"ދެވަންސޫރަ"ގެ ހާއްސަ ޝޯވްއެއް މާދަމާ އަޅުވަނީ

ފިލްމު ދެވަންސޫރަ ގެ ޕޯސްޓަރު

މިދޔަ މަހުގެ ހަ ވަނަ ދުވަހު ރިލީޒްކުރި، ކުޅަދާނަ ބަތަލު ޔޫސުފް ޝަފީއު (ޔޫއްޕެ) ޑައިރެކްޓްކޮށްފައިވާ ފިލްމު ދެވަންސޫރަގެ ހާއްސަ ޝޯއެއް މާދަމާ ހަވީރު ދެއްކުމަށް ހަމަޖައްސައިފިއެވެ.

ފިލްމުގެ ޕްރޮޑިއުސަރު އިސްމާއިލް ޝަފީގު ސަން އަށް ބުނީ މާދަމާ ހަވީރު 4:00 ގައި ފިލްމުގެ ޝޯއެއް ދެއްކުމަށް ހަމަޖެހިފައިވާ ކަމަށާއި މާދަމާގެ ޝޯއަށް އޮލިމްޕަހުން ޓިކެޓް ވިއްކަމުން އަންނަ ކަމަށެވެ.
"މާދަމާ ހަވީރު ޝޯއެއް އެޅުވުމަށް ގަސްތު މިކުރީ. އޮލިމްޕަސް ހުޅުވާފައި ހުންނަ ގަޑިތަކުގައި ޓިކެޓް ލިބިގެންދާނެ،" ޝަފީގު ބުންނެވެ.

ސަސްޕެންސް ތްރިލާ ޖޯންރާއަށް ގެނެސްދިން ދެވަންސޫރަގެ ލީޑް ފިރިހެން ތަރިންގެ ފެނިގެން ދަނީ އިބްރާހިމް ޖިހާދު (ޖިމީ) އަދި މުހައްމަދު ފައިސަލް އެވެ. އަދި ސަޕޯޓިން ތަރިންގެ ގޮތުގައި އަލީ އާޒިމް (ދޮން އައްޔަ)، އަހުމަދު އީސަ (އާނަންދު) އަދި ޖާދުﷲ ފަދަ ތަރިން ފެނިގެންދެއެވެ. އަންހެން ކާސްޓުންގެ ތެރޭ މިހާރު ފިލްމީ ދާއިރާގައި ހުރި އެންމެ ކާމިޔާބު އެއް ތަރި ފާތިމަތު އާޒިފާ (އަޒޫ) އާއި ޝަކީލާ ވެސް އެ ފިލްމުން ފެނިގެންދެއެވެ.

ސިއްރު މަރެއްގެ ހަގީގަތް ހޯދަން ކުރާ މަސައްކަތެއް ދައްކުވައިދޭ އެ ފިލްމަކީ މިހާރުގެ މުޖްތަމައުގައި ހިނގާ ކަންތައްތައް ދައްކައިދޭ ފިލްމެކެވެ.

މިއީ ދިވެހި ސިނަމާތަކުން އާންމުކޮށް ނުފެންނަ ޖޯންރާގެ ފިލްމެކެވެ. 'ދެވަންސޫރަ' އާ އެކީ މުޅި ދިވެހި ފިލްމު އިންޑަސްޓްރީއަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެއެވެ.

"ދެވަންސޫރަ"ގެ ޝޯއެއް މާދަމާ ހަވީރު ދެއްކުމަށް ހަމަޖެހިފައިވާއިރު މާދަމާ ރޭ ވަނީ ކާމިޔާބު ޑައިރެކްޓަރު ފާތިމަތު ނަހުލާގެ 4426 ވެސް ދެއްކުމަށް ހަމަޖެހިފައެވެ. ނަހުލާގެ ކާމިޔާބު ފިލްމު "ބޮސް" މިރޭ އޮލިމްޕަހުގައި ދެއްކުމަށް ވަނީ ހަމަޖެހިފައެވެ.

comment ކޮމެންޓް