އިންޑިއާގެ އަސްކަރިއްޔާއެއް ރާއްޖެއަކަށް ނާންނާނެ: ރައީސް ޔާމީން

ޔޫތް ނޭޝަންގެ ނަމުގައި މިރޭ ޕީޕީއެމް އިން ބޭއްވި ޖަލްސާގައި ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވާހަކަފުޅު ދައްކަވަނީ --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

އިންޑިއާގެ އަސްކަރިއްޔާ ރާއްޖެއަށް ނަންނާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ވިދާޅުވެއްޖެއެވެ.

ޔޫތް ނޭޝަންގެ ނަމުގައި މިރޭ ޕީޕީއެމް އިން ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ، ދިވެހިރާއްޖެއަކީ ހުރިހާ މާނައެއްގައި ދުނިޔެމަތީގެ ސުވަރުގެ ކަމަށެވެ. ނަމަވެސް ރާއްޖެ "ވާރ ޒޯނަކަށް" ބަދަލުކޮށްލަން ބޭނުންވާ ބަޔަކު އުޅޭ ކަމަށް ރައީސް ވިދާޅުވިއެވެ.

"ކެނޑިނޭޅި ރައީސް ނަޝީދާއި ރައީސް ނަޝީދާއެކު މަސައްކަތްކުރައްވާ ބޭފުޅުން ދައްކަވާ ވާހަކައިން އެ މަސައްކަތް ކުރައްވަނީ އިންޑިއާ އަސްކަރިއްޔާ މިތަނަށް ގެންނަން. އެކަމަކު އިންޑިއާގެ އަސްކަރިއްޔާ މިތަނަކަށް ނާންނާނެ،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އިންޑިއާ އަސްކަރިއްޔާ ރާއްޖެއަށް އަންނަންޖެހޭ އެއްވެސް ކަމެއް ނެތް ކަމަށާއި އިންޑިއާ އަކީ ރާއްޖެއާ ގާތް ގައުމެއް ކަމަށެވެ.

އިންޑިއާ އަށްވެސް އުނދަގޫވާ ކަންތައް ހުންނާނެ ކަމަށާއި އެއީ "ޖިއޯ ޕޮލިޓިކްސް" ކަމަށް ރައީސް ވިދާޅުވިއެވެ.

"ބޮޑެތި ގައުމުތަކުގެ މެދުގައި މަސްލަހަތު ގެއްލޭ ކަންތައް ހުރެދާނެ. އެއްގަލަށް ނާރާ ކަންތައް ހުންނާނެ. އަހަރެމެން އަބަދުވެސް މިބުނަނީ ރާއްޖެ މޮއިތީ ޖިއޯ ޕޮލެޓިކަލީ އެންމެ ސްޓޭބަލް ރީޖަންގައޭ. މި ލޮކޭޝަން ބޭނުންކޮށްގެން އަހަރެމެންގެ ވެރިން މަސައްކަތް ކުރަންވީ މިތަން ވޯ ޒޯނަކަށް ހަދާކަށްނޫން،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މަސައްކަތް ކުރަންވީ މި ސަރަހައްދުން ލިބެން އޮތް އިގްތިސާދީ ފައިދާ ހޯދަން ކަމަށެވެ.

އެމަނިކުފާނުގެ ކުރިން ވެރިކަން ކުރެއްވި ބޭފުޅުންނަށްވެސް އެ ފުރުސަތު ލިބިވިވަޑައިގަތް ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވަނީ އެމަނިކުފާނުގެ ރިޔާސީ ދައުރު ފުރިހަމަ ކުުރމުގެ ފުރުސަތު ދެއްވުމަށް ވެސް އެދިވަޑައިގެންފައެވެ.

"އެއްވެސް ބަދަލެއް ގެނެވޭތޯ ބަލަން އެބަޖެހޭ. އިންތިޒާރު ކުރަން އެބަޖެހޭ. އެކަމަކު މިތަން ނުޖެހޭ ވޯ ޒޯނަކަށް ހަދާކަށް. އެކަމަކު އަހަރެމެންގެ ތެރެއިން ބައެއް ލީޑަރުން މިބުނަނީ މިތަން ބަދަލުކޮށްލާށޭ ވޯ ޒޯނަކަށް." ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ރާއްޖެއަކީ ދިވެހީންގެ ބިން ކަމަށާއި ރާއްޖޭގެ ކަންތައް ނިންމާނީ ދިވެހީންނަށް ފެންނަ ގޮތަށް ކަމަށެވެ.

"ރައީސް ޔާމީން ވެރިކަމަށް ނިކުތީ ރައްޔިތުންނަށް ހިދުމަތް ކުރުމަށް. ރައީސް ޔާމީން ބޭނުންފުޅުވީ އޭރު އޮތް ގޮތުގެ ބަދަލުގައި ބޮޑެތި ބަދަލުތައް ގެންނަން އުއްމީދުތައް ގެންނަން. ޒުވާނުންނަށް ފުރުސަތުތައް ހޯދައިދޭން،"

މިހާރު ފެންނަމުން މިދަނީ ރައީސް ޔާމީން ގައުމަށް ގެންނަން ބޭނުންވާ ބަދަލުތައް ގެނައުމާ ދެކޮޅަށް ބަޔަކު މަސައްކަތް ކުރާތަންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"މިހާރު ހިނގާ ކަންކަމަކީ ރައީސް ޔާމީންއާ ގުޅޭ ކަމެއް ނޫން. ރައީސް ޔާމީނާ ޒާތީ އެއްވެސް ކަމެއް އޮންނާކަށް ނުޖެހޭ. އެކަކީ މަގޭ ބޭބެ. އަނެކަކު އެއީ އެކުގައި މަސައްކަތް ކުރި އަޚުން،" ކުރީގެ ރައީސް މައުމޫނަށާއި ސިޔާސީގޮތުން އިދިކޮޅު ފަރާތްތަކަށް އިޝާރާތް ކުރައްވައި ރައީސް ވިދާޅުވިއެވެ.

ރައީސް މި މޭރުމުން ވަހަކަފުޅު ދައްކަވާފައިމިވަނީ ރާއްޖޭގައި މިހާރު އޮތް ސިޔާސީ ހަލަބޮލިކަމާއެކު އިންޑިއާގެ އަސްކަރިއްޔާ އިން ރާއްޖެއައިސް އެކަން ހައްލުކުުރުމަށް ކުރީގެ ރައީސް ނަޝީދު ގޮވާލައްވާފައިވަނިކޮށެވެ.

comment ކޮމެންޓް