ފާތިމަތު ނަހުލާގެ އެންމެ ފަހުގެ ދެ ފިލްމު ކަމަށްވާ 2016 ވަނަ އަހަރު ނެރުނު "4426" އަދި މިދިޔަ އަހަރު ނެރުނު ކާމިޔާބު ފިލްމު "ބޮސް" ގެ ހާއްސަ ޝޯތަކުގެ ޓިކެޓު އޮލިމްޕަހުން ވިއްކަން ފަށައިފިއެވެ.
މުޅިން ވެސް ލޯބީގެ އަސަރުގަދަ ފިލްމުތަކެއް ބެލުންތެރިންނާ ހަމައަށް ގެނެސްދީފައިވާ ނަހުލާގެ "4426" (ފޯފޯޓޫސިކްސް) އަކީ އޭނާ ޑައިރެކްޓްކުރި ފުރަތަމަ ބިރުވެރި ފިލްމެވެ.
ގެއެއްގެ ތެރޭގައި ބަންދުވެ، ބަޔަކަށް ދިމާވާ ރޫހާނީ ކަންތައްތަކެއް ދައްކައިދޭ ބިރުވެރި ފިލްމު "4426"ގެ ތަރީންގެ ތެރޭގައި، މަރިޔަމް އައްޒައާއި ޖުމައްޔިލް ނިމާލް، މުހައްމަދު ޖުމައިހުގެ އިތުރުން މަޝްހޫރު އަދި ތަޖުރިބާކާރު ތަރިންގެ ތެރޭގައި ހިމެނޭ ޔޫސުފް ޝަފީއުއާއި ޝީލާ ނަޖީބު ފަދަ ތަރިން ހިމެނެއެވެ.
ދެހާސް ސޯޅަ ވަނަ އަހަރު ރިލީޒްކުރި "4426" އެންމެ ފަހުން އޮލިމްޕަހުގައި ދައްކާފައި ވަނީ، މިދިޔަ އަހަރު ޖުލައި މަހު ހަތްވަނަ ދުވަހުގެ ރޭ، ދިވެހި ފިލްމީ ދާއިރާއަށް ނެރުނު އެންމެ ކާމިޔާބު އެއް ފިލްމު ކަމަށްވާ، "ބޮސް" ލޯންޗުކުރުމަށް ބޭއްވި ހަފްލާގައެވެ.
މި ފިލްމުގެ ހާއްސަ ސްކްރީނިން އޮންނާނީ މާޗް މަހުގެ ދެވަނަ ދުވަހުގެ ރޭއެވެ.
މީގެ އިތުރުން ނަހުލާގެ އެންމެ ކާމިޔާބު އެއް ފިލްމު ކަމަށްވާ "ބޮސް"ވެސް އަންނަ މަހުގެ އެއްވަނަ ދުވަހު އަދި ތިންވަނަ ދުވަހު އޮލިމްޕަހުގައި އަޅުވާނެއެވެ.
"ބޮސް"އަކީ ނަހުލާގެ ވާހަކައަކަށް އޭނާ ޕްރޮޑިއުސްކޮށް، އާއިޝަތު ރިޝްމީ ޑައިރެކްޓް ކޮށްފައިވާ އަސަރުގަދަ ލޯބީގެ ފިލްމެކެވެ.
"ބޮސް"އިން ދައްކައިދެނީ، މުއްސަނދި އަންހެން ކުއްޖެއްގެ މުދާގަނޑުގެ މައްޗަށް ގަދަވެގަތުމަށް ބަޔަކު ކުރާ މަސައްކަތެވެ.
ކުޑައިރު މަންމަ ނިޔާވެފައިވާ އެ އަންހެން ކުއްޖާ، ހަމައެކަނި ބައްޕަގެ ލޯބި ލިބިގެން ބޮޑުވެ ކުއްލިއަކަށް އެ ބައްޕަ ނިޔާވުމުން ނަފްސާނީ ގޮތުން އޭނާ ކުރިމަތިލާ ހަނގުރާމަ ފިލްމުން ދައްކައިދެއެވެ.
އަދިވެސް މި ދެފިލްމު ބަލަން ބޭނުންވާ ގިނަ ފަރާތްތަކެއް ތިބުމާއެކު، އެ ފުރުސަތު ދިނުމަށް ނިންމީ ކަމަށް ނަހުލާ ބުންޏެވެ.
ބޮސްގެ ފޭނުންނަށް އަދި އުފާވެރި އެހެން ހަބަރެއްވެސް އެބައޮތެވެ. އެ ފިލްމުގެ ރީތި ލަވަތަކުގެ ޑީވީޑީ ވިއްކަން މިއަދު ވަނީ ފަށައިފައެވެ. ޑީވީޑީގެެ އަގަކީ 100 ރުފިޔާއެވެ. އޮލިމްޕަހުގެ ބޮސް ޓިކެޓު ކައުންޓަރުން މިހާރު ޑީވީޑީ ލިބޭނެކަމަށް ނަހުލާ ބުންޏެވެ.