އޭއެފްސީ ކަޕަކީ ޓީސީއަށް މުހިއްމު ފެށުމެއް!

ޓީސީން އޭއެފްސީ ކަޕަށް ނުކުތީ އެ ލެވެލްގައި ތަޖުރިބާ މަދު ކުޅުންތެރިންތަކަކާއެކު ---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

އިންޑިއާގެ ބެންގަލޫރު އެފްސީއާ ދެކޮޅަށް ކުޅުނު ދެ ލެގުންވެސް ބަލިވެ، ރާއްޖޭގެ ޓީސީ ސްޕޯޓްސް ކްލަބަށް އޭއެފްސީ ކަޕުގެ ދަތުރުވަނީ ނިމިފައެވެ.

ރޭ އިންޑިއާގައި ކުޅުނު މެޗުން 5-0 އިން ޓީސީ ބަލިވެފައިވާއިރު، ބެންގަލޫރު އެފްސީން ގްރޫޕް ސްޓޭޖަށް ކޮލިފައިވީ އެގްރިގޭޓް 8-2 ގެ ނަތީޖާއަކުން ޓީސީ ބަލިކޮށްގެންނެވެ.

އޭއެފްސީ ކަޕް ޕްލޭ އޯފްގައި ރާއްޖޭގެ ޓީސީއާއި އިންޑިއާގެ ބެންގަލޫރު އެފްސީ ބައްދަލުކުރާ ފުރަތަމަ ލެގު މެޗުގެ ތެރެއިން ---ސަން ފައިލް ފޮޓޯ/ މުހައްމަދު އަފްރާހް

ރޭގެ މެޗާއި ޓީސީގެ އޭއެފްސީ ކަޕުގެ ތަޖުރިބާއާ ގުޅޭގޮތުން އެ ޓީމުގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ވަނީ 'ސަން ސްޕޯޓްސް'އަށް ވާހަކަ ދައްކައިފައެވެ.

"ރޭގެ މެޗުގައި ވަރަށް ރަނގަޅަށް ފެށީ. ފުރުސަތުތަކެއް ތަނަވަސްކޮށްގެން ޓީސީން ކުޅެމުންދިޔައީވެސް. އެހެން ކުޅެނިކޮށް ބެންގަލޫރު އެފްސީން ލީޑު ނެގީ. އަނެެއްހެން ކްރިއޭޓިވް ކުޅުމެއް ކުޅެގެންވެސް ނޫން. ދުރުން ޖެހި ގޯލައެއް އެއީ. އެހިސާބުން ޓީމުގެ ހިތްވަރު ބަލިވި ނަމަވެސް އަނެއްކާވެސް ކުޅެން ފެށި ޓީސީން. ދެން ދެވަނަ ގޯލެއް ވަނީމަ ވަރަށް ބޮޑަށް ހިތްވަރަށް އަސަރު ކުރި. މެޗަށް ނުކުތްއިރުވެސް އޮތީ ދެ ގޯލް ޖަހަން ޖެހިފައި. އެހެންވީމާ ވަރަށް ބޮޑު މަސައްކަތަކަށްވީ ކޮޅަށް ގޯލް ވަނުމުން،" ނިޒާމްބެ ބުންޏެވެ.

ޓީސީއާއި ބެންގަލޫރު އެފްސީ ވާދަކުރި ދެވަނަ ލެގު މެޗުގެ ތެރެއިން --- ފޮޓޯ/ އޭއެފްސީ

ނިޒާމްބެ ބުނީ ބެންގަލޫރު އެފްސީން ގޯލްތައް ޖަހައިފައިވަނީ ޓީސީގެ ކީޕަރު އިބްރާހީމް ނަދީމްގެ އިސްކޮޅަށްވެސް ވަރަށް ބޮޑަށް ޓާގެޓްކޮށްގެން ކަމަށެވެ. އެހެން ނަމަވެސް މައިގަނޑުކޮށް މެޗުގައި ދިމާވި މައްސަލައަކީ މެޗުގެ ކުރީކޮޅުގައި ޓީސީ ކޮޅަށް ވަން ގޯލްތަކާއެކު މެޗުގެ ކޮންޓްރޯލް ދިއުން ކަމަށްވެސް ނިޒާމްބެ ބުންޏެވެ.

ނިޒާމްބެ ބުނީ އޭއެފްސީ ކަޕަކީ ޓީސީ ފަދަ ޒުވާން ކްލަބަކަށް ވަރަށް މުހިއްމު ތަޖުރިބާއެއް ކަމަށެވެ. އަދި ޓީސީގެ އޭއެފްސީ ކަޕަށް ނުކުތް ފުރަތަމަ ފަހަރުވެސް ޖެހުނީ އެންމެ ރަނގަޅަށް ތައްޔާރުވެފައި އޮތް ޓީމާ ކަމަށެވެ.

"އޭއެފްސީ ކަޕަކީ ޓީސީ ފަދަ ޅަ ކްލަބަކަށް ވަރަށް ރަނގަޅު ތަޖުރިބާއެއް. އެކި އެކި ގޮތްގޮތުން މި ލެވެލްއަށް ތައްޔާރުވާން އެބަ ޖެހޭ ކްލަބު. ތަޖުރިބާވެސް އަދި ނެތް މި ލެވެލްގައި. އެހެންވީމަ މިއަހަރުގެ ތަޖުރިބާވެސް ވަރަށް މުހިއްމު ވާނެ ޓީސީއަށް. ޓީމުގެ އިތުރުން ކްލަބުގެ މެނޭޖުމަންޓުންވެސް މި ލެވެލްއަށް ތައްޔާރުވާން ޖެހޭ. ފައިސާގެ ގޮތުންވެސް ތައްޔާރުވާން އެބަ ޖެހޭ. ފާހަގަ ކުރެވޭނެ ކަންނޭންގެ، މިދިޔަ އަހަރުގެ ސީޒަން ނިމުނީވެސް ލަހުން. ޓީސީއަށް އޭއެފްސީއަށް ތައްޔާރުވާން ލިބުނީ މަދު ދުވަސްކޮޅެއް. ބިދޭސީ ކުޅުންތެރިންގެ ކަންތައްވެސް ދިޔައީ ވަރަށް ނަސީބު ދެރަކޮށް. ކީޕަރަށްވެސް އަނިޔާވެ އެތަންވެސް ދެއްކި،" ނިޒާމްބެ ބުންޏެވެ.

އޭއެފްސީ ކަޕް ޕްލޭ އޯފްގައި ރާއްޖޭގެ ޓީސީއާއި އިންޑިއާގެ ބެންގަލޫރު އެފްސީ ބައްދަލުކުރާ ފުރަތަމަ ލެގު މެޗުގެ ތެރެއިން: ޓީސީއާ މިސީޒަނަށް ގުޅުނު މިޑްފީލްޑަރު ވްލާސިޗޭވްގެ ފަރާތުން އޭއެފްސީ ކަޕުގައި މޮޅު ކުޅުމެއް ފެނުނު ---ސަން ފައިލް ފޮޓޯ/ މުހައްމަދު އަފްރާހް

ނިޒާމްބެ ބުނީ ޓީސީ ފަދަ ކްލަބުތަކަށް އޭއެފްސީ ކުޅުމަށް ރާއްޖޭގެ ފުޓުބޯޅައިގެން ކުރިއެރުމަށް ކުރަން ޖެހޭ މަސައްކަތްތައް ބޮޑު ކަމަށެވެ.

"ޓީސީއަށް މިއީ 100 ޕަސެންޓް ފެށުމެއް. އަދި އިރާދަކުރެއްވިއްޔާ އޭއެފްސީ ކަޕް ކުޅޭނެ ޓީސީ. ވަގުތު އޮވެގެން ތައްޔާރުވެ. ޓީމުގެ ކުޅުންތެރިންނާއި މެނޭޖުމަންޓުންވެސް ތަޖުރިބާތަކާއެކު ތައްޔާރުވާނެ އަދިވެސް. ޓީސީ އަދި އެނބުރި އަންނާނެ އޭއެފްސީ ކަޕަށް،" ނިޒާމްބެ ފާހަގަކުރިއެވެ.

ރާއްޖޭގެ ފުރަތަމަ ޑިވިޝަނަށް ޓީސީ އައީ 2015 ވަނަ އަހަރުގައެވެ. މިދިޔަ ތިން އަހަރު ތެރޭގައި ޓީސީ ފާހަގަކޮށްލެވުނީ ބޮޑެތި ކުރިއެރުންތަކެއް ހޯދި ޓީމެއްގެ ގޮތުގައެވެ. މިދިޔަ ސީޒަންގެ ހުރިހާ މުބާރާތަކުންވެސް ދެވަނަ ހޯދި ޓީސީން މިއަހަރު ނުކުތީ އެޓީމުގެ ފުރަތަމަ އޭއެފްސީ ކަޕުގެ ތަޖުރިބާއަށެވެ.

comment ކޮމެންޓް