މެސީގެ ރިކޯޑަކާ އެކު އާޖެންޓީނާއިން އެއްވަނައިގައި ލީޑު ފުޅާކޮށްފި

ފީފާ ވޯލްޑް ކަޕަށް ކޮލިފައިވުމަށް ދެކުނު އެމެރިކާ ސަރަހައްދުގައި އާޖެންޓީނާއާއި ޕެރޫގެ މެދުގައި ކުޅުނު ކޮލިފައިން މެޗު އާޖެންޓީނާއިން ކާމިޔާބުކޮށް ތާވަލްގެ އެއްވަނައިގައި ލީޑު ފުޅާކޮށްފިއެވެ.

ޕެރޫގައި ކުޅުނު މި މެޗު އާޖެންޓީނާއިން ކާމިޔާބުކޮށްފައިވަނީ 2-0 ގެ ނަތީޖާއަކުންނެވެ.

ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ގިނަ އިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ އާޖެންޓީނާއިންނެވެ. މި މެޗުގައި އާޖެންޓީނާއިން ކާމިޔާބުކުރި ފުރަތަމަ ލަނޑު މެޗުގެ 32 ވަނަ މިނެޓްގައި ޖަހައިދިނީ އެ ޓީމުގެ ކެޕްޓަން ލިއޮނެލް މެސީއެވެ. އަދި، އޭގެ 10 މިނެޓް ފަހުން މެސީ ވަނީ އެ ޓީމަށް މެޗުގެ ދެވަނަ ލަނޑު ކާމިޔާބުކޮށްދީފައެވެ.

މިއާ އެކު މެސީ މިވަނީ ދެކުނު އެމެރިކާ ސަރަހައްދުގެ ވޯލްޑް ކަޕް ކޮލިފައިންގައި އެންމެ ގިނަ ލަނޑު ޖަހާފައިވާ ކުޅުންތެރިޔާއަށް ވެގެން ގޮސްފައެވެ. މެސީ މިހާތަނަށް ވަނީ ވޯލްޑް ކަޕް ކޮލިފައިންގައި 31 ލަނޑު ޖަހައިދީފައެވެ.

މީގެ ކުރިން މި ރިކޯޑް އޮންނަނީ މެސީއާ އެކު ގިނަ ދުވަސް ތަކެއް ވަންދެން އެއް ކްލަބަކަށް ކުޅުނު ގާތް އެކުވެރިއެއް ކަމަށްވާ އުރުގުއާއީގެ ލުއިސް ސުވަރޭޒް އަތުގައެވެ. ސުވަރޭޒް ވަނީ 29 ލަނޑު ކޮލިފައިންގައި ކާމިޔާބުކޮށްފައެވެ.

މެޗަށް ފަހު ވާހަކަ ދައްކަމުން މެސީ ހާމަކުރި ގޮތުގައި އާޖެންޓީނާގެ ޓީމު މިހާރު ކުޅެމުންދަނީ ވަރަށް ފޯމްގައި ކަމަށާއި އަދި ކޮންމެ މެޗެއްގައި ކުޅޭއިރު ވެސް މި ޓީމަކީ އާޖެންޓީނާގެ ތާރީޚުގައި އުފެދުނު އެންމެ ވަރުގަދަ ޓީމަށް ވުމުގެ ފުރުސަތު އޮވެއެވެ. އަދި، ވޯލްޑް ކަޕަށް ފަހު އާޖެންޓީނާގެ ޓީމުގެ ކުޅިންތެރިންގެ މެދުގައި އޮންނަ އެއްބައިވަންތަކަމާއި ކޮންފިޑެންސް ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށް ވެސް އޭނާ ހާމަކުރިއެވެ.

މި ކާމިޔާބީއާ އެކު އާޖެންޓީނާއިން ވަނީ މިހާތަނަށް ކުޅުނު ހަތަރު މެޗު ވެސް ކާމިޔާބުކޮށް 12 ޕޮއިންޓް ހޯދާފައެވެ.

ދެކުނު އެމެރިކާ ސަރަހައްދުގެ ކޮލިފައިންގައި މިހާރު ކޮންމެ ޓީމެއް ހަތަރު މެޗު ކުޅެފައިވާއިރު ދެވަނައިގާ އުޅޭ އުރުގުއާއީއަށް ވެސް ލިބިގފައިވަނީ ހަތް ޕޮއިންޓެވެ. އަދި މި މެޗުން ބަލިވި ޕެރޫ އުޅެނީ އެއް ޕޮއިންޓާ އެކު ތާވަލްގެ ނުވަވަނައިގައެވެ.

comment ކޮމެންޓް