އޮޑިއެއްގައި ދަތުރު ކުރާއިރު ކައްޕީގެ ޚިޔާލަށް ޖާގަ ދޭން ޖެހޭ: ރައީސް

"ސަލާމަތީ ބާރުތަކާއެކު ރައްޔިތުން" ގެ ނަމުގައި ޕީޕީއެމުން ރޭ ބޭއްވި ޖަލްސާގައި ރައީސުލްޖުމޫހުރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވާހަކަފުޅު ދައްކަވަނީ --- ސަން ފޮޓޯ/ މުހައްމަދު އަފްރާހު

އޮޑިއެއްގައި ދަތުރު ކުރާއިރު ކައްޕީގެ ޚިޔާލަށް ޖާގަ ދޭން ޖެހޭނެ ކަމަށް ރައީސުލްޖުމޫހުރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

"ސަލާމަތީ ބާރުތަކާއެކު ރައްޔިތުން" ގެ ނަމުގައި ރޭ ޕީޕީއެމުން ވެސްޓް ޕާކް ސަރަހައްދުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އޮޑީގެ ކައްޕިއެއް އޮޑިއަކަށް ދެރަގޮތެއް ވާކަށް ނޭދޭނެ ކަމަށެވެ.

ރައީސް ކައްޕީގެ ގޮތުގައި އެ ސިފަ ކުރެއްވީ ދައުލަތުގެ އެންމެ އިސްވެރިޔާއަށެވެ. ދިވެހި ދައުލަތުގެ އެންމެ އިސްވެރިޔާ އަކީ ރައީސުލްޖުމްހޫރިއްޔާއެވެ.

"އާ އޮޑީގައި ދަތުރު ކުރާއިރު އަބަދުވެސް ކައްޕީގެ ހިޔާލަށް ޖާގަ ދޭން ޖެހޭ. ކައްޕިއެއް އެއްގޮތަކަށް ވެސް އެ އޮޑިއަށް ދެރަގޮތެއް ވާކަށް ނޭދޭނެ. ދައުލަތަށް ދެރަގޮތެއް ވާކަށް ކައްޕިއެއް ނޭދޭނެ،" ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އޮޑިއަކީ ކައްޕިއާއެކު ފަޅުވެރިން ދަތުރު ކުރާނެ އެއްޗެއް ކަމަށާއި އޮޑި ދަތުރު ކުރާނީ ރިޒްގު ހޯދަން ނޫނީ ދިފާއުގެ ބޭނުމުގައި ސަލާމަތް ހޯދުމަށް ކަމަށެވެ.

"މިއަދު އެ އޮޑި ބަދަލުވެދާނެ ބޮޑު މަނަވަރަކަށް ނޫނީ ހަނގުރާމަ މަތީ ހަތިޔާރު އުފުލާ އެއްޗަކަށް ވެސް ވެދާނެ. ކޮންމެ އެއްޗަކީ ވެސް ހަމަ އޮޑިއެއް. އަޅުގަނޑުމެންގެ ދަތުރު އަޅުގަނޑުމެންގެ ރާސްތާ މި އޮންނަނީ އޮޑިއަކަށް ބިނާވެފައި. މިއަދު އަޅުގަނޑުމެން އެންމެން ވެސް އުފައްދަން ޖެހޭ ސުވާލެއް އެއީ އޮޑި ފަރަކަށް އަރަން ދާނަމަ ނޫނީ ގަދަ ކޮޅި ގަނޑެއްގައި ޖެހިއްޖެ ނަމަ އޮޑި ސަލާމަތް ކުރުމަކީ ކާކުގެ ޒިންމާއެއް ތޯ. އެއީ ކައްޕީގެ ޒިންމާ އެއް،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެ ހާލަތުގައި ނަގާނެ ޑިމޮކްރެޓިކް ވޯޓެއް ނޯންނާނެ ކަމަށާއި އޮޑި ސަލާމަތުގެ އައްސޭރިފަށަށް ގެންދިއުމުގެ ޒިންމާ އެޅޭނީ ކައްޕީގެ ބޮލުގައި ކަމަށެވެ. އަދި ކައްޕިއަށް އެކަން ނުކުރެވިއްޖެ ނަމަ ހަލާކު ވާނީ ހަމައެކަނި އޮޑިއެއް ނޫން ކަމަށާއި އޭގަ ތިބި ހުރިހާ ފަޅުވެރިން ވެސް ހަލާކުވެގެން ދާނެ ކަމަށެވެ.

"ގަދަ ކޮޅިގަނޑެއްގައި ޖެހޭ ހިނދު އޮޑި ހަލާކު ކޮށްލާކަށް ކައްޕީގެ ވިސްނުމެއް ނުހުންނާނެ. އެކަމަކު ފަޅުވެރިންގެ ތެރޭގައި ފަހަރުގައި ތިބެދާނެ ކަންނޭނގެ ކޮންމެސް ގެއަކުން މަސްބަތް ހިފައިގެން ގޮސް އަދި އެ ގެއިން އެއަށްވުރެ ރަނގަޅު އެއްޗެއް ލިބޭ ފަޅުވެރިޔަކު. އެކަހަލަ ވަގުތަކު އޭނާ ވިސްނާނީ އޭނާއަށް ލާރިކޮޅެއް ދޭ މީހަކާ ދޭތެރޭ. އެހެންވީމަ މިކަހަލަ މީހަކު ކައްޕިއާ ދެކޮޅަށް ވާހަކަ ދައްކަފާނެ،" ރައީސް ވިދާޅުވިއެވެ.

ކައްޕިއާ ހަވާލު ކޮށްފައި އޮތީ ވަރަށް ބޮޑު އަމާނާތެއް ކަމަށާއި ހާލުގައި ޖެހޭ އުނދަގޫ ވަގުތު ކައްޕީގެ ބޮލަށް އުނދަގޫކޮށްގެން ނުވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ގާނޫނުގައި ކައްޕިއަށް ދީފައި ހުންނަ ބައެއް ބާރުތަކަކީ އެއްވެސް މީހަކަށް އެޔާ ޗެލެންޖު ނުކުރެވޭ އަދި ހިއްސާ ނުކުރެވޭ ބާރުތަކެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"ކައްޕި ވެސް ބުއްދި ގޯސް ވެއްޖެޔާ ސުވާލު އުފައްދަން ވާނެ. އެކަމަކު ކައްޕި 25 ބުރިއަށް ހޮސްޕިޓަލެއް އަޅާތީ ސުވާލު އުފައްދައިގެން ނުވާނެ. އެހެންވީމަ ކައްޕިއަށް އޮންނަ އިތުބާރާއި ތެދުވެރިކަން ހުރިހާ ފަޅުވެރިންގެ ތެރޭގައި ވެސް އޮންނަން ވާނެ. ގަދަ ކޮޅި ގަނޑެއްގެ ތެރޭގައި ދަތުރު ކުރާއިރު، ފަޅުވެރިންނެއް ސުވާލެއް ނޫފައްދާނެ ގާނޫނުގައި އޮތީ ކިހިނެތްތޯ އެއް. އޭގެ ތެރޭގައި ޑިމޮކްރެސީ އެއް ނޯންނާނެ،" ރައީސް ޔާމީން ވިދާޅުވިއެވެ.

comment ކޮމެންޓް