މިނިސްޓަރު ޒަމީރުގެ ބޮޑީގާޑު ހައްޔަރުކޮށްފި

ޓުއަރިޒަމް މިނިސްޓަރު މޫސާ ޒަމީރުގެ ބޮޑީގާޑު އަހުމަދު ޝާނީޒް --- ފޮޓޯ/ ފޭސްބުކު

ޓުއަރިޒަމް މިނިސްޓަރު މޫސާ ޒަމީރުގެ ބޮޑީގާޑު އަހުމަދު ޝާނީޒް ހައްޔަރުކޮށްފިއެވެ.

ޝާނީޒްގެ އިތުރުން ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ބޮޑީގާޑަކަށް މަސައްކަތް ކުރެއްވި ސިމާދު އަހުމަދު ވެސް ވަނީ ހައްޔަރުކޮށްފައެވެ. ސިމާދާއި ޝާނީޒް އަކީ އެމްއެންޑީއެފްގެ ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕް (އެސްޕީޖީ) ގައި މަސައްކަތް ކުރައްވާ ދެ މީހުންނެވެ.

ޝާނީޒްގެ އާއިލާ އިން ބުނީ އޭނާގެ ޚަބަރެއްނުވާތާ ދުވަސްކޮޅެއް ވެއްޖެ ކަމަށެވެ.

ޝާނީޒް އަކީ ކުރީގެ ފިލްމީތަރި އާމިނަތު އަމީލާގެ ފިރިމީހާއެވެ.

އެ ދެ ބޮޑީގާޑުން ހައްޔަރު ކުރީ ފުލުހުން ކަމެއް ސިފައިން ކަމެއް އަދި ނޭނގެއެވެ. މި ޚަބަރާ ގުޅޭގޮތުން އެ ދެ މުއައްސަސާގެ ބަހެއް އަދި ނުލިބެއެވެ.

ދެ ފުލުހަކު ރޭ ހައްޔަރު ކުރި ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން ރޭ ވަނީ ބުނެފައެވެ. ނަމަވެސް އެ މީހުންގެ މައުލޫމާތު ފުލުހުން އާންމު ކޮށްފައެއް ނުވެއެވެ.

"ސަން" އަށް އެނގިފައިވާގޮތުގައި ރޭ ހައްޔަރު ކުރި އެއް ފުލުހަކީ ފުލުހުންގެ ސްޕެޝަލިސްޓް އޮޕަރޭޝަން (އެސްއޯ) ގެ ތެރޭގައި އޮންނަ ސްޕެޝަލް ވެޕަންސް އެންޑް ޓެކްޓިކްސް (ސްވަޓް)ގެ ކުރީގެ ކޮމާންޑަރު ހުސައިން ސައިފެވެ.

މީގެ އިތުރުން ސަރުކާރު ވައްޓަލަން އުޅުނުކަމުގެ ތުހުމަތުގައި ފުލުހުންގެ ސްޕެޝަލް އޮޕަރެޝަންސް (އެސްއޯ) ގައި މީގެ ކުރިން މަސައްކަތް ކުރި ގއ. ގެމަނަފުށީ އިރުމަތީގޭ އަބްދުﷲ އިބްރާހިމް (ޑީޑީ) ގެ ފޯނު ވެސް ފުލުހުން ވަނީ ހިފަހައްޓައިފައެވެ.

comment ކޮމެންޓް