ތަރުޖަމާ: އަބްދުﷲ ފާރޫޤު ޙަސަން
މުޙައްމަދު (ޞައްލަﷲ ޢަލައިހިވަސައްލަމް) ރައްކައުވީ އީސަވީ ސަނަތުން ހަވަނަ ސައްތައިގައެވެ. ޢަރަބިކަރައިގައެވެ. ނަމަވެސް އެކަލޭގެފާނު ވަޑައިގަންނަވާނެކަމުގެ ނިމުތު އޭގެމާކުރީންވަނީ އިންސާނިއްޔަތަށް ލިބިފައެވެ. ހިންދީދީނުގެ ވެދުތައްވެސްވަނީ އެމާތް ނަބިއްޔާ ވަޑައިގަންނަވާނެކަމުގެ އުފާވެރި ޚަބަރުދީފައެވެ. ޢިލްމުވެރިޔަކު އެދަޢުވާ ކުރެއްވި އަޑުއިވުމުން އަޅުގަނޑުވަނީ އެކަން އަމިއްލައަށް ހޯދައިބަލައިފައެވެ. ތަޙްޤީޤު ކޮށްފައެވެ. އިތުރުސާހިބާ ވަޑައިގަތުމުގެ ބަޝާރަތު ވެދުތަކުން ފެނުމުން އަޅުގަނޑު އަޖައިބުވިއެވެ. (މިތާނގައި ފާހަގަކޮށްލަންޖެހޭ ޚާއްސަ ނުކުތާއެއެއް އެބައޮތެވެ. އާދެ، އިހުގެ ދީނީ ވަރަށްގިނަ ފޮތްތަކުގައި އެކިއެކި ކަންކަމުގެ ބަޔާންދެއްވައިފައިވަނީ މަޖާޒީ މިސާލު ތަކުންނާއި، އިސްތިޢާރާ ނުވަތަ ތަޝްބީހު ތަކުންނެވެ. މުޠުލަޤު ނަންތަކާއި އަދަދުތަކަކުން ނޫންކަމެވެ.) މަހާރަޝީ ދަޔާސްގެ އަށާރަ ޕުރާންގެ ތެރެއިން އެއްޕުރާނަކީ ބޮހޯޝިޔާ ޕްރާނެވެ. އެފޮތުގެ ސޫތަރެއްގައި ވެއެވެ.
" އެހެންޤައުމަކުން އާޗާރިއްޔާއެއް އެކަލޭގެފާނުގެ އެކުވެރީންނާއެކު ވަޑައިގަންނަވާނެއެވެ. އެކަލޭގެފާނުގެ ނަންފުޅަކަށްވާނީ މަހާމިދެވެ. އެކަލޭގެފާނު ވަޑައިގަންނަވަނީ ސަހަރާގެ ސަރަހައްދުނެނެވެ. (ބޮހޯޝިޔާޕްރާން ބާބު: 3. ސޫތަރުގެ 7-5)
މިއަޝްލޫކާއި ސޫރަތުގައި ސަރީހުބަހުންވަނީ އިސްލާމްދީނުގެ ނަބިއްޔާގެ ނަންފުޅަށާއި އެނަބިއްޔާ ވަޑައިގަންނަވާނެ ތަނަށް އިޝާރަތްކުރެވިފައެވެ. ވަޑައިގަންނަވާނެ މަތިވެރި ޝަޚްޞިއްޔަތުގެ އިތުރު ހެކިތައް ބަޔާންކުރެވިފައިވަނީ އަންނަނިވި އިބާރަތުންނެވެ.
" އެކަލެގެފާނުވާނީ ނަކަތްގެލެއްވިގެންނެވެ. އެކަލޭގެފާނުގެ ޖަޓާއެއް ނުހުންނާނެއެވެ. ތުނބުޅިފުޅު ހުންނާނެއެވެ. އެއްގަމުމަސް ފަރީއްކުޅުއްވާނެއެވެ. އެނަބިއްޔާގެ ދަޢުވަތު ބާރުހުރި ޢިބާރަތްތަކުން ސަރީޙުކޮށް ހުށަހަޅުއްވާނެއެވެ. އެނަބިއްޔާގެ ދައުވަތު ޤަބޫލުކުރާ ފަރާތަށް ދެއްވާނެ ނަމަކީ މޫސަލާއިންނެވެ." (ބާބު: 3 އަޝްލޯކު: 25، ސޫރަތު: 3)
މިސޫރަތާމެދު ވިސްނައިވަޑައިގަންނަވާށެވެ. ޚިތާނުކުރުމަކީ ހިންދީން ކުރާކަމެއްނޫނެވެ. ޖަޓާ (ހިންދީ ޖޯގީންގެ ދިގުކޮށް އެގޮތްމިގޮތަށް އޮޅައިފައިހުންނަ އިސްތަށިގަނޑު) އަކީ ހިންދީންގެ ޚާއްސަ ކަމެކެވެ. އެއްގަމުމަސް ފަރިއްކުޅުވާނެއެވެ، (ހިންދީން އެއްގަމުމަސް ޚާއްސަކޮށް ގެރިމަސް ކައެއް ނުއުޅެއެވެ.) އެކަލޭގެފާނުގެ ދައުވަތު ޤަބޫލުކުރާ މީހުންނަށް ކިޔާނީ މޫސަލާއިންނެވެ. މިނަމަކީ މުސްލިމުންނަށް އިޝާރާތްކުރާނަމެކެވެ. ބަޔާންކުރެވިފައި މިވަނީ އިސްލާމްދީނުގެ ނަބިއްޔާގެ ޚާއްސަ ސިފަފުޅުތަކެވެ.
އުތަރު ވެދުގެ ބާބު ވިހީން އަޅުގަނޑުމެންނަށް ތިރީގައި މިދަންނަވާ އަޝްލޫކު (ބައިތު) ފެނެއެވެ.
" އޭ ބަގަތުންނޭވެ! މިވާހަކަ ވިސްނައިގެން އަޑުއަހާށެވެ. ތަޢުރީފު ކުރެވިގެންވާ، ތައުރީފު ކުރެވޭ މަޙާމިހާ މަތިވެރި ރިޝީ(މަތިވެރި އަޅުވެރިޔާ) ވަޑައިގަންނަވާނީ ފަސްދޮޅަސް ހާސް ނުވަދިހަ މީހުންގެ ތެރެޔަށެވެ."
މުޙައްމަދުގެ މާނައަކީ ތައުރީފު ލިބިގެންވާއެވެ. ފަސްދޮޅަސްހާސް ނުވަދިހަ މިއަދަދު އިޝާރާތްކުރަނީ މުޙައްމަދުގެފާނު (ޞައްލަ ﷲ ޢަލައިހިވަސައްލަމަ) ދުނިޔެއަށް ވަޑައިގެންނެވިއިރު މައްކާގެ ނުވަތަ ހިޖާރުގެ އާބާދީގެ ނިސްބަތަކަށެވެ. (އޭގެ ތަފްސީލެއް މިހައިތަނަކަށް ހޯދިފައެއްނެތެވެ.)
" އޭނާ އަންހެން ފިރިހެން ވިހި ޖަމަލަށް ސަވާރުވާނެއެވެ. ސުވަރުގެއާ ހަމަޔަށް އޭނާއަށް ތާރީފާއި ސަނާ ކިޔޭނެއެވެ. އެމަހާރިޝިގެ (މާތް އަޅުވެރިޔާގެ) ރަނުގެ ސަތޭކަ ގަހަނާ ވާނެއެވެ." ޖަމަލަށް ސަވާރުވާ ރިޝީން(އަޅުވެރީން) ނެއް ހިންދުސްތާނަކު ނުއުޅެއެވެ. އެހެންކަމުން މިތާނގައި އިޝާރަތް ކުރެވެނީ އަރަބީންގެ ނަބިއްޔާ މުޙައްމަދަށެވެ. ރަނުގެ ގަހަނާގެ މުރާދަކީ ހަބަޝާއަށް އެކިފަހަރުމަތީން ހިޖްރަކުރެއްވި ސަހާބީންނެވެ.
"މުތީގެ ދިހަ ހާރާއި ތިންސަތޭކަ އަރަބި އަހާއި، ދިހަހާސްގެރި އެކަލޭގެފާނުގެ އަރިހުގައިވާނެއެވެ."
މުތީގެ ދިހަހާރުގެ މުރާދަކީ ސުވަރުގެވަންތަވެރި ދިހަބެކަލުންނެވެ. ތިންސަތޭކަ އަރަބި އަހުގެ މުރާދަކީ ބަދުރީ ސަހާބީންގެ ތިންސަތޭކަ ތޭރަ ބޭކަލުންނެވެ. ދިހަހާސްގެރީގެ މާނައަކީ މައްކާ ފަތަހަ ކުރެއްވުމުގައި ބައިވެރިވެ ވަޑައިގެންނެވި ދިހަހާސް މުޖާހިދުންނެވެ.
އިސްލާމްދީނުގެ މާތްނަބިއްޔާއަށް ކީރިތި ޤުރްއާނުގައި ނަންދެވިފައިވަނީ ރަހްމަތުއްލިލް ޢާލަމީންގެ މަތިވެރި ނަންފުޅުންނެވެ. ރަގުވެދުގައި ވެސް ބަޔާންވެފައިވެއެވެ.
"ރަހްމަތުގެ ލަޤަބު ލިބިވަޑައިގަންނަވާ، ތައުރީފު ލިބިގެންވާ އަޅުވެރިޔާ ވަޑައިގަންނަވަނީ ދިހަހާސް އެކުވެރީންނާއެކުގައެވެ." (ރަގުވެދު، މަންތަރާ:5 ސޫތަރު:28)
އާދެ، މިގޮތުން ވެދުތަކުގައިވަނީ މަހާމިހާއާއި، މަހާމިދުގެ ނަމުން އަރަބީންގެ ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހިވަސައްލަމަގެ ބަޝާރަތު އައިސްފައެވެ.