ބެނާޑޯ ސިލްވާގެ ލަނޑުން ޗެލްސީ ބަލިކޮށް، ސިޓީން 18 ޕޮއިންޓުގެ ލީޑެއް ހޯދައިފި

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ ކޮޅަށް ލަނޑު ޖެހުމަށްފަހު ސިޓީގެ ބެނާޑޯ ސިލްވާ އުފާފާޅުކުރަނީ: އެ މެޗުން ސިޓީ މޮޅުވީ 1-0ގެ ނަތީޖާއަކުން --- ފޮޓޯ/ އޭޕީ

ޕޯޗުގަލް މިޑްފީލްޑަރު ބެނާޑޯ ސިލްވާގެ ލަނޑުން ޗެލްސީ ބަލިކޮށް، މެންޗެސްޓާ ސިޓީން އިނގިރޭސި ޕްރިމިއާ ލީގު ތާވަލުގެ އެއްވަނައިގައި 18 ޕޮއިންޓުގެ ލީޑެއް ހޯދައިފިއެވެ.

އަމިއްލަ ދަނޑުގައި ރޭ ކުޅުނު މެޗުގައި ޗެލްސީގެ މައްޗަށް ސިޓީން ކުރި ހޯދީ 1-0ގެ ނަތީޖާއަކުންނެވެ. މިވަގުތު 18 ޕޮއިންޓުގެ ލީޑެއްގައި ސިޓީ އޮތް ނަމަވެސް، މިއަދު ކްރިސްޓަލް ޕެލަސް އަތުން މެންޗެސްޓާ ޔުނައިޓެޑް މޮޅުވެއްޖެ ނަމަ، އެ ލީޑު 16 ޕޮއިންޓަށް ކުޑަވާނެއެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި ސިޓީއާއި ޗެލްސީ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ސިޓީ މޮޅުވީ 1-0ގެ ނަތީޖާއަކުން --- ފޮޓޯ/ އޭޕީ

ރޭ ކުޅުނު މެޗުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ސިޓީން މޮޅު ކުޅުމެއް ދައްކާފައިވެއެވެ. މެޗުގެ ފުރަތަމަ ހާފުގައި ސިޓީން އެޓޭކިން ގޭމެއް ކުޅުނު ނަމަވެސް، ޗެލްސީގެ ގޯލަށް މާބޮޑު ނުރައްކަލެއް ކުރެވިފައެއް ނުވެއެވެ. ފުރަތަމަ ހާފުގައި އެންމެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔައީ ސިޓީގެ ލެރޯއީ ސާނޭއަށެވެ. މެޗުގެ 27 ވަނަ މިނެޓުގައި އޭނާ ފޮނުވާލި އެ ހަމަލާ އަމާޒުވީ ޗެލްސީގެ ގޯލުގެ އަރިމަތީ ދަނޑިއަށެވެ.

ސިޓީން މެޗުގެ ލީޑު ހޯދީ ދެވަނަ ހާފު ފެށިތާ މިނެޓެއް ތެރޭގައެވެ. ޑޭވިޑް ސިލްވާ ދިން ރީތި ބޯޅައަކުން ސިޓީއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ މިސީޒަނުގައި މޮނާކޯއިން އެޓީމާ ގުޅުނު މިޑްފީލްޑަރު ބެނާޑޯ ސިލްވާއެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ ޗެލްސީގެ ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުރެ، ފޮނުވާލި ހަމަލާއަކުންނެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި ސިޓީއާއި ޗެލްސީ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ސިޓީ މޮޅުވީ 1-0ގެ ނަތީޖާއަކުން --- ފޮޓޯ/ އޭޕީ

ސިޓީއަށް ދެވަނަ ހާފުގައިވެސް ރަނގަޅު ފުރުސަތުތަކެއް ލިބިގެންދިޔައެވެ. އެގޮތުން ޑޭވިޑް ސިލްވާއާއި ކެވިން ޑިބްރޭނާއަށް ލިބުނު ފުރުސަތެއް ފާހަގަކޮށްލެވެއެވެ. ދެވަނަ ހާފުގައިވެސް ޗެލްސީއަށް ސިޓީގެ ގޯލަށް މާބޮޑު ނުރައްކަލެއް ކުރެވިފައެއް ނުވެއެވެ.

ޕްރިމިއާ ލީގުގެ ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް 29 މެޗުން 78 ޕޮއިންޓް ލިބިފައިވާ އިރު، ދެވަނައިގައި އޮތް ލިވަޕޫލަށް 29 މެޗުން ލިބިފައިވަނީ 60 ޕޮއިންޓެވެ. ތާވަލުގެ ތިންވަނައިގައި އޮތް ޔުނައިޓެޑަށް 28 މެޗުން 59 ޕޮއިންޓް ލިބިފައިވާ އިރު، ރޭގެ މެޗުގައި ސިޓީ އަތުން ބަލިވި ޗެލްސީ އޮތީ ކުޅުނު 29 މެޗުން ލިބުނު 53 ޕޮއިންޓާއެކު ތާވަލުގެ ފަސްވަނައިގައެވެ. ޗެލްސީގެ ކުރިން ތާވަލުގެ ހަތަރުވަނައިގައި އޮތް ޓޮޓެންހަމް ހޮޓްސްޕާއަށް ލިބިފައިވަނީ 58 ޕޮއިންޓެވެ.

comment ކޮމެންޓް