ރަކި ހިނިތުން: ނުހާ އާއި އަޒާންގެ ލޯބީގެ މަންޒަރުތައް ފެންނަ ލަވައެއް

ރަކި ހިނިތުން ކިޔާފައިވާ ފަތޯ އަދި އިންޝާ --- ފޮޓޯ: ޑާކްރެއިން

ޑާކްރެއިންގެ ފެމެލީ ޑްރާމާ ފިލމު ވަކިން ލޯބިން އަންނަ މަހު ފަހެއްގައި ރިލީޒްކުރާނެ އެވެ. ފިލްމުގެ ޕްރޮމޯޝަން ވީޑިއޯތަކާއި ބައެއް ލަވަތައް މިހާރު ވަނީ އާންމުންނަށް ދޫކޮށްލައިފަ އެވެ.

މީގެ ކުރިން އިވިގެން ގޮސްފައިވަނީ "ޕަރީ" އަދި "ހިތުގަ ނަށާ ރާނީ" އެވެ. މިފަހަރު އިވިގެން ގޮސްފައި ވަނީ ލޯބީގެ ޑުއެޓެއް ކަމަށްވާ "ރަކި ހިނިތުން" އެވެ.

ޑާކްރެއިންގެ ފިލްމުތަކަށް ލަވަތައް ކިޔައިދޭ ފަތޯގެ އަމިއްލަ ރާގަކަށް ހަދާފައިވާ މި ލަވަ ކިޔާފައި ވަނީ ފަތޯ އަދި އިންޝާ އެވެ.

ލަވައިގެ ވީޑިއޯ އާންމުކޮށްފައިވާ އިރު މީގެ ކުރިން އާންމުކޮށްފައިވާ ލަވަތަކުގެ ވީޑިއޯއާ ހިލާފަށް މި ލަވައިގެ ވީޑިއޯ އިން ފެންނަނީ ވަކިން ލޯބިންގެ ލީޑުން ފެނިގެންދާ ޖުލައްޔިލް ނިމާލް (އަޒާން) އަދި މަރިޔަމް މަޖުދާ (ނުހާ)ގެ ހަޔާތުގައި އަންނަ އުފާވެރި ދުވަސްތަކެވެ. ދެމީހުން ލޯބީގެ މަންޒަރުތައް ލަވައިން ފެނިގެންދެ އެވެ.

ވަކިން ލޯބިންގެ ތަރިންގެ ތެރޭގައި އެންމެ ފަހުން ބޭވި ފިލްމު އެވޯޑުގެ އެންމެ މޮޅު އެކްޓަރު ޖުމައްޔިލް އާއި އެންމެ މޮޅު އެކްޓްރެސް މަޖުދާ ފެންނާނެ އެވެ. ފިލްމުގެ ޑައިރެކްޓަރަކީ ފިލްމު އެވޯޑްސްގެ އެންމެ މޮޅު ޑައިރެކްޓަރުގެ އެވޯޑު އުފުލާލި އަލީ ޝިފާޢު (ޗިއްޕެ) އެވެ.

ފިލްމުގެ ޓިކެޓު މިހާރު އޮލިމްޕަހުން ވިއްކަމުން އަންނަ އިރު މާލޭގެ އިތުރުން ރާއްޖޭގެ ގިނަ ރަށްރަށުގައި ފިލްމު ދައްކާނެ އެވެ.

comment ކޮމެންޓް