ކުއްލި ނުރައްކަލުގެ ހާލަތު އިތުރު ކުރުމަށް ވޯޓަށް އަހާފައިވަނީ ގާނޫނާ ހިލާފަށް: ވަކީލުން

ގަނޫނީ ވަކީލުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ފަހެއް ފެބްރުއަރީގައި ރައީސުލްޖުމޫހިރިއްޔާ އިއުލާނު ކުރެއްވި ކުއްލި ނުރައްކަލުގެ ހާލަތު 30 ދުވަހަށް އިތުރު ކުރުމަށް ރައްޔިތުންގެ މަޖިލީހުގައި ވޯޓަށް އަހާފައި ވަނީ ގާނޫނާ ޚިލާފަށް ކަމަށް އިދިކޮޅު ކޯލިޝަނަށް ނިސްވަތްވާ ގާނޫނީ ވަކީލުންގެ ޓީމުން މިއަދު ވިދާޅުވެއްޖެއެވެ.

އިއްޔެ ހަވީރު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޚާއްސަ ޖަލްސާގައި ވަނީ ކުއްލި ނުރައްކަލުގެ ހާލަތާ ގުޅޭ ގޮތުން ގައުމީ ސަލާމަތާ ބެހޭ ކޮމެޓީން ނިންމި ނިންމުންތަކަށް ވަކިވަކިން ވޯޓަށް އަހާފައެވެ. އެގޮތުން ގާނޫނު އަސާސީގެ 100 ވަނަ މާއްދާ، 101 ވަނަ މާއްދާ، 113 ވަނަ މާއްދާ އަދި 228 ވަނަ މާއްދާ އުނިކުރުމަށާއި ކުއްލި ނުރައްކަލުގެ ހާލަތު 30 ދުވަހަކަށް އިތުރު ކުރުމަށް، ސަރުކާރަށް ތާއިދުކުރާ 38 މެންބަރެއްގެ ވޯޓުން ވަނީ ފާސްކޮށްފައެވެ.

ގަނޫނީ ވަކީލުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

މިކަމާ ގުޅޭ ގޮތުން މިއަދު މ. ކުނޫޒުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ގާނޫނީ ވަކީލު ހިސާން ހުސައިން ވިދާޅުވީ ގާނޫނު އަސާސީގައި ކަނޑައަޅާފައިވާ އިމުގެ ތެރެއިން ނޫން ގޮތަކަށް ރައްޔިތުންގެ މަޖިލީހަށް ކުއްލި ނުރައްކަލުގެ ގަރާރަށް ވޯޓު ނުދެވޭނެ ކަމަށެވެ.

"އިއްޔެ ރައްޔިތުންގެ މަޖިލީހުން އެ ނެގި ވޯޓަކީ ގާނޫނު އަސާސީގައި ކަނޑައަޅާފައިވާ ގޮތަށް ނެގުނު ވޯޓެއް ނޫން. އަދި ގާނޫނު އަސާސީ ކަނޑައަޅާފައިވާ ގޮތަށް މި ގަރާރަށް ވޯޓު ނުލިބުމުގެ ސަބަބުން ރައީސް އިއުލާނު ކުރައްވާފައިވަ ކުއްލި ނުރައްކަލުގެ ހާލަތު އަޅުގަނޑުމެން ގަބޫލު ކުރާ ގޮތުގައި މިހާރު އޮތީ ނިމުމަކަށް އައިސްފައި،" ހިސާން ވިދާޅުވިއެވެ.

ގަނޫނީ ވަކީލުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ގާނޫނީ ވަކީލު މަހްފޫޒް ސައީދު ވިދާޅުވީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރި ގަރާރު ފަދަ ރައްޔިތުން އަމަލު ކުރަން ޖެހޭ ކޮންމެ ކަމަކަށް މަޖިލީހުގައި ވޯޓަށް އަހަންވާނީ މަދުވެގެން 43 މެމްބަރުން ހާޒިރުވެ ތިބި ޖަލްސާއެއްގައި ކަމަށް ގާނޫނު އަސާސީގެ 87 ވަނަ މާއްދާގެ (ށ) އިން އޮޅުމެންނެތި ކަށަވަރުވާ ކަމަށެވެ.

"މިއާއެކު އިއްޔެ ބޭއްވި ޖަލްސާގައި ކުއްލި ނުރައްކަލުގެ ގަރާރަށް ވޯޓަށް އަހައި، ފާސްވާކަމަށް ނިންމާފައި ވަނީ އެންމެ 38 މެމްބަރުންގެ ހާޒިރުވެތިބި ޖަލްސާއެއްގައި ކަމުން އެ ނިންމުމަކީ ގަނޫނު އަސާސީގެ 268 ވަނަ މާއްދާގެ ދަށުން ބާތިލު ނިންމުމެއްކަން ބަލަން ޖެހޭ ހިނދު ރައީސުލްޖުމޫހުރިއްޔާ އިއުލާނު ކުރި ކުއްލި ނުރައްކަލުގެ ހާލަތު ނިމުކަމަށް އައިސްފައިވާ ކަމަށް އިސްވެ ބުނެވުނު ގާނޫނީ ސަބަބުތަކަށްޓަކައި އަހަރެމެން ގަބޫލުކުރަން،" މަހްފޫޒް ވިދާޅުވިއެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ގާނޫނީ ވަކީލު އިބްރާހީމް ރިއްފަތު ވިދާޅުވީ ސުޕްރީމް ކޯޓުން މައްސަލައެއް ބަލައި ނިންމޭނީ އުއްތަމަ ފަނޑިޔާރު ހުންނަވައިގެން ކަމަށެވެ. އޭނާ ވިދާޅުވިގޮތުގައި ގާނޫނު އަސާސީގައިވާ ގޮތުން ސުޕްރީމް ކޯޓު އެކުލެވިގެންވަނީ އުއްތަމަ ފަނޑިޔާރާއި ގާނޫނުގައި ކަނޑައަޅާ އަދަދެއްގެ ފަނޑިޔާރުންގެ މައްޗަށެވެ.

"ސުޕްރީމް ކޯޓު އޭގެ މައްޗަށް ބިނާވާ މައި ތަނބަކީ އުއްތަމަ ފަނޑިޔާރު. އުއްތަމަ ފަނޑިޔާރު ހައްޔަރު ކޮށްފައިވަނީ ގަނޫނާއި ހިލާފަށް އިއުލާނު ކުރި ކުއްލި ނުރައްކަލުގެ ހާލަތުގެ ތެރެއިން. އެހެންކަމުން ސުޕްރީމް ކޯޓުން މިހާލަތުގެ ތެރެއިން ނިންމާ އެއްވެސް ނިންމުމަކީ ސައްހަ ނިންމުމެއް ކަމަށް އަޅުގަނޑުމެން ގަބޫލު ކުރާނެ އެއްވެސް ހަމައެއް ނެތް،" ރިއްފަތު ވިދާޅުވިއެވެ.

comment ކޮމެންޓް