ޑާކްރެއިން އެންޓަޓެއިންމަންޓްގެ އަހަރުގެ ފުރަތަމަ ފިލްމު "ވަކިން ލޯބިން" މިރޭ ޕްރިމިއާ ކުރާނެއެވެ.
ޒުވާން ދެމަފިރިން ކައިވެނިކޮށް ކުއްޖަކު ލިބޭ ފަހުން އެ ދެމީހުންގެ ކައިވެނިން ފެނިގެންދާ މައްސަލަތައް ހައްލުނުވެ، ދެމަފިރިން ވަކިވާ ހިސާބުން ދިމާވާ ބޮޑެތި މައްސަލަތަށް ފިލްމެއްގެ ޒަރިއްޔާ އިން ދައްކުވައިދޭނެއެވެ.
މިހާރުގެ މުޖުތަމައުގައި އެފަދަ ކަންތައްތައް ގިނަވެފައިވާއިރު، ފިލްމު "ވަކިން ލޯބިން" އަކީ މިއަދުގެ މުޖުތަމައުއާ ވަރަށް އެކަށޭނެ ފިލްމެކެވެ.
ފެމެލީ ޑްރާމާ އިން ދިވެހި މުޖުތަމައުއަށް ވަރުގަދަ މެސެޖެއް ރައްދުކޮށްދޭނެ ކަމަށް ފިލްމުގެ ޕްރޮޑިއުސަރު މުހައްމަދު އަލީ (މޮގާ) ބުންޏެވެ.
ފިލްމު ޕްރިމިއާ ކުރުމުގެ ކުރިން ބުނެލާނެ ފަހު ވާހަކަ އަކީ ކޮބައިތޯ ސަން އިން ސުވާލުކުރުމުން މޮގާ ބުނީ ފިލްމުގެ މަސައްކަތްތަކާ މެދު ވަރަށް ހިތްހަމަޖެހޭ ކަމަށެވެ. ހުރިހާ ސައިޑަކުން ބެލިކަމުގައިވީ ނަމަވެސް ވަކިން ލޯބިން ވެގެންދާނީ މޮޅު ފިލްމަކަށް ކަމަށް އޭނާ ބުންޏެވެ.
"ފިލްމަކީ ވަރަށް ފުރިހަމަ ފިލްމެއް. ފިލްމާ މެދު ކުރެވޭ އުންމީދުތައް ވަރަށް ބޮޑު. ފިލްމުގެ ވިޔަފާރި ރަނގަޅުވާނެ ކަމަށް އުންމީދު ކުރެވެނީ،" އޭނާ ބުންޏެވެ.
އައިޝަތު ފުއާދު ތައުފީގުގެ ސްކްރީން ޕްލޭ އަކަށް ފިލްމު ތައްޔާރުކޮށްފައިވާއިރު ފިލްމަށް ކޮންމެ ތަރިއެއްގެ ވެސް މެކްސިމަމް ދީފައިވާނެކަން ގައިމެވެ.
"ފިލްމު ބޭސް ކޮށްފަ އިންނާނީ ވަރުގަދަ މެސެޖަކަށް. ރާއްޖޭގައި އާއިލާ ތަކުގައި ހިނގާ އެންމެ ބޮޑު އެއް މައްސަލައަކަށް ތައްޔާރުކޮށްފައި އިންނާނީ. ތިމާއަށް އެ ކަން ދިމާ ނުވިޔަސް ފިލްމު ބަލަމުންދާ ވަގުތު އިހްސާސް ވާނެ ދަންނަ ކޮންމެވެސް މީހަކު އެ މައްސަލަގަނޑު ތެރޭ އުޅޭކަމަށް،" މޮގާ ސަން އަށް ކުރިން ދިން އިންޓަވިއުއެއްގައި ބުންޏެވެ.
އެންމެ ފަހުން ބޭއްވި އަށް ވަނަ ދިވެހި ފިލްމު އެވޯޑްސްގައި އެންމެ މޮޅު ޑައިރެކްޓަރަކަށް ހޮވުނު އަލީ ޝިފާޢު (ޗިއްޕެ) ޑައިރެކްޓް ކުރާ އެ ފިލްމުގެ ލީޑް ތަރިންނަކީ މަރިޔަމް މަޖުދާ (މަޖޫ) އަދި ޖުމައްޔިލް ނިމާލު (ޖުމަލް) އެވެ.
ނުޒުހަތު ޝުއައިބު، ހަދީޖާ އިބްރާހިމް (ކުޑަހައްޖަ)، އަހުމަދު ސުނީ، އާދަމް ރިޒްވީގެ އިތުރުން މޯލްޑިވިއަން އައިޑަލްގެ ފުރަތަމަ ސީޒަނުން ފެނުނު އިބްރާހިމް އަމަން ވެސް ވަކިން ލޯބިން ފެނިގެންދާނެއެވެ.
ފިލްމު މިރޭ އޮލިޕަހުގައި ޕްރިމިއާ ކުރާއިރު އަތޮޅު ތެރޭގައި ވެސް ފިލްމުގެ ޝޯތައް ދެއްކުމަށް ވަނީ ހަމަޖެހިފައެވެ.