ރެލިގޭޝަން ޒޯނުގައި އޮތް ލަސް ޕަލްމާސްއިން ބާސާ ހުއްޓުވައިފި

ސްޕެނިޝް ލީގުގައި ބާސެލޯނާއާ ލަސް ޕަލްމާސް ބައްދަލުކުރި މެޗު ނިމުނީ 1-1އިން އެއްވަރުވެގެން-- ފޮޓޯ: އޭޕީ

ސްޕެނިޝް ލަ ލީގާގެ ރެލިގޭޝަން ޒޯނުގައި އޮތް ލަސް ޕަލްމާސް އިން ތާވަލުގެ އެއްވަނައިގައި އޮތް ބާސެލޯނާ ހުއްޓުވައިފިއެވެ.

ރަށުން ބޭރުގައި ރޭ ބާސާ ކުޅުނު މެޗު ވަނީ، 1-1ގެ ނަތީޖާއަކުން އެއްވަރުވެފައެވެ. މި ނަތީޖާއާއެކު، ބާސާއަށް ލީގު ތާވަލުގައި ލީޑު ފުޅާކުރަން ލިބުނު ފުރުސަތުވެސް ވަނީ ގެއްލިފައެވެ.

ރޭގެ މެޗުގެ 21 ވަނަ މިނިޓްގައި ބާސާއަށް ލީޑު ނަގައިދިނީ އެޓީމުގެ ސުޕަރސްޓަރ ލިއޮނަލް މެސީއެވެ.

ބާސާ ލީޑުގައި އޮވެގެން ފުރަތަމަ ހާފް ނިންމާލި ނަމަވެސް، ދެވަނަ ހާފް ފަށައިގެން 3 މިނިޓް ތެރޭގައި ލަސް ޕަލްމާސް އިން ވަނީ ނަތީޖާ ހަމަހަމަކޮށްފައެވެ. އެޓީމަށް ލިބުނު ޕެނަލްޓީއަކުން ޕަލްމާސްއަށް ނަތީޖާ ހަމަހަމަކޮށްދިނީ ޖޮނަތަން ކެލަރީއެވެ.

ސްޕެނިޝް ލީގުގައި މިހާތަނަށް ކޮންމެ ޓީމެއްވެސް 26 މެޗު ކުޅެފައި ވާއިރު، ބާސާ އެއްވަނައިގައި އޮތީ 66 ޕޮއިންޓާއެކު އެވެ. ދެވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑަށް ވަނީ 61 ޕޮއިންޓު ލިބިފައެވެ.

ލަ ލީގާ ރޭހުގައި ކުރިއަށް އޮތީ މި ދެޓީމުގެ ކުރިމަތިލުމަކަށް ވާއިރު މި މެޗު ވެގެން ދާނީ ދެޓީމަށް ވެސް ވަރަށް މުހިއްމު މެޗަކަށެވެ.

ބާސާއާ އެތުލެޓިކޯ ބައްދަލުކުރާ ލަ ލީގާ މެޗު ކުޅޭނީ އަންނަ އާދީއްތަ ދުވަހުގެ ރޭ، 20:15ގައި ބާސާ ދަނޑުގައެވެ.

comment ކޮމެންޓް