ޕެރޫގެ ކުރީގެ ރައީސް ފުޖިމޮރީއާ ދެކޮޅަށް އިތުރު މައްސަލައެއް ބަލަނީ

ޕެރޫގެ ކުރީގެ ރައީސް އަލްބާޓޯ ފުޖިމޮރީ -- ފޮޓޯ: އޭޕީ

ލީމާ (ފެބްރުއަރީ 20): މިދިޔަ ޑިސެމްބަރު މަހު ޖަލުން ދޫކޮށްލި ޕެރޫގެ ކުރީގެ ރައީސް އަލްބާޓޯ ފުޖިމޮރީއާ ދެކޮޅަށް އިތުރު މައްސަލައެއް ބަލަން ކޯޓުން އަމުރުކޮށްފި އެވެ.

އިންސާނީ ހައްގުތަކަށް އަރައިގަތުމާއި ކޮރަޕްޝަނުގެ ކުށުގައި 25 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދެވި ފުޖިމޮރީ ޖަލުން ދޫކޮށްލީ އޭނާއަށް މާފު ދެއްވަން މިހާރުގެ ރައީސް ޕެޑްރޯ ޕަބްލޯ ކަޗިންސްކީ ނިންމެވުމުންނެވެ.

އުމުރުން 79 އަހަރުގެ ފުޖިމޮރީއަށް މާފު ދެއްވީ ސިއްހީ ސަބަބުތަކާ ހެދި ކަމަށް ކަޗިންސްކީ ވިދާޅުވި އެވެ. އެގޮތުން ފުޖިމޮރީއަށް ވަނީ "ފަރުވާއެއް ނެތް، ދުވަހުން ދުވަހަށް ގޯސްވާ ފަދަ" ބައްޔެއް ޖެހިފައި ކަމަށާއި އޭނާ ޖަލުގައި ހުންނެވުމުން ހާލު އިތުރަށް ގޯސް ވާނެ ކަމަށް ޕެރޫގެ ރައީސް އޮފީހުން ބުންޏެވެ.

ނަމަވެސް ޕެރޫގެ ކޯޓަކުން ފުޖިމޮރީއާ ދެކޮޅަށް މިހާރު ބަލަން ނިންމާފައި ވަނީ އޭނާގެ ވެރިކަމުގައި 1992 ވަނަ އަހަރު، އެގައުމުގެ ޕެރެމިލިޓަރީ ގްރޫޕަކުން ހަ މީހަކު މަރާލި މައްސަލައެކެވެ. އަދި ފުޖިމޮރީގެ ސިއްހީ ހާލަތަކީ އެމައްސަލަ ބެލުން ހުއްޓާލަން ޖެހޭ ސަބަބެއް ނޫން ކަމަށް ކޯޓުން ބުންޏެވެ.

ފުޖިމޮރީ ވަނީ އޭނާއާ ދެކޮޅަށް ކޮށްފައިވާ ތުހުމަތުތައް ދޮގު ކުރައްވައި ކޯޓުގެ ނިންމުން އިސްތިއުނާފަށް ހުށަހަޅާނެ ކަމަށް ވިދާޅުވެފަ އެވެ.

ޕެރޫގެ ވެރިކަމުގައި 1990 އަކުން 2000 ވަނަ އަހަރާ ހަމައަށް ހުންނެވިި ފުޖިމޮރީ ޖަލަށް ލާން ފުރަތަމަ ހުކުމް ކުރީ 2007 ވަނަ އަހަރު ރިޝްވަތު ނެންގެވުމުގެ ކުށުގަ އެވެ. އޭގެ ފަހުން 2009 ވަނަ އަހަރު އޭނާގެ މައްޗަށް ވަނީ އިންސާނީ ހައްގުތަކަށް އަރައިގަތުމުގެ ކުށް ސާބިތުވެ، 25 އަހަރަށް ޖަލަށް ލާން ހުކުމްކޮށްފަ އެވެ. (ބީބީސީ)

ގުޅޭ ޓެގު
comment ކޮމެންޓް