ރާއްޖޭގެ ބައިނަލްއަގުވާމީ އެއާލައިންް މެގަ މޯލްޑިވްސް އުވާލުމުގެ މަސައްކަތް ފަށައިފިއެވެ.
މާލީ ގޮތުން ގިނަ ގޮންޖެހުންތަކެއް ކުރިމަތިވުމުގެ ސަބަބުން މެގަ މޯލްޑިވްސްގެ އޮޕަރޭޝަންތައް އޮތީ މިދިޔަ އަހަރުގެ މެއި މަހުން ފެށިގެން ވަގުތީ ގޮތުން ހުއްޓާލައިފައެވެ. އަދި އެ އެއާލައިނުގެ އޮޕަރޭޝަންތައް ހިންގުމަށް ކުއްޔަށް ގެނެސްފައި ހުރި ބޯޓުތައް ވެސް ފޮނުވާލިއެވެ.
ވައިގެ ދަތުރުފަތުރާ ބެހޭ ޚަބަރު ގެނެސްދޭ ވެބްސައިޓެް ކަމުގައިވާ "އޭވިއޭޓަރ ނިއުސްރޫމް"އިން ބުނެފައިވާ ގޮތުގައި، މެގަ މޯލްޑިވްސް ލިކުއިޑޭޓު ކުރުމުގެ މަސައްކަތް އެކުންފުނިން މިހާރު ދަނީ ކުރަމުންނެވެ.
އެގޮތުން، ރާއްޖޭގެ ގާނޫނުތަކާ އެއްގޮތަށް ކުންފުނި ލިކުއިޑޭޓު ކުރުމަށްޓަކައި އެކުންފުނީގެ ހިއްސާދާރުން ވަނީ، ރާއްޖޭގެ ލޯ ފާރމެއް ކަމުގައިވާ "ވިޝާމް އެންޑް ކޯ" ހަމަޖައްސާފައި ކަމަށް "އޭވިއޭޓަރ ނިއުސްރޫމް"އިން ރިޕޯޓުކޮށްފައިވެއެވެ.
އެ ވެބްސައިޓުގައި ބުނެފައިވަނީ އެކުންފުނި ލިކުއިޑޭޓުކުރަން ނިންމީ އާ އިންވެސްޓަރެއް ހޯދައި، އޮޕަރޭޝަންތައް އަލުން ފެށުމަށް ކުރި މަސައްކަތް ކާމިޔާބުވާ ގޮތް ނުވުމުންނެވެ.
މެގަ މޯލްޑިވްސްއިން މިދިޔަ އަހަރުގެ މެއި މަހު ވަގުތީ ގޮތުން ދަތުރުތައް ހުއްޓާލުމަށްފަހު، އޯގަސްޓް މަހު އަލުން ދަތުރުތައް ފެށުމަށްވެސް މަސައްކަތް ކުރިއެވެ. ނަމަވެސް އެކަން ވާ ގޮތެއް ނުވިއެވެ.
އެކުންފުނިން ދިވެހި ސަރުކާރަށާއި ކުންފުނީގެ މުވައްޒަފުންނަށް ދައްކަންޖެހޭ ފައިސާ ދެއްކުމަށް ނިންމާފައިވާ ކަމަށްވެސް އެ ވެބްސައިޓުގައި ބުނެފައިވެއެވެ.
"ސަން"އަށް އެނގިފައިވާ ގޮތުގައި، މެގަ މޯލްޑިވްސް އުވާލާކަމުގެ ޚަބަރު ކުންފުނީގެ ފަރާތުން ދާދި ފަހުން ވަނީ މުވައްޒަފުންނަށް ދީފައެވެ.
މެގަ މޯލްޑިވްސްގެ މާލީ ހާލަތު ހުރި ގޮތުން ކުންފުނީގެ މުވައްޒަފުންނާއި ކުރީގެ މުވައްޒަފުންނަށްވެސް މުސާރައިގެ ގޮތުގައި ހަތަރު ލައްކައެއްހާ ޑޮލަރު ނުދެވި ވާކަން "ސަން"އަށް ވަނީ އެނގިފައެވެ.
ދާދި ފަހުން އަމިއްލަ ކުންފުންޏަކުންވެސް ވަނީ ދެލައްކައަށް ވުރެ ގިނަ ޑޮލަރު ހޯދުމަށް މެގަ މޯލްޑިވްސް ގޮވައިގެން ކޯޓަށް ގޮސްފައެވެ.
އެމެރިކާގެ ކުންފުންޏަކާއި ރާއްޖޭގެ އަމިއްލަ ފަރާތަކުން ގުޅިގެން އުފެއްދި މެގަ މޯލްޑިވްސް އެއާލައިންސްގެ އޮޕަރޭޝަންތައް ފެށީ 2010 ވަނަ އަހަރުއެވެ. އެ އެއާލައިނުން ބޭރުގެ 50 އަށް ވުރެ ގިނަ ތަފާތު މަންޒިލުތަކަށް، 1.1 މިލިޔަނަށް ވުރެ ގިނަ ފަސިންޖަރުން އުފުލައިދިނެވެ.
އެކުންފުނީގެ ހިއްސާދާރުންނަކީ 51 ޕަސަންޓު ހިއްސާ ކޮންޓްރޯލްކުރާ މިފްޒާލް އަހްމަދާއި މިޒްނާ އަހްމަދުގެ އިތުރުން، 49 ޕަސަންޓު ހިއްސާ ކޮންޓްރޯލްކުރާ، ކުންފުނީގެ ސީއީއޯ ޖޯޖް ވެއިންމަންއެވެ.