ބީއެމްއެލްގެ އޭޓީއެމްއެމްތަކުން ފައިސާ ނެގޭ އަދަދާއި ޖަމާކުރެވޭ އަދަދު އިތުރުކުރަން ނިންމައިފި

ބީއެމްއެލްގެ އޭޓީއެމްއެމްތަކުން ފައިސާ ނެގޭ އަދަދާއި ޖަމާކުރެވޭ އަދަދު އިތުރުކުރަން ނިންމައިފި --

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އޭޓީއެމްތަކުން ފައިސާ ނެގޭ އަދަދާއި ޖަމާކުރެވޭ އަދަދު މާދަމަ އިން ފެށިގެން އިތުރުކުރުމަށް އެ ބޭންކުން ނިންމައިފި އެވެ.

ބީއެމްއެލް އިން މިއަދު ބުނީ، މާދަމައިން ފެށިގެން އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ދުވާލަކު 25،000 ރުފިޔާ ނެގޭ އިރު، 50،000 ރުފިޔާ އޭޓީއެމް މެދުވެރިކޮށް ޖަމާކުރެވޭނެ ކަމަށެވެ.

މިއަދާ ހަމަ އަށް އަމިއްލަ ފަރުދަކަށް އޭޓީއެމްތަކުން ދުވާލަކު ނެގެނީ 10،000 ރުފިޔާ އެވެ. އަދި ޖަމާކުރެވެނީ 25،000 ރުފިޔާ އެވެ.

މާދަމަ އިން ފެށިގެން ޑޮލަރު އެކައުންޓުތަކުން ވެސް ނެގޭ އަދަދާއި ޖަމާކުރެވޭ އަދަދު އިތުރު ކުރަން ބީއެމްއެލް އިން ވަނީ ނިންމައިފަ އެވެ. އެގޮތުން މާދަމަ އިން ފެށިގެން ދުވާލަކު 1600 ޑޮލަރު އޭޓީއެމް މެދުވެރިކޮށް ނެގޭ އިރު 3200 ޑޮލަރު ޖަމާކުރެވޭނެ ކަމަށް ބީއެމްއެލްއިން ބުންޏެވެ.

މިހާރު ނެގެނީ ދުވާލަކު 640 ޑޮލަރެވެ. އަދި ޖަމާ ކުރެވެނީ 1،600 ޑޮލަރެވެ.

ބީއެމްއެލް އިން ބުނީ މާދަމައިން ފެށިގެން ގެންނަން ނިންމާފައިވާ ބަދަލާ އެކު، ސެލްފް ސަރވިސް އޭޓީއެމް ހުންނަ ރަށްރަށުގައި ބޭންކަށް ގޮސް 25000 ރުފިޔާ އަށް ވުރެ ދަށުގެ މުއާމަލާތްތައް ކައުންޓާ މެދުވެރިކޮށް ކުރާ ނަމަ، ފައިސާ ޖަމާކުރުމާއި ނެގުމުގައި 75 ރުފިޔާގެ ފީއެއް ނަގަން ހަމަޖެހިފައިވާ ކަމަށެވެ.

ނަމަވެސް، ސެލްފް ސާވިސް އޭޓީއެމްގެ ހިދުމަތް ނުލިބޭ ރަށްތަކުން ފައިސާ ޖަމާކުރާ އިރު އަދި ނަގާ އިރު އެ ފީއެއް ނުނަގާނެ ކަމަށް ބޭންކުން ބުންޏެވެ.

އޭޓީއެމް ބޭނުންކުރުމުގެ ބަދަލުގައި ބްރާންޗްތަކުން ހިދުމަތް ހޯދަން ދާ އުމުރުން ދުވަސްވީ މީހުންނަށް އެ ބަދަލުތަކާ އެކު ވެސް އެއްވެސް ފީއެއް ނުނަގާނެ ކަމަށް ބީއެމްއެލް އިން ބުންޏެވެ.

މިދިޔަ އަހަރަށް ބަލާއިރު 24 ގަޑިއިރު ޚިދުމަތް ލިބޭ ބޭންކުގެ އޭޓީއެމް އާއި ސެލްފް ސާވިސް ބޭންކިން ސެންޓަރުތައް މެދުވެރިކޮށް 10 މިލިއަން މުއާމަލާތް ހިނގަފައިވާ ކަމަށް ބީއެމްއެލް އިން ބުންޏެވެ.

comment ކޮމެންޓް