ޝާހިދު އެމްޑީޕީން ބޭރުކޮށް، ދައުވާ ކުރަން މިނިސްޓަރު ސައީދު ގޮވާލައްވައިފި

ފެބްރުއަރީ 20، 2018: ޕީޕީއެމް އިން "ރުމާލު 2" ޖަގަހައިގައި ބޭއްވި ޖަލްސާގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު އެމްޑީޕީން ބޭރުކޮށް، އޭނާގެ މައްޗަށް ދައުވާ ކުރުމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ގޮވާލައްވައިފި އެވެ.

ޕީޕީއެމް އިން ރޭ ރުމާލު 2 ޖަހައިގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ޝާހިދު ދިވެހި ރައްޔިތުން ލަދު ގަންނަވާލައިފި ކަމަށާއި އޭނާ އަށް ދެން ސިޔާސީ އެއްވެސް ޕާޓީއަކުން ފުރުސަތު ދީގެން ނުވާނެ ކަމަށެވެ.

"މެމްބަރު އަބްދުﷲ ޝާހިދު މިއަދު އެމްޑީޕީން ބޭރު ކުރަން ޖެހޭނެ. އެއްވެސް ސިޔާސީ ޕާޓީއެއްގައި އޭނާ އަށް ފުރުސަތު ލިބިގެން ނުވާނެ. ރައްޔިތުން ގާނޫނު އަސާސީގެ ދިފާއުގައި ވަކާލާތު ކުރުމަށް ހޮވާފައި ހުރި މީހަކު ރާއްޖެއަކީ ބޭރު ބައެއްގެ ބެކްޔާޑު ކަމަށް ބުނީމާ އޭގަ ބައިވެރިވެރިވެގެން އެކަމަށް އެއްބާރުލުން ދިނުމަކީ އޭނާ އާ މެދު ދައުވާ ކުރަން ޖެހޭނެ ވަރުގެ ކަމެއް،" މިނިސްޓަރު ސައީދު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ރާއްޖެއަކީ ބައެއްގެ ބެކްޔާޑް ކަމަށް ބުނުމަކީ ބައެއްގެ "ގިފިލި" ނުވަތަ "ހަނޑަސްބުރިއޭ" ބުނުން ކަހަލަ ކަމެއް ކަމަށެވެ.

"ރާއްޖެއަކީ ބައެއްގެ ބެކްޔާޑް ކަމަށް ބުނުމަކީ ބައެއްގެ ގިފިލި ނުވަތަ ހަނޑަސްބުރިއޭ ބުނުން ކަހަލަ ކަމެއް. ކޮބައިތޯ އަޅުގަނޑުމެންގެ ލަދު ހަޔާތް، ކޮބައިތޯ އެ މެމްބަރުގެ ލަދު ހަޔާތް؟ މައާފު ކުރައްވާތި މި ވާހަކަ ދަންނަވަން. މަގާމުގެ ގޮތުން ބައެއް ވާހަކަ ނުދެއްކެނީ. ނަމަވެސް ދިވެއްސެއްގެ ހައިސިއްޔަތުން މި ވާހަކަ ދައްކަނީ." މިނިސްޓަރު ސައީދު ވިދާޅުވި އެވެ.

ސައީދު ވިދާޅުވި ގޮތުގައި މި މަހުގެ ފަސް ވަނަ ދުވަހުގެ ރެއިން ފެށިގެން 15 ދުވަހުގެ މުއްދަތަށް އިއުލާން ކުރެއްވި ކުއްލި ނުރައްކަލުގެ ހާލަތު 30 ދުވަހަށް އިތުރު ކުރުމަށް މެމްބަރުން ކުރެއްވީ ހައްގު މަސައްކަތެކެވެ. މިނިވަންކަން ދެމިއޮތީ، މިނިވަންކަމުގެ ދިފާއުގައި ނުކުތީމަ ކަމަށާއި ރައީސް ޔާމީން މިނިވަންކަމުގެ ދިފާއުގައި ނުކުންނެވި ކަމަށް ސައީދު ވިދާޅުވި އެވެ.

comment ކޮމެންޓް