އިސްލާމްދީނުގައި ޖިހާދުގެ ތަސައްވުރު

19 ޑިސެމްބަރ 2017: ރާއްޖެ އިސްލާމްވީ ދުވަހުގެ މުނާސަބަތުގައި ބޮޑު ޖަމާއަތުގައި ކުރި ނަމާދު: -- ސަން ފޮޓޯ: މުޙައްމަދު އަފްރާޙް

އަބްދުﷲ ފާރޫގު ހަސަން

އިސްލާމީ ތަސައްވުރުތަކުގެ ތެރެއިން އާއްމުގޮތެއްގައި ޣައިރު މުސްލިމުންގެ ހިތްތަކަށް އެންމެ ބޮޑަށް ކަށިހެރޭ އެއް ތަޞައްވުރަކީ އިސްލާމް ދީނުގައިވާ ޖިހާދުގެ ތަޞައްވުރެވެ. އިސްލާމްދީނާއި މުސްލިމުންނާ އިދިކޮޅު މީޑިޔާތަކާއި ޚަބަރު ފަތުރާ ވަސީލަތްތަކުން މުސްލިމުންގެ ޖިހާދު މާނަކޮށްފައިވަނީ ނިރުބަވެރިކަމާއި، ލޫޓުވުމާއި، ފޭރުމާ އެއްމާނައެއްގައެވެ. ނަމަވެސް ޙަޤީގަތް އޮތީ އޭގެ އިދިކޮޅަށެވެ. ޖިހާދަކީ އެއްވެސް ހާލެއްގައި އަނިޔާވެރިވުމެއް ނޫނެވެ. އަދިކީއްތޯއެވެ؟ ޖިހާދަކީ އަނިޔާވެރިކަން ހުއްޓުވުމުގެ ވަސީލަތެކެވެ. ޖިހާދަކީ އަނިޔާވެރީންގެ އަތްތަކުން ހަތިޔާރު އަތުލައިގަތުމަށް ކުރެވޭ މަސައްކަތެއްގެ ނަމެކެވެ. މި މައިގަނޑު ނަމުގައި ކީރިތި ޤުރުއާނުގައި އިރްޝާދު ދެއްވައިފައިވަނީ އަންނަނިވި މޭރުމުންނެވެ.

" ހަނގުރާމަ ވެވެމުންދާ މީހުނަށް ހަނގުރާމަކުރުމުގެ އިޒުނަ ދެއްވައިފިއެވެ. އެއީ ހަމަކަށަވަރުން އެއުރެންނަށް އަނިޔާލިބުނު ކަމަށްޓަކައެވެ." (އަލްހައްޖު:39)

އިސްލާމީ ޖިހާދުގެ މަޤްޞަދަކީ ރަށްތައްހިފައި ޤައުމުތައް ފަތަޙަކުރުމެއްނޫނެވެ. އެހެނިހެން ގައުމުތައް އަޅުވެތިކޮށް ނިކަމެތިކޮށްލުމެއްނޫނެވެ. އަދި ކީއްތޯއެވެ. މާތްﷲގެދީން ފަތުރަން މަސްރަހު ތައްޔާރުކުރުމެވެ. މާތްﷲގެ ދީނަށް ނަޞްރު ހޯދައިދިނުމެވެ. އަރަހުށި މާތްﷲ ވަޙީކުރައްވައިފައިވަނީ މިދަންނަވާގޮތަށެވެ.

"އީމާންވި މީހުން ﷲގެ މަގުގައި ހަނގުރާމަ ކުރެތެވެ. އަދި ކާފިރުވި މީހުން ޝައިތާނާގެ މަގުގައި ހަނގުރާމަކުރެތެވެ. ފަހެ، ތިޔަބައިމީހުން ޝައިތާނާގެ ވާގިވެރިންނާ ހަނގުރާމަ ކުރާށެވެ!"(އައްނިސާއު:76)

ޙަޤީޤަތަށް ދަންނަވާނަމަ އަޚްލާޤުގެ ކަނޑި ބަޑިއާއި، ވަޢުޡާއި ނަސޭހަތުގެ ސިލޭހައިގެ އެހީއާއެކު ކުރެވޭއިސްލާޙީ މަސައްކަތް ކަމުނުފޮޅުވޭ ތަންތާނގައި ހަނގުރާމަކުރުން އޮންނަނީ ލާޒިމުކަމަކަށްވެފައެވެ. އިންސާނީ ތަޖްރިބާ ސާބިތުކޮށްދީފައިވާގޮތުގައި އަހިންސާ އާއި، ބާރުގެ ބޭނުންނުކުރުމުގެ ފަލްސަފާއަކީ ހުރިހައި ތަނެއްގައި ހުރިހައި ހާލަތެއްގައި ބޭނުންކުރެވޭ އެއްޗެއްސެއްނޫނެވެ. އެހެންކަމުން ޤައުމާއި އިންސާނިއްޔަތު ދެކެ ލޯބިވާ އެއްވެސް މީހެއް ދިފާޢީތައްޔާރުތަކާމެދު އިހްމާލުވާކަށެއް ހުއްދައެއް ނުދޭނެއެވެ. ދުޝްމިނުންނާ ކުރިމަތިލާން ޖެހިއްޖެ ހިނދެއްގައި އެކަން ކުރެވޭގޮތަށް ތައްޔާރުވެގެން ތިބުމަކީ ކުށެއް ކަމަކަށެއް ނުދެކޭނެއެވެ.

އިސްލާމްދީނުގެ ދުޝްމިނުން ޖިހާދާ ގުޅުވައިގެން އިސްލާމްދީން ބަދުނާމުކުރާއިރު ވިސްނައިލަންޖެހޭކަމެކެވެ. ހަނގުރާމަކުރުން މުޅީން މަނާކޮށްފައިވާ އެއްވެސްދީނެއް ދުނިޔެ ދެކެފައިވޭބާވައެވެ؟ އާދެ، ދުނިޔޭގެ ބޮޑެތި ދީންތަކާމެދު މިގޮތުން ވިސްނައިލާއިރު ހަނގުރާމަކުރުމާ ބެހޭގޮތުން ޔަހޫދިއްޔަތުގައިވަނީ ވަރަށްވެސް ރަހުމުކުޑަ ތަސައްވުރެކެވެ. ބައިބްލްގައި ބަޔާންވެފައިވެއެވެ.

"ތިޔަބައިމީހުން ޔަރޫން ފަސްދީ ކަންއާނަށް ވަދެއްޖެނަމަ އެބިމުގެ ވަޒަންވެރީންކަމުގައިވާ އެންމެން ތިޔަބައިމީހުންގެ ކުރިމަތީން ފައްސައި ނަގައި ދުރަށްލާށެވެ. އެބައިމީހުންގެ ބުދުތައް މުގުރާށެވެ. ފަނާކުރާށެވެ. އެބައިމީހުންގެ ގެދޮރު ތަޅައި ސުންނާފަތިކޮށް އެބިމުގައި ވަޒަންވެރިވެފައިވާ އެންމެން ބޭރުކުރާށެވެ. އެއަށްފަހު އެތާނގައި ވަޒަންވެރިވާށެވެ. (ޑިޔުޓަރޮނޮމީ،50:33-54)

ބައިބްލްގައި އިސްރާއީލުދަރިކޮޅު ނޫން އެހެން އެންމެހައި އިންސާނުން އަސްކަރީޤާނޫނުގެ ދަށުން ބަހައިފައިވަނީ ދެބަޔަކެވެ. އޭގެތެރެއިން އެއްބަޔަކީ ޔަހޫދީންގެ ޢަޤީދާގައިވާ ގޮތުން "ކަލާނގެ އެއުރެންނަށް ވާރުތަކޮށް ދެއްވައިފައިވާ" ސަރަހައްދުތަކުގައި ދިރިއުޅޭ މީހުންނެވެ. އެސަރަހައްދުތަކުގައި ދިރިއުޅޭމީހުންގެ މައްޗަށް ހިންގަންޖެހޭ އަސްކަރީ ޤާނޫނަކީ ހުރިހައި ފިރިހެނުންނާއި،ކާވެނިކޮށްގެންއުޅޭ ހުރިހައި އަންހެނުން ޤަތުލުކުރުމެވެ. ޅަފުރައިގެ އަންހެންކުދީން (ބިކުރުވެރި އަންހެންކުދީން) އިސްރާއީލީންގެ ބާރުގެ ދަށަށް ގެންގޮސް އަޅުވެތިކުރުމެވެ.

ބަނީ އިސްރާއީލުގެ މީރާޘު ކަމުގައި ނުހިމެނޭ ސަރަހައްދުތަކުގެ މީހުންގެ ހުކުމަކީ އެތަންތާނގެ ހުރިހައި ވަޒަންވެރީން (އަންހެނުންނާއި، ފިރިހެނުންނާއި ކުޑަކުދީން) ނާއި، ޖަނަވާރުތަކަށް ދަންދެން ޤަތުލުކޮށްލުމެވެ.

ކްރިސްޓިޔަނުން ވާހަކަ ދައްކާގޮތުގައި ކްރިސްޓިޔަނިޓީ އަކީ ހަނގުރާމައިގެ ދީނެއްނޫނެވެ. (އެނގިވަޑައިގަންނަވާނެ ފަދައިން މިދުނިޔޭގައި މިހާރު ހިނގާ ހުރިހައި ހަނގުރާމަތަކަކާއި، ސުންނާފަތިކުރުން ތަކެއްގެ ޒިންމާ އުފުލާން ޖެހެނީ ކްރިސްޓިޔަން ޤައުމުތަކުންނެވެ.) މީގެ އިތުރަށް ދީނީގޮތުން ބަލާއިރުވެސް ތިމަންމެންގެ ދީނަކީ ހަނގުރާމައިގެ ދީނެއް ނޫނޭ ބުނުމުގެ ޙައްޤެއް ކްރިސްޓިޔަނުންނަކަށް ނެތެވެ. އެބައިމީހުންގެ އަމިއްލަ އަތްތަކުން ލިޔެފައިވާ ބައިބްލްގައި ޢީސާޢަލައިހިއްސަލާމް ވިދާޅުވިކަމަށް ލިޔެފައިއޮންނަނީ މިދަންނަވާ ގޮތަށެވެ.

"އަހަރެން އައީ ބިމުގައި ސުލްޙަ ޤާއިމުކުރުވަން ކަމުގައި ނުވިސްނާށެވެ. އަދި ކީއްހެއްޔެވެ؟ އަހަރެން އައީ ކަނޑި ހިންގުވުމަށްޓަކައެވެ." (މެތިއު36:10-34)

ޢސާޢަލައިހިއްސަލާމް އެކަލޭގެފާނަށް ތަބާވި މީހުނަށް ނަސޭހަތް ދެއްވަމުން އެއްފަހަރަކު ވިދާޅުވި ކަމަށް ލިޔެފައިވެއެވެ.

" އެހެނީ ތިޔަބައިމީހުންގެ ފޭރާން ވިއްކައިލައިފައި ކަނޑި ގަންނާށެވެ." (ލިޔުކު،36:22)

ހިންދީންވެސް ދަޢުވާކުރަނީ އެބައިމީހުންގެ ދީނަކީ އަހިންސާގެ ދީންކަމުގައެވެ. ބާރުގެބޭނުންކޮށް ގަދަބަދަވިކަން ދެއްކުމުގެ ދީނެއް ނޫންކަމުގައެވެ. ގާނދީ ވިދާޅުވާގޮތުގައި ހިންދީ ދީނުގައިވާ އެންމެ ފުރިހަމައަދި އެންމެ ހިތްގައިމުކަމަކީ އެއީއެވެ. އެކަމަކު ޙަޤީޤަތަކީ ކޮބައިތޯއެވެ. ހިންދީ ދީނުގެ ތާރީޚު ފުރިފައިވަނީ ހަނގުރަމަކުރުމާއި، ތަޅައިފޮޅުމުގެ ވާހަކަތަކުންނެވެ. ލޭގެ ޞާފްޙާ ތަކުންނެވެ. " ރާމާއިން" އަކީ ސްރީރާމްޖީގެ ވަހަކަތަކާއި ރާމާއި ރާއޫންގެ ބިރުވެރި ހަނގުރާމަތަކުގެ ވާހަކައެވެ. "ގީތާ" އަކީ ހިންދީންގެ ގާތުގައި ވަރަށް މުޤައްދަސް ފޮތެކެވެ. ގާނދީވިދާޅުވާގޮތުގައި "ގީތާ" އަކީ އޭނާގެ މަންމައެވެ. އެފޮތުގައި ހައްތާވެސްހުރީ ކޯރުއޫނުންނާއި، ޕާންޑުއޫނުންގެ ހަނގުރާމަތަކުގެ ވާހަކައެވެ. ހިންދީންގެ އަޤީދާތަކުގެ ތެރެއިން އެއްއަޤީދާއަކީ "އާވާގުމަން" އެވެ. އެއަޤީދާގައި ވާގޮތުން މީހަކު މަރުވުމަށްފަހު އަލުން އުފަންވެއެވެ. އެއަޤީދާއަށް ރިއާޔަތްކޮށް ޝްރީކްރިޝަންޖީ އަރުޖުންގެގާތު ބުނެފައިވެއެވެ. "ރޫޙުގެ ނިސްބަތުން ހަށިގަނޑުގެ މިސާލަކީ ފޭރާމެއްގެ މިސާލެވެ. އެހެންކަމުން ޤަތުލުވުމަކީ ބާހެދުމެއް ވީދައިލައިފައި އައުހެދުމެއްލުން ފަދަކަމެކެވެ. އެއީ އެއްގޮތަކަށްވެސް ނުބައިކަމެއްނޫނެވެ." ކްރިޝަންޖީ އަދިވެސް ބުނެފައިވެއެވެ. "ކޮންމެ އިންސާނަކީވެސް ކޮންމެސް ދުވަހަކުން މަރުވާނެމީހެކެވެ. އެހެންވީއިރު އޭނާ މަރައިލުމުގައި އޮތީ ކޮންނުބައެއްހެއްޔެވެ؟" ކަންމިހެންހުރިއިރު ހިންދީ ދީނަކީ އަހިންސާގެ ދީނެއްކަމުގައި ކުރާ ދަޢުވާ އަކީ ރަނގަޅު ދަޢުވާއަކަށްވާނީ ކިހިނަކުންތޯއެވެ؟ ހިންދީ ދީނުގައި ހަނގުރާމައިގެ ތަޞައްވުރެއްނެތޭ ބުނެވޭނީ ކިހިނަކުންތޯއެވެ؟

ޝައްކެއްނެތެވެ. އިސްލާމްދީންވެސް ވަނީ ޖިހާދުކުރަން އަމުރުކުރައްވައިފައެވެ. ނަމަވެސް އެއަމުރުގެ މާނައަކީ މުސްލިމަކާ ބައްދަލުވާ ކޮންމެ ޣައިރު މުސްލިމަކު މަރައިލުމެއްނޫނެވެ. އެމީހެއްގެ މުދާކޮޅު ފޭރިގަތުމެއްމޫނެވެ. ކީރިތި ޤުރުއާނާއި ނަބަވީ އިރުޝާދުތަކުގެ އަލީގައި މުސްލިމުންގެ ފިގުހުވެރިންވަނީ ޣައިރު މުސްލިމުން ތިންބަޔަކަށް ބައްސަވައިފައެވެ. އާދެ ފިގުހުވެރިންގެ އިސްތިލާހުން ދަންނަވާނަމަ އެތިންބަޔަކީ ޒިންމީންނާއި، މުޢާހިދުންނާއި، ޙަރްބީންނެވެ.

އިސްލާމީ ޤައުމުތަކުގެ ޣައިރު މުސްލިމރައްޔިތުންނަކީ ޒިންމީންނެވެ. ބައެއްމީހުންދެކޭ ގޮތުގައި ޒިންމީންނޭ ބުނުމަކީ ޣައިރު މުސްލިމު ރައްޔިތުންނަށް އިހާނެތިކޮށް ހިތޭ ބުނުމެކެވެ. ނިކަމެތި ކޮށްލެވޭކަމެކެވެ. ނަމަވެސް މިއީ ހަޤީޤަތެއްނޫނެވެ. ޢަރަބި ބަހަށް ވިސްނާއިރު ޒިންމީންނަކީ މުސްލިމުންނާ އަހްދުކޮށްގެންތިބޭ މީހުންނެވެ. މުސްލިމުންނާއެކު ސުލްޙަ މަސްލަހަތުގައި އަމަން އަމާންކަމުގައި ދިރިއުޅުމަށް އަހްދުކޮށްގެން ތިބޭމީހުންނެވެ. އެއްބަޔަކު އަނެއްބައެއްގެ ޙައްޤުތަކަށް ރިޢާޔަތްކުރަން އިޤުރާރުވެގެން ތިބޭ މީހުންނެވެ. އެގޮތުންބަލާއިރު ޒިންމީންނޭ ބުނެވެނީ އެމީހުންނާމެދު މުސްލިމުން އަދާކުރުން ލާޒިމުވާ ޒިންމާ ހަނދާންކޮށް ދިނުމުގެ ގޮތުންނެވެ. އެބައިމީހުން ހިމާޔަތްކޮށް ރައްކާތެރި ކޮށްދޭންޖެހޭކަމާއި އެމީހުންގެ ހުރިހާ ޙައްޤުތަކެއް ލިބިދޭންޖެހޭކަން ހަނދާން ކޮށްދިނުމުގެ ގޮތުން ބޭނުންކުރެވޭ ނަމެއްގެ ޙައިޘިއްޔަތުންނެވެ. ޖާނާއި މާލާއި، ޢިއްޒަތާއި އަބުރާއި، އާންމު އިންސާނީ ޙައްޤުތަކުގެ ދާއިރާގައި ޒިންމީންނަށް ލިބިދޭންޖެހެނީ ޚުދު މުސްލިމުންނަށްވެސް ލިބޭ ޙައްޤުތަކެވެ. ދެފަރާތުގެ ހައްޤުތަކުގައި އެއްވެސް ފަރަޤެއްނެތެވެ.

ޣައިރު މުސްލިމުންގެ ތެރެއިން ދެވަނަބަޔަކީ މުޢާހިދުންނެވެ. އިސްލާމީ ދައުލަތާއެކު އަމާންކަމާއި ޞުލަޙައިގެ އެއްބަސްވުމެއްގައި ސޮއި ކޮށްފައިވާ ދައުލަތެއްގެ ރައްޔިތުންނެވެ. މިޒަމާނުގެ އިސްތިލާހެއް ބޭނުންކުރަނަމަ އެގައުމަކާ ސިޔާސި ގޮތުން ގުޅުން ޤާއިމް ކޮށްފައިވާ ގައުމުތަކުގެ ރައްޔިތުންނެވެ. ނުވަތަ އދ ގެ ޗާޓަރު ޤަބޫލުކޮށް އެޖަމްޢިއްޔާގައި ބައިވެރި ވެފައިވަ ހުރިހާ ދައުލަތްތަކެއްގެ ރައްޔިތުންނަކީ މުޢާހިދުންނޭ ބުނެވިދާނެއެވެ. މުޢާހިދުންގެ ޙުކުމަކީ ޒިންމީންގެވެސް ޙުކުމެވެ. އެފަދަމީހުންގެ ފުރާނަޔާއި، މުދަލާއި، ޢިއްޒަތާއި އަބުރަށް އިޙްތިރާމް ކުރާންޖެހެނީ ޚުދު މުސްލިމުންނާ އެއްޙައިޘިއްޔަތަކުންނެވެ. އެމީހުންނާ ކޮށްފައިވާ މުޢާހަދާއާ ޚިލާފުވުމަކީ މުސްލިމުންނަށް ހުއްދަކަމެއް ނޫނެވެ.

ޣައިރު މުސްލިމުންގެ ތެރެއިން ތިންވަނަ ބަޔަކީ ފިގުހީ އިސްޠިލާހުގައި ޙަރުބީންކަމުގައި ބަލައިފައިވާ މީހުންނެވެ. އިސްލާމީ ދައުލަތަކާއެކު ޞުލްހައިގެ އެބަސްވުމެއްގައި ސޮއި ކޮށްފައިނުވާ ޣައިރު މުސްލިމުދައުލަތެއްގެ މުސްލިމު ނޫން ރައްޔިތުންނެވެ. އެދައުލަތަކުން މުސްލިމުންނާ ދެކޮޅަށް ހަނގުރާމަ އިއުލާންކޮށްފައި ދައުލަތެއްގެ ޣައިރު މުސްލިމު ރައްޔިތުންނެވެ. އިސްލާމްދީން ހަނގުރާމަކުރުމުގެ އަމުރުދެނީ މިފަދަމީހުންނާއެވެ. މިޒަމާނުގެ ދުނިޔޭގައި ކަމާއިބަހާ ހިނގާ މަގަށް ވިސްނައިލާއިރު މިއީ ވަރަށްވެސް މަދު ބައެކެވެ.

މިފަދަ މީހުންނާއި މުޢާމަލާތުކުރާއިރުވެސް އިސްލާމްދީން އަމުރުކުރަނީ ހެޔޮގޮތުގައި މުޢާމަލާކުރުމަށެވެ. އިސްލާމްދީނަކީ ހަނގުރަމަތަކުގައި އަމަލުކުރާނެ އިންސާފުވެރި، ތަހްޒީބީ ޤާނޫނޫތަކެއް އެންމެ ފުރަތަމަ އެކަށައަޅައި އިންސާނިއްޔަތަށް ހަދިޔާކުރިދީނެވެ.

(ނުނިމޭ)

comment ކޮމެންޓް