ސަލްމާން އާ އެކު "ބާރަތު"ގެ ޝޫޓިން ފަށައިފި

ޑައިރެކްޓަރު އަލީ އައްބާސް ޒަފަރުގެ ކުރިއަށް އޮތް ފިލްމު 'ބާރަތު'ގެ މަސައްކަތް ލަންޑަންގައި ފަށައިފި އެވެ.

ފިލްމުގެ މަސައްކަތް ފަށައިފައި ވަނީ އިއްޔެ އެވެ. ޒަފަރު ވަނީ ޓުވިޓާ މެދުވެރިކޮށް އެކަން ޔަގީންކޮށްދީފަ އެވެ.

ފިލްމާ ގުޅޭ ގޮތުން މާ ގިނަ ތަފްސީލު ތަކެއް ދީފައި ނުވި ނަމަވެސް، ފިލްމުގެ ލީޑު ރޯލުން ފެނިގެން ދާނީ ކާމިޔާބު އެކްޓަރު ސަލްމާން ޚާން އެވެ.

މިއީ ސަލްމާން އާއި ޒަފަރު އެކުގައި މަސައްކަތް ކުރާ ތިން ވަނަ ފިލްމެވެ. މީގެ ކުރިން ޒަފަރުގެ 'ޓައިގާ ޒިންދާ ހޭ' އަދި 'ސުލްތާން'ގައި ސަލްމާން ވަނީ ލީޑު ރޯލުން ފެނިގެން ގޮސްފަ އެވެ.

'ބާރަތު' އަކީ 2014 ވަނަ އަހަރު ރިލީޒް ކުރި ދެކުނު ކޮރެއާ ފިލްމު 'އޯޑް ޓު މައި ފާދާ' ގެ އެޑަޕްޓޭޝަނެކެވެ.

ފިލްމުގެ ޝޫޓިން ލަންޑަންގައި ފަށާފައިވާ އިރު، އަބޫ ދާބީ، ސްޕެއިން، ޕަންޖާބް އަދި ނިއު ދިއްލީގައި ފިލްމުގެ އިތުރު މަންޒަރުތައް ނަގާނެ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

ފިލްމު ރިލީޒް ކުރުމަށް ހަމަޖެހިފައި ވަނީ އަންނަ އަހަރުގެ ފިތުރު ޢީދާއި ދިމާކޮށެވެ. ފިލްމުގެ އަންހެން ލީޑު އަދި ފިލްމާ ގުޅޭ އެހެނިހެން މައުލޫމާތު ވަރަށް އަވަހަށް އިއުލާނު ކުރާނެ އެވެ.

comment ކޮމެންޓް