ބާސާއާއި ޗެލްސީ ކުޅުނު ތާރީހީ ސެމީގައި ގިނަ ގޯސްތަކެއް ހެދުނު ކަމަށް ރެފްރީ އެއްބަސްވެއްޖެ

2009 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގު ސެމީ ފައިނަލްގައި ޗެލްސީއާ ބާސާ ކުޅުނު މެޗަށްފަހު ޑްރޮގްބާ ރެފްރީ ދިމާލަށް ދިއުމުން އޭނާއަށް ވަނީ ރަތް ކާޑު ދައްކާފައި --- ފޮޓޯ/ ގެޓީ

ދެހާސް ނުވަވަނަ އަހަރުގެ ޗެމްޕިއަންސް ލީގު ސެމީ ފައިނަލް މެޗަކީ ފުޓުބޯޅައަށް ލޯބިކުރާ އެތައް ބަޔަކަށް ކަޅު ދުވަހެކެވެ. ރެފްރީންގެ ނިންމުންތަކެއްގެ ސަބަބުން މުޅި މީސް މީޑިއާ ކައްކުވާލިއިރު، އަދިވެސް އެ މެޗު ލޭބަލް ވެފައިވަނީ ފުޓުބޯޅައިގައި އެންމެ 'ނާ އިންސާފް' އެއް މެޗުގެ ގޮތުގައެވެ.

ޗެލްސީއާއި ބާސާ ކުޅުނު ފުރަތަމަ ލެގުގެ މެޗު 0-0 އިން އެއްވަރުވެފައިވާއިރު، ދެވަނަ ލެގު ކުޅުނީ ޗެލްސީ ދަނޑުގައެވެ. ޗެލްސީގެ ދަނޑުގައި ކުޅުނު މެޗުގައި ޗެލްސީން ލީޑު ނެގި ނަމަވެސް ބާސާއިން ވަނީ މެޗު ނިމެން ސިކުންތުކޮޅަކަށް ވެފައިވަނިކޮށް 1-1 އަށް ނަތީޖާ ބަދަލުކޮށްލައިފައެވެ. ބާސާ ފައިނަލަށް ދިޔައީ އަންދްރޭސް އިނިއެސްޓާ ފަހުވަގުތު ޖެހި އަވޭ ގޯލްގެ އެހީގައެވެ.

ބާސާއަށް ނަތީޖާ ހަމަހަމަކޮށްދިން ގޯލަށްފަހު އިނިއެސްޓާ އުފާފާޅުކުރަނީ --- ފޮޓޯ/ ގެޓީ

މެޗަށްފަހު ޗެލްސީގެ ސީނިއާ ބައެއް ކުޅުންތެރިންގެ އިތުރުން އޮފިޝަލުންވެސް ރެފްރީއާ ދިމާލަށް ގޮސް ނުރުހުން ފާޅުކުރިއިރު، ޗެލްސީގެ ފޯވަޑް ޑިޑިއާ ޑްރޮގްބާއަށް ވަނީ މެޗު ނިމުނު ފަހުން ރަތް ކާޑު ދައްކައިފައެވެ. އަދި ޓީވީ ލައިވްއިންވެސް ޑްރޮގްބާގެ ހިތްހަމަނުޖެހުންތައް ވަރަށް ބޮޑަށް ފާހަގަވެފައިވެއެވެ.

މެޗުގައި ޗެލްސީން ހަތަރު ޕެނެލްޓީއަކަށް އެޕީލް ކޮށްފައިވާއިރު އޭގެ ތެރެއިން ދެ ފަހަރަކީ ބާސާ ކުޅުންތެރިއެއްގެ އަތުގައި ބޯޅަ ޖެހުނު ކަމަށް ބުނެ ޗެލްސީން ކޮށްފައިވާ އެޕީލްތަކެކެވެ. އެޕީލްތަކަށް ބީރު ކަންފަތެއް ދިން ރެފްރީ ޓޮމް ހެނިން އޮވްރެބޯގެ ފަހަތުން ޗެލްސީގެ މިޑްފީލްޑަރު މައިކަލް ބަލަކު ވަނީ މެޗު ތެރޭގައިވެސް ދުވެފައެވެ.

މެޗުގައި ބާސާ އޭރިއާ ތެރެއިން އެޓީމުގެ ފޯވަޑް އެޓޫގެ އަތުގައި ބޯޅަ ޖެހުމުން ޕެނެލްޓީއަކަށް ރެފްރީ ނުދެއްކި، އެކަމުގެ ނުރުހުން އެންމެ ބޮޑަށް ފާޅުކުރި ކުޅުންތެރިއަކީ ބަލަކް --- ފޮޓޯ/ ރޮއިޓާސް

އެ މެޗަށް ގާތްގަނޑަކަށް އަށް އަހަރު ވެފައިވާއިރު، އޮވްރެބޯ މިހާރު ހުރީ ރެފްރީކަމުން ރިޓަޔާ ކޮށްފައެވެ. އަންނަ އަންގާރަ ދުވަހުގެ ރޭ ޗެމްޕިއަންސް ލީގު ގަދަ 16ގައި ޗެލްސީއާއި ބާސާ ކުރިމަތިލާއިރު، އޮވްރެބޯ ވަނީ އޭނާގެ ކުށަށް އިއުތިރާފްވެ ވާހަކަ ދައްކައިފައެވެ.

"ޗެލްސީއާއި ބާސާ މެޗަކީ އަހަންނަށް ރަނގަޅު ނިންމުންތަކެއް ނިންމުނު މެޗެއް ނޫން. އެކަމަކު ރެފްރީންނަށްވެސް ގޯސް ހެދޭނެ. އެއް ލެވެލްއެއްގައި އެއްވެސް މީހަކަށް އެއްވެސް ކަމެއް ނުކުރެވޭނެ. އެ މެޗާ މެދު ފަހަރުވެރިއެއް ނުވަން. އެ މެޗުގައި އަހަރެންގެ އަތުން ގޯސް ހެދުނު،" ސްޕެއިންގެ ނޫހެއް ކަމަށްވާ 'މަރްކާ'އަށް ވާހަކަ ދައްކަމުން އޮވްރެބޯ ބުނެފައިވެއެވެ.

އޮވްރެބޯ ބުނީ އޭރިއާ ތެރެއިން އަތުގައި ބޯޅަ ޖެހުނު ހާލަތްތަކަށްވެސް އޭނާއަށް ގޮތް ނިންމުނީ ގޯސްކޮށް ކަމަށާއި، އެހެން ނަމަވެސް އޭނާއަށް ދަނޑުމަތީގައި ނިންމުނު ނިންމުންތައް ދެން ބަދަލު ނުކުރެވޭނެ ކަމަށެވެ. އަދި އެ މެޗު އިންސާފުން ދިޔަނަމަ ޗެލްސީ މޮޅުވުން އެކަށީގެންވާ ކަމަށާއި، އެހެން ނަމަވެސް މެޗުގައި ވާނެ ގޮތް އެފަދަ ގޮތަކަށް ބުނަން ނޭނގޭ ކަމަށްވެސް އޮވްރެބޯ ފާހަގަކުރިއެވެ.

މެޗަށްފަހު ރެފްރީއާ ދިމާލަށް ޑްރޮގްބާ ވަނީ ހުތުރުބަހުން ވާހަކަ ދައްކާފައި --- ފޮޓޯ/ ގެޓީ

އޮވްރެބޯ ބުނީ މެޗަށްފަހު ސަޕޯޓަރުންގެ ފަރާތުންނާއި އެހެނިހެންވެސް ގޮތޮގޮތުން މަރުގެ އިންޒާރު ލިބުނު ކަމަށާއި، އެކަމުގެ ސަބަބުން އިނގިރޭސި ވިލާތުގައި މަޑުކުރި ހޮޓެލްވެސް ބަދަލުކުރަން ޖެހުނު ކަމަށެވެ.

comment ކޮމެންޓް