ބައްޕާފުޅުގެ ބަންދާ ބެހޭ ގޮތުން އެޗުއާރުސީއެމްއާ ދުންޔާ މަޝްވަރާ ކުރައްވައިފި

ދުންޔާ މައުމޫން، އެޗްއާރުސީއެމްގެ ރައީސާ އައިމިނަތު އީނާސްއާ މިއަދު ބައްދަލުކުރައްވަނީ --- ފޮޓޯ/ ދުންޔާ މައުމޫން

ހައްޔަރުކޮށްފައިވާ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ބަންދާ ބެހޭގޮތުން، އެމަނިކުފާނުގެ ދަރިކަނބަލުން އަދި ހެލްތު މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރު ދުންޔާ މައުމޫން ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް)ގެ ރައީސާއާ މަޝްވަރާކުރައްވައިފި އެވެ.

ކުރީގެ ރައީސް މައުމޫނު ހައްޔަރުކޮށްފައި ވަނީ ރިޝްވަތު ދިނުމާއި ސަރުކާރު ވައްޓާލަން އުޅުނުކަމުގެ ތުހުމަތުގައި މި މަހު ފަސް ވަނަ ދުވަހުގެ ރޭގަ އެވެ.

ފޮރިން މިނިސްޓަރުކަން ވެސް ކުރައްވާފައިވާ ދުންޔާ މައުމޫން "ސަން"އަށް ވިދާޅުވި ގޮތުގައި، ހިއުމަން ރައިޓްސް ކޮމިޝަނުގެ ރައީސާ އައިމިނަތު އީނާސްއާ ބައްދަލުކުރައްވައި، ބައްޕާފުޅު ރައީސް މައުމޫނު ބަންދުކޮށްފައިވާ ވުމާ ބެހޭ ގޮތުން މަޝްވަރާ ކުރެއްވި ކަމަށެވެ.

އެގޮތުން، ބަންދުކޮށްފައި ބަހައްޓާފައި ހުންނަވާ ތަނުގެ ހާލަތުގެ ވާހަކަ އާއި ބަންދުގައި ހުންނަވާ ތަންތަނުގައި ހުންނަން ޖެހޭ ބައިނަލްއަގުވާމީ މިންގަނޑުތަކާ ބެހޭ ގޮތުން މަޝްވަރާކުރެއްވި ކަމަށް ދުންޔާ ވިދާޅުވި އެވެ.

މީގެ އިތުރުން ބައްޕާފުޅުގެ ބަންދާ ގުޅޭ ކަންބޮޑުވުންތަކާ ގުޅޭ ގޮތުން ވެސް މަޝްވަރާ ކުރެއްވި ކަމަށް ދުންޔާ ވިދާޅުވި އެވެ.

"ކަންބޮޑުވުންތަކުގެ ގޮތުގައި ފާހަގަކުރި ކަންކަމަކީ އާއިލާއަށް ފޯނުން ގުޅުމުގެ ކަންކަމާއި އެއްތަނުން އަނެއް ތަނަށް ޓްރާންސްފާ ކުރާ އިރު އާއިލާއަށް އެކަމުގެ މައުލޫމާތު ނުދިނުން،" ދުންޔާ ވިދާޅުވި އެވެ.

ދުންޔާ ވިދާޅުވީ، ބައްޕާފުޅު ރައީސް މައުމޫނުގެ ހާލު ބެއްލެވުމަށް ހިއުމަން ރައިޓްސް ކޮމިޝަނުން އެމަނިކުފާނު އަރިހަށް ޒިޔާރަތް ކުރަމުން ގެންދާ ކަމަށެވެ.

"އެޗްއާރުސީއެމް އިން ވެސް ދަނީ މަސައްކަތް ކުރަމުން ބައްޕަގެ ހައްގުތައް ރައްކާތެރިކޮށްދިނުމަށް،" ދުންޔާ ވިދާޅުވި އެވެ.

ރައީސް މައުމޫނު އެންމެ ފުރަތަމަ ބަންދުގައި ބެހެއްޓީ ދޫނިދޫގަ އެވެ. އެއަށް ފަހު މާފުއްޓަށް ބަދަލުކުރުމަށް ފަހު، ދާދި ފަހުން ވަނީ އަނބުރާ ދޫނިދޫއަށް ބަދަލުކޮށްފަ އެވެ.

ދުންޔާ މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރުމަށް ފަހު ހައްޔަރުކޮށްފައިވާ ކޮއްކޯފުޅު އަދި ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިސް މައުމޫނާއި ސުޕްރީމް ކޯޓުގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދުގެ ހައްގުތަކަށް އިހުތިރާމުކުރުމަށް ސަރުކާރުގެ މުއައްސަސާތަކަށް ގޮވާލައްވައިފަ އެވެ.

ރައީސް މައުމޫނާއި، ދެ ފަނޑިޔާރުންގެ ހާލު ބެއްލެވުމަށް ޓަކައި ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ މަންދޫބެއްގެ ގޮތުގައި ހައުސިންގް މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިދިޔަ ހަފްތާގައި ވަނީ އެބޭފުޅުންގެ އަރިހަށް ޒިޔާރަތް ވެސް ކުރައްވައިފަ އެވެ.

comment ކޮމެންޓް