މިއަދުވެސް ވަނީ ފަސް ފުލުހަކު މަގާމުން ވަކިކޮށްފައި: ރައީސް

ޕީޕީއެމްގެ ރުމާލު2 ޖަގަހައިގައި ބޭއްވި ޖަލްސާއެއްގައި ރައީސް ޔާމީން ވާހަކަފުޅުދައްކަވަނީ --- ސަން ފައިލް ފޮޓޯ: ފަޔާޒު މޫސާ

މިއަދު ވެސް ފުލުހުންގެ މާގާމުން ހަތަރު ފަސް ފުލުހަކު ވަކިވެފައިވާ ކަމަށް ރައީސް އަބުދުﷲ ޔާމީން އަބްދުލްގައްޔޫމް ރޭ ވިދާޅުވެއްޖެ އެވެ.

"ސަލާމަތީ ބާރުތަކާއި އެކު ރައްޔިތުން" މި ނަމުގައި ވެސްޓްޕާސް ސަރަހައްދުގައި ޕީޕީއެމް އިން ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އެކެއް ފެބްރުއަރީގައި ސުޕްރީމް ކޯޓުން އަމުރު ނެރުނު ރޭ ފުލުހުންގެ ވާޖިބު އަދާކުރަން ފުލުހުންގެ ބަޔަކު ހުރަސްއެޅި ކަމަށާއި އޭގެ ތެރެއިން ހަތަރު ފަސް ވަރަކަށް ފުލުހަކު މަގާމުން މިއަދު ވަކިވެއްޖެ ކަމަށެވެ.

"ހަތަރު ފަސް ވަރަކަށް ފުލުހަކު މަގާމުން މިއަދު ވަކިވެއްޖެ. އެއީ ޣައްދާރުންގެ ޓީމްގައި ހިމެނޭ މީހުން. އަޅުގަނޑުގެ ސަރުކާރެއްގައި އެފަދަ މީހުންނަށް ފުރުސަތެއް ނެތް. އެއަށް ވުރެ އިތުރު ވަގުތު ލިބުނު ނަމަ މިއަށްވުރެ ނުރައްކާތެރި ހާލަތަކަށް ދިވެހި ގައުމު ފުރޮޅިގެން ދިޔައީސް" ރައީސް ވިދާޅުވިއެވެ.

އަމުރު ނެރުނު ރޭ ފުލުހުންގެ ވާޖިބު އަދާކުރަން ފުލުހުންގެ ބަޔަކު ހުރަސްއެޅި ކަމަށް ރައީސް ވިދާޅުވި ނަމަވެސް އެކަމުގެ ތަފްސީލެއް ނުދެއްވައެވެ.

ރައީސް މިހެން ވިދާޅުވިއިރު، ފުލުހުންގެ ސްވޮޓްގެ ކުރީގެ ކޮމާންޑަރު ހުސައިން ސައިފު ވަނީ ދާދިފަހުން ފުލުހުންގެ ވަޒީފާއިން ވަކިކޮށްފަ އެވެ. ސައިފްގެ އިތުރުން ފަސް ފުލުހަކު ހައްޔަރުކުރި ކަމުގެ މައުލޫމާތު "ސަން" އަށް ވަނީ ލިބިފައެވެ.

comment ކޮމެންޓް