ރޮލެކްސް ގަޑިތަކެއްގެ މައްސަލައިގައި ޕެރޫގެ ރައީސްގެ ގެކޮޅު ފާސްކޮށްފި

ޕެރޫގެ ރައީސް ޑީނާ ބޮލާޓް. ނާޖާއިޒު ގޮތުގައި ހޯދި ރޮލެކްސް ގަޑިތަކެއް ބޭނުންކުރާ ކަމުގެ ތުހުމަތު ޑީނާގެ މައްޗަށް ވަނީ ކޮށްފައި. ފޮޓޯ/ބީބީސީ

ޕެރޫގެ ރައީސް ޑީނާ ބޮލާޓް ބޭނުން ކުރައްވަމުން ގެންދަވާ އަގުބޮޑު ރޮލެކްސް ގަޑިތަކާ ގުޅޭ ކޮރަޕްޝަންގެ މައްސަލަތަކެއްގައި އޭނާގެ ގެކޮޅު ފާސްކޮށްފިއެވެ.

ޕެރޫގެ ޕްރޮސެކިއުޓާ ޖެނެރަލް އޮފީހާ ގުޅިގެން ފުލުހުން ރައީސްގެ ގެކޮޅު ފާސްކުރަން ފަށައިފައި ވަނީ އިއްޔެ ހެނދުނެވެ. ފާސްކުރުމުގައި ގާތްގަޑަކަށް 40 އޮފިޝަލުން ބައިވެރިވިއެވެ.

ޑީނާގެ މައްޗަށް ވަނީ ނާޖާއިޒު ގޮތުގައި ހޯދައިފައިވާ ގިނަ އަދަދެއްގެ ރޮލެކްސް ގަޑި ގެންގުޅޭ ކަމަށް ތުހުމަތުކޮށްފައެވެ. އެގޮތުން ކަމާބެހޭ ފަރާތްތަކުން އެ މައްސަލަ ބަލަން ފަށައިފައި ވަނީ ރަސްމީ ހަފްލާތަކުގައި އެންމެ އަގު ބޮޑު ރޮލްކްސް ގަޑީ ޑިނާ އަޅުއްވާ ކަމަށް ޕެރޫގެ ނޫހަކުން ރިޕޯޓުކުރުމާ ގުޅިގެންނެވެ. އަލްޖަޒީރާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި އެ ގަޑިތަކުގެ ޖުމްލަ އަގު ބައި މިލިއަނަށް އަރާނެއެވެ.

އެކަމާ ގުޅިގެން ޑީނާ ވިދާޅުވީ އާންމުކޮށް ބޭނުން ކުރައްވާ އެންމެ އަގުބޮޑު ރޮލެކްސް ގަޑި އަކީ އުމުރުން 18 އަހަރުގައި ވަޒީފާ އަދާކުރައްވަން ފެއްޓެވި ފަހުން ލިބިވަޑައިގަތް އާމްދަނީ ބައްލަވައިގަތް އެއްޗެއް ކަމަށެވެ. އަދި ދައުލަތުގެ ފައިސާއެއްގައި ނުހައްގުން ޖެހިވަޑައިގެންފައެއް ނުވާނެ ކަމަށާއި އޭނާގެ ދެ އަތް "ވަރަށް ސާފުތާހިރުވާނެ" ކަމަށް ޑީނާ ވިދާޅުވެފައިވެއެވެ.

ދެހާސް އެކާވީސް ވަނަ އަހަރުގެ ޖުލައި މަހު ނައިބު ރައީސް އަދި ސޯޝަލް އިންކްލޫޝަން މިނިސްޓަރުގެ މަގާމުގައި ހުންނެވުމަށްފަހު، ޕެރޫގެ ރައީސް ކަމާ ޑީނާ ހަވާލުވެވަޑައިގަތީ 2022 ވަނަ އަހަރުގެ ޑިސެމްބަރު މަހުއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް