މައްސަލަތަކުގެ ހައްލުހޯދަން މަޝްވަރާކުރުމަށް ދުންޔާ ގޮވާލައްވައިފި

މިހާރު ރާއްޖެ އޮތް ހާލަތާމެދު ހިތާމަ ކުރައްވާ ކަމަށާއި ދިމާވެފައިވާ މައްސަލަތަކަށް ހައްލު ހޯދުމަށް މަޝްވަރާ ކުރުމަށް ކަމާ ބެހޭ ފަރާތްތަކަށް ގޮވާލައްވާ ކަމަށް ހެލްތް މިިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަދި ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމުގެ ދަރިކަނބަލުން ދުންޔާ މައުމޫނު ވިދާޅުވެއްޖެއެވެ.

ކުރީގެ ރައީސް މައުމޫނު ހައްޔަރުކޮށްފައިވާއިރު ދުންޔާ އަދިވެސް ހުންނެވީ ސަރުކާރުގެ މަގާމެއްގައެވެ. އެކަމާ ގުޅިގެން އެކަމަނާއަށް ބައެއް ފަރާތްތަކުން ފާޑުކިޔުން އަމާޒުކުރަމުންދާއިރު ދުންޔާ ގެންދަވަނީ ބައްޕާފުޅުގެ ހާލަތާމެދު ކަންބޮޑުވުން ފާޅުކުރައްވައި، ކަމާ ބެހޭ ފަރާތްތަކާ މަޝްވަރާކުރައްވަމުންނެވެ.

ދުންޔާގެ ފޭސްބުކްގައި މިއަދު އާންމުކުރެއްވި މެސެޖެއްގައި ވިދާޅުވީ މިއަދު ގައުމު އޮތް ހާލަތާމެދު ހިތާމަކުރައްވާކަމަށެވެ. ދެކޮޅުވެރިކަމާ، ނަފުރަތުގެ ސަބަބުން ހާލަތު އިތުރަށް ގޯސް ވާނެ ކަމަށާއި، ރާއްޖޭގެ ހާލަތާ މެދު ރައްޔިތުންގެ އިތުރުން ގާތް ގައުމުތަކުންވެސް ކަންބޮޑުވާކަމަށް ދުންޔާ ވަނީ ވިދާޅުވެފައެވެ.

މީގެ ކުރިން މި ސަރުކާރުގެ ފޮރިން މިނިސްޓަރުކަންވެސް ކުރައްވާފައިވާ ދުންޔާ ވިދާޅުވީ ރާއްޖޭގެ މައްސަލައަށް ހައްލެއް ލިބެންއޮތީ މަޝްވަރާކޮށްގެން ކަމަށެވެ.

"ރުޅިވެރިކަން އެއްފަރާތްކޮށް މަޝްވަރާކުރުމަކީ އެންމެ ފައިދާ ހުރި ގޮތް ކަމުގައި ދެކެން،" ދުންޔާ ވަނީ ދެފަރާތުންވެސް، އެއްބަޔަކު އަނެއްބަޔަކު ދައްކާވާހަކަ އަޑުއެހުމަށް ގޮވާލައިފައެވެ.

މިހާރު ގައުމު އޮތް ހާލަތާމެދު ގިނަ ބަޔަކު ހިތްހަމަ ނުޖެހޭކަން ފަހަގަ ކުރައްވައި ދުންޔާ ވިދާޅުވީ ބައެއް މުއައްސަސާތަކުގެ މަސައްކަތް ކުރިއަށްދަނީ އެންމެ އެދެވިގެންވާ ގޮތަކަށް ނޫން ކަމަށެވެ.

"ރާއްޖޭގެ ގިނަ ރައްޔިތުންތަކެއް ބޭނުންވާ ހަމަޖެހުން އަންނަން. އެކަމަށްޓަކައި ސަރުކާރުން ވަނީ މަޝްވަރާތަކަށް ދައުވަތު ދެއްވާފައި. އެކަން އަޅުގަނޑު ފާހަގަކޮށް ބަލައިގަންނަން. މަޝްވަރާކޮށް ވާހަކަދައްކައިގެން ނޫނީ މި ކަމަށް ހައްލެއް ނުލިބޭނެކަމަށް ގަބޫލުކުރަން،" ދުންޔާ ވިދާޅުވިއެވެ.

ރާއްޖޭގައި ޑިމޮކްރަސީ މިހާރު އޮތް ހާލަތާމެދު ހިތާމަ ކުރައްވާކަމަށް ދުންޔާ ވިދާޅުވެފައިވެއެވެ. ރާއްޖެއަށް ޑިމޮކްރަސީ އައީ އެކަމަށް އެންމެ ރަނގަޅަށް ތައްޔާރު ނެވެ އޮއްވައި ކަމަށްވެސް ދުންޔާ ވިދާޅުވިއެވެ.

މިހާރު ރާއްޖޭގެ ހާލަތު އޮތްގޮތުން ބައިނަލްއަގުވާމީ ރަހުމަތްތެރިންގެ އެހީ ބޭނުންވާ ކަން ފާހަގަ ކުރައްވަި ދުންޔާ ވިދާޅުވީ މަޝްވަރާއަށް ސަރުކާރުން ހުޅުވާލާފައިވާ ފުރުސަތުގެ ބޭނުންކޮށްގެން ހުރިހާ ޕާޓީތަކުންވެސް މައްސަލައަށް ހައްލެއް ހޯދަންޖެހިފައިވާ ކަމަށެވެ.

ދުންޔާ މިފަދަ މެސެޖެއް އާންމު ކުރައްވާފައިވާއިރު ހައްޔަރުކޮށްފައިވާ އެކަމަނާގެ ބައްޕާފުޅު، ރައީސް މައުމޫނުގެ ބަންދާ ބެހޭގޮތުން، ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް)ގެ ރައީސާ އާމިނަތު އީނާސްއާ ދުންޔާ ވަނީ މިދޔަ ހަފްތާގައި ބައްދަލުކުރައްވާފައެވެ.

comment ކޮމެންޓް