އަހަރެން ފިކުރާވި އިސްލާމްދީން: ދުނިޔޭގެ މަޝްހޫރު މީހުންގެ ނަޒަރުގައި އިސްލާމްދީން

މައްކާ -- ސަން ފޮޓޯ: މުޢީދު

ދިވެހިބަހަށް ތަރުޖަމާކުރީ : އަބްދުﷲފާރޫޤު ޙަސަން

އަޅުގަނޑުމެންގެ ތެމިލްނާޑޫގެ މުފައްކިރު އަނާދޫރާއީގެ ވާހަކަފުޅު އަޅުގަނޑު ވަނީބަޔާންކޮށްފައެވެ. އިސްލާމްދީނާއި އެދީނުގެ ނަބިއްޔާއާމެދު އިހްތިރާމުގެ ނަޒަރަކުން ބައްލަވައި އޭނާ ދެއްކެވި ވާހަކަފުޅެވެ. އެމާތްނަބިއްޔާއާމެދު ތާރީފާއި އިހްތިރާމުގެ ނަޒަރަކުން ދެކެވަޑައިގަންނަވަނީ އަނާދޫރާއި ގިނިކަންޏާއެއްނޫނެވެ. އަދިކީއްތޯއެވެ؟ ދުނިޔޭގެ އެކިކަންކޮޅުތަކުން އެތަކެއް ހާސް މުފައްކިރުންނާއި މުދައްބިރުންވަނީ ޢަރަބީންގެ ނަބިއްޔާގެ މަތިވެރިކަމާއި، ޝަރަފުވެރިކަމަށް އިއުތިރާފުވެ ވަޑައިގެންފައެވެ. ނަޕޯލިޔަނާހަމައިން ފެށިގެން އެންސައިކްލޮޕީޑިޔާ އޮފް ބްރިޓޭނިކާގެ އެޑިޓަރުންނާހަމަޔަށް އެތައްބަޔަކުވަނީ އެމާތް ނަބިއްޔާއަށް މަދަޙަކިޔައިފައެވެ. ޘަނާގެ ގިލަފަތިތައް އަމުނައިފައެވެ.

ނަޕޯލިޔަން ވިދާޅުވެފައިވެއެވެ. "ދުނިޔޭގެ ހުރިހާ ޤައުމުތަކެއްގެ މުދައްބިރުން އެއްވެވަޑައިގެން ކީރިތި ޤުރްއާނުގެ އަލީގައި ވެރިކަމުގެ ނިޒާމެއް ޤާއިމްކުރާނެ ގޮތުގެ އުސޫލުތަކެއް އެކަށައަޅާނެ ދުވަސްއޮތީ މާކަ ދުރެއްގައެއް ނޫނެވެ. ކީރިތި ޤުރްއާނާއި ޤުރްއާނުގެ އުސޫލުތައް ބިނާވެފައިވަނީ ތެދުމަގުގެ މައްޗަށެވެ. އިންސާނީ ނަސްލު އުފާކުރުވައި އިންސާނުންނަށް ތަނަވަސްކަމާއި ފާގަތިކަން ހޯދައިދިނުމުގެ މައްޗަށެވެ. އެހެންކަމުން މާތްﷲ ފޮނުއްވިރަސޫލާ މުޙައްމަދު (ޞައްލަﷲ ޢަލައިހިވަސައްލަމަ)އާއި، ކީރިތި ޤުރްއާނާމެދު އަހަރެން ފަޚުރުވެރިވަމެވެ. އެމާތް ސާހިބާގެ ހިރިޔާ ފާތުރާގެ ދަށަށް އިހުތިރާމުގެ ޖިޒީތައް ބަރުތީލަކުރަމެވެ."

ގާނދީޖީ ވިދާޅުވެފައިވެއެވެ. "އަހަރެން ކީރިތި ޤުރްއާން ވަރަށްގިނަ ފަހަރަށް މުޠާލިޢާކޮށްފީމެވެ. އެފޮތާމެދު ވިސްނައި ފިކުރުކުރަމުންނެވެ. ޙަޤީޤަތުގައި ތެދުމަގަށް މަގުދެއްކުމުގެ ތައުލީމު އެފޮތުން ފެނިފައި އަހަރެން ނިހާޔަތަށް އުފާކުރީމެވެ."

ޑޮކްޓަރ ސަމޫއީލްޖޯންސް އޭނާގެ ދުނިޔެއަށް މަޝްހޫރު ފޮތެއްކަމުގައިވާ "އޮރިއެންޓަލް ރެލިޖަން" ގައި ލިޔުއްވައިފައިވެއެވެ. ޤުރްއާނަކީ ނަޘްރެއްވެސް ނަޡުމެއްވެސްނޫނެވެ. އެކަމަކު އެފޮތުގެ އިބާރާތް ތަކުގައި ނަޘްރުގެ ބާރާއި، ނަޡުމުގެ ރީތިކަމާއި ހިތްގައިމުކަންވަނީ އެކުލެވިފައެވެ. އެފޮތަކީ ތާރީޚެއްވެސްނޫނެވެ. ސީރަތު ފޮތެއްވެސް ނޫނެވެ. ނަމަވެސް ނަސޭހަތާއި އިރްޝާދު ދިނުމުގެ އެހެންކޮންމެ ފޮތަކަށްވުރެ އެފޮތް އަސަރުގަދައެވެ.

މޫސާޢަލައިހިއްސަލާމަށް ތައުރާތު ބާވައިލެއްވީ މުޅިފޮތް އެއްފަހަރާއެވެ. ނަމަވެސް ޤުރްއާން ބާވައިލެއްވީ އެއްފަހަރަކާނޫނެވެ. އެފޮތް އިންސާނިއްޔަތަށް ހުށަހަޅައިލެވުނީ ވެސް އެއްވަގުތަކު ނޫނެވެ. ޕުލޫޓޯގެ ފޮތުގައި ޚިޔާރުކޮށްފައިވަނީ ތަޙްޤީޤާއި ރިސާޗުގެ އުސްލޫބެކެވެ. ނަމަވެސް ޤުރްއާނުގެ އުސްލޫބަކީ އެފޮތުގެ މުޅީން އަމިއްލަ ގޮތެކެވެ. އެފޮތަކީ ދާޢީއެއްގެ އަޑެކެވެ. ހިކުމަތުން ފުރިފައިވާ ބަސްފުޅުތަކެކެވެ. ގަދައަޅައި މަސައްކަތްކުރުމާއި ހީވާގިކަމުގެ ޖޯޝުން ފުރާލަދޭ ފޮތެކެވެ. އެފޮތަކީ އެފޮތުގެ ދަޢުވަތާ ދެކޮޅު ހަދާފަރާތްތަކަށް ގޮންޖަހާ ފޮތެކެވެ. އަސަރާއެކު އެބައިމީހުންނަށް ވިސްނައިދޭ ފޮތެކެވެ. ޙިކުމަތްތެރި ކަމުން ފުރިފައިވާ ޖާމިޢު ފޮތެކެވެ. ހުރިހާ ޤައުމުތަކެއްގެ ހުރިހާޒަމާންތަކެއްގެ މީހުން ރުހުމާއި ނުރުހުމުގައި ވިޔަސް ޤަޞްދެއްނެތި ނުވަތަ އިޚްތިޔާރުގައިވިޔަސް އެފޮތުގެ އުނގަންނައިދިނުންތަކުގެ އަސަރު ތިމާމެންގެ މައްޗަށް ވެރިކުރުވުން ލާޒިމުވާނެއެވެ. އެފޮތުގެ ރައްދުއަޑު ވެރިކަމުގެ ކޮއިލުތަކުން އިވެމުންދާނެއެވެ. ސަހަރުތަކާއި، ރަށްފުށުގެ އެކިހިސާބުތަކުންވެސް އެއަޑު އިވޭނެއެވެ. އެއްވެސް ތަފާތެއް ނުވަތަ އިސްތިސްނާއެއްނެތި އެންމެންގެ މައްޗަށް އެފޮތުގެ ސިއްކަ ހިނގާނެއެވެ.

އެންމެ ފުރަތަމަ އެފޮތުގެ ދަޢުވަތު ޤަބޫލު ކުރައްވައި ދީނަށްޓަކައި ކުރިޔަށް ނިކުމެ ވަޑައިގެންނެވި ފަރާތްޕުޅުތަކުގެ ހިތްޕުޅުތަކުގައި ޖޯޝާއި ފޯރި އުފެއްދެވިއެވެ. އެއަށްފަހު އެބޭކަލުން އިޖްތިމާޢީ ތައްގަނޑަކަށް ފެއްތެވިއެވެ. އެތަޙްރީކު ވަރުގަދަ ޠޫފާނެއްގެ ބާރުމިނުގައި ފެތުރިގެންދިޔައެވެ. އީރާނާއި އޭޝިޔާގެ ތަފާތު ޤައުމުތައް ފަހަނަޅައި ދުނިޔޭގެ ކަންކޮޅުތަކަށް ފެތުރިގެންދިޔައެވެ. އެތަޙްރީކުންވަނީ އެތަންތާނގައި ވެސް ހުރި ބިނާކުރަނިވި ފިކުރުތައް އެތަޙްރީކުގައި ޝާމިލު ކޮށްފައެވެ. އަނދިރީގައި ގަނަތެޅެމުން ދިޔަ ކްރިސްޓިޔަން ޔޫރަޕަށް ޙިކުމަތާއި ބުއްދިވެރިކަމުގެ ފިލާވަޅު އުނގަންނައިދިނީ އެފޮތެވެ."

ކީރިތި ޤުރްއާން އެންމެ ފުރަތަމަ އިނގިރޭސިބަހަށް ތަރުޖަމާ ކުރެއްވި މުތަރްޖިމު މިސްޓަރ ރޮޑުވިލް އޭނާގެ މުޤައްދިމާގައި ޤުރްއާނަށް ތާރީފުކުރައްވައި ލިޔުއްވައިފައިވެއެވެ.

"ތަހްޒީބުގެ ނަންވެސް ނުދަންނަ ޖާހިލު ޢަރަބި ޤައުމު ދާދި ކުރުމުއްދަތެއްގެ ތެރޭގައި ދުނިޔޭގެ ވެރިކަމާއި އިމާމުކަންކުރެވޭ ފަދަބަޔަކަށް ހެދީ މިފޮތެވެ. ކޮންމެވެސް މީހަކު ޖާދޫގެ ބޮންތި ޖައްސައިލިކަހަލައެވެ. ލަހެއް ފަހެއްނެތި އަރަބީންނަށް ވަރަށް މަތިވެރި ވަރަށް ބޮޑު އިންގިލާބެއް އަތުވެއްޖެއެވެ."

1 ޖެނުއަރީ 1945 ގައި މިސިޒް ސަރޫޖިނީ ނައިޑޫ ކަލްކަތާގެ މުސްލިމު އިންސްޓިއުޓު ހޯލުގައި ވާހަކަ ދައްކަވަމުން އިސްލާމްދީނަށް ތާރީފު ކުރައްވައި ވިދާޅުވެފައިވެއެވެ.

"ޤުރްއާން ޙަކީމަކީ އަދަބާއި، އިންސާފުގެ ޗާޓަރެކެވެ. (އިންސާނުންގެ) ޢަމަލީ ޙަޔާތުގައި ޙައްޤާއި އިންސާފުގެ ފިލާވަޅު ލިބިދޭ ޤާނޫނުތަކުގެ މަތިވެރި ފޮތެކެވެ. އިންސާނީ ޙަޔާތުގެ ހުރިހާ މައްސަލަ ތަކެއްގެ ޢަމަލީ ހައްލު ބަޔާންކޮށްދީ ޝަރަހަ ކޮށްދޭ ދީނީ އެއްވެސް ފޮތެއް ޤުރްއާންނޫނީ ނެތެވެ."

ޖަރުމަނުގެ މުފައްކިރު ގޮއިޓޭ ވިދާޅުވެފައިވެއެވެ.

"އަހަރެން ޤުރްއާން ބަލައިލާ ކޮނމެ ފަހަރަކު (އެފޮތުގެ އިބާރާތްތަކުން) އައުމާނަތަކެއް ހުޅުވިގެން އާދެއެވެ. އެފޮތުގެ ދަގައްފާނީބާރު އެފޮތް ކިޔާ ކޮންމެ މީހަކު މަޑުމަޑުން އެފޮތާ ދިމާއަށް ދަމައިގަނެއެވެ. އެންމެ ފަހުން އެމީހެއްގެ ހިތާއި ސިކުނޑިޔަށްވެރިވެގަނެއެވެ."

މަޝްހޫރު މުއައްރިޚު ލިބަން ތައުރީފުގެ ޖިޒީ ހުށަހަޅައިފައިވަނީ އަންނަނިވި އިބާރާތުންނެވެ.

" ތައުހީދުގެ ނަޒަރިއްޔާ ސަރީހު ލަފުޒުތަކުން ބަޔާންކޮށްދޭ އަދި އިންސާނީ ހިތްތަކުގައި ތައުހީދުގެ ބިންވަޅު ނަގައިދޭ މަތިވެރި ފޮތަކީ ހަމަ އެކަނި އަލްޤުރްއާނުލްކަރީމެވެ."

އެސައިކްލޮޕީޑިޔާ ބްރިޓޭނިކާގެ އެޑިޓަރ ލިޔުއްވައިފައިވެއެވެ.

"ދުނިޔޭގައި އެންމެ ގިނަބަޔަކު ކިޔަވައި އުޅޭ އަދި އެންމެ ގިނަމީހުން ހިތުދަސްކުރާ ފޮތަކީ ޤުރްއާނެވެ. މިއީ ދުނިޔޭގެ އެއްވެސް މަޒްހަބީފޮތަކަށް ލިބިގެންނުވާ އިމްތިޔާޒެކެވެ."

comment ކޮމެންޓް