އަބްދުﷲ ސައީދާއި އަލީ ހަމީދު ފަނޑިޔާރުކަމުން ވަކިކުރުމަށް އަދުރޭ ގޮވާލައްވައިފި

ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) --- ސަންފޮޓޯ/ ފަޔާޒު މޫސާ

އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު މުހައްމަދު ފަނޑިޔާރު ކަމުން މިހާރުން މިހާރަށް ވަކިކުރުމަށް ސަރުކާރު ހިންގާ ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ގޮވާލައްވައިފިއެވެ.

ޖަލުގައި ތިއްބެވި އިދިކޮޅު ލީޑަރުން މިނިވަންކުރުމަށް މިދިޔަ ފެބްރުއަރީ މަހުގެ އެއް ވަނަ ދުވަހުގެ ރޭ ސުޕްރީމް ކޯޓުން ނެރުނު އަމުރަށްފަހު އަބްދުﷲ ސައީދާއި އަލީ ހަމީދު ވަނީ ހައްޔަރުކޮށްފައެވެ. ފުލުހުން ތުހުމަތުކުރާގޮތުގައި އެއީ ފަނޑިޔާރުންނަށް ރިޝްވަތުދީގެން ނެރެފައިވާ އަމުރެކެވެ.

މިއަދު ޕީޕީއެމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަދުރޭ ވިދާޅުވީ އަބްދުﷲ ސައީދާއި އަލީ ހަމީދު އިސްކޮށް ތިއްބަވައިގެން ނެރުނު އަމުރުގެ ސަބަބުން ރައްޔިތުން ސުޕްރީމް ކޯޓާ މެދު ކުރާ އިތުބާރު ގެއްލިގެން ގޮސްފައިވާ ކަމަށެވެ.

"އެ ބޭފުޅުން އޮތީ އެކެއް ފެބްރުއަރީގައި ނެރުނު އަމުރުގެ ސަބަބުން އެ ބޭފުޅުންނަށް ކުރިމަތިވެދާނެ ހުރިހާ ކަމަކުން ހުރަސް އަޅާފަ. މީގެ އެނގެނީ ކަނޑައެޅިގެން ބަޣާވާތެއް ގެންނަން ނެރުނު އަމުރެއް ކަން. ފަނޑިޔާރުންގެ ގާނޫނަށް މިހާރުން މިހާރަށް އިސްލާހުކުރަން ޖެހޭ. މިހާރުން މިހާރަށް ފަނޑިޔާރުކަމުން ވަކިކުރަން ޖެހޭ ބޭފުޅުން އަބްދުﷲ ސައީދާއި އަލީ ހަމީދަކީ. ދައުލަތުގެ ކަމާ ބެހޭ ފަރާތްތަކަށް އަޅުގަނޑު ގޮވާލަން ކަމާ ބެހޭ އިޖުރާއަތްތައް ފުރިހަމަ ކޮށްފަ މި ދެ ބޭފުޅުން ފަނޑިޔާރު ކަމުން ވަކިކުރަން،" އަދުރޭ ވިދާޅުވިއެވެ.

އަދުރޭ ވިދާޅުވީ ސުޕްރީމް ކޯޓުން ނެރުނު އަމުރަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ފަދަ ބޭފުޅުންގެ ނުފޫޒު ފޯރުވިގެން ކަމަށް ފުލުހުންގެ ތަހުގީގަށް މިހާރު ވެސް ހާމަވަމުންދާ ކަމަށެވެ.

"ރައީސް މައުމޫން ކޯޓުތަކަށް ނުފޫޒު ފޯރުވައޭ ބުނީމަ އެކަމާ ދެކޮޅު ހެދެން ނެތީ، އިހަކަށް ދުވަހަކު ޒައިދުލް އަމީން ކިޔާ ބޭފުޅަކު މީޑިއަށް ދެއްވާފައިވާ އިންޓަވިއުއެއް. ރައީސް މައުމޫން އޭނާގެ ގޭގައި ޒައިދުލް އަމީން ބަހައްޓައިގެން ކުރި ކަންތައްތަކެއްގެ ވާހަކަ ކީމަ ރައީސް މައުމޫނަކަށް ނުކެރުން އެއަށް ރައްދުދެއްވާކަށް. އޭގެން އެބައިނގޭ އެއޯ ހިނގާފަ އޮތް ހަގީގީ ވާހަކައެއް ކަން،" އަދުރޭ ވިދާޅުވިއެވެ.

ހައްޔަރުގައި ތިބި ސިޔާސީ ބައެއް ކުށްވެރިންގެ މައްސަލަތައް އަވަހަށް ނިންމާފައިވާ ކަމަށް ބޭރުގެ ބައެއް ބޭފުޅުން ވިދާޅުވެފައިވާ ކަމަށް ބުނެ އެކަމަށް އަދުރޭ މިއަދު ވަނީ ރައްދު ދެއްވާފައެވެ.

އޭނާ ވިދާޅުވީ ރައީސް ނަޝީދުގެ މައްސަލަ ކޯޓުން ނިންމާފައި ވަނީ ތިން އަހަރު ދުވަހު ކަމަށާއި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލް ޣަފޫރުގެގެ މައްސަލަ ނިންމަން އެއް އަހަރަށް ވުރެ ގިނަ ދުވަސް ނެގި ކަމަށެވެ.

"ތިން އަހަރު ދުވަހަކީ މިފަދަ ބޮޑު ކުށެއް ކުރި މީހެއްގެ މައްސަލަ ނިންމަން އަވަސް އަރުވާލުން ތޯ. ފަނޑިޔާރަކު ރަހީނު ކުރުމަކީ ޓެރެރިޒަމްގެ އަމަލެއް. އެހެންވީމާ އެފަދަ ބޮޑު ކުށެއް ކުރި މީހެއްގެ މައްސަލަ އަވަސް އަރުވާލައިގެން ކުރިއޭ ބުނުމުގެ ޖާގައެއް ނެތް. އަޅުގަނޑުމެން ގަބޫލު ކުރާ ގޮތުގައި އެވަރުގެ މައްސަލައެއް ނިންމަން ޖެހޭނެ ތިން މަސް ދުވަހުން،" އަދުރޭ ވިދާޅުވިއެވެ.

އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ މައްޗަށް ކުރާ ތުހުމަތުތަކަކީ، ވަކި ބަޔަކު ބޭނުންވާ ގޮތަށް ހުކުމް ކުރުމަށް ރިޝްވަތުގެ ފައިސާ ނެގުމާއި ބަޔަކާ ބައިވެރިވެގެން ސަރުކާރު ވައްޓާލަން އުޅުން ފަދަ ތުހުމަތުތަކެކެވެ. އެ މައްސަލައިގައި އުއްތަމަ ފަނޑިޔާރާ އެކު ހައްޔަރުކުރި، އަލީ ހަމީދުގެ މައްޗަށް ވެސް ކުރަނީ ހަމަ މިފަދަ ތުހުމަތުތަކެކެވެ.

comment ކޮމެންޓް