ބޭރު ސިފައިން އައިސްފިނަމަ މާދަމާ ރާއްޖެ ފެންނާނީ ކައިރި ކަރައެއްގެ އަވަށެއްގެ ގޮތުގައި: ޒުހޫރު

ސްޓެކްލޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޒުހޫރު-- ފޮޓޯ: ސްޓެލްކޯ

ބޭރުގެ އަސްކަރިއްޔާ އަކުން ރާއްޖެ އައިސްފިނަމަ މާދަމާ ރާއްޖެ ފެނިގެންދާނީ ކައިރި ކަރައެއްގެ އަވަށެއްގެ ގޮތުގައި ކަމަށް ސްޓެކްލޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޒުހޫރު ވިދާޅުވެއްޖެއެވެ.

ޕީޕީއެމްގެ ރުމާލު 2 ޖަގަހައިގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޒުހޫރު ވިދާޅުވީ ރާއްޖެއަކީ ހަޒާނާ ވަޅެއް ކަމަށާއި މި ހަޒާނާ ވަޅަށް ހަސަދަވެރިވެ، ވެރިވެގަންނަން އެހެން ގައުމުތަކުން ކުރާ މަސައްކަތަށް އެއްވެސް ދިވެހި ރައްޔިތަކު ހިތްވަރުދީގެން ނުވާނެ ކަމަށެވެ.

"އަޅުގަނޑުމެނަށް ފެނިގެން މިދަނީ މި ޚަޒާނާ ވަޅުގަނޑަށް ވެރިވެގަންނަން ބަޔަކު ކުރާ މަސައްކަތް. ދިވެހި ބަޔަކު އެ މީހުން ގެންނަން ކުރާ މަސައްކަތެކޭ ނުދަންނަވާނަން. އެކަމަކު ދިވެހިންގެ ތެރޭގައި ސިކުނޑި ޅަ، ކުރަފިވެފައި ތިބި ބައެއްގެ ބޮލަށް އެރިގެން މި ގައުމަށް ވެރިވެގަންނަން ދަނީ މަސައްކަތް ކުރަމުން. އެކަން އެހެން ވެއްޖެނަމަ މާދަމާ މިގައުމު ފެނިގެންދާނީ ކައިރި ކަރައެއްގެ އަވަށެއްގެ ގޮތުގައި،" ޒުހޫރު ވިދާޅުވިއެވެ.

ޒުހޫރު ވިދާޅުވީ ރައީސް ޔާމީނަކީ މި ގައުމު އަޅުވެތިކަމަށް ދާން ބޭނުންނުވާ ވެރިއެއް ކަމަށާއި އެފަދަ ވެރިއެއްގެ ފަހަތުގައި ސާބިތު ކަމާއެކު ހުރިހާ ރައްޔިތުން ވެސް ތިބުމަށް ގޮވާލާ ކަމަށެވެ.

"އަޅުގަނޑަކީ އެމަނިކުފާނުގެ ޓީމުގައި ފޯވާޑަށް ވެސް ކުޅުނު މީހެއް. ވިންގަށް ވެސް ކުޅުނު މީހެއް. ކީޕަރަށް ވެސް ކުޅުނު މީހެއް. އަދި ކީއްކުރަން ތޯ، ބެންޗުގައި ވެސް ކުޅޭނެ މީހެއް. އަޅުގަނޑުގެ އަޒުމަކަށް ގުޑުމެއް ނާންނާނެ ބެންޗުގައި ކުޅެން ޖެހުނަސް އަދި ދަނޑުން ބޭރުގައި ކުޅުންތެރިން ހޯދަން އުޅެން ޖެހުނަސް،" ގިނަ މިނިސްޓްރީތަކުގެ މިނިސްޓަރުކަން ކުރެއްވި ޒުހޫރު ވިދާޅުވިއެވެ.

"މި ގޭމުގައި ރައީސް ޔާމީނާއެކު ކުޅޭނީ" ވަރަށް ކެރި ހުރެ ސާބިތުވެ ހުންނަވައިގެން ކަމަށާއި އިރާދަކުރެއްވިއްޔާ ގޭމް ކާމިޔާބު ކުރާނީ އަދުގެ ސަރުކާރު ކަމަށް އޭނާ ވިދާޅުވިއެވެ.

comment ކޮމެންޓް