އިސްލާމްދީން އަޅުގަނޑުގެ ހިތުގައި ބިންވަޅު ނެގުނީއެވެ. 2

މިސްކިތެއްގައި ބަޔަކު ޤުރުއާން ކިޔަވަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އަސްލު ލިޔުއްވީ : ޢުބައިދުﷲ ޤާދިރީ

ދިވެހިބަހަށް ތަރުޖަމާކުރީ: އަބްދުﷲ ފާރޫޤު ޙަސަން

އެހެންކަމުން ކްރިސްޓިޔަނިޓީ ގައި ހުރި ފުށުއެރުންތަކުން އެއްކިބާވެހުރެ އީމާންކަން ލާޒިމުކުރާ ހެޔޮލަފާ ދިރިއުޅުމެއް އުޅޭން އަޅުގަނޑު މަސައްކަތްކުރަމުން ގެންދިޔައީމެވެ. ސްކާޓާއި ގަމީހުގެ ބަދަލުގައި އެއަށްވުރެ ނިވާކަންބޮޑު ހެދުން ބޭނުން ކުރާން ފަށައިފީމެވެ.

ﷲގެ ޒާތުފުޅާ ބެހޭގޮތުން ފައްޅިތަކުގެ ފާދަރުންނާ ސުވާލުކުރުމަކީ އަޅުގަނޑުގެ އާދައެކެވެ. ނަމަވެސް އެމީހުންގެ ކިބަޔަކު އަޅުގަނޑުގެ ސުވާލުތަކުގެ ސަރީހު ޖަވާބެއް ނޯވެއެވެ. އެހެންކަމުން އަޅުގަނޑު އެމީހުންގެ ގާތުގައި ބުނީމެވެ. އަހަރެން އެހެންދީންތައް ދިރާސާކުރާން ބޭނުމެވެ. ޖަވާބުގައި ފާދަރުން ބުންޏެވެ. "ތިޔައީ އެއްގޮތަކަށްވެސް ރަނގަޅު ކަމެއްނޫނެވެ. ތިޔަހާރުން ޝައިޠާނާ ކަލޭގެ ޗާޗާ ދުރަށް ގެންގޮސްފާނެއެވެ." އަޅުގަނޑު ރަނގަޅަށް ހަނދާން އެބަހުއްޓެވެ. ދީނީ މީހުން ޖަވާބުގައިބުނީ އަޅުގަނޑު ﷲގެ ރަސްކަންފުޅާ ދުރަށްގެންގޮސްފާނެ ވާހަކަ އެއްނޫނެވެ. ޗާޗާ ދުރަށް ގެންގޮސްފާނެ ވާހަކައެވެ. މަޖާކަމަކީ ތިޔޮލޮޖީއިން ޕީ.އެޗް.ޑީ. ހަދައިފައި ތިބުމާއެކުވެސް ފާދަރުންނަށް އަޅުގަނޑުގެ ސުވާލުތަކަށް ޖަވާބު ނުދެވޭ ކަމެވެ. އަޅުގަނޑު ސުވާލުކުރި މީހުންގެ ތެރޭގައި ކްރިސްޓިޔަން ޢިލްމުވެރީންގެ އިތުރަށް ޔަހޫދީރައްބީން ވެސް ހިމެނެއެވެ.

އަޅުގަނޑަކީ ޗާޗުގެ މިޔުޒިކް މިނިސްޓްރީގެ މެމްބަރެކެވެ. އެއްދުވަހަކު މިޔުޒިކު ކޮޓަރިޔަށް ދާން އަޅުގަނޑު ޗާޗުގެ ބިއްދޮށު ދޮރުން ވަދެއްޖައީމެވެ. އޭރު އަޅުގަނޑާއެކު މަސައްކަތްކުރާ ދެއަންހެނަކު އަޅުގަނޑާ ބެހޭގޮތުން ނެތިމޮށެނީއެވެ. އަޅުގަނޑަށް ޣީބަ ބުނަނީއެވެ. އެމީހުން ވާހަކަ ދެއްކިއެވެ. އަޅުގަނޑަކީ މީހަކާ އިނދެވަރިވެފައިއިން މީހެކެވެ. އެހެންކަމުން މިހާ ފާޅުގޮތެއްގައި މިޔުޒިކުގައި ބައިވެރިވުމަކީ ރަނގަޅުކަމެއް ނޫނެވެ. އެގޮތަށް ވާހަކަ ދެއްކިއިރު ޙަޤީޤަތުގައި އެމީހުން ތިބެނީ އަޅުގަނޑުގެ މިޔުޒިކަށް ހިތްދެވިފައެވެ. އެމީހުން އަޅުގަނޑުގެ މިޔުޒިކު އަޑުއަހަންބޭނުމެވެ.

އަޅުގަނޑު ހައިރާންވީ އެމީހުންނަށް އަޅުގަނޑާމެދު ނިޔާއެއް ކަނޑައަޅަން ހުއްދަ ލިބުނުގޮތަކާމެދުގައެވެ. އަޅުގަނޑާމެދު ހުކުމެއް އިއްވަން އެއީކޮންބައެއްތޯއެވެ؟ ވަރިވުމާ ބެހޭގޮތުން ވާހަކަ ދައްކާއިރު އެއީ އަޅުގަނޑުގެ ޒާތީ މުޢާމަލާއެކެވެ. އަމިއްލަކަމެކެވެ. އަޅުގަނޑަކީ ރާބޯމީހެއްނޫނީމެވެ. އަދިކީއްތޯއެވެ. އަޅުގަނޑު ސިގިރެޓެއްވެސް ނުބޮމެވެ. ހިލޭފިރިހެނުންނާއެކު ހިނގައިބިނގައިވެސް ނުއުޅެމެވެ. އެނޫން އެހެނިހެން ބަދުއަޚްލާޤީ ކަންތައްތަކުންވެސް އަޅުގަނޑު ހުންނަނީ ރައްކާތެރިވެގެންނެވެ. އެހެންވީއިރު އަޅުގަނޑު މީހަކާ އިނދެ ވަރިވެފައިވާތީ އެކަމާހުރެ އެމީހުން އަޅުގަނޑާ ދިމާޔަށް ކިލާއުކާންވީ ކީއްވެގެންތޯއެވެ؟ މިކަންވެސްވީ އަޅުގަނޑުގެ ދިރިއުޅުން އެހެންއަތަށް އެނބުރުމުގެ މުހިއްމު ސަބަބެއްކަމުގައެވެ.

ކްރިސްޓީޔަން އާދަކާދަޔާ އެއްގޮތަށް އަޅުގަނޑުގެ ފިރިމީހާގެގާތުން ވަރިވުމަށްފަހު އަޅުގަނޑު ދެވަނަ ކާވެންޏެއް ނުކުރަމެވެ. އެއީ ކްރިސްޓިޔަން އާދަކާދައިގައި އޮންނަ ގޮތުން ވަރިކުރިފިރިހެނާ ދުނިޔޭގައި ހުއްޓައި ވަރިވިއަންހެންމީހާ ޔަށް ދެވަނަ ކާވެންޏެއް ނުކުރެވޭނެތީއެވެ. ވަރިކުރިފިރިހެނާ ދުނިޔޭގައި ހުއްޓައި ވަރިވިއަންހެނާ ދެވަނަ ކާވެންޏެއް ކޮށްފިކަމުގައި ވާނަމަ އެއަންހެނަކު އެކުރަނީ "ހަރާންޒިނޭ" ކަމުގައި ކްރިސްޓިޔަނިޓީގައި ބަލާތީއެވެ. އެފަދަ ލަކެއް އަޅުގަނޑުގެ ފަސްބައިގައި ޖައްސަން ބޭނުންނުވާތީއެވެ. ރެޔެއް ދުވާލެއް ނެތި އަޅުގަނޑު މަސައްކަތްކުރީ އަޅުގަނޑުގެ ދަރިފުޅު ރަނގަޅުގޮތުގައި ގެންގުޅެބޮޑުކުރުމަށެވެ. މިހާރު އޭނާއަށް އެކާވީސް އަހަރުވެއްޖެއެވެ. އޭނާ އުޅެނީ މީހަކާ އިނދެގެންނެވެ. އަޅުގަނޑު މިހާރުވަނީ ރީތި ރީތި ފިރިހެންދަރިފުޅެއްގެ މާމަޔަކަށްވެފައެވެ.

އިސްލާމްދީނާބެހޭ ފޮތްތައް ކިޔުމަކީ އަޅުގަނޑުގެ އާދަޔަކަށް ވެއްޖެއެވެ. ލައިބްރަރީތަކުން ފޮތް ހޯދައިގެންނާއި ފޮތް ގަނެގެންނެވެ. ކުރީންވެސް ދަންނަވައިފައިވާ ފަދައިން އަޅުގަނޑަކީ އެއްފަހަރަކު ލޮލުގެ ފެނުމުން މަޙްރޫމްވެފައިހުރިމީހަކީމެވެ. އެހެންކަމުން އަޅުގަނޑު ގިނައިން ބޭނުންކުރީ އޯޑިޔޯ ފޮތްތަކެވެ. މާބޮޑަށް ލޮލަށް ބާރުކުރިޔަ ނުދިނުމަށްޓަކައެވެ.

އަޅުގަނޑުމެންގެ އަވަށަށް އަލަށް އައި މުސްލިމު އަންހެނަކާ އަޅުގަނޑާ ބައްދަލުވިއެވެ. އޭނާ އިސްލާމްދީނާބެހޭ ލުއިފޮތްތަކެއް އަޅުގަނޑަށް ހަދިޔާކުރިއެވެ. އަޅުގަނޑު ކުއްލިޔަކަށް އިސްލާމްދީން ޤަބޫލުނުކުރި ކަމުގައި ވިޔަސް ތެދުމަގަށް ނިކުތުމަށް އެލުއިފޮތްތަކުން އަޅުގަނޑަށް މަގުހުޅުވައިލަދިނެވެ. މުސްލިމެއްގެ ގޮތުގައި ދިރިއުޅޭނެ ގޮތް ދަސްކޮށްދިނެވެ. އަޅުގަނޑު އެއަންހެންމީހާއާ ގުޅުންބަދަހި ކުރީމެވެ. އިސްލާމްދީނަށް އަމަލުކުރުމުގެ ގޮތުންބަލާއިރު އަޅުގަނޑަށް ފެނުނުގޮތުގައި އޭނާއަކީ ވަރަށް ހެޔޮލަފާ ރަނގަޅު އަންހެނެކެވެ. އީމާންތެރި ޢަމަލުރަނގަޅު މީހެކެވެ. އިސްލާމްދީނާ ބެހޭގޮތުން އޭނާގެ މައުލޫމާތު ވަރަށްތަނަވަހެވެ. އަޅުގަނޑު އޭނާއަށް ވަރަށް ޝުކުރުއަދާކުރީމެވެ. އޭނާއަށް ހެޔޮރަޙުމަތް ލެއްވުންއެދި ﷲ ގެ ޙަޟުރަތަށް ދުޢާކުރަމެވެ.

އަޅުގަނޑުގެ ދަރިފުޅު މަތީ ތަޢުލީމަށްޓަކައި ޚިޔާރުކުރީ މިނެސޯޓާގެ ކޮލެޖެކެވެ. އެކޮލެޖުން އޭނާއަށް ރަހުމަތްތެރި ކުދީންކޮޅެއް ލިބުނެވެ. އޭނާއާ ގުޅޭކަހަލަ ރަހުމަތްތެރި ކުދީންތަކެއް ލިބުމުން އޭނާ ވަރަށް އުފާވިއެވެ. އަޅުގަނޑަށް ވުރެ ކުރީން މިނެސޯޓާއަށް ދިޔައީވެސް ކޮލެޖެއް ޚިޔާރުކުރީވެސް އޭނާއެވެ. އޭނާގެ ރަހްމަތްތެރީންގެ ތެރޭގައި މުސްލިމް ކުދީންވެސް ތިއްބެވެ. ސޫދާނާއި، ޕާކިސްތާނާއި އެކުވެރި ޢަރަބި އިމާރާތުގެ ކުދީންނެވެ. އަޅުގަނޑުގެ ދަރިފުޅު އެކުދީންގެ އެކުވެރިކަމުގެ ތެރެއިން އިސްލާމްދީން މުޠާލިޢާކުރާން ފަށައިފިއެވެ. އޭރު އިސްލާމްދީނާބެހޭގޮތުން އަޅުގަނޑުގެ މުޠާލިޢާއާއި މައުލޫމާތުގެ ދާއިރާވަނީ ވަރަށް ތަނަވަސްވެފައެވެ. އިސްލާމްދީން ވަނީ އަޅުގަނޑުގެ ހިތުގައި ރަނގަޅަށް އަށަގެންފައެވެ. ބިންވަޅުނެގިފައެވެ. ނަމަވެސް އަޅުގަނޑު އެމަރްހަލާ ކަޑައްތުކުރީ ވަރަށް ސިއްރުސިއްރުންނެވެ. އަޅުގަނޑުގެ ދަރިފުޅަށްވެސް އެކަމާބެހޭގޮތުން އެއްވެސް ކަމެއް ރޭކާވެސް ނުލައެވެ. އެކަމަކު އޭރު އަޅުގަނޑުވަނީ އިސްލާމްދީނާއި އެހެނިހެން ދީންތައް އަޅައިބެލުމުގެ ދިރާސާތަކެއްވެސްކޮށް ނިންމައިފައެވެ. މުސްލިމުން އުޅޭގޮތަށް އަޅުގަނޑު ދިރިއުޅޭތާވެސް ވަނީ ދުވަސްތަކެއްވެފައެވެ.އެކަމަކު ޝަހާދަތްކިޔައި ޤަވާއިދުން އިސްލާމްދީނުގެ ދާއިރާއަކަށް ނުވަންނަމެވެ.

އަޅުގަނޑުގެ ދަރިފުޅު އެއްދުވަހަކު އަޅުގަނޑާ ބައްދަލުކޮށްފައި ބުންޏެވެ. " މަންމާއެވެ. އަޅުގަނޑު އިސްލާމްވާން ބޭނުމެވެ. އަޅުގަނޑު އިސްލާމްވެއްޖެނަމަ މަންމަ އެކަމާ ދެރަފުޅެއްނުވާނަންތޯއެވެ.؟" އޭނާ ހުރީވަރަށް ބިރުންނެވެ. އޭނާ ހީކޮށްގެން ހުންނަގޮތުގައި އަޅުގަނޑަކީ ދީންވެރި ކްރިސްޓިއަނެކެވެ. އަޅުގަނޑުގެ ދަރިފުޅު އެވާހަކަ ބުނުމުން އަޅުގަނޑަށް ކުއްލިއަކަށް ސުވާލުކޮށްލެވުނެވެ. " ދަރިފުޅު އިސްލާމްވަނީ ކީއްކުރަންހެއްޔެވެ؟" ދަރިފުޅު ޖަވާބުދިނެވެ. "އަޅުގަނޑަށް އިސްލާމްދީން އުނގަންނައިދޭ އެކުވެރިޔާ ވަނީ އިސްލާމްވުމުގެ ކުރީން މަންމަޔާ މަޝްވަރާ ކުރަން ބުނެފައެވެ. އެހެނީ ކީރިތި ޤުރްއާނުގައިވަނީ މައިންނަށް އިހްތިރާމްކުރުމަށް ވަރަށް ޚާއްޞަ ގޮތެއްގައި ބާރުއަޅުއްވައިފައެވެ." ދަރިފުޅުގެ ވާހަކައިގެ ޙަޤީޤަތް ދެނެގަތުމަށްޓަކައި އަޅުގަނޑު އޭނާއާ ވަރަށް ގިނަ ސުވާލުކުރީމެވެ. އަޅުގަނޑުގެ ދަރިފުޅު ބިރުން އިނދެ ދިންޖަވާބުތަކުން އަޅުގަނޑަށް ޔަޤީންވީ އޭނާގެ ހިތުގައި އިސްލާމްދީން ރަނގަޅަށް އަށަގެންފައިވާކަމެވެ. އެޔަޤީންކަން ހޯދުމަށްފަހު އަޅުގަނޑުވެސް އަޅުގަނޑުގެ ހިތުގެ ސިއްރު އޭނާއަށް ހާމަކޮށްދިނީމެވެ. އަޅުގަނޑު އިސްލާމްދީން މުޠާލިޢާކުރާތާ އަހަރުތަކެއް ވެއްޖެކަން ބަޔާންކުރީމެވެ. އޭނާ އެކަމާ ވަރަށް ޙައިރާންވިއެވެ. ކޮންމެއަކަސް މަދުހަފުތާތަކެއްގެ ތެރޭގައި އޭނާގެ މުސްލިމު އެކުވެރީންނާ އަޅުގަނޑާ ތައާރަފުކޮށްދިނެވެ. އަޅުގަނޑުމެން ދެމައިން އެކުދީންނާއެކު މުސްލިމު އާއިލާއެއްގެ ގޭގައި ޝަހާދަތުގެ ދެކަލިމަކިޔައި ޤަވައިދުން އިސްލާމްވެއްޖައީމުއެވެ. އެހަފުލާގައި މުސްލިމު ބާރަ އަންހެނަކު ބައިވެރިވިއެވެ. ހައްތާވެސް ދީނަށް އަމަލުކުރާ ރަނގަޅު މުސްލިމާއިންނެވެ. އެއުފާވެރި ޙާދިޘާ ހިނގީ 2001 ވަނަ އަހަރުގެ ޖުލައިމަހުއެވެ. ކިހައި ޙައިރާންވާ ކަހަލަ ކަމެއްތޯއެވެ. ތަފާތު މަގުތަކަކުން ދަތުރުކޮށްފައި އައިސް އަޅުގަނޑުމެން ދެމައިންގެ ދަތުރު އުފާވެރި އެއް މަންޒިލަކަށް ނިންމައިލެވުނީއެވެ.

ޔޫރަޕުގައި ނުވަތަ އެމެރިކާގައި އިސްލާމްވުމާއި މުސްލިމުންގެ ގޮތުގައި ދިރިއުޅުމަކީ ފަސޭހަކަމެއްނޫނެވެ. އަޅުގަނޑުގެ އަވަށްޓެރީންނާއި އަވަށުމީހުންގެ ތަނަވަސް އަކްސަރިއްޔަތަކީ ދޮންކްރިސްޓިޔަނުންނާއި ޔަހޫދީންނެވެ. އެކަމަކު އަޅުގަނޑުގެ މަންމަ އަޅުގަނޑަށް ދަސްކޮށްދެއްވި އެއްކަމެއް އެބައޮތެވެ. މަންމަ ވިދާޅުވިއެވެ. ގައިގެކުލަ ދޮންވުމަކީ ނުވަތަ ކަޅުވުމަކީ މާނައެއް ހުރިކަމެއް ނޫނެވެ. ޙަޤީޤަތުގައި މާތްކަމަކީ ހިތުގައި ކިލަނބުކަމެއްނެތުމެވެ. އަލިވެ އުޖާލާވުމެވެ. ނަމަވެސް އިސްލާމްވުމަށްފަހު އަޅުގަނޑުމެން ގުނޭންފެށީ ބައިމަދު ގިންތީގައެވެ. އެވެށީގައި އަޅުގަނޑުމެން ޖެހެނީ އަޅުގަނޑުމެންނަކީ މުސްލިމުންކަން ސާބިތުކޮށްދޭށެވެ. ނަސީބުދެރަކަމުން އައުމުސްލިމުންނަށް ޣައިރު މުސްލިމުން ފިޔަވައި ޚުދު މުސްލިމުންނާވެސް ބައެއް ކަންކަމުގައި ޚިޔާލުތަފާތުވާން ޖެހެއެވެ.

މިސާލެއްގެ ގޮތުން ދަންނަވާނަމަ ހިޖާބުގެ މައްސަލައެވެ. އެމައްސަލައިގައި ބައެއްމުސްލިމުންގެ ޚިޔާލަށްވަނީ ޣައިރުމުސްލިމުންގެ އަސަރުފޯރައިފައެވެ. ކޮންމެއަކަސް މިސްކިތުގެ އިތުރަށް އިޖްތިމާއީ ދާއިރާގައިވެސް ހިޖާބުނުވަތަ ސްކާފް ބޭނުންކުރާ މުސްލިމު އަންހެނުންނަށް އަޅުގަނޑުގެ ހިތުގައި ވަރަށް ބޮޑު ތައުރީފެއް އޮވެއެވެ. އެފަރާތްތަކުން ހިތުގެ ފުންމިނުން އިސްލާމްދީނަށް ޤަދަރުކުރާކަމުގައި އަޅުގަނޑު ޤަބޫލުކުރަމެވެ.

އަޅުގަނޑު އިސްލާމްވިތާ ދެމަސްދުވަސްވެސް ނުވަނީސް 14 ސެޕްޓްމްބަރ 2001 ގައި ހިނގި ހާދިޡާއެކެވެ. މުސްލިމުންދެކެ އިންތިހާޔަށް ނަފުރަތުކުރާ ޒުވާނެއް އަޅުގަނޑުގެ ގައިގައި ކާރުން ޖައްސައި ފިހާރައެއްގެ ޝޯކޭސްތެރެއަށް ކޮއްޕައިލިއެވެ. އެހާދިޘާގައި އަޅުގަނޑުގެ ކަކޫ ޒަހަމްވެ ކަށިމަތި ބިނދުނެވެ. ޝޯކޭހުގެ ބިއްލޫރިތައް ތެޅިގެން އަޅުގަނޑުގެ ގަޔަށްއެޅި އަތާއި ކަނދުރާ ޒަޚަމްވިއެވެ. ފިހާރައިގައި ހަރުކޮށްފައިހުރި ކެމެރާއިން އެހުރިހާ މަންޒަރެއްވަނީ ފޮޓޯނަގައިފައެވެ. އެހެންކަމުން އަޅުގަނޑުގެ ގައިގައި ކާރުން ޖައްސައިފައި ފިލަން އުޅުނު ޒުވާނާ ވަރަށް ފަސޭހައިން ހައްޔަރު ކުރެވިއްޖެއެވެ. އެޒުވާނާގެ މޫނުމަތީން ފެނުނު ގޮތުގައި އަޅުގަނޑުގެ ހާލާމެދު އޭނާވެސް ދެރަވިއެވެ. އޭނާ ބުނިގޮތުގައި އޭނާ އަޅުގަނޑުގެ ގައިގައި ކާރުން ޖެއްސީ އަރަބި އަންހެނެއްކަމުގައި ހީކޮށެވެ. އަޅުގަނޑު ސްކާފުއަޅައިގެން ހުރުމުންނެވެ. އެހެންވެސް ދޮންމީހުންފަދައިން އަޅުގަނޑު އެމެރިކާގެ ލަހެޖާގައި ފަސޭހަކަމާއެކު އިނގިރޭސިބަހުން ވާހަކަ ދައްކާ އަޑުއިވުމުން އޭނާ ޙައިރާންވިއެވެ. އޭނާ އެންމެ އަޖައިބުވީ އަޅުގަނޑަކީ އެމެރިކާގެ ކަނޑުގެސިފައިންގެ ތެރޭގައި މަސައްކަތްކުރުމަށްފަހު ޚާއްޞައެހީއަށް ބޭނުންވާ މީހަކަށް ވުމުން ރިޓަޔަރވެފައިހުރި މީހެއްކަން އެނގުމުންނެވެ. އެޒުވާނާގެ ބޮލުގައި އެޅިފައިވަނީ ވަރަށްބޮޑުކުށެއްގެ އިލްޒާމެކެވެ. ޖަލަށްދާންޖެހޭފަދަ ކުށެކެވެ. އަޅުގަނޑު ނިންމީ އޭނާއަށް އިތުރު ފުރުސަތެއްދޭށެވެ. އަޅުގަނޑު ބުނެފީމެވެ. ކުރިޔަށްއޮތް ދިހަދުވަހު ކޮންމެދުވަހަކު އެއްގަނޑިއިރު އިސްލާމްދީނާބެހޭ ދަރެސް އަޑުއަހަން ވައުދުވާށެވެ. އޭރުން އަޅުގަނޑު މާފުކޮށްފާނަމެވެ. އޭނާ އެކަމަށް އެއްބަސްވިއެވެ. އަޅުގަނޑު އޭނާއަށް މާފުދޭން ހަމަޖެއްސިއިރު އެންމެ ދުވަހަކުވެސް ދަރެސް އަޑު ނާހައިފިނަމަ މާފު އަނބުރާގެންދާނެކަމަށް ޝަރުތުކުރީމެވެ. އަޅުގަނޑުގެ ހައްޤު ހޯދަން ކޯޓަށްދާނެވާހަކަ ބުނީމެވެ. ހަޤީގަތުގައި އަޅުގަނޑު އެގޮތަށް ނިންމީ ކައުސާހިބާ ޞައްލާﷲ ޢަލައިހި ވަސައްލަމަގެ ސީރަތުން ހަމައެދުވަހު އަޅުގަނޑަށް ލިބުނު ފިލާވަޅެއްގެ ސަބަބުންނެވެ.

ކައުސާހިބާ ސައްލަﷲ އަލައިހި ވަސައްލަމަގެ ރިސާލަތުގެ މައްކީ ދައުރުގައި އެމާތް ސާހިބާގެ ގަނޑުވަރަށް ވަޑައިގަންނަވާ މަގަށް ރޭގަނޑު ކަށިތަކާއި ކުނިބުނި އަޅައި އުޅުނު އަންހެނަކު އުޅުނެވެ. އިތުރު ސާހިބާގެ ގައިކޮޅަށް ކުނިބުނި އުކާކަށްވެސް އެކަނބުލޭގެ ފަހެއްނުޖެހެއެވެ. އޭނާގެ އާދަޔާޚިލާފަށް އެއްރެޔަކު އޭނާއަށް ކުނިބުންޏާއި ކަށިތަކެއް ނޭޅުނެވެ. އިތުރުސާހިބާ ޚަބަރުބައްލަވައިލެއްވިއިރު އެރޭ އެކަނބުލޭގެ ބަލިވީއެވެ. އާލަމްތަކަށް ރަހްމަތެއް ކަމުގައި ފޮނުއްވި ސާހިބާ އެކަނބުލޭގެޔަށް ޒިޔާރަތްކުރެއްވިއެވެ. އޭނާގެ ހާލުބެއްލެވިއެވެ. ނަތީޖާއެއްގެ ގޮތުން އެކަނބުލޭގެ ހިތަށް ހެޔޮ އަސަރުތަކެއް ކުރިއެވެ.

އެހާދިޘާއިން އަޅުގަނޑު ފިލާވަޅު ލިބިގަތީއެވެ. އަޅުގަނޑުގެ ވިސްނުމަށް އެތަދުބީރުއައީއެވެ. އެޒުވާނާއަކީ އަޅުގަނޑުގެ ދަރިފުޅާ އެއް އުމުރެއްގެ ކުއްޖެކެވެ. އަޅުގަނޑުގެ ދަރިފުޅު ދެކެ އަޅުގަނޑު ލޯބިވާފަދައިން އެކުއްޖާގެ މުސްތަގުބަލު ހަލާކުކޮށްލަން އަޅުގަނޑު ބޭނުމެއްނުވިއެވެ. އޭނާއަކީ ކޮލެޖެއްގެ ވަރަށްތޫނު ދަރިވަރެކެވެ. އިސްލާމްދީނާ ބެޙޭގޮތުން އޭނާއަށް އެއްވެސް މަޢުލޫމާތެއް ލިބިފައެއްނެތެވެ. އިސްލާމްދީނާ އެހައި ބީރައްޓެހިވުމުން ވަރަށް ފަސޭހައިން ތަޢައްޞުބުގެ ޝިކާރަޔަކަށް ވެވިދާނެއެވެ. އެޒުވާނާ އޭނާގެ ވަޢުދާ އެއްގޮތަށް ޤަވައިދުން ދަރެސްތައް އަޑުއެހިއެވެ. އެއަށްފަހު އަމިއްލަޔަށް އިސްލާމްދީން މުޠާލިޢާކުރާން ފަށައިފިއެވެ. އަޅުގަނޑުމެންނާ ގުޅުން ބަހައްޓަމުން ގެންދިޔައެވެ. އެންމެ ހަމަސްދުވަހުގެ ތެރޭގައި (2002 ފެބްރުއަރީގައި) އޭނާ އިސްލާމްވެއްޖެއެވެ. އޭރު އޭނާހުރީ އޭނާގެ އުފަންއަވަށުގައެވެ. އެތަނުން އީމެއިލުގެ ޒަރީޢާއިން އަޅުގަނޑަށް ޚަބަރުފޮނުވިއެވެ. އޭނާ އެއަވަށުގެ މުސްލިމު ކިޔަވާކުދިންގެ އެސޯސިއޭޝަނުގައިވެސް ބައިވެރިވިއެވެ. އެކުދީންގެ ތަބްލީޣީ މަސައްކަތުގައި ބައިވެރިވެ އަތްބާރުއަޅައިދެމުން ގެންދެއެވެ. އެހެންކަމުން އަޅުގަނޑުގެ ޒަޚަމުގެ ލަކުނުތަކާމެދު ވިސްނައިލެވޭ ކޮންމެފަހަރަކު އަޅުގަނޑަށް ރޫޙާނީ ވަރަށްބޮޑު އުފަލަކާއި މީރުކަމެއްލިބެއެވެ. އެކަންބަޔާންކޮށްދޭންވެސް އަޅުގަނޑަށް އުނދަގުލެވެ. އަޅުގަނޑު މާތްﷲއަށް ޙަމްދުކޮށް އެކަލާނގެ ކިބްރިޔާވަންތަކަމަށް ޘަނާ ދަންނަވަމެވެ.

އަރަހުށި މާތްﷲ އަޅުގަނޑަށް މަދަދު ދެއްވިއެވެ. އެކަލާނގެ އަޅުގަނޑަށް އިސްލާމީ ޝަޢާއިރުގެ ދާއިރާގައި މަސައްކަތްކުރުމުގެ ތައުފީޤު ދެއްވިއެވެ. މިލާޔޫންގެ އާދަމް ސެންޓަރާއި މިސްކިތުގައި އަޅުގަނޑު ޚިދުމަތްކުރަމެވެ. އެތަނުން މުސްލިމުންނާއި ދުވަހުން ދުވަހަށް ބައްދަލުވެ އަޅުގަނޑުގެ އީމާންކަން ތާޒާވެއެވެ. އިތުރުވެ ވަރުގަދަވެއެވެ. ކުރީންވެސް ދެންނެވި ފަދައިން މިތާނގައި އިސްލާމްދީނަށް އުޅުމަކީ އެހައި ފަސޭހަކަމެއް ނޫނެވެ. އެކަމަކު މިހާރު އަޅުގަނޑު މިހިރީ އެކަންޏެއް ނޫނެވެ. އަރަހުށި މާތްﷲ އަޅުގަނޑާއެކު ވޮޑިގެން ވެއެވެ. ކޮންމެ އަޑިއުސްކަމެއްގައި އެކަލާނގެ ހަޟްރަތުން އަޅުގަނޑަށް މަދަދުލިބެއެވެ.

އަޅުގަނޑު ދެކޭގޮތުގައި އިސްލާމްދީނަށް ފުރިހަމައަށް ޢަމަލުކުރުމަކީ ވަރަށް މުހިންމުކަމެކެވެ. އެހެނިހެން މުސްލިމުންނާ ގާތްގުޅުމެއް ބާއްވަންޖެހޭނެއެވެ. ދޮޅުގާބުރީން ވަކިމިސްކިތެއް ރާނަން އުޅުމަކީ އިސްލާމީ ފިކުރާ އެއްގޮތްކަމެއް ނޫނެވެ. ރަނގަޅު އިސްލާމީ ފިކުރުގައި ދެމިހުރުމަކީ ބޭނުންކަމެކެވެ. އެކަކު އަނެކަކަށް އެހީތެރިވެ، އަޅައިލައި އުޅުމަކީ ކޮންމެހެން ލާޒިމުކަމެކެވެ. އިސްލާމްދީން ޤަބޫލުކުރިފަހުން އިރުއަރައި އިރުއޮއްސޭ ކޮންމެ ދުވަހަކީވެސް އަޅުގަނޑަށް އާގޮންޖެހުމެއް ކުރިމަތިވާ ދުވަހެކެވެ. އަރަހުށި މާތްﷲ ގެ ހެޔޮތައުފީޤު އަބަދުވެސްވަނީ އަޅުގަނޑާއެކުގައެވެ. ކޮންމެކަމެއްގައިވެސް އެކަލާނގެ އަޅުގަނޑަށް ރަނގަޅު ގޮތް އިލްހާމުކުރައްވައެވެ. ކާމިޔާބު ދެއްވައެވެ.

comment ކޮމެންޓް