ހުޅުމާލެ އާއި މާލެއާ ދެމެދު ދަތުރުތައް ކުރަން ހަމަޖައްސައިފައިވާ އެމްޓީސީސީގެ އާ ދެ އޭސީ ފެރީގެ ޚިދުމަތް މި މަހު މެދުތެރޭ ފަށަން ނިންމައިފިއެވެ.
އެމްޓީސީސީގެ އޮޕަރޭޝަންސް މެނޭޖަރު މުހައްމަދު ނާޒިމް "ސަން" އަށް މިއަދު ވިދާޅުވީ އާ ދެ އޭސީ ފެރީގެ ޚިދުމަތް ފަށާނީ މި މަހުގެ 15 ހިސާބުގައި ކަމަށާއި އިތުރުވާ ދެ އޭސީ ފެރީގެ ސަބަބުން ލުއި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.
ޚިދުމަތްދޭ އޭސީ ފެރީތައް ގިނަވުމުން "ޕްރިމިއަމް ލިންކް"ގެ ދަތުރުތައް 15 މިނެޓަށް އަވަސް ކުރުމަށް ހަމަޖެހިފައިވާ ކަމަށްވެސް ނާޒިމް ވިދާޅުވިއެވެ.
"މިދިޔަ ޖަނަވަރީ މަހު ހުޅުމާލެ އަށް ފެރީ ގެންގޮސްފައިވާނެ. ނަމަވެސް ޚިދުމަތް ދިނުން ލަސްވީ ނިންމަން ޖެހޭ ބައެއް އިދާރީ މަސައްކަތްތައް ނިންމުމަށް. އަދި ބައެއް އޮޕަރޭޝަންތައް ހިންގުމަށް،" އޭނާ ވިދާޅުވިއެވެ.
ޖުމްލަ 100 މީހުންގެ ޖާގަ ހިމެނޭ އެ ދެ ފެރީގެ ޚިދުމަތާއެކު މާލެ އާއި ހުޅުމާލެ އާ ދެމެދު ދަތުރު ކުރުމަށް ޖުމްލަ ފަސް އޭސީ ފެރީ އޮންނާނެއެވެ.