ބައިނަލް އަގުވާމީ ފަރާތްތަކުން މަސައްކަތް ކުރަނީ އަމިއްލަ މަސްލަހަތަށް: މުންދު

ރާއްޖެ އިން ސްރީލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުހައްމަދު ހުސައިން ޝަރީފް (މުންދު) --- ސަން ފޮޓޯ: މުހައްމަދު އަފްރާހު

ބައިނަލްއަގުވާމީ ފަރާތްތަކުން ދިވެހި ސަރުކާރަށް، ޚާއްސަކޮށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމަށް ޕްރެޝަރުކޮށް ހަދަނީ އެމީހުންގެ އަމިއްލަ މަސްލަހަތު އިސްކޮށްގެން ކަމަށް ރާއްޖެއިން ސްރީލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުހައްމަދު ހުސައިން ޝަރީފް (މުންދު) ވިދާޅުވެއްޖެ އެވެ.

ސްރީލަންކާގެ ސިލޯން ޓުޑޭ އަށް ދެއްވި އިންޓަވިއުއެއްގައި މުންދު ވިދާޅުވީ ރާއްޖެއިން ބައިނަލްއަގުވާމީ މައިާނުގައި ވަކި ޚާއްސަ ރަހުމަތްތެރިއެއް ނުގެންގުޅޭ ކަމަށެވެ. އިގްތިސާދީ ގޮތުން ރާއްޖެއާ މިހާރު އެންމެ ގާތް ގުޅުމަކީ ޗައިނާ ކަމަށާއި އެކަން ބައެއް ގައުމުތަކަށް ހަޖަމު ނުވާ ކަމަށް މުންދު ވިދާޅުވި އެވެ.

ބައިނަލްއަގުވާމީ ފަރާތްތަކުން ރައީސް ޔާމީނުގެ ސަރުކާރަށް ޕްރެޝަރު ކުރަނީ މާލޭގައި (ރާއްޖޭގައި) ކަން ހިނގާ ގޮތް ނޭނގި ތިބެ ކަމަށާއި، ދިވެހިރާއްޖެ ކޮމަންވެލްތުން ވަކިވީ ވެސް ދާޚިލީ ކަންތަކާ ބެހޭވަރުން ކަމަށް މުންދު ވަނީ ވިދާޅުވެފަ އެވެ.

ސްރީލަންކާގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް ކަރޫ ޖަޔަސޫރިޔާ، މި ސަރުކާރަށް ފާޑުވިދާޅުވެ ނެރުއްވި ބަޔާނަށް ރައްދު ދެއްވައި މުންދު ވިދާޅުވީ "ރާއްޖޭގެ ހާލަތު ބައްލަވާލައްވަން ޖަޔަސޫރިޔާ މަސައްކަތުން ޗުއްޓީއެއް ނަންގަވައިގެން ރާއްޖެ ވަޑައިގަންނަވަން ޖެހޭ" ކަމަށެވެ.

ގިނަ އަދަދެއްގެ ދިވެހިން ލަންކާގައި ދިރިއުޅޭ އިރު ރާއްޖެއާ މެދު ނުރަނގަޅު ތަސައްވަރެއް އުފެއްދުމަށް ބައެއް ދިވެހިން މަސައްކަތްކުރާކަން މުންދު ފާހަގަ ކުރެއްވި އެވެ.

ރާއްޖެ އާއި ސްރީލަންކާ އަދި އިންޑިއާ އަކީ ސަރަހައްދުގެ އަމާންކަން ގާއިމު ކުރުމަށް އެއްބަސްވެ އެކަމަށް މަސައްކަތްކުރާ ތިން ގައުމު ކަމަށާއި ސަރަހައްދުގެ ހަމަނުޖެހުން ނަގާލަން އިތުރު ފަރާތަކަށް ފުރުސަތުދޭން ބޭނުން ނުވާ ކަމަށް މުންދު ވިދާޅުވި އެވެ.

ޗައިނާ އިން އިންޑިއާ ކަނޑުގެ ސަލާމަތަށް ނުރައްކާކުރަން އުޅޭކަމަށް މީޑިއާތަކުގައި ދެކެވޭ ވާހަކައަށް އިޝާރާތްކުރައްވައި މުންދު ވިދާޅުވީ ޗައިނާ އަކީ ހަމައެކަނި އިގްތިސާދީ ބައިވެރިއެއް ކަމަށެވެ. ސްރީލަންކާ އެކޭ އެއްގޮތަށް ރާއްޖެއިން ވެސް ބޭނުން ވަނީ ޗައިނާގެ އެހީގައި ތަރައްގީވާން ކަމަށް މުންދު ވިދާޅުވި އެވެ.

އިންޑިއާ އާއި ރާއްޖޭގެ ގުޅުމާ ގުޅޭ ގޮތުން ސުވާލު ކުރުމުން މުންދު ވިދާޅުވީ އިންޑިއާ އާ އެކު އޮންނަނީ ވަރަށް "ސެންސެޓިވް" ގުޅުމެއް ކަމަށެވެ. ރާއްޖޭގެ ތަރައްގީ އަށް އިންޑިއާ އިން ފުރުސަތު ދޭން ޖެހޭ ކަމަށް މުންދު ވިދާޅުވި އެވެ.

ސަރުކާރު ބަދަލުރަން މަސައްކަތް ކުރަނީ ވިޔަފާރިވެރިންނާޢި ސިޔާސީ ގޮތުން ނުފޫޒު ގަދަ ބޭފުޅުންކަން ފާހަގަ ކުރައްވައި މުންދު ވިދާޅުވީ މި ސަރުކާރު އައިފަހުން ދިވެހި ޒުވާނުންނަށް ފުރުސަތުތައް ފަހިވެގެން އަންނަ ކަމަށެވެ. މި ސަރުކާރު 2013 ވަނަ އަހަރު ވެރިކަމާ ހަވާލުވި ފަހުން ވެރިކަން ވައްޓާލުމަށް އެކިފަހަރު މަތިން މަސައްކަތް ކުރި ކަމަށާއި އިދިކޮޅުން މިހާރު މަސައްކަތް ކުރަނީ "ދައުރު ނިމުމުގެ ކުރިން ބަޣާވާތެއްކޮށްގެން ވެރިކަން ވައްޓާލަން" ކަމަށް ވެސް މުންދު ވަނީ ވިދާޅުވެފަ އެވެ.

ރާއްޖޭގެ ޑިޕްލޮމޭޓަކު މިފަދަ އިންޓަވިއުއެއް ބޭރުގެ ނޫހަކަށް ދެއްވާފައިވާ އިރު 2018 ފެބްރުއަރީ އެއް ވަނަ ދުވަހު ސުޕްރީމު ކޯޓުން ނެރުނު އަމުރު ތަންފީޒިކުރުމަށް އދ. އާއި އީޔޫ އަދި އެކުވެރި ގަމުތަކުން ދަނީ ރާއްޖެއަށް ގޮވާލަމުންނެވެ.

comment ކޮމެންޓް