް ނުކުރައްވައެވެ. ކަކައަޅުއްވައި ހިނިފުޅުވަޑައެއް ނުހައްދަވައެވެ. އެންމެންނަށްވެސް އަތްބާރުއަޅުއްވައިދެއްވިއެވެ. ހިންގަވައި އުޅުއްވީ ހަރުދަނާކަމާއެކުގައެވެ. އަނެކަކު ސަލާންކުރަންދެން އިންތިޒާރެއް ނުކުރުއްވައެވެ. އެންމެންނަށްވެސް އިސްވެ ސަލާމްކުރެއްވިއެވެ. އެހެން އެއްވެސް މުހުތާދުފުޅަކުނޫނެވެ. ހިތްޕުޅުހެޔޮކަމުގެ ސަބަބުން އެންމެންނާވެސް އިސްވެ ސަލާމްކުރެއްވީއެވެ. މުސްކުޅީންނަށް ކަމޭހިއްތެވިއެވެ. ކުޑަކުދީންނަށް އޯގާތެރިވެ ވަޑައިގެންނެވިއެވެ. މީހަކު ދަންނަވައިފިނަމަ ރަހުމްވެރިކަމާއި، ހޫނު ތަރުޙީބާއެކު ޖަވާބުދެއްވައެވެ. ވެއްޓިފައިދަށުވެފައިއޮތް މީހަކު ކަމުގައިވިޔަސް ވެހެވެ. ދުނިޔޭގެ މީސްތަކުންގެ ކުރިމަތީގައި ދެރަ ނިކަމެއްޗަކަށް ވިޔަސްވެހެވެ. މީހަކު އެހީއަކަށްއެދި ދަންނަވައިފިނަމަ އެމީހަކަށް އެހީވެވަޑައިގަތުމަށް އަވަސްވެވަޑައިގެންނެވިއެވެ. އާދެ އެންމެމާތް، އެންމެ މަތިވެރި އެންމެ ޚުލުގުފުޅުހެޔޮ މަތިވެރި ޝަހްސިއްޔަތެއްގެ ވެރިޔަކީ އެމާތް ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމައެވެ. މިއީ ޝައްކަކަށް ވަސްވާހަކަށް ޖާގައޮތްކަމެއްނޫނެވެ.

އިތުރު ސާހިބާ ދުވަހަކުވެސް މީހަކާ ނުރުހުންވެވަޑައިގެން ހަރުކަށިފުޅުކޮށް ވާހަކަފުޅެއް ނުދައްކަވައެވެ. މީހަކަށް އިންޒާރެއް ނުކުރައްވައެވެ. މީހަކަށް ލައުނަތެއް ނުދެއްވައެވެ. އެއްވެސް މީހަކަށް އެއްޗެހިވިދާޅެއްނުވެއެވެ. މާތްމީހުންކުރެ ވަރަށްގިނަ ބޭފުޅުންގެ އުޅުއްވުން ހުރިގޮތް އަޅުގަނޑުމެން ދަންނަމުއެވެ. އެބޭފުޅުން ގެކޮޅުތަކުން ބޭރުގައި އުޅުއްވާއިރު ވަރަށް ނިއަނެއްޗެވެ. އޯގާވެރިއެވެ. މަޑުމައިތިރިއެވެ. ކެތްތެރިއެވެ. ހިފެހެއްޓެވުންތެރިއެވެ. ނަމަވެސް އެބޭފުޅުންގެ އާއިލާއާއި މުވައްޒަފުންނާއި، ގެންގުޅުއްވާމީހުންގެތެރޭގައި އުޅުއްވާއިރު މުޅިންތަފާތެވެ. ހަރުކަށިފުޅެވެ. ކޯފާގަދައެވެ. މުރަނަފުޅެވެ. ހުތުރުބަސްފުޅުން އަޑުލައިއުޅުއްވައެވެ. މީގެ މުޅީން އިދިކޮޅު މިސާލަކީ އިސްލާމްދީނުގެ ނަބިއްޔާއެވެ. އެމާތް ސާހިބާ އާއިލާ ތެރޭގައިވެސް އުޅުއްވީ ގަނޑުވަރުން ބޭރުގައިވެސް އުޅުއްވިފަދައިންނެވެ. އެހައި ނިޔަނެތިކޮށެވެ. އެފަދަ މަޑުމޮޅިކޮށެވެ. ނިހާޔަތަށް ކޯފާ މަޑުކޮށެވެ. ނޯކަރުންނާއި ޚާދިމުންނާ މުއާމަލާ ކުރެއްވީވެސް ހަމަ އެރީތި ޚުލުގުފުޅާއެކުގައެވެ.

އިތުރުސާހިބާއާ ބައްދަލުވާ މީހަކު މުޞާފަހާ ކުރަން އަތްދިއްކޮށްލައިފިނަމަ އެމީހެއްގެ އަތަށް އަތްޕުޅު ދެއްވައެވެ. އެމީހަކު އަތްޕުޅުންދޫކޮށްލާންދެން އަތްޕުޅު ދަންމަވައެއް ނުގަންނަވައެވެ. އެމީހަކާ ވާހަކަފުޅުދައްކަވައެވެ. މީހުނާ ވާހަކަ ދައްކަވާއިރު ފުރިހަމަ ސަމާލުކަމާާއެކު އަނެކުންގެ ވާހަކަ އަޑުއައްސަވައެވެ. މުޅިހަށިކޮޅު އެމީހުނާ ކުރިމަތިކުރައްވައެވެ. ޞަހާބީންނާއެކު ތަންތަނަށް ވަޑައިގަންނަވާއިރު އެބޭކަލުންނާ އަތްޕުޅު ޖޯޑުކުރައްވައިގެންވަޑައިގަންނަވައެވެ. މީހުނަށް ގޮވައިލައްވަނީ ލޯބިފުޅާއި، ކަމޭހިއްތެވުމާއެކުގައެވެ. އެމާތްސާހިބާއާ މީހަކު ހަރުކަށިކޮށް ވާހަކަދެއްކިކަމުގައިވިޔަސް ކެތްތެރިވެ ވަޑައިގެންނެވިއެވެ. ބަރުދާސްކުރެއްވިއެވެ. އެމާތް ސާހިބާއަކީ ލަދުވެތިކަމުގެ ނަމޫނާ އެކެވެ. މާތް އާއިލާއެއްގެ އިއްފަތްތެރި ޅަޅައަންހެންކުއްޖަކަށްވުރެވެސް އެމާތް ސާހިބާގެ ލަދުވެތިފުޅުކަން ހުންނަނީ ކުރިޔަށެވެ.

މިފަދަ މަތިވެރި އިންސާނަކު ތިމައުރެންނަށް މަގުދައްކަވާ ފަރާތަކަށް ހަދާނީ ޔަގީނުންވެސް ނަސީބުވެރި ބަޔެކެވެ. އެމީހުންގެ ނަމަކީ އިސްލާމުންނެވެ. މުސްލިމުންނެވެ. އިތުރުސަހިބާ އަށް ތަބާވާ މީހުންގެ ކިބައިން މިހާރުވެސް މި މަތިވެރި ސިފަތަކުގެ ކުލައާއި އަސަރުފެނެއެވެ. ޝައްކެތްނެތް ގޮތުގައި އެއީ އެމަތިވެރި ނަބިއްޔާ ކުރައްވައިފައިވާ ސަދަގާތެއްގެ ބަރަކާތްތެރި އަސަރެވެ.

comment ކޮމެންޓް