ފަޅުރަށް ނަގާ އިންވެސްޓަރުންގެ އަތުގައި ފައިސާ ހުރިކަން ޔަގީންކުރާ ގޮތްތައް ހަރުދަނާކޮށްފި

ރާއްޖޭގެ ރަށެއްގައި ދަނޑުވެރިކަން ކުރާ ބިމެއް -- ސަން ފޮޓޯ: އަހްމަދު މުޖްތަބާ

ޓޫރިޒަމް ނޫން އެހެން ބޭނުންތަކަށް ރަށްރަށް ކުއްޔަށް ދޫކުރާ އިރު، އެ ރަށްތައް ކުއްޔަށް ނަގާ އިންވެސްޓަރުންގެ އަތުގައި ފައިސާ ހުރިކަން ޔަގީންކުރާ ގޮތް ހަރުދަނާކޮށް، އިސްލާހު ގެނެސްފި އެވެ.

ފިޝަރީޒް މިނިސްޓްރީން އެކުލަވާލާފައިވާ "ފަޅުރަށްރަށް ކުއްޔަށް ނުވަތަ ވަރުވާއަށް ދޫކުރުމުގައި އަމަލުކުރާ އުސޫލު"ގައި "ޕްރޫފް އޮފް ފައިނޭންސް" ހުށަހަޅަން ޖެހޭކަން މީގެ ކުރިން ވެސް އޮވެ އެވެ.

ނަމަވެސް މިނިސްޓްރީން ދާދި ފަހުން ވަނީ އެ އުސޫލަށް އިސްލާހު ގެނެސް، "ޕްރޫފް އޮފް ފައިނޭންސް" ހުށަހެޅުމުގެ މާއްދާ ހަރުދަނާކޮށްފަ އެވެ.

ޕްރޫފް އޮފް ފައިނޭންސްގެ ގޮތުގައި، ފަޅުރަށަށް ފުރަތަމަ ތިން އަހަރު ދުވަހު ކުރާ ޚަރަދުގެ ފައިސާގެ 80 ޕަސަންޓު އަތުގައި ހުރިކަން ނުވަތަ ލިބޭނެކަން އަންގާ ލިޔުމެއް ހުށަހަޅަން ޖެހޭނެކަން އުސޫލުގައިވެ އެވެ.

އިސްލާހުގައި ބުނެފައި ވަނީ، ފައިސާ ޚަރަދުކުރަނީ ރަށް ކުއްޔަށް ނަގާ މީހެއް ނޫން ނަމަ، ޚަރަދު ކުރާ މީހާގެ ލިޔުމެއް ހުށަހަޅަން ޖެހޭ ކަމަށެވެ.

އިސްލާހުގައި އިތުރަށް ބުނެފައި ވަނީ، ޕްރޫފް އޮފް ފައިނޭންސްގެ ގޮތުގައި ބޭންކް ސްޓޭޓްމެންޓް ވެސް ހުށަހަޅަންޖެހޭނެ ކަމަށެވެ.

އެގޮތުން، އަމިއްލަ ފަރާތެއް ނަމަ ހަ މަސް ދުވަހުގެ ބޭންކް ސްޓޭޓްމަންޓް ހުށަހަޅަންޖެހެ އެވެ. އަދި ކޮންމެ މަހެއްގެ އެންޑިންގް ބެލެންސްގައި، ފުރަތަމަ ތިން އަހަރު ދުވަހު ރަށަށް ކުރަން ކަނޑައަޅާފައިވާ ޚަރަދުގެ 80 ޕަސަންޓު ފައިސާ ހުންނަން ޖެހެ އެވެ.

ޕްރޮޖެކްޓުގެ ފައިސާ ހޯދަނީ ބޭންކު ލޯނަކުން ނަމަ، ފުރަތަމަ ތިން އަހަރު ދުވަހު ރަށަށް ކުރަން ކަނޑައަޅާފައިވާ ޚަރަދުގެ 80 ޕަސަންޓަށް ލޯނު ގެރެންޓީ ސިޓީއެއް ހުށަހަޅަން ޖެހެ އެވެ.

ނުވަތަ ފައިސާ ޚަރަދުކުރަނީ ކުންފުންޏަކުން ނަމަ، އެކުންފުނީގެ މިދިޔަ ތިން އަހަރުގެ އޮޑިޓެޑް މާލީ ބަޔާން ހުށަހަޅަން ޖެހޭ ކަމަށް އުސޫލުގައިވެ އެވެ. މާލީ ބަޔާނުގެ ނެޓް ޕްރޮފިޓުގެ ގޮތުގައި ފުރަތަމަ ތިން އަހަރު ދުވަހު ރަށަށް ކުރަން ކަނޑައަޅާފައިވާ ޚަރަދުގެ 80 ޕަސަންޓު ފައިސާ ހުންނަން ޖެހެ އެވެ.

މީގެ އިތުރުން، ޕްރޮޖެކްޓަށް ފައިސާ ހަރަދުކުރާ ފަރާތުގެ ލިކުއިޑް އެސެޓްސް، ފުރަތަމަ ތިން އަހަރު ދުވަހު ރަށަށް ކުރަން ކަނޑައަޅާފައިވާ ޚަރަދުގެ 80 ޕަސަންޓު ފައިސާއާ އެއްވަރުވާން ޖެހޭ ކަމަށް ވެސް އިސްލާހުގައި ބުނެ އެވެ.

އެ އިސްލާހުގައި ބުނެފައި ވަނީ މަޝްރޫއަށް ފުރަތަމަ ތިން އަހަރު ތެރޭގައި ކުރަން ހުށަހަޅާ މަސައްކަތުގެ އިންވެސްޓްމެންޓަކީ، ފުރަތަމަ ފަސް އަހަރުގެ އިންވެސްޓްމެންޓަށް ހުށަހަޅާ ޖުމްލަ އަދަދުގެ 60 ޕަސަންޓަށް ވުރެ ދަށްވެގެން ނުވާނެ ކަމަށެވެ.

comment ކޮމެންޓް