މަސީހު މަޖިލީހުގައި ކަންކުރައްވަނީ އަބްދުﷲ ޝާހިދު ދަސްކޮށްދެއްވި ގޮތަށް: ރިޔާޒް

ރިޔާޒު މަޖިލީހުގެ ކޮމެޓީއެއްގައި ވާހަކަ ދައްކަވަނީ -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މަސައްކަތް ކުރައްވާ ގޮތާ މެދު އިދިކޮޅުން ކަންބޮޑުވުން ފާޅުކުރާ އިރު އެމަނިކުފާނު ކަންކަން ކުރައްވަނީ އެންމެ ފަހުން މަޖިލީހުގެ ރައީސްކަން ކުރެއްވި އަބްދުﷲ ޝާހިދު ކަންކުރެއްވި ގޮތަށް ކަމަށް ޕީޕީއެމްގެ ޕީޖީ ގުރޫޕްގެ ޑެޕިއުޓީ ލީޑަރު ރިޔާޒް ރަޝީދު ވިދާޅުވެއްޖެ އެވެ.

ރުމާލު 2ގައި މިރޭ ކުރިއަށްދާ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރިޔާޒް ވިދާޅުވީ ރިޔާސަތު ދޫކުރައްވައި މަސީހު ދުރުގައި ހުންނަވައިގެން ވޯޓަށް އެހުމާ މެދު އިދިކޮޅުން ފާޑުކިޔާއިރު އެކަން ދަސްކޮށް ދެއްވީ އަބްދުﷲ ޝާހިދު ކަމަށެވެ.

"މިހާރު މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު ގޮނޑި ދޫކޮށްލާފައި ދުރުގައި ހުރެގެން ވޯޓަށް އަހަން ދަސްކޮށްދިނީ ކާކުތޯ؟ އަބްދުﷲ ޝާހިދު އެކަން ކުރީ. މަޖިލީހުގެ ގަވައިދުގައި އޮންނާނެ މަޖިލީހުގައި ކަނޑައެޅިފައި ނެތް ކަމެއް ކުރިމަތިވެއްޖެ ނަމަ އެކަން ކުރަންވާނީ އެންމެ ފަހުން ކަން ކުރި ގޮތަށް." ރިޔާޒް ވިދާޅުވި އެވެ.

ވިލުފުށި ދާއިރާގެ މެމްބަރުކަން ވެސް ކުރައްވަމުން ގެންދާވާ ރިޔާޒް ވިދާޅުވީ ކުށްވެރިވަނީ ވަކި ބަޔަކު ކަން ކުރީމާ ކަމަށާއި މަޖިލީހުގެ މެޖޯރިޓީ މީގެ ކުރިން އިދިކޮޅަށް ލިބުނު ދަނޑިވަޅުގައި ނުގަވައިދުން ވަރަށް ގިނަ ކަންކަން ކޮށްފައިވާ ކަމަށެވެ. އަދި މިވީހާ ދުވަހު މަޖިލީހުގެ މެޖޯރިޓީ ސަރުކާރުގައި އޮތް އިރު މަޖިލީހުގެ ތެރެއިން އެއްވެސް މީހަކު ބިރުގަންނަވާފައި ނުވާނެ ކަމަށް ވެސް ރިޔާޒް ވިދާޅުވި އެވެ.

"އަޅުގަނޑުމެން މަޖިލީހުގެ ތެރެއިން އެއްވެސް މީހަކަށް ބިރެއް ނުދައްކަން. ފަނޑިޔާރެއް ގެނެސްގެން ބިރެއް ދައްކާފައެއް ނޯންނާނެ. މިނިވަން މުވައްސަސާއެއް ގެނެސްގެން ބިރެއް ދައްކާފައެއް ނޯންނާނެ." ރިޔާޒް ވިދާޅުވި އެވެ.

މަޖިލީހުގެ ތެރެއިން ފާސްކޮށްގެން ސާކް ސަމިޓަށް ހޭދަ ކުރަން 231 މިލިއަން ރުފިޔާ އިން އެ ސަމިޓް ބޭއްވި އައްޑޫގެ ތަރައްގީއަށް އެއްވެސް މަސައްކަތެއް ކޮށްފައި ނުވާކަން ފާހަގަ ކުރަމުން ރިޔާޒް ވިދާޅުވީ އެ މަސައްކަތް ނިމުނު އިރު އެމްޑީޕީ ސަރުކާރުން ކޮށްފައިވާ ހަރަދު 900 މިލިއަނަށް އެރި ކަމަށެވެ.

ރިޔާޒް ވިދާޅުވީ ދެންވެސް އެމްޑީޕީ ވެރިކަމަށް އައިސްފި ނަމަ އެ "ވެރިކަން ވައްޓާލާނެ" ކަމަށެވެ. އަދި އެކަން އެގޮތަށް ކުރާނެ ސަބަބަކީ މި ގައުމުގައި ލާދީނީ ފިކުރު އާލާވާން ފުރުޞަތުދޭން ބޭނުން ނުވާތީ ކަމަށް އޭނާ ވިދާޅުވި އެވެ.

comment ކޮމެންޓް