ނޭނގި ހިތާ ކުޅެލީ - 25

އެހެން ކޮޓަރިއެއްގެ ހިމާޔަތް ހޯދުނުގޮތަށް ކުޑަކަކޫމައްޗަށް ތިރިވެވިއްޖެއެވެ. ބާރުބާރަށް ރޮވެން ފެށުމުން އަނގަމަތީގައި އަތްއެޅިއެވެ. ހިތާމައިންގޮސް ހިތް ހަލާކުވެ ރޮވެމުން ދިޔަގޮތަށް ހުއްޓައެއް ނުލެވި އެތައް އިރެއްވާންދެން އޭނަ ދޫލަމަތީގައި އެހެން ރޯލަރޯލާ އޮތެވެ. ފޯނު ރިންގުވާން ފެށުމުން އޭނަ ގުޅަނީ ކާކުތޯ ބަލައިލިއެވެ.

"ސަވާނާ. ކިހިނެއްތަ؟ " އިޒިކްގެ އޯގާތެރި އަޑު ކަންފަތުގައި ޖެހުމުން ސަވާނާގެ ހިތަށް އަސަރުތަކެއްކުރިއެވެ. ލުކުމާން އެގޮތަށް އޭނައާއި ވާހަކަދައްކާނެނަމައެވެ. އޭނަގެ ހަލާކުވެ ޒަޚަމްވަމުންދާ ފާރުތަކަށް ތަސައްލީއެއް ލިބިދޭނެ ހަމައެކަނި ގޮތަކީ ލުކުމާން ގެ ލޯތްބެވެ. އޭނަގެ ހިތުގައި ވަނީ ޝައްކު ދުވަހުން ދުވަހަށް ބޮޑުވަމުން އައިސް ލުކުމާން އޭނަދެކެ އެއްވެސް ވަރަކަށް ލޯބިނުވާކަމުގައި ޔަގީންކުރެވޭ ހިސާބަށް ހިގައްޖެއެވެ. ލުކުމާންއާއިހެދި މޮޔަވެގެން އުޅެނީ އޭނައެވެ. އެއްފަރާތުން ވެވޭ ލޯތްބަކީ ނުރައްކާ އެއްޗެކެވެ. އެކެއްގެ ހިތަށް ތަދުކުރުވާ ދުޝްމިނެކެވެ. ލުކުމާންގެ ސަބަބުން އޭނަ ރޯން ނުޖެހޭ އެންމެ ދުވަހެއްވެސް މިހާރު ފާއިތުވެ ދާކަމަކަށް ނުވެއެވެ.

"ރަގަޅު....." ސަވާނާ މަޑުމަޑުން ބުނެލިއެވެ. އަޑުވަނީ ކުރެހިފައެވެ.

"ރޯގާ ޖެހިފަތަ؟ " އިޒިކް އަހާލައިފިއެވެ.

"ދެން އެކަހަލަ ގޮތެއް....."

"ބޭސްހިފައިގެން އަންނަންވީ؟ ގިނަގިނައިން އެއްޗެހި ބޮއިގެން ރެސްޓް ނަގާލާ...." އިޒިކްގެ ވާހަކަތައް އެހެރީ ލުކުމާން އޭނައާއި ވާހަކަދައްކަން އޭނަ އެދޭހާ އޯގާތެރިކޮށްނެވެ. އިޒިކް ހާދަ ރަގަޅެވެ. އިޒިކްގެ ލޯބިވެރިޔަކަށް ވާނީ އެންމެ ނަސީބު ރަގަޅު އަންހެންކުއްޖާއެވެ. ފިރިޔެއްގެ ލޯބި ލިބޭނީ އެފަދަ ކުއްޖަކަށެވެ.

"މަންމަ ބުނެގެން މިގުޅީ. މަންމަ ބުނީ ސަވާނާގެ ހާލު ބަލާށޯ. ކައިގެން ހުރިތޯ ބަލާށޭވެސް...." އިޒިކްގެ ޖަވާބު އައެވެ.

'އައި ގެސް އައިމް އޯކޭ ކައިގެންމިހިރީ. އެކަމަކު މަންމަ މަތިން ހަދާންވޭ. ވަރަށް ބޮޑަށް ހަދާންވޭ. އަދިވެސް ގަބޫލެއްނުކުރެވޭ ދެން މަންމަ ނާންނާނެކަމަށް. އެއްވެސް ގޮތަކުން މަންމަ އަބަދަށްޓަކާ ނިދާފައިވާ ކަމެއް ގަބޫލެއްނުކުރެވުނު. އެކަމަކު އެނގޭހާ އެއްޗަކީ މިގެ އެއްކޮށް ފަޅުވެއްޖެކަން.......ވަރަށް މިސްވޭ." ސަވާނާގެ ލޮލުން ކަރުނަ އޮހިގަތެވެ. އޭނަގެ އެކަނިވެރިކަން ބޮޑުވިވަރަކަށް މަންމަ ހުރިނަމަ މިހެން ނުވާނެއޭ ހިތަށް އަރަނީއެވެ. އެއްވެސް މީހަކު އޭނައާއި އެއްކޮޅަށް ނެތެވެ. އޭނަގެ އިހުސާސްތަކާއި ޖަޒުބާތުތައް އެނގޭނެ މީހެއްވެސް ނެތެވެ.

"ބީ ސްޓްރޯންގް..." އިޒިކް ހިތްވަރުދިނެވެ. އިރުކޮޅެއްވާންދެން އެވާހަކަދެއްކުމަށްފަހު ކޮންމެވެސް ދުވަހަކުން މޫނުގައިވާ ލަކުނު ފިލުވައިލަންވާނެއޭ ބުނުމުން ސަވާނާ ރަކިވިއެވެ. އެކަނިމާއެކަނި އިނދެވެސް ހީލެވިއްޖެއެވެ. ސަވާނާ ބުނީ އެލަކުނު ހުއްޓަސް އޭނަގެ ރީތިކަން އެހާ ފަނޑުނޫންކަމެވެ.

އިޒިކް ފޯނުކަނޑާލުމުން ސަވާނާ ހިތްވަރުކޮށްފައި ތެދުވެ މޫނު ދޮވެލާހެދިއެވެ. ދުޅަވެފައިވާ ލޮލުގައި ގަނޑުފެނުން ބޮނޑިތާންކޮށްލުމުން ކޮންމެވެސް ވަރެއްގެ ތާޒާކަމެއް އިހުސާސްކުރެވުނެވެ. ކާކޮޓަރިއަށް ވަދެ ފްރިޖް ހުޅުވާލިއެވެ. ޗޮކްލެޓާއި އައިސްކްރީމަށް ދާންދެން ލާފައި ހުރުމުން ތާޒާއެވެ. ސުމާރެއް ނުބަލާ މިދުވަސްކޮޅުކާން ފެށިފަހުން ބަނޑުވެސް ޗަބީވެ ކުރިއަށްވުރެ ތަންކޮޅެއް ފަލަވިއެވެ. އެގޮތަށް ހުއްޓަސް ސެލީނާ ގޮމެޒް ޓައިޕަށް ތިބޭކުދިން ބައެއް ފިރިހެނުންނަށް ކިތަންމެހާވެސް ކަމުދާނެއެވެ.

ހެނދުނު ހެނދުނާ ތެދުވެފައި ސަވާނާ އޭނަގެ މަންމަ ދިރިއުޅުނު ކޮޓަރިއަށް ވަނެވެ. ކޮންމެ އެއްޗެއް ތަރުތީބުން ބަހައްޓާފައެވެ. ކުޑަ ހަރުގަނޑެއްގައި ހުރީ ދީނީ ފޮތްތަކެވެ. ވިލުނޫކުލައިގެ މުސްހަފް ނަގައިގެން ހުޅުވައިލިއިރު ލިޔެފައިވާ އަރަބް ފޮންޓެއްގެ ހިތްގައިމުކަމުން ކިޔާލަން އެހާ ފަސޭހައެވެ. ތަރުޖަމާއެއްވެސް އޮތެވެ. ދީނީފޮތްތަކުގެ ތެރޭގައި ކުރީގެ ހަގުރާމައިގެ ބައެއް ވާހަކަތައް ހުރުމުން ކިޔާލާހިތްވިއެވެ. އޭނައާއި މަންމަގެ އެއްގޮތްކަމެއް އެބަހުއްޓެވެ. ތާރީޚާއި ވާހަކަ ކިޔުމެވެ. އޭނަވެސް ތާރީޚަށް ލޯބިކުރެއެވެ. ދެތިން ވާހަކަފޮތަކާއި ދީނީ ދަރުސްހުރި ފޮތެއް ގެންގޮސް ކޮޓަރީގައި ބަހައްފާއި އޭނަ އުޅުނީ އެއްޗެހި ދޮވުމުގެ މަސައްކަތުގައެވެ. ނޯކަރަކު ނެތުމުން ކޮންމެ ދިމާލަކަށް ބެލިޔަސް ފެންނަނީ ގެއާއި ފަރުނީޗަރުތަކާއި އަޅާނުލެވި ހިރަފުހުން ހުދުވެފައި ވަނިކޮށެވެ. ހިނީގެ ފައުޖަކުން ފާރުން ބޮޑު ތަންގަނޑެއް ކަޅުކޮށްލާފައި ހުއްޓެވެ. ފެންޑާއަށް ނުކުތްއިރު ގަސްތައްވެސް މިލާ މޯޅިވެފައެވެ. މަންމަ ކުރި ބުރަ މަސައްކަތްކޮށްގެން އޭނަ ކުރަން ނިންމިއެވެ. ތަންކޮޅެއް ހީވާގިވެ ގަޔާވެގެން ހުރެ މަސައްކަތް ފެށިޔަސް އެކަންތައްތަކުގެ ހުރި ބުރަކަމާއި މަންމަ ނޯކަރެއް ފަދައިން ގޭގެ ހުރިހާކަމެއް ބެލެހެއްޓިއިރު އޭނައަށް އެއްވެސް އެހީއެއް ނުވެވުނު ހަދާންވެފައި ފިހިގަނޑު ހިފައިގެން ދޫލަމަތީ އިށީދެ ރުޔެވެ.

"މަންމާ އަހަންނަށް މާފުކޮށްދީ. މަންމަ ކިހާ ބިޒީކޮށް އުޅުނީ. އައި ވޯޒް ދަ ވޯސްޓް ޑޯޓާ. މަންމައަށްޓަކާ އެއްވެސް ކަމެއް ކޮށެއްނުދެވުނު. މަންމަ އަންނާނެނަމަ. މިހާ އެކަނިވެރިއެއްވެސް ނުވީސް. އެކަމަކު މަންމަ އަހަރެން ކުޑައިރުވެސް ދިޔައީ. މަންމަގެ ކުށެއްނެތަސް ކޮންމެ ސަބަބަކާއިހުރެ ވަކިވިޔަސް ދުރަށް ދިޔައީ އޭ ބުނެވޭނީ. ދެވަނަފަހަރަށްވެސް މަންމަ އަހަންނާއި ވަކިވީ. މަންމަ ކީއްވެ ދިޔައީ. ކީއްވެ. ކީއްވެ. މަންމައާއި ނުލާ ދުނިޔޭގައި އުޅޭނީ ކިހިނެއް؟ ފީލްސް ގިލްޓީ. އެއްވެސް މީހަކު އަހަރެން ދެކެ ލޯތްބެއް ނުވޭ......." ސަވާނާ މޮޅިވެރިގޮތަކަށް ދެކަކުލުގައި ބޯ އަޅާލައިގެން އިނދެ އަމިއްލަ ނަފުސާއި ވާހަކަދެއްކިއެވެ. ލުކުމާން ގެއަށް އައިއިރުވެސް އިސްތަށިގަނޑުން ހުޅިއެއް ޖަހާލާ ދާހިއްލުވާލައިގެން ސަވާނާ އެއްވެސް މޭކަޕެއްނެތި މަސައްކަތުގައި އުޅުނެވެ. އެއްވެސް ދެއްކުންތެރިކަމެއް ނެތްއިރު މައުސޫމްކަން ހުއްޓެވެ. ލިވިއާއާއި ހާދަ ތަފާތޭ ހިތަށް އެރިއެވެ. ލިވިއާ އަބަދު ހުންނަނީ މޭކަޕާއިއެކު ދެއްކުންތެރި ހިނިތުންވުމުގައެވެ.

ލިވިއާ މާ ފިހާރައިގާ ހުއްޓާ ލުކުމާން ކައުންޓަރުގައި އަތް އަޅުވާލުމުން ލިވިއާ ފޮނިގޮތަކަށް ހީލިއެވެ.

"ހެންޑްސަމް ކީއްކުރަން މިތަނަށް ތިއައީ؟ މިސްވާވަރުންތަ؟ "

"މަގޭ ވައިފްއަށް ދޭން ރޯޒްކޮޅެއް ގަނެލަން...." ގްލޭސިއާ އެއްވެސް ވިރުވާލާނެފަދަ ހިނިތުންވުމެއް ލިވިއާއަށް ދިންއިރު ލިވިއާވެސް އަސަރުގައި ޖެހި އެތުންފަތަށް ބަލަން ހުރެވުނެވެ. މަގޭ އަމިއްލައޭ ހިތަށް އަރުވާފައިވެސް ސަވާނާއާއި އެކީ އުޅޭއިރު ހަމަ ދުރުގައި ހުންނާނެ ބާވައޭ ހިތަށް އެރިއެވެ. ވައުދުކޮށްފައި އޮތަސް ލުކުމާން ގެ ފަރާތުން ޔަގީންކަމެއް ހޯދަން ފަސޭހައެއް ނޫނެވެ.

"އައްޗި އެކަހަލަ ވައިފް. ނަންނި އަކީ ބޮޑު މޮޔައެއް. މޫނުގައި ލަކުނެއް ހުއްޓާ ލޫކް ކަހަލަ ރީތި ފިރިހެނަކު ލޯބިން ފަހަތުން ދުވާނެކަމަށް ހީކުރާނީ މޮޔަވީމައެއްނު. އެކަމަކު އަހަރެން ވަރަށް ނަންނިދެކެ ލޯބިވެސް ވޭ. ކިތަންމެ މޮޔަސް އެންމެ ގާތް އެކުވެރިޔާ ވިއްޔަ.........." ލިވިއާ ފަރިކޮށް ހީލިއެވެ. ދެމީހުން އެތައް އިރެއްވާންދެން ވާހަކަދެއްކިއިރު ލުކުމާން އެޕާޓްމެންޓަށް ކުލި ދޭ ގޮތާއި އޭނައަށް ކިޔަވައިދިނީ ކާކުކަން ބުނުމުން ލިވިއާ ހުރީ އަނގަ ހޭވިފައެވެ. ކައިދަން އެހާ މުއްސަދި ޒުވާނެއްކަމެއް އޭނަ ފަހަރެއްގައިވެސް ހީކޮށްފައެއްނެތެވެ. ތައިމޫރުގެ ދަރިއެކޭ ބުނުމުން ލިވިއާއަށް ލިބުނީ ޝޮކެކެވެ. މުޅި މާލެ ދަންނަ ޑޮކްޓަރ ތައިމޫރެވެ. އޭނައަށް ކުރިން ނޭގުނީ ކީއްވެހެއްޔެވެ؟ ލުކުމާންއަށް އެފަދަ ސިއްރެއް ބުނަން އެނގުނީ ގާތްގަނޑަކަށް ވަގުތު ފާއިތުވީ ފަހުން ހެއްޔެވެ؟ ވަގުތުން ލިވިއާގެ ހިތުގައި ކައިދަންއަށް ޝައުގެއް އުފެދުނެވެ. އެއާއިލާގެ މަޝްހޫރުކަން ގުޅިފައިވަނީ ހަމައެކަނި ޑޮކްޓަރުން ގިނަވެގެނެއްނޫނެވެ. ސިޔާސީ ކަންތައްތަކުގައި އެހާ ހަރަކާތްތެރިއެވެ. ތައިމޫރުގެ ދަރިފުޅު އަމްރާންވެސް ފައި ވިއްދާފައިވަނީ ހީވާގޮތުން ރައީސްކަމަށެވެ. ޑޮކްޓަރ ހައިކަލްއަކީވެސް ތައިމޫރުގެ ދައްތައެއްގެ ދަރިއެކެވެ. ލިވިއާ އިތުރަށް ކޮންނަން އުޅުނަސް އެހެންކަމެއް އެނގޭވަރެއްނުވިއެވެ. އަދި އޭނަގެ ކުރިމަތީގައި މިހިރަ ލުކުމާންއަކީ ކިހާވަރެއްގެ ކާކުކަމެއްވެސް ލިވިއާއަކަށް ނޭގުނެވެ. ލުކުމާން ހަގީގީ ލޯބި ހޯދަން އޭނަގެ ވަނަވަރު ސިއްރުކުރާކަމެއް ލިވިއާއަކަށް ފަހަރެއްގައިވެސް ހީކުރެވިފައެއްނެތެވެ. އޭނައަށް އަގުހުރި ޖަވާހިރެއް ލިބިފައިވަނިކޮށް އެއްލާލާފައި ދުރަށް ދެވޭކަމެއް ނޭގުނެވެ.

ލިވިއާ އެރޭ އަތުގައި އޮތް އެންމެ ރީތި ހެދުން ލައިގެން ލުކުމާން އުޅޭ އެޕާޓްމެންޓަށް ދިޔައިރު ލުކުމާން އެރޭ އޮފީސް މީޓިންއެއްގައި ބިޒީކަން އެނގުނެވެ. އޭނަގެ ހިތުގައި އޮތީ ކޮންމެވެސް ގޮތަކުން ކައިދަން އެގެއަށް ގެނައުމެވެ. އޭނަގެ ލެޕްގައި މައްސަލައެއް ޖެހިގެން އުޅޭކަމަށްބުނެ ކައިދަން އައުމަށް އެދުނެވެ. ލުކުމާން އޮފީހުގައި ބިޒީކޮށްއުޅޭތީ ނާދެވޭނެކަމަށާއި އެހީއެއްވުމަށް އެދުނެވެ. ކައިދަން ދައުވަތު ގަބޫލުކުރިއެވެ. ލިވިއާއާއި ދެމީހުން ލުކުމާން ނިދާކޮޓަރީގައި ތިބިއިރު ކައިދަން ލިވިއާގެ ލެޕް ހަދަން ހުޅުވާލައިގެން އިންއިރު ލިވިއާ ހީވަނީ ކައިދަންގެ ގަޔަށް އަރައިގެންފާނެ ހެންނެވެ. މިއީ އަދި ދުވަހަކުވެސް ލިވިއާ އުޅުނު ވައްތަރެއްނޫނެވެ. އެންމެފަހުން ލިވިއާ ކުރިކަމަކުން ޚުދު ކައިދަންއަށްވެސް ސިހުމެއްލިބުނެވެ.

"ކީއް ތިކުރީ..."

"އައި ލައިކް ޔޫ. އެނގޭތަ ކައިއަށް. ލޫކް ނަންނިއާއި މެރީކޮށްފި. އަހަރެން އާދޭސްކޮށްކޮށް ހުއްޓާ.. މިހާރު އަހަންނަށް ޓައިމެއްވެސް ނުދޭ........."

"ޑޯންޓް ވޮރީ. އަހަރެން މިހިރީއެއްނު.." ކައިދަން އެއްލޯ މަރާލާފައި ލިވިއާއާއި ކައިރިއަށް ޖެހިލިއެވެ.

އެރެއަށްފަހު ކައިދަންއާއި ލިވިއާގެ ދޭތެރޭގައި އުފެދުނު ގުޅުން ލިވިއާގެ ހިތަށް ބުނެދޭން ނޭގޭފަދަ އުފާވެރިކަމެއް ލިއްބާދިނެވެ. ސަބަބަކީ އޭނަގެ ޚިޔާލީ ދުނިޔޭގައި އަބަދުވެސް ސިފަކުރި މުއްސަދި ރީތި ޒުވާނާ ކައިދަންގެ ސިފައިގާ ހަޔާތަށް އައީމައެވެ. ލުކުމާން އެހެން ހުރިހާ ސިފަތަކެއް ހުއްޓަސް އޭނަގެ ހުވަފެންތައް ހަގީގަތަކަށް ހަދާދެވޭވަރުގެ ތަނަވަސްކަމެއް އޭނަގެ ނެތެވެ. އޭނަ ބޭނުމީ މާލޭ ޝާހީ އާއިލާއަކަށް ނިސްބަތްވާ މީހެކެވެ. ކައިދަންގެ ހުރިހާ ޝަރުތުތަކެއް ފުރިހަމައެވެ. ކައިދަންގެ ފަރާތުން ލިބުނު ޔަގީންކަމެއްގެ ސަބަބުން އޭނަ ވަގުތުން އިމާދުއްދީންދެކެ ފޫހިވެ އެގެއަށް ނުދާން ނިންމިއެވެ. އިމާދުއްދީން ގުޅިޔަސް ކޮންމެވެސް ކަހަލަ ބަހަނާއެއް ދައްކާފައި ފިލައިގެން އުޅުން އާދަކޮށްފިއެވެ. އިމާދުއްދީން އޭނައާއި ހިތާވެގެން އުޅޭކަމަށް ކައިދަން ކައިރީގައި ބުނުމުން ކައިދަންއަށް މަޖާވިއެވެ. އިމާދުއްދީން ފޮނުވާ މެސެޖްތައްވެސް އޭނަ ދައްކައެވެ. ދެމީހުންވެގެން އިމާދުއްދީންގެ މޮޔަކަމަށް ހަޖޫ ޖަހާ ހީހަދާއިރު އިމާދުއްދީންއަށް އެކަން އެނގޭނެނަމަ އޭނަގެ ހިތެއް ނެތީސްކަން ޔަގީނެވެ. ލިވިއާގެ ހުވަފެންތަކުގެ ރަސްގެފާނު އޭނަގެ ޚިޔާލީ ގަނޑުވަރުގެ ދޮރުގައި އެހާ ފަސޭހައިން ޓަކިދީފާނެކަމަށް ހިތަކަށްނާރާ ހުއްޓާ އެނަސީބު މިންވަރު ކުރައްވައިފިއެވެ. އެކަމުން ބޮޑާކަމެއް ލިވިއާގެ ހިތަށް ލިބުނެވެ. އޭނަހާ ނަސީބު ރަގަޅު އަންހެންކުއްޖަކު ދުނިޔޭގައި ނުވާކަމަށްބުނެ ސްޓޭޓަސް ޖެހުމުން އެތައް ސުވާލެއް އޮހުނެވެ. އޭނަ ޖަވާބެއް ނުދިނެވެ.

އިޒިކްގެ ލޯބިވެރިޔާ ޖިލްއަށް ސަވާނާ ތައާރަފުކުރުމަށްފަހު ދެކުދިންގެ ގުޅުން ބަދަހިވާން ނެގީ އެންމެ ދުވަހެކެވެ. ލިވިއާއާއި ތިންކުދިން އެކީވެގެން ފުރަތަމަ ދުވަހުވެސް މޭޕްލްވިލާގައި ކުޑަ ކުޑަ ޕާޓީއެއް ހެދިއެވެ. އެކަމަށް ޚިޔާލުހުށަހެޅީ ލިވިއާއެވެ. މަންމަ ނިޔާވިތާ މާ ގިނަދުވަހެއް ނުވަނީސް މިކަހަލަ އުފާފާޅުކޮށް މަޖާނެގުމުގެ އެއްވެސް ކަމެއް ބާއްވަން ހިތްދެކޮޅަށް އެހެން ކުދިންގެ އުފާވެރިކަމަށް ހުރަސްއަޅާކަށް އޭނަ ނޫޅުނެވެ. ޓެރެސް ކުޑަގޮތަކަށް ތައްޔާރުކޮށްލާފައި ލުއިބުއިމަކާއިއެކު ހެދިކާ ގެނެސްގެން ގާތްއެކުވެރިންނަށް ގެނައެވެ. ޚާއްސަކޮށް ކައިދަން އާއި އިޒިކްއަށް ދައުވަތު ދިންއިރު ލިވިއާ ހުރީ ނިކަން އުފަލުންނެވެ. މާލޭގައި ތިބި އެންމެ ރީތި ފިރިހެނުންނާއިއެކު ސެލްފީ ނަގާ މަޖާކުރުމުގެ އުފާ ލިބެން އުޅޭތީއެވެ. އަމްރާން ގެންނަން އޭނަ ކައިދަންއަށް ހުށަހެޅިއެވެ. ނަމަވެސް ކައިދަންބުނީ އަމްރާން އަންހެންކުދިންނަށް އެލާޖިކްވާކަމުގައެވެ. އެރޭ އެންމެން މަޖާނެގިއިރު ލުކުމާންވެސް އިރުކޮޅަކަށް ބައިވެރިވިއެވެ. ޖިލް ބުރުގާ އަޅާފައި ހުއްޓަސް ރީތިކަމުން ފިރިހެނުންގެ ސިއްރު ބެލުންތައް ނަމަވެސް އަމާޒުވާނެއެވެ. ލުކުމާންވެސް ޖިލްއާއި ވާހަކަދެއްކިއެވެ. އިޒިކް ރުޅިއެރުވުން ނޫން ބޭނުމެއް އޭނަގެ ނެތެވެ. އިޒިކް އެއަށްވުރެ "ކޫލް"އެވެ.

ލިވިއާއަށްވުރެ ޖިލް މާ ހިތްހެޔޮކަމަށް ހީކުރެވުނަސް ބޭރުފުށުގެ ދަޅައަށް ހެއްލޭކަށް ސަވާނާގެ ހިތަކު ނެތެވެ. އެތައް އަހަރެއްވާންދެން އެކީގައި އެންމެ ކައިރީގައި އުޅުނު ލިވިއާވެސް އޭނައަށް ދަސްވެފައެއްނެތެވެ. ލިވިއާ ރައްޓެހިވާން އުޅެނީ ކައިދަންއާއި ކަމުގައިވެސް ހީކުރެވުނެވެ. ކައިދަންއާއި އަނގަތަޅާ އެދެމީހުން އުޅުނީ އެކީގައެވެ. ލުކުމާންގެ ނަޒަރު އެ ޖޯޑަށް މާގިނައިން ހުއްޓުނީ އޭނައަށްވެސް އެކަހަލަ ޝައްކެއްކުރެވިގެން ކަމަށްވެދާނެއެވެ. ނޫނީ ލުކުމާން ހުރީ ނުރުހިފައި ބާވައެވެ.

މިއީ މަންމަ ނުރުހޭނެކަމެއްކަން ސަވާނާއަށް ވިސްނެންފެށުނެވެ. މަންމަ ދުނިޔޭގައި ހުރިނަމަ މިކަމާ ދެކޮޅުހަދާނެއެވެ. އެކަމަކު ބައްޕަ ހުއްދަދޭނެއެވެ. އަންހެންކުދިންނާއި ފިރިހެނުން މިގޮތަށް އެއްވެ ސަމާސާކުރުމުން ލިބޭނެ ގެއްލުމެއް އޮތްތޯ އޭނަވެސް ހިތާހިތުން ސުވާލުކުރިއެވެ. މިރޭ މަޣުރިބު ފާއިތުވީއިރު އިޝާނަމާދު ނުކޮށް ހުރި ހަދާންވުމުން ސަވާނާ ދެރަވިއެވެ. މަންމަގެ އެންމެ ވަސިއްޔަތެއް ފުރިހަމަކޮށްދޭން އޭނަ ނުޖެހޭ ހެއްޔެވެ؟ މަންމަ އަބަދުވެސް އެދުނީ އެންމެ ފުރަތަމަ ކަމަކަށް ހުރިހާ ފަރުޟު ނަމާދެއްކުރުމެވެ.

ޕާޓީތެރޭގައި އެންމެންގެތެރޭގައިވެސް އޭނައަށް އެކަނިވެރިކަން އިހުސާސްކުރެވުނެވެ. އެއްވެސް ކަހަލަ އުފާވެރިކަމެއް އެހިތަކަށް ނުލިބުނެވެ. ލުކުމާންވެސް އޭނައަށްވުރެ ދެން ތިބި އަންހެނުންނަށް ސަމާލުކަން އެބަދެއެވެ. ސަވާނާ ބޮލުގައި ރިއްސާ ވާހަކަ ބުނުމުން ލުކުމާންދިނީ އެހާ އަޅާލުމެއްނެތް ޖަވާބެކެވެ. އެޖުމްލައިން ހިތަށް ލިބުނު ހަމައެކަނި އުފާކޮޅަކީ އަންހެނުންގެ ނަމުން މުޚާތަބުކުރިކަމެވެ.

"ދޭ އަވަހަށް.......ފޫހިވެފައިކަން އެނގޭ ނުބުންޏަސް. ގުޑްނައިޓް ވައިފް........"

ސަވާނާ ނިދަން ދިޔަގޮތަށް ލޮލަށް ނިންޖެއްނައެވެ. ތަފާތު ޚިޔާލުތަކުން ހިތަށް ދަތިކަން ލިބި ލިބިއޮތްވާ ވާރޭގެ ސައިލެއް އަރާހަމަކުރި އަޑުއިވުނެވެ. އެކަނިމާ އެކަނި އޮންނަން ބިރުން އިރުކޮޅެއްވާންދެން ބާލީހުގައި އޮޅުލައިގެން އޮވެލާފައި ނުކުތީ ލުކުމާން ހުރިތަނެއް ބަލައިލުމަށެވެ. މުޅިގެވެސް އޮތީ ނިދާފައި ކަހަލަގޮތަކަށެވެ. ހުޅުވާފައި ހުރި ކޮޓަރިތަކަށް ބޯ ދިއްކޮށްލާފައި މުޅިގޭގައި ބުރެއް ޖަހައިލިއެވެ. އެންމެފަހުން ހިތަށް އެރި އެއްޗަކުން ޓެރެސްއާއި ދިމާލަށް ހިނގައިގަތެވެ.

"އަދިވެސް އެމީހުން ޕާޓީކުރަނީކަމަށް ވެދާނެ. ވާރޭގެ ތެރޭގައި މާ މަޖާކޮށްލެވޭނެކަން ނޭގޭ...."

ސަވާނާ މައްޗަށް އެރިއިރު ފެނުނީ ހިތްއެދޭ ފަދަ މަންޒަރެއްނޫނެވެ.

ލުކުމާންއާއި ލިވިއާ ފެންނަނީ އެއްހިޔަންޏެއްގެ ސިފައިގައެވެ. ލިވިއާ ލުކުމާންގެ ގައިގާ ތަތްލަވައިގެން ހުރި ތަންފެނުމުން ހިތަށް ލިބުނު ސިހުމާއިއެކު ހިތާމަ އަދި ރުޅިވެރިކަން ސަވާނާގެ ސިކުނޑި ގަނޑުކޮށްލިއެވެ. އަނގަމަތީގައި އަތްއެޅުނެވެ. އޭނަގެ ގާތް އެކުވެރިޔާ މިހިރީ އޭނަގެ ފިރިމީހާގެ އަތުތެރޭގައެވެ. ދެމީހުން ތިބީ ބައްދާލައިގެންނެވެ. ދެލޯބިވެރިން ފަދައިންނެވެ. ބޯ ވާރޭގެ ތެރޭގައެވެ. ވާރޭގެ ބޯ ތިކިތައް އެދެމީހުންގެ ގައިގާ ތަޅަމުންދާއިރު އެދެމީހުން އެހެން ކަމަކަށް ހޭވެރިކަމެއްނެތެވެ. ކިހާ އެހެން ކަހަލަ މަންޒަރެއްހެއްޔެވެ؟ އެންމެ އިޝްގީއެވެ. އެ ނަސީބު ލިބެންޖެހެނީ ލިވިއާއަކަށް ނޫނެވެ. އޭނައަށެވެ. ވާރޭތެރޭ އެއަތުގެ ތެރޭފައި ބަދެވިފައި ލުކުމާންގެ ހަށިގަނޑުގެ ހޫނުކަން ލިބިލިބި ހުންނަން ޖެހޭ މީހަކީ އޭނައެވެ. ނަމަވެސް އެނަސީބު އޭނައަށް ހައްގެއްނުވިއެވެ. ސައުވީސްގަޑިއިރު ތެރޭގައި އެންމެ ސިކުންތެއްވެސް އޭނައަށް ނުދެވޭއިރު ހިލޭމީހަކަށް ދީގެން އެހުރި މިނިޓްތައް ގަރުނުތަކަކަށް ދެމިގެން ދިޔަހެން ހީވިއެވެ. ސަވާނާ އަނބުރާލާފައި ދުއްވައިގަތީ ކެތްނުކުރެވި އަނބުރައިގެންފާނެހެން ހީވެފައި ހުރެ ލޮލުން ތިކިޖަހަމުން ކޯތާފަތުން ތިރިއަށް ދިޔަ ކަރުނަތަކާއި ހަގުރާމަކުރަން މަސައްކަތްކުރަމުންނެވެ.

އެނދަށް ވެއްޓުނުގޮތަށް ބާލީހުގައި މޫނު ޖައްސާ ބާރުކުރަމުން ގިސްލުންތައް ހިންދާލައިފިއެވެ.

"ލިވީ ނުކުރާނެ އެކަހަލަކަމެއް. އެވެދާނެ ލިވީ ކަމަކާއި ދެރަވީމަ ލޫކް ހިތްހަމަޖައްސާދިނީކަމަށް. ޝީޒް މައި ބެސްޓްފްރެންޑް. އަހަރެންގެ ހަޒްބެންޑް ޖަހައިގަންނަ މީހަކަށް ނުވާނެ. ލިވީއަކީ އެކަހަލަ މީހެއްނޫން. ލިވީ ނުކުރާނެ އެކަހަލަކަމެއް. ލިވީ އަމިއްލައަށް ބުނެގެން ލޫކްއާއި އަހަރެން ގުޅުވީ. ފެންނަ މަންޒަރަކަށް ހެއްލި ގަބޫލުކޮށްފިއްޔާ ވިލް ރިގްރެޓް. ހަނދާން ނައްތާލާ. އެއީ އެއްވެސް ކަމެއްނޫން.." ސަވާނާ އަމިއްލަ ނަފުސަށް ވިސްނައިދޭން މަސައްކަތްކުރިއިރު ދެން ފެންނާން އޮތް ބޮޑު މަންޒަރު އަދި ކުރިއަށް އޮތީކަމެއް ރޭކާނުލިއެވެ. އޭނަގެ ހިތަށް ގަދަކަމުން ވިސްނައިދިނީ ލުކުމާންއާއި ލިވިއާގެ ލޯބީގެ ގުޅުމެއް ނެތްކަމުގައެވެ. އެއީ ބޭބެ ކޮއްކޮގެ ގުޅުމެވެ. އޭނަ ދެރަވަނީ ހިތުގައިޖެހެނީ މިއިން ވިއްސާރަ ރެއެއްގައިވެސް ލޯބިވެރިޔާގެ އަތުގައި ހުރުމުގެ ޝަރަފެއް ނުލިބޭކަމަށްޓަކައެވެ. އެފަދަ ގައިގޯޅިކަމަކަށް އޭނައަށް ފުރުސަތު ނުލިބޭއިރު އެއީ ދެން ދުވަހެއްގައިވެސް ލިބިދާނެ އުފަލެއްބާވައޭ ހިތަށް އެރިއެވެ.

"ބީ ޕޮޒިޓިވް ނަންނި.." ސިކުނޑީގެ ކޮންމެވެސް ދިމާލަކުން އޭނަގެ ޟަމީރު ވިސްނައިދިނެވެ. "ލިވީ އާއި ލޫކް އާއި ސުވާލުކޮށްފައި އަހަރެން ގަބޫލުކުރާނީ. ލޯތްބާއި އިތުބާރަކީ އެކީގައި ބިނާކުރެވޭނެ އެއްޗެއް. ލޫކްދެކެ ލޯބިވާވަރަށް އިތުބާރުވެސް ކުރާނަން. ދުލުން އެއްބަސްވިޔަސް މިހިތް ގަބޫލެއްނުކުރާނަން....."

އިމާދުއްދީން އޭނަގެ ކުންފުނިތައް ލުކުމާންއާއި ހަވާލުކުރުމަށްފަހު އެތައް ދުވަހެއްވާންދެން ދުރުގައި އުޅުނީނިކަން އިތުބާރުކޮށްގެންނެވެ. ނަމަވެސް އެއް ދުވަހެއްގައި އޭނައަށް އެތާގައި ހުންނަތާ ދުވަސްވެފައި ހުރި ވަފާތެރި މުވައްޒަފެއްކަމަށްވާ ރިޒާ ލުކުމާންއާއިމެދު ޝައްކުވެ އެވާހަކަދެއްކިއެވެ. އެންމެންގެ މުސާރަ ކުޑަކޮށްލިގޮތަށް މިމަހު މުސާރަ ނުދެވިގެން އުޅޭ ވާހަކަ ބުނުމުން އިމާދުއްދީން އޮފީހަށް ޒިޔާރަތްކުރިއެވެ. އޭނައަށް ލިބުނު މައުލޫމާތުން މީހާގެ ފައިދަށުން ބިންގަނޑުދެމިގަތްހެން ހީވިއެވެ. ތިޖޫރީގައި ބައިލާރިވެސްނެތެވެ. ބައުންސްވެފައި ހުރި ޗެކްތައްވެސް ގެއްލިއްޖެއެވެ. އެންމެފަހު އުއްމީދުގައި ކަމުގައިވި ހުރިހާ ފައިސާއަށް ލުކުމާން ހެދިގޮތެއް ނޭގުނެވެ. އިހަށްދުވަހު ދިރިއުޅުމަށް އައި ޒުވާން ފިރިހެންކުއްޖަކު އޭނަގެ ބުއްދިއާއި ކުޅެލިގޮތާއި އޭނަގެ އިތުބާރުގެ ނާޖާއިޒް ފައިދާނަގައިގެން މުދާތައް ލުހެލީ އޭނަގެ ލޯމަތީ އަތްއަޅާލައިގެން ހުރެއެވެ. ލިބުނު ހިތާމައަށްވުރެ ކުރި ހޯދީ ރުޅިގަނޑެވެ. މުޅިގައިގާ އަލިފާންރޯވެގެން ލޮލުންވެސް ހުޅުގަނޑު ނުކުތްފަދައެވެ. ގެއަށް ކާރު މަޑުކޮށްލިގޮތަށް ދެފަޔަށް ބާރުލާފައި ގެއަށްވަންއިރު ސިޓިންރޫމުން ފެނުނު މޫނަކުން ކޮންމެވެސް ކަހަލަ ފިނިކަމެއް ހިތަށް ލިބިއްޖެއެވެ.

"ލިވީ. ލިވީ. ކީއްވެ އަހަންނަށް ފިލައިގެން ތިއުޅެނީ...." އިމާދުއްދީން ނިތްކުރީގައިވާ ދާތިކިތައް ފޮހެލަމުން ހީލައިފިއެވެ.

"ޔަޕް ޑާލިން. މިސްވާވަރު ބަލަން. މިއައީ ކަމަކު. މިރޭ އެކުވެރިކުދިންކޮޅެއް މޯލަށް ކާންދާންވެގެން އެބައުޅޭ. ލިވީ ކޮންމެވެސް ކަހަލަ ބެޓެއް ކޮށްގެން ދެރަވީ. އެހެންވެ އެމީހުންނަށް ކާންދޭންޖެހުނީ. އެވެސް އޮފީލިއާ މޯލްގައި......"ލިވިއާ ހުރީ ހީލައިގެންނެވެ. އެރީތި ހިނިތުންވުން އިމާދުއްދީން މޮޔަކުރުވިއެވެ. ލިވިއާ އެއުޅެނީ ފައިސާ އަތުލާށެވެ. އޭނައާއިހެދި ލިވިއާ އުޅެނީ ހަމައެކަނި ފައިސާގެ ބޭނުމުގައިހެއްޔެވެ؟ ފައިސާ ނެތްނަމަ ލިވިއާ އޭނައާއި އިންނާކަށް އެއްބަހެއްނުވާނެއެވެ. ފައިސާއަކީ ހާދަ ބާރުގަދައެއްޗެކެވެ. އާއެކެވެ. ފައިސާ އަތުގައި ހުރިއްޔާ ދުނިޔެއިން ބޭނުން ކިތަންމެ އެއްޗެއް ގަނެލެވިދާނެއެވެ. ލޯބި ނޫނީ ކޮންމެ އެއްޗެއްވެސް ހޯދިދާނެއެވެ. އޭނައަށް ލިވިއާދެކެ ލޯބިވެވިއްޖެއެވެ. ފައިސާއަށްޓަކާ ލިވިއާ އޭނައާއި ގުޅެން ހުރިނަމަވެސް އޭނަގެ މައްސަލައެއްނެތެވެ.

"މިހިރީ ދޫންޏާ...." އިމާދުއްދީން ވޮލެޓް ހުޅުވާލައިގެން ހަތަރުހާސް ރުފިޔާދީފިއެވެ. އެއީ ސަވާނާ އޭނަގެ ކައިރީ ހޯދަން ބުނި އަދަދެވެ. ސަވާނާއަށްވުރެ އޭނަ ބޭނުންވަނީ ލިވިއާގެ ރުހުން ހޯދުމެވެ.

"އެކަމަކު އިނާމެއް ލިބެންވާނެ...." އިމާދުއްދީން އެދުނެވެ. ލިވިއާ ކައިރިއަށް ޖެހިލިއެވެ. އެވަގުތު އެމަންޒަރު ދެކެން މީހަކު ހުރިކަމެއް އެދެމީހުންނަކަށް ނޭގުނެވެ.

(ނުނިމޭ)

comment ކޮމެންޓް